ހުން އަންނާނެކަމަށް ރަޖާލުން 2

ކުޑަކުދިންނާ ޒުވާނުންގެ ކަންކަމުގައިވެސް އޭދަފުށި ފެންނަނީ، އާދައިގެ “ނިކަމެތި” ރަށެއްގެ ގޮތުގަ އެވެ. މޫދަށް އެރޭނެ ތަނެއް ނެތްތާނގައި މިޒަމާނުގެ ފުޓްބޯޅަ ގްރައުންޑެއްވެސް ނެތެވެ. އެކަމަކު ރަށުކައުންސިލުން ވަރަށް ބުރަކޮށް ކުރިކަމެއް އެބައޮތެވެ. “ހުސްބިން” ތަކުގައި ދުވާލު ދެ ދަޅައަށް މިންއެޅުމެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރުތެރޭ “އޮނަސައްތަ”  ފަހަރު މި ބުނާ މިނެއް ނަގައިފައިވާނެ އެވެ. ހީވަނީ ދެންމެއަކު މިކަންކަން ކޮށްފާނެ ހެންނެވެ. ހިތާމައަކީ ފަހުވަގުތު ކަންވާގޮތް ރައްޔިތުންނަށް ނޭނގުމެވެ.

ޒަމާނަށް އަންނަ ބަދަލާއެކު، ބަނަވަމުންދާ ދުނިޔޭގައި މުއާސަލާތުކުރުންވެސް ތަރައްގީވާންޖެހެ އެވެ. އެހެނަސް މީގެ ސާޅީހަކަށް އަހަރު ކުރިއެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތެވެ. ތިން އަވަށުގެ މަޝްހޫރުބައެއް “ހަތަރު އަނގޮޅި” ތަކަށް ނުކުމެ، މެގަފޯނުގެ ޒަރީއާއިން އެފަދަ އެންގުންތައް އަންގާ ދުވަހެއްނަމަ ސަހަރޯއޭ ހީވެ އެވެ. ބައެއް ފަހަރު އެކަން ސިފަވެގެންދަނީ އާއްމު އުނދަގުލެއްގެ ގޮތުގަ އެވެ. ތަހުޒީބުނޫން މުޖުތަމައެއްގެ ގޮތުގަ އެވެ.

ބޯފެނުގެ ނިޒާމަކީވެސް އޭދަފުށީގައި ގާއިމުވެފައި ހުންނަންޖެހޭ ނިޔާމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ނަމަވެސް މިފަދަ ފޮނި ހުވަފެންތައް ރައްޔިތުންނަށް ދައްކާތާ އަހަރުތަކެއް ވެދާނެ އެވެ. ބައެއްފަހަރު އެކަމަށް ބޭނުންވާ އާލާތްތައް ލިބުނުހެންވެސް ހީވެ އެވެ. މަސައްކަތް ފެށިހެެންވެސް ހީވެއެވެ. އޭދަފުށީ ރައްޔިތުންނަށް “މާއްޑޫ ލިބުނުހެން” ނެވެ. އެކަމަކު އެއްވެސް ގެއަކުން މިބުނާ ޒާތުގެ ފެން އިސްކުރެއް ނުފެނުނެވެ.

އޭދަފުށީގެ ގިނަ މަގުތަކުގެ ހާލަތުވެސް އޮތީ ހަމަ މިކަހަލަ ގޮތަކަށެެ. ވަކިން ޚާއްސަކޮށް ވާޓަރުލާފައިވާ ސަރަހައްދުގެ ހާލަތު އަދި މާ ގޯހެވެ. ވާރޭ ވެހިއްޖެނަމަ “މިމަގުން ހިނގުންމަނާ” ބޯޑު ބަހައްޓާފައި ހުންނަހެންވެސް ހީވެ އެވެ. އެކަމަކު ބަޔަކު ސިޔާސީވާ ކޮންމެ ފަހަރަކު މިބުނާ ސަރަހައްދުގައި ގާ އަތުރާ ވާހަކަ ދެެވިފައި އެބަހުއްޓެވެ. ކަންބޮޑުވުމަކަށް އޮންނަނީ އަޅުގަނޑުމެންނަށް އެފަދަ ދުވަހެއް އަދި ނުފެންނާތީ އެވެ.

އަޅުގަނޑަށް މިހުުށަހަޅާލެވުނު ބައެއް ކަންކަމަކީ އޭދަފުށީގައި “ނުވެހުރި” އެކަމަކު ހުންއަންނާނެކަމަށް ރައްޔިތުންގެ ގައިގައި “ރަޖާލެއްވި” ކަންކަމެވެ. ރައްޔިތުންގެ ލޮލުގައި “އަނދުންއެޅުވި” ކަންކަމެވެ. ތަފާތު މުނާސަބާ ތަކުގަ އެވެ. ވަކިން ޚާއްސަކޮށް ތަފާތު އިންތިހާބުތަކުގަ އެވެ. އެއިރެއްގެ ބޮޑުންނާއި އެ ސަރުކާރަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

މިއަދުވެސް ފެންނަމުންދަނީ ހަމަ އެފަދަ މަންޒަރުތަކެވެ. އެހެން ނަމަވެސް ކޮންމެވެސް ދުވަސްވަރެއްގަި މި އޭދަފުށީގައި މިކަންކަން ފުރިހަމަ ވާނެއެވެ. ތަރައްގީގެ ރޭހުގައި އޭދަފުށި “ފިޔަޖަހާލާނެ” އެވެ. މިއަދުވެސް މިފެންނަ ގިނަ މަންޒަރުތަކުން އަޅުގަނޑަށް ސިފަވަނީ އަދި ޚިޔާލަށް އަންނަނީ ވިހިވިއްސަށްދާއިރު ކޮންމެ ސަރުކާރެއް އޮތަސް މިކަންކަން އޭދަފުށީގައި ފުރިހަމަވެގެންދާނެ ކަމަށެވެ. އޭރުން “އަލިފުތާ” ގެ ހިތުގެ ރިހުމަށް ލުޔެއް ލިބުނީ އެވެ. އުފަންރަށުން ލިބޭނެ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. (ނިމުނީ)

[ނޯޓް: މިއީ، “އަލިފުތާގެ ގަލަމުން” މިނަމުގައި އީޓީއަށް ލިޔުންތެރިޔަކު ލިޔެފައިވާ ލިޔުމެކެވެ]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.