ރަށް ތަރައްގީވާން ބޭނުންތަ؟ ދަތުރު ފަށަމާ!

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓއެއް
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް

 

[މިދިޔަ ފަހަރު މާއްޑޫ ތަރައްގީ ކުރާނެ ގޮތުގެ ވާހަކަ އަހުމީމު އަބްދުއްރައްޒާގު ގެނެސްދީފައިވާ ގޮތް ކިޔައިފައި ރާއްޖޭގެ ވަރަށް މަޝްހޫރު އިކޮނޮމިސްޓަކު ބުންޏެވެ؛ ތިކަން ވެދާނެ އެވެ. މިފަހަރު އޮތީ އޭދަފުށި ތަރައްގީ ކުރުމަށް ޓަކައި އޭނާގެ ސިކުނޑީގައި ކުރަހާފައިވާ ތަސްވީރެވެ. މިފަހަރު މިކަން ވާނެތޯ އޭދަފުށީ މީހުން ވެސް ސުވާލު ކުރާނެ އެވެ. އެއަށް އަހުމީމު ވެސް ޖަވާބު ދޭން ތައްޔާރެވެ. އޭނާ ބުނަނީ ނުވާނެ އެއްވެސް ކަމެއް ނުހުންނާނެއޭ އެވެ]

އޭދަފުށީގެ ރައްޔިތުންނަކީ ތަޢުލީމީ، އަދި ރިވެތި އަޙްލާޤެއްގެ މާޒީއެއް އޮތް ނަމޫނާ ބައެކެވެ. ތަޢުލީމީ އަގުހުރި ހިދުމަތްތެރި އެތައް ދަރީންނެއް އުފައްދާފައިވާ އަދި އުފައްދަމުން އަންނަ ފަހުރުވެރި ރަށެކެވެ. އަދި ދިވެހިރާއްޖޭގެ ނިސްބަތުން ތަރައްޤީގެ ހަރުފަތްތައް ހަލުވި ދުވެއްޔެއްގައި ހާސިލް ކޮށްފައިވާ ރަށެކެވެ.

ނަމަވެސް ތަރައްޤީގެ ދުވެލީގައި އިތުރު ގިއަރަކަށް ކުރިއަށް ޖެހިލަން ޖެހޭ ދަނޑިވަޅު މިހާރު މިވަނީ އައިސްފަ އެވެ. ބ. އަތޮޅަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން އެންމެ ފުރިހަމަ އަށް ބޭނުންކޮށްގެން އޭގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް “އޭދަފުށި ސިޓީ” ހެދުމުގެ ވަގުތު މިވަނީ އައިސް ޖެހިފަ އެވެ.

ޓޫރިޒަމްގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް އެދެވޭގޮތެއްގައި ލިބިދިނުމަށް މާއްޑޫގައި ގެސްޓުހައުސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މުހިންމުކަމުގެ ވާހަކަ އަޅުގަނޑު ވާނީ ކުރީގެ އަދަދުގައި ގެނެސްދީފަ އެވެ. އަދި މިކަމުގެ ސަބަބުން އެތައް ސަތޭކަ މިލިޔަނަރުން އުފެދި އެތައް ސަތޭކަ ވިޔާފާރީގެ ފުރުސަތުތަކެއް ތަނަވަސްވެ، 2000 އަށް ވުރެ ގިނަ އެކި ފަންތީގެ ވަޒީފާގެ ފުރުސަތު އުފެދިގެން ދާނެކަމީ ޔަޤީން ކަމެކެވެ. އަދި މިކަމުގެ ސަބަބުން އިޤްތިޞާދު ބިލިއަން ރުފިޔާ އަށް ފުޅާވެ، ރައްޔިތުންނަށް އެތައް މިލިއަން ރުފިޔާއެއް ފައިދާގޮތުގައި ލިބިގެންދާނެ އެވެ.

 މިފަދަ އިޤްތިޞާދީ ކުރިއެރުމަކާ އެކު، އޭދަފުއްޓަށް ވަޒީފާ އާއި އެނޫން ބޭނުންތަކުގައި އެތައް ބަޔަކު ދިރިއުޅެން އަންނާނެ އެވެ. މާޒީގައި އޭދަފުއްޓަށް، މާއްޑޫ، އުނޑޫދޫ އަދި ފުނަދޫގެ މީހުން ބަދަލުކުރުމުން އޭދަފުށްޓަށް ލިބުނު ކުރިއެރުން މިއަދު މިހުރީ ފެންނާށެވެ. އޭރު އެކަމަކީ އޭދަފުށީ ބައެއް ރައްޔިތުން ވަރަށް ނުރުހުނު ކަމެކެވެ. ނަމަވެސް އޭރު އޭދަފުށީގެ ވެރިޔާ ޔޫސުފް ކަލޭފާނު އަށް އަޅުގަނޑު ސާބަސް ދެމެވެ. އެވަރުގެ ދުރުވިސްނުމެއް ހުރެ އެތައް ބަޔަކު ތިކަމެއް ނުވާނެޔޭ ބުނެބުނެ ތިއްބާ އެވަރުގެ ބުރަ މަސައްކަތެއް ކުރެެއްވީތީ އެވެ.

1966926_256951061142792_1260407020_n

 އޭދަފުށި ސިޓީ ތަރައްޤީ ކުރެވެންޖެހޭނީ އާބާދީ އާއި އިޤްތިޞާދު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 10،000 މީހުން ހިމެނޭ އާބާދީއަކަށެވެ. މިގޮތުން އޭދަފުށީގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތު، އަތޮޅުގެ ރައްޔިތުންނަށް އިސްކަންދީގެން ހުޅުވާލެވިދާނެ އެވެ. އޭދަފުށީގެ އާބާދީ މިހާރު ބޮޑުވާ ނިސްބަތަށާއި މާލެ ފަދަ ތަންތަނަށް ދިރިއުޅުން ބަދަލުކުރާ ނިސްބަތަށް ބަލާއިރު މިފަދަ އާބާދީއެއް ހަމަކުރެވޭނީ 2080 ވަނަ އަހަރު އެވެ. ސުވާލަކީ 2080 ވަނަ އަހަރު އަންނަންދެން ތަރައްޤީއާ ދެކޮޅުހަދައި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރަން މަސައްކަތް ނުކޮށް ތިބޭނީ ހެއްޔެވެ؟ އޭދަފުށި ސިޓީ ބޭނުންވަނީ 2080 ވަނަ އަހަރުތޯ ނުވަތަ 2020 ވަނަ އަހަރުތޯ އެވެ؟

ދެން އުފެދޭ ސުވާލަކީ އޭދަފުށީގައި 10،000 މީހުން ދިރިއުޅޭނެ ޖާގަ އޮންނާނެ ބާވައެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އޭދަފުށީގެ މިހާރުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 28 ހެކްޓަރެވެ. އޭދަފުށީގެ ބިން އިތުރަށްކުރުމަށް 20 ހެކްޓަރ ހިއްކިދާނެ ޖާގަ ފަޅުން ލިބެން އެބައޮތެވެ. އަދި ދުރާލާ ޕްލޭންކޮށްގެން ތަރައްޤީކޮށްފި ނަމަ 2000 ފްލެޓް އަޅާނެ ޖާގަ އެބައޮތެވެ. މިއީ 50 ޕަސެންޓް ހުސްޖާގަ ޕާރކްތައް ހެދުމަށާއި، މަގުތައް ހެދުމަށާއި، ޕްރީ ސްކޫލް އަދި މިސްކިތް އެޅުމަށާއި ވިޔަފާރި ސަރަހައްދުތައް ތަރައްޤީ ކުރުމަށް ބޭއްވުމަށް ފަހު އެވެ.

 ތިމާވެށްޓާ ރަހްމަތްތެރި ޓޫރިޒަމަށް މަގުފަހިކުރުމުގެ ގޮތުން މާއްޑޫގައި ތަރައްޤީ ކުރެވޭނެ ގެސްޓްހައުސް ރިސޯޓުގައި ބަނދަރެއް ތަރައްޤީނުކޮށް، މިކަމަށް އޭދަފުށީގެ އުތުރު ފަރާތުގެ ބަނދަރު ތަރައްޤީ ކުރެވިގެންދާނެ އެވެ. އޭދަފުށީގެ އުތުރު ފަރާތު ސަރަހައްދުގައި ބީޗް ފްރޮންޓް ގެސްޓްހައުސް ވިޔަފާރި ތަރައްޤީކޮށް ވޯޓަރ ސްޕޯޓްސް ވިޔަފާރި ކުރުމަށް ފުއްޓަރު ފަރާތުގެ މޫދު ބޭނުން ކުރެވިދާނެ އެވެ. ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއް ތަރައްޤީކުރުމަށް ފަހު، ކުޑަކުދިންގެ ޕާރކާއި ހިތްފަސޭހަ މުނިފޫހިފިލުވާ މައިދާނެއް ތަރައްޤީކުރެވިގެންދާނެ އެވެ.

 އޭދަފުށީގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި މިސްކިތާއި ޕްރީސްކޫލް އިމާރާތްކުރެވިގެން ދާނެ އެވެ. އަދި ވިޔަފާރި ކުރުމަށް ހާޢްސަ ސަރަހައްދެއް “ކޮމާޝަލް ސްޓްރީޓް” ގެ ނަމުގައި ތަރައްޤީކޮށް ސިނަމާއެއް ހިމެނޭގޮތަށް ޝޮޕިން މޯލެއް ތަރައްޤީ ކުރެވިދާނެ އެވެ. އޭދަފުށީގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހަދާ ތާރު އަޅާ ތަރައްޤީކޮށް ގަސްހައްދާ ފެހިކުރުން މުހިންމެވެ. އޭދަފުށި ވަށައިގެން ހިލަޖަހާ ބޮޑު މަގެއް ތަރައްޤީ ކުރުމަކީ ފިނި ބުރު ޖަހާ ޒުވާނުންނަށާއި އެންމެންނަށް ކޮންމެހެން ވެސް މުހިންމު ކަމެކެވެ.

ދެން އުފެދޭނެ ސުވާލަކީ 2000 ފްލެޓާއި ޝޮޕިންގ މޯލްތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްޤީކުރާނީ ކިހިނެއް ހެއްޔެވެ؟ ފައިސާ އާއި ވަސީލަތް ކޮބައި ހެއްޔެވެ؟

އޭދަފުށީ ބިންހިއްލަން ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް. ރީނދޫ ކުލައިން ފާހަގަކޮށްފައިއެވަނީ މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު
އޭދަފުށީ ބިންހިއްލަން ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް. ރީނދޫ ކުލައިން ފާހަގަކޮށްފައިއެވަނީ މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު

އޭދަފުށީ ސަރަހައްދުގެ ފުޅާވެގެންދާނެ އިޤްތިޞާދާއެކު ރައްޔިތުން އިންތިހާ ދަރަޖަ އަށް މުއްސަނދި ވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ހިއްކާ ބިމުގައި ފްލެޓް އެޅުމަށް ކައުންސިލުން ހުޅުވާލުމުން، އެކަމަށް ކަޅިއަޅާނެ އެތައް އިންވެސްޓަރުންނެއް ތިބޭނެ އެވެ. ސަބަބަކީ ރައްޔިތުންގެ އަތުގައި ފައިސާ ހުރުމުން ފްލެޓް ހަމަ އަޅާއިރަށް ގަންނާނެކަން ޔަޤީން ވާތީ އެވެ. އަދި އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް ދިގުމުއްދަތުން ދައްކާ ހަލާސްކުރާގޮތަށް ރައްޔިތުންނަށް ގެދޮރު ލިބިގެންދާނެ އެވެ. އާބާދީ 10000 ހަމަވުމުން ވިޔަފާރިތައް އިތުރުވެގެންދާނެ އެވެ. ރައްޔިތުން މުއްސަނދި ވީވަަރަކަށް ވިޔަފާރިތަކަށް ރައްޔިތުން ކުރާ ހޭދަ އިތުރުވެގެން ދާނެ އެވެ. އަދި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ ލޯތައް އަމާޒުވެގެން ދާނެ އެވެ. ޝޮޕިން މޯލްތަކާއި ޕްރީ ސްކޫލާއި މިސްކިތްތައް ތަރައްޤީ ކުރެވިގެންދާނެ އެވެ. ކައުންސިލަށް ލިބޭ އާމްދަނީ އިތުރުވެ، މަގުތައް ހެދި، އާޓިފިޝަލް ބީޗާއި ކުޑަކުދިންގެ ޕާރކްތައް ތަރައްޤީކުރެވިގެންދާނެ ކަމީ ހަޤީގަތެކެވެ.

 އެތައް ސުވާލެކެވެ. މިކަން ވާނެ ހެއްޔެވެ؟ މިކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ހަނދާންކުރަންޖެހޭ ކަމަކީ، މިހާތަނަށް ކުރެވިފައިވާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކީ ކޮންމެވެސް ބަޔަކު ނުވާނޭ ބުނި ކަންކަން ކަމެވެ. ބަދަލުކުރަންވީ އަޅުގަނޑުމެންގެ ވިސްނުމެވެ. ތަރައްޤީ ކުރަންވީ ހިޔާލެވެ. އުޅެންވީ ގުޅިގެން ކުރިއަށް ދާށެވެ. ބުނަންވީ ވާނެޔޭ، ކުރާނަމޭ، ނުވާނެ ހަމަ އެއްކަމެއް ވެސް އިރާދަކުރެއްވިއްޔާ ނުހުންނާނއޭ އެވެ. ފުރަތަމަ ކުރަން ޖެހޭނީ ހިޔާލެވެ. ދެން ލިޔަން ޖެހޭނީ ޕްލޭންތަކެވެ. މިހާރު މިއޮތީ އަމަލީ މަސައްކަތް ކުރަންވީ ވަަގުތު އައިސް ޖެހިފަ އެވެ. އިރާދަކުރެއްވިއްޔާ ވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. riza

    އަބަދުވެސް ކުރިއަށް ވިސްނައިފިކުރުކުރުމަކީ ގޯސްކަމެކޭ ދެންނެވޭކަށްނެތް ، ހިޔާލެއްކޮށްގެން ނޫންގޮތަކަށް ކުރިމަގު ބިނައެއް ނުކުރޭވޭނެ. ތިޔަލިޔުއްވާފައިވާ ޚިޔާލާ ކުރަށްސަވާފައިވާ ކުރެއްސެވުންތަކަކީ 2020ގައިވެސް ހަޤީޤަތަކަށް ހަދާލެވިދާނެކަންތައްތަކެއް، ނަމަވެސް އަޅުގަޑަށް ފެންނަގޮތުގައި 10000 މީހުންގެ ސިޓީ އަކަށްވުރެ 100000 މީހުންގެ ސިޓީ އަކަށް މީހާރުވެސް ޤުދުރަތީގޮތުން ބިންހިކިފައިއޮތް ބ.އަތޮޅު ގޮއިދޫ ތަރައްޤީ ، ކުރުން މިހެންވެއްޖެނަމަ ރާއްޖޭގައި ތިބި 500 މީހުންގެ އާބަދީންފެށިގެން ދަށުގެ ހުރިހާ ރަށެއްގެ މީހުން ގޮއިދުއަށް ބަދަލު ކުރުމުން މައިސަރުކާރަށްވެސް އެތަށް ތަނަކުންލުއިވެ ޤައުމުހިންގުން ފަސޭހަވެގެންދާނެއެވެ. މަޢުލޫއާ ނުގުޅޭ ހިޔާލެއް ކަމަށްވާނމަ މަޢާފަށް އެދެމެވެ.

    ރައްދު
  2. Ahmed Rashyd

    “ޚިޔާލުގެ އަސް ނިކަން ތަނަވަސްވި މައިދާނަށް އަލުން ނެރެފާ،
    ޝިޔާޙަތަކަށް ފެށީމާ ފެންނަނީ ރޮވިދާނެ މަންޒަރުތާ”!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.