އިންސާފުގެ އިންތިޒާރުގައި…!

Vahaka

[ކުރީގެ އަދަދުން މީގެ ފުރަތަމަ ބައި ކިޔާފައި ބައެއް މީހުން ކުރަމުންދާ ސުވާލަކީ މިއެވެ؛ މިއީ ކާކުގެ ވާހަކައެއް ހެއްޔެވެ؟ ބައެއް މީހުންނަށް މިއީ، އޭނާގެ ވާހަކައޭ ވެސް ހީވެ އެވެ. އެކަމަކު އެހެނެއް ނޫނެވެ. މިއީ މަދުން ނޫނީ ދިމާނުވާނެ ހާދިސާތަކެކެވެ. މުހަންމަދު އުބެއިދުގެ ކުޅަދާނަ ގަލަމުން މި ގެނެސްދެނީ މި ވާހަކައިގެ ދެ ވަނަ ބައެވެ.]

ފުރަތަމަ އަދަދާ ގުޅޭ:

 އަހަރެންނަށް ވެސް ވީ ވަރެވެ. އެރޭ ކަންތައްތައް ނިމުނީ ހޮސްޕިޓަލުން ކަމެއް ނުވަތަ ފުލުސް އޮފީހުން ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އަހަރެންގެ ހަނދާންތައް ދެން ހުންނަން ފެށީ އެ ރެއަށް ފަހު ގޭތެރެއިން ބައްޕަ ނުފެންނަ ކަމެވެ. އޭގެ ދުވަސްތަކެއް ފަހުން ބޮޑުދައިތަގެ ބައިގައި ގެންގުޅޭ “ރާއްޖެތެރޭ” އަންހެނަކު ބުނީ ކާފަގެ އެދުމަށް މަންމަ އަހަރެންގެ ބައްޕަގެ ކިބައިން ވަރިވީ ކަމަށެވެ. ނަމަވެސް ކާފަ މިހާރު ދުނިޔެއަކު ނެތެވެ. އަދި ވަރި އެއީ ކޮން އެއްޗެއްކަން އެއިރަކު އަހަރެންނަށް ފަހުމެއް ނުވެއެވެ. ބައްޕަ އާ މަންމަ ކައިވެނި ކުރީ ވެސް ކާފަ އާއި މާމަގެ ނުގަބޫލުގައިކަން އަހަރެންނަށް އެނގުނީ މާފަހުންނެވެ.

އިބްރާހިމްބެ އެ ރެއަށް ފަހު ސްކޫލްގައި ވެސް ނެގިމަޑުވެފައި އިންނަ ކުއްޖަކަށް ބަދަލުވި އެވެ. މިކަމުގެ ސަބަބުން މަޖީދިއްޔާގެ އެހެން ކްލާސްމޭޓުން އޭނާ “ބުލީކޮށް” އޭނާއާ ދިމާއަށް “އަންހެންދުޅާ”އޭ ކިޔަން ފެށި އެވެ. ނަމަވެސް އޭނާ އެކަމާ އަޅައެއް ނުލަ އެވެ. އޭނާ ބޮޑުވެގެން ފަހުން މަސައްކަތްކުރަން ފެށީ ގެވެށި އަނިޔާއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްގަ އެވެ.

އަހަރެން އަދި ބުރުގާއެއް ނާޅަމެވެ. ނަމަވެސް ކޮންމެވެސް ދުވަހަކު އަޅަން މި ހުންނަނީ ނިޔަތް ގަނެގެނެވެ. އެކަމަކު އެއީ ކޮން ދުވަހެއް ކަމެއް ބުނާކަށް ނޭނގެ އެވެ. އަހަރެންގެ ހަޔާތް މިހާ މުޑުދާރުވެފައި އޮތީމާ، އަހަރެންގެ ހަމައެކަނި ރީތި ކަމަކީ މުޅި އާއިލާއިން ވެސް ރީތި ފަން އިސްތަށިގަނޑެއް އަހަރެންނަށް ލިބިފައިވާތީ ކަމަށް ވެސް ވެދާނެ އެވެ. އަދި މިހެންވެ އަހަރެންގެ މުޑުދާރުވެފައިވާ ހަޔާތުން ފެންނަން ހުރި ހަމައެކަނި ރީތިކަމަކީ އަހަރެންގެ މި ރީތި އިސްތަށިގަނޑު ކަމަށްވާތީ އެކަން އަހަރެން އަދި ފޮރުވަން ބޭނުން ނުވަނީ ކަންނޭނގެ އެވެ. ހަޔާތަށް އެހެން ރީތި ކަމެއް އަންނަން ދެނެވެ. އަހަރެންގެ ފިރިމީހާ ބުނަނީ އެ ރީތި ކަމަށް ވާނީ ދަރިއަކު ލިބުން ކަމަށެވެ. ނަމަވެސް އެކަމަށް އޭނާ ޕްރެޝަރެއް ނުކުރެ އެވެ.

“ފައިރޫޒާ ބޭނުން ވީމާ ހަމަ ދަރިއަކު ހޯދަންވީ،” އޭނާ އަބަދު ވެސް އަހަރެންނާ ދިމާއަށް ބުނަނީ އެހެންނެވެ.

އެކަމާ އަހަރެން އުފާވެއެވެ. ސަބަބަކީ އަހަރެންނަށް ނަފުސާނީ އަސަރުކޮށްފައިވާ މިންވަރު ބޮޑުކަމުންނެވެ. މިހާރު ވެސް އެކަނި މަގުމަތީގައި އުޅޭކަށް ނުކުރެ އެވެ. ފިރިހެނުން ދެކެ ގަންނަނީ ފާޑެއްގެ ބިރެކެވެ. އަދި ބަސްތީގައި ބޯދިގުކޮށްފައި ތިބޭ ޒުވާން ފިރިހެނުން ފެނުމުން އަހަރެންގެ ހިތް ބިރުން ފިނިވެގެން ދެއެވެ. އަހަރެންގެ ބައްޕަ ވެސް ބޯދިގުކޮށްފައި ހުންނާތީ ކަންނޭނގެ އެވެ. މިކަމާ ހުރެ އެރެއަށް ފަހު އަހަރެން ސްކޫލަކަށް ނުދަމެވެ. އަދި ފިރާ ވެސް ސްކޫލަކަށް ނުފޮނުވަމެވެ. އަހަރެމެންނަށް ބޭނުންވާ އެއްޗެހި ގަނެދެނީ އަދި ހޯދައިދެނީ ބޮޑުބޭބެ އެވެ. ބޭރަށް ދަނީ ހަމައެކަނި އިބްރާހިމްބެއާ އެކު އެވެ.

އަހަރެންގެ ފިރިމީހާ އަކީ ވެސް އާދަޔާ ޚިލާފު މީހެކެވެ. އޭނާއަކީ ދީންވެރި މީހެކެވެ. ތުނބުޅި ދިގުކޮށްފައި ފައިކުރި ކުރުކޮށްފައި ތާކިހާ އަޅާތީ ހިސާބުގަނޑު މީހުން އޭނާ އަށް މަލާމަތް ކުރުމުގެ ގޮތުން “ހާބީ”އެކޭ ބުނާނެ އެވެ. ނަމަވެސް އޭނާ އެކަމާ ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާގެ އަގީދާ އެއަށް ވުރެ މާ ވަރުގަދަ އެވެ.

އަހަރެންގެ ފިރިމީހާއާ އަހަރެންނާ ދިމާވުން މިއީ ނަސީބެއް ކަމަށް އަހަރެން ގަބޫލުކުރަނީ މިހެންވެ އެވެ. އޭނާއާ ދިމާވީ އޭނާ އަކީ އިބްރާހިމްބެގެ ކްލާސްމޭޓަކަށް ވާތީ އެވެ. އިބްރާހިމްބެ އަށް އައި ގަބުކަމުގެ ސަބަބުން އެހެން ހުރިހާ ކްލާސްމޭޓުން އޭނާ ބުލީ ކުރަމުން ދިޔައިރު، އިބްރާހިމްބެގެ ނަފުސާނީ ގޮތުން ހިތްވަރު ދިނީ އޭނާ އެވެ. އޭގެ ފަހުން އިބްރާހިމްބެ އާއެކު ސްކޫލަށް ދަނީ ވެސް އަދި އަންނަނީ ވެސް އޭނާ އެވެ. އޭނާ އަންޑަސްޓޭންޑިން ކަމުންނެވެ. އޭނާ އަށް އަހަރެން ހިތްކިޔަން ފެށީ އެ ހިސާބުންނެވެ.

އޭނާއާ ކައިވެނިކޮށްގެން އުޅޭތާ މި ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އަހަރެންގެ ޖިސްމަށް އަދި ނަފުސަށް އަނިޔާ ލިބޭނެ އެއްވެސް ކަމެއް ނުކުރެއެވެ. ދަރިއެއް ހޯދުމަށް އާއިލާގެ ތެރެއިން ކިތަންމެ ޕްރެޝަރެއް އަޔަސް އޭނާ އެކަން ވަނީ އަހަރެންގެ އަތްމައްޗަށް ދޫކޮށްލައިފަ އެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެން އެކަމަށް ތައްޔާރު ވަންދެނެވެ. ސަބަބަކީ މަންމަ އަށް ބައްޕަ ކުރި އަނިޔާތަކުގެ އަސަރު އަހަރެންނާއި އަހަރެންގެ ކޮއްކޮ ފިރާޝާ އަށް އެހެން ގޮތްގޮތުން ވެސް ކޮށްފައިވާތީ އެވެ. އެ ހަޑިހުތުރު ޗައިލްޑް އެބިއުސް ވާހަކައިގެ ތަފުސީލަށް ދާކަށް ނެތީމެވެ.

ނަމަވެސް މަންމަ އަޅައެއް ނުލަ އެވެ. ހުންނަނީ ފާޑަކަށް ގަބުކައިފަ އެވެ. ބައްޕަގެ ފަހުން ސިފައިންގެ މީހަކާ އިނދެ، އެއް އަހަރު ތެރޭގައި އަނެއްކާ ވެސް ވަރިފަށަށް އަރައި، އާ ފިރިހެން ދަރިއަކު ދޫކޮށްލާފައި ދިޔައިރު ވެސް، މަންމަގެ ކަމަކީ ހެނދުނުން ފެށިގެން ނިދަންދެން “ކަސޯޓީ” ޑްރާމާތައް ބެލުމެވެ. ކަނީ ވެސް އަހަރެން ކައްކާފައި ދިނުމުންނެވެ. އެހާ ކުޑައިރު އަހަރެންނަށް ރިހަ ކައްކަން ދަސްވީ ވެސް މިހެންވެ އެވެ. ކުޑަ ފިރިހެން ކޮއްކޮއަކު ދަރިއެއްހެން ގެންގުޅެން ޖެހުމުންނެވެ. ފިރާޝާ އަށް އަޅާލުމުގެ އިތުރުންނެވެ. ފަހަރެއްގައި އަހަރެންގެ ފިރިމީހާއާ އެކު ދަރިއެއް ހޯދަން އަހަރެން އަދި ޖެހިލުންވަނީ މިހެންވެ ކަމަށް ވެސް ވެދާނެ އެވެ. ސަަބަބަކީ ދެ ކުދިން ބޮޑުކޮށް، އެ މީހުން ވެސް މިހާރު ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުން ފަށާފައިވާތީ އެވެ. “ދަރިންތަކެއް” ބޮޑު ކުރުމުގެ “ތަޖުރިބާ” ލިބިފައިވާތީ ކަންނޭނގެ އެވެ.

އަހަންނަށް އަހަރެމެންގެ މަންމަ ސައިކޯ ކަން ހަގީގަތުގައި ޔަގީންވީ ފިރާޝާ އޭނާގެ ފިރިމީހާ މެލޭޝިޔާގައި ކިޔެވުމަށްޓަކައި ފުރި ދުވަހު އެވެ. އެ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އާއިލާގެ އެންމެން ދިޔަ އެވެ. އެއްކަލަ ބޮޑުދައިތަ ގެންގުޅޭ އަންހެން މީހާގެ ފިރިހެން ދަރިފުޅު ވެސް ދިޔަ އެވެ.

ވަކި ހިސާބަކުން މަންމަ އެންމެންނަށް އައިސް ކްރީމް ދޭ ހިތްވި އެވެ. ނަމަވެސް އަހަރެން އެކަމާ އިއުތިރާޒު ކުރީމެވެ. ސަބަަބަކީ މަންމަ އެއްކަލަ އަހަރެންނަށާއި ފިރާޝާ އަށް ޖިންސީ ގޯނާ ކުރާ ކުއްޖާ އަށް ވެސް ދައުވަތު ދިނީމެވެ. މިކަމާ މަންމަ އެއް ފަރާތްކޮށްލާފައި އަހަރެން ޝަކުވާ ކުރީމާ މަންމަ ބުނިހާ ވެސް އެއްޗަކީ: “އޭނާ ވެސް ދެރަވާނެ ނޫން” އެވެ.

މިހާ ހިސާބުން މަންމަ އަށް ރަނގަޅު ނުބައި ނޭނގޭކަން އަހަރެންނަށް ޔަގީންވި އެވެ.

އާއިލާގެ ހުރިހާ އެންމެންނާއި އެ ޒުވާނާ ގޮވައިގެން މަންމަ އައިސްކްރީމް ބޯން ދިއުމުން އަހަރެން ކުރި ކަމަކީ އިބްރާހިމްބެގެ ކުޑަ އަންހެން ކޮއްކޮ އަދި އަހަރެންނާ ދެބެންގެ ދެދަރި އައިޝާ އާ އެއްކޮށް ޕާކަށް ކުޅެން ދިއުމެވެ.

އޭގެ ފަހުން މަންމަގެ އެއްވެސް އިދިކީލި ހަރަކާތަކާ މެދު އަހަރެން ޝަކުވާއެއް ނުކުރަމެވެ. މަންމަގެ ހުރިހާ ނޭއްގާނީ ކަމަކަށް މައާފު ކުރީމެވެ. ސަބަބަކީ ޝަކުވާ ކުރެވޭނީ ހަމަ ބުއްދި ހުރި މީހަކާ ނޫން ހެއްޔެވެ؟

ފިރާޝާ މެލޭޝިޔާ އަށް ފުރުމަކީ ވެސް އަހަރެމެން ދެބެއިންގެ ނަސީބެވެ. ސަބަބަކީ މަންމަ ދިރި ހުރި ނަމަވެސް ފުރާނަ ނެތް މަސްގަނޑެއްގެ ސިފައިގައި ގޭގައި އުޅޭތީ މައެއްގެ ލޯބިން މަހުރޫމު ވެގެން ބޮޑުވި ފިރާޝާ އަށް ވެސް ކޮށްފައި ހުރި ނަފުސާނީ އަސަރުތަކުގެ ސަބަބުންނެވެ.

އެގޮތުން އަހަރެމެންގެ ފިރިހެން ކޮއްކޮ ފައިޒަންގެ ބައްޕަ ވަރިކޮށްފައި ދިއުމަށް ފަހު މަންމަ ދެން ކޮންމެ ދުވަހަކު ގެއަށް ގެންނަ “ބިޓުން”ގެ ނަތީޖާއަކަށްވީ ފިރާޝާ ވެސް އެ ދިރިއުޅުން އިހުތިޔާރު ކުރުމެވެ. ވާނީ ވެސް އެހެންނެވެ. ސަބަބަކީ ކޮންމެ ޅަ ސިކުނޑިއަކަށް ވެސް ވިސްނޭނީ އޭނާގެ ބެލެނިވެރިންނަކީ ދުނިޔޭގައި ތިބި އެންމެ “ގަދަ” އަދި “ވިސްނޭ” މީހުންގެ ގޮތުގަ އެވެ.

މިހެންވެ، މަންމަ ނާސި ވިޔަފާރިއެއް ފެށި ނަމަވެސް، ފިރާޝާ ވެސް އެ ދިމާއަށް ދިއުން އެކަށީގެންވެއެވެ. ބޮޑުދައިތަގެ ދެ އަންހެންކުދިން ސީ.އެޗް.އެސް.އީ އަށް ނުދެވިގެން އުޅެނިކޮށް ބުރުގާ އަޅުވާ ގޭގައި “ބަންދު”ކޮށްލި ނަމަވެސް، އަމީނިއްޔާގެ ގްރޭޑް ހައެއްގައި އުޅެމުން ފިރާޝާ “ބިޓިން” ކަންތައް ފަށައިފި އެވެ. އެއް ރެއަކު ގެއަށް ވައްދާ ފިރިހެން ކުއްޖަކު ދެވަނަ ރެއަކު ނުފެނެ އެވެ. މުޅިން ވެސް “ވަން ނައިޓް ސްޓޭންޑް” އެވެ.

ނަމަވެސް މަންމަ އާ ހިލާފަށް ފިރާޝާގެ ގަދަ ކަމަކީ ފިރިހެނުންނަށް އޭނާ ހައްލާ ނުލެވޭ ކަމެވެ. ފިރާޝާ ފިރިހެން ކުދިން ގެންގުޅެނީ އޭނާގެ ދަށުގަ އެވެ. އޭނާގެ އަޅުވެތިކަމުގަ އެވެ. ޒުވާން ފުރައިގެ ފިރިހެންކުދިން “މެނިޕިއުލޭޓް” ކުރަން އޭނާ ވަރަށް ކުޅަދާނަ އެވެ. އަދި ފިރާޝާގެ ދަލުގައި ޖެހޭ މާލޭގެ އިއްޒަތްތެރި އާއިލާތަކުގެ ފިރިހެން ކުދިން ވެސް މަދެއް ނޫނެވެ.

ނަމަވެސް ފިރާޝާގެ ފަރުވާލެއް ނެތެވެ. މަންމަގެ ހަޔާތުގެ ކަންކަން ފެނިފައި އޭނާ އަށް ފިރިހެނުން ފެންނަނީ އިތުބާރު ނުކުރޭ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގަ އެވެ. މިހެންވެ، އޭނާ “ކުޅެން” ބޭނުން ވަރަށް “ކުޅެފައި” ދޫކޮށްލަނީ އެވެ. “ޑަމްޕް” ކޮށްލަނީ އެވެ.

ބައެއް ކުދިން ހިތްހަލާކުވެގެން ގޯޅިގަނޑުގައި ރޯން ވެސް ހުރެ އެވެ. ފިރާޝާއަކީ މަންމަ އާއި މާމަގެ ރީތިކަން ލިބިފައިވާ ކުއްޖެއްކަމުން، ރީތި “ބިޓަކު” އެއްލާލުމުން ބަރުދާސްތު ނުކުރެވިގެން ކަމަށް ވެސް ވެދާނެ އެވެ. އެއް ފަހަރު މިފަދަ ކުއްޖަކު ރޯން ހުއްޓާ އިބްރާހިމްބެ އައިސް ހަމްދަރުދީ ވުމުގެ ގޮތުން އޭނާގެ ކޮނޑުގައި އަތްލުމުން، އަދި އެއަށް ވުރެ ބާރަށް ރޮމުންރޮމުން ގޯޅިގަނޑުން ނިކުމެގެން ދިޔަ އެވެ. ގޮއްލަރު ފިރިހެނުންނަށް ވެސް ނަފުސާނީ އަދި ޖަޒުބާތީ އަސަރު ކުރާކަން އަހަރެންނަށް އެނގުނީ އެ އެ ވަގުތު އެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.