ކަރީނާގެ ދެ ފިލްމެއްގައި އެމްޑީޕީގެ ސިޔާސަތު؟!

3ffddsfsd

– ހިތްތިރި ކުރަން ޖެހޭ، ރުޅި މަޑުކުރަން ޖެހޭ، އެހެން ނޫނީ…

ހަގީގީ ޑިމޮކްރަސީ މުޅި ގައުމުން މިއޮއް ދަނީ ފެންނަމުންނެވެ. ކުރިން މި މަންޒަރުތައް މި ގައުމުން ނުފެނުނީ އޭރުގެ ވެރިކަންތައް ހިނގަމުން ދިޔައީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ނުވާތީ އެވެ. ޑިމޮކްރަސީ އަކީ ދަސްކުރަން ޖެހޭ، އަމަލުކުރަން ޖެހޭ އެއްޗެކެވެ. މުހަންމަދު އުބެއިދު މި ލިޔަނީ މުޅިން ތަފާތު ވާހަކައެކެވެ. މިއީ އެމްޑީޕީގެ ފިލޯސަފީ ދައްކުވައިދޭ ހިންދީ ދެ ފިލްމެއްގެ ވާހަކައެކެވެ. ފަހަރެއްގައި އެ ދެ ފިލްމުން ފެނިގެން ދަނީ އަހަރެމެން ރާއްޖޭގެ ޑިމޮކްރަސީ ކަމަށް ވެދާނެ އެވެ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަކީ ހަމައެކަނި ރީތި ކަމަށް މަޝްހޫރު ތަރިއެއް ނޫނެވެ. އޭނާއަކީ “އިންޑިޔާގެ އެންމެ ނުފޫޒު ގަދަ މީހުން”ގެ ލިސްޓަށް ސީ.އެން.އެން އިން ހިމެނި ހަމައެކަނި އިންޑިޔާގެ އެކްޓަރެވެ. އަދި “ވާވް”އިން ވަނީ 2008 އާއި 2010 އާ ދޭތެރޭގައި އިންޑިޔާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި ކަރީނާ ހިމަނައިފަ އެވެ. ލޯބީގެ ފިލްމްތަކާއި އަދި ކޮމެޑީ ބައިތައް ވެސް ކުޅޭ ހުނަރުވެރި ކަރީނާ އަކީ އާއްމުންނަށް މެސެޖް ދިނުމަށް އިޖުތިމާއީ އަދި ސިޔާސީ ފިލްމްތައް ވެސް ކުޅޭ ބަތަލާއެކެވެ.

އެގޮތުން މިދިޔަ އަހަރު ފަހުކޮޅު ނުކުތް “ސަތްޔަގްރަހާ” އަދި “ގޯރީ ތެރެ ޕިޔާރް މޭ” އަކީ ޑިމޮކްރެސީ އަށް އަލަށް ތައާރަފުވާ މުޖުތަމައުތައް ކަޑައްތު ކުރަމުން އަންނަ މަރުހަލާތައް ވަރަށް ރަނގަޅަށް ދައްކުވައިދޭ ދެ ފިލްމެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގައި ވެސް ޑިމޮކްރެސީ އަލަށް “ތަހުލީލު” ކުރަމުން ދިޔަ ގޮތް ކަރީނާގެ މި ދެ ފިލްމުން ދައްކުވައިދެ އެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ން ހޯދި ކާމިޔާބުތަކާއި ހަމައެއާއެކު އެޅި ޅައެއްޗެހިތައް ވެސް ހާމަވެގެން ދެ އެވެ.

satyagraha-movie-poster

“ސަތްޔަގްރަހާ”ގައި ދައްކުވައިދެނީ އިންޑިޔާގެ ރަށްފުށު ފަގީރު އަވަށެއް ނުވަތަ ވިލެޖެއް ޑިމޮކްރެސީ އަށް ހޭލާ ގޮތެވެ. ފިލްމުގައި އަމީތާބް ބައްޗަން ކުޅެނީ އެ ވިލެޖްގެ ރޫހާނީ ލީޑަރު ކަމަށް ވިޔަސް، ޑިމޮކްރެސީގެ މި އިންގިލާބުގެ ލަގަނުގައި ހުންނަނީ އަޖޭ ދޭވްގަން އެވެ. އަދި އެގޮތުން އަޖޭ އަޅާ ފިޔަވަޅުތައް ދިވެހި ރާއްޖޭގެ އެމްޑީޕީގެ ރޫހާނީ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ “އަންނި” އަޅާ ފިޔަވަޅުތަކާ ދާދި އެއްގޮތެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަންނި އެއް ފަހަރަކު އޭނާގެ ގާތް މީހުންގެ ގާތުގައި ބުނެފައިވެއެވެ: “މި ވަގުތު ނިންމާ ނިންމުމަކީ މި ވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަށް އަހަރެމެންނަށް އިހުސާސް ވެދާނެ. ނަމަވެސް ފަހުން ކަންތައްތައްވާ ގޮތުން އެއީ އެންމެ ރަނގަޅު ނިންމުންތަކެއް ކަމަށް ނުވެދާނެ. އެކަމަކު އަހަރެމެންނަށް ލިބޭނެ ހިތްހަމަޖެހުމަކީ އަހަރެމެންގެ ވިސްނުން އެންމެ މަތިވެރިކޮށް ބޭނުންކޮށްގެންކަން އެ ނިންމުންތަކާ ހަމައަށް އާދެވުނުކަން. އެއީ ފަހުން ގޯސް ގޮތެއް ކަމަށް ފާޅު ވިޔަސް. ސަބަބަކީ ކުރިމަގުގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ.”

ތެދެކެވެ. އަޖޭ އަށް ވެސް ދިމާވަނީ މި ފަދަ ގޮތެކެވެ. ބޮޑު ‘ކެއޮސް’ ނުވަތަ ހަމަ ނުޖެހުންގަނޑެއްގެ ތެރެއިން އޭނާ ނިންމަނީ އޭނާ އަށް ވިސްނޭ އެންމެ ރަނގަޅު ގޮތަށެވެ. ވަގުތާއި ހާލަތަށް ބަލާފަ އެވެ. މި ގޮތުން، މަރުވާ ބައެއްގެ ޖަނާޒާ “އާއްމު” ކުރުމަށް އަޖޭ ނިންމަ އެވެ. ނަމަވެސް ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަރީނާގެ ވިސްނުމަކީ، އާއްމުންނަށް އެ މީހުންގެ ބައެއްގެ ގަބުރުތައް ފެނިއްޖެ ނަމަ، މީހުންގެ ލޭ ކެކި، އާއްމު ހަމަ ނުޖެހުމަކަށް ހިނގައިދާނެ ކަމެވެ.

އެކަމަކު ކަރީނާގެ ރައުޔާ ހިލާފަށް އަޖޭ ނިންމަ އެވެ. އަދި ނަތީޖާއަކަށް ވަނީ އަހަރެމެންގެ އަވައްޓެރި ސްރީ ލަންކާގައި 1980ގެ އަހަރުތަކުގެ ތެރޭގައި ހިނގާ ދިޔަ “ރަޔޮޓް”ތައް ފަދަ އެވެ. ސިންހަޅައިންގެ ގަބުރުތަކެއް މަގުމަތީގައި “ދައްކާލުމުން” ކޮޅުނބުގެ ސިންހަޅައިންތައް ކެކިއަރާ، ކޮޅުނބުގެ ވެއްލަވައްތަ ނަމަކަށް ކިޔާ ސަރަހައްދު އަންދާ އަޅިއަށް ހަދައި، ތަމަޅައިން މަރާ ސުންނާފަތި ކޮށްލިކޮށްލުމެވެ. ސްރީ ލަންކާ އަހުލީ ހަނގުރާމައަކަށް ވެއްޓިގެން ދިޔަ ގޮތެވެ. ރާއްޖޭގައި މިސާލެއް ނަގާ ނަމަ، ހަމަ ނުޖެހުންތައް ދިގުލައިގެން ގޮސް، 7 ފެބްރުއަރީ 2012 ގައި އަންނިގެ ސަރުކާރު ވެއްޓުނު ގޮތެވެ. އަދި މި ފިލްމްގައި ނަމަ، ކަރީނާގެ ނަސޭހަތާ ދެކޮޅަށް އަޖޭ ނިންމި ނިންމުމުގެ ސަބަބުން ރޫހާނީ ލީޑަރު އަމީތާބްގެ ފުރާނަ އަށް ނުރައްކާވާ ގޮތެވެ.

ދެން އޮތީ “ގޯރީ ތެރެ ޕިޔާރް މޭ”ގެ ވާހަކައެވެ. މި ފިލްމްގައި ކަރީނާ ކުޅެނީ ޑިމޮކްރެސީ ‘އެކްޓިވިސްޓް’އެއްގެ ބައެވެ. އެމްޑީޕީ އެއްޗަކަށް ހަދައިދިނީ، އަންނި ވެސް ހިމެނޭ ގޮތަށް، އެ ޕާޓީގެ ހިތްވަރުގަދަ އެކްޓިވިސްޓުން ކަމަށް ބުނެވޭއިރު، ބައެއް މުހިންމު އެކްޓިވިސްޓުންގެ އަހުލާގާއި ސުލޫކުގައި މައްސަލަ އުޅެ އެވެ. މި ފިލްމްގައި ކަރީނާގެ ޝަހުސިއްޔަތު މިކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އިމްރާން ޚާން ކުޅެނީ ކަރީނާ އަށް ހަޔާތުގެ މަގު ދައްކުވައިދޭ ހެޔޮ ލަފާ ލޯބިވެރިއެއްގެ ބައެވެ. ނަމަވެސް ހިތާމައަކީ، އެމްޑީޕީ ފަދައިން، ޕާޓީ ނެގެހެއްޓުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރާ ބައެއް އެކްޓިވިސްޓުންގެ ނޭއްގާނީ ކަމެވެ.

Gori-Tere-Pyaar-Mein-movie-still_7_1އެ ގޮތުން ފިލްމްގައި ކަރީނާއަކީ މުއްސަނދި އާއިލާއެއްގެ އެކްޓިވިސްޓެކެވެ. ފަގީރުކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ހުރެ، ނަމަވެސް ފަގީރުންގެ ހައްގުގައި “އަޑު ގަދަ ކުރާ” މީހެކެވެ. ހެޔޮ ހިތަކާއި މާތް މަގުސަދެއް އޮތަސް، ތިމާގެ އަމިއްލަ ‘ބެކްގްރައުންޑް’ ތިމާއަށް ފަހުމް ވުމެއް ނެތި، މުޖުތަމައުގައި ހައްގުތައް ގެއްލިފައިވާ ނިކަމެތިންގެ ހަޔާތް ބާއްޖަވެރި ކޮށްދޭން ނުކުންނައިރު، އަމިއްލަ ނަފުސުގައި ހުރި ‘ލައްތައް’ ނުފެންނަ އެކްޓިވިސްޓެއްގެ ރޯލެވެ. އަދި ކަރީނާގެ މި ‘އަނދިރި ފަރާތް’ އޭނާ އަށް ފާޅު ކޮށްދިނުމަށްޓަކައި އިމްރާން ހެޔޮހިތުން “ލޯގަނޑެއް” ކަރީނާ އަށް ދިއްކޮށްލުމުން، ދެން ކަރީނާގެ ހަޔާތް ކަފިވެގެންދާ ގޮތެވެ.

ކަރީނާ ފަދައިން އެމްޑީޕީގެ އެންމެ އިސް ސަފުގައި ހިމެނޭ ބައެއް އެކްޓިވިސްޓުންގެ ހާލަތަކީ ވެސް މިއެވެ. އާއްމުންގެ “ސަމާލުކަން” ހޯދުމަށްޓަކައި ޕޯޑިއަމްތަކަށް އަރާ ހަޅޭއްލަވަ އެވެ. ނަމަވެސް ދެން ހުސް ވަގުތުތައް އެ މީހުން ހޭދަކުރަނީ “އަގު ބޮޑު ރެސްޓޯރަންޓްތަކުގައި ރައްޓެހިންނާ އެކު ކޮފީ ބޮއި ހުސް އަނގަ ތަޅާ”ށެވެ. ހަފުތާބަންދު ހޭދަ ކުރަނީ “އަގު ބޮޑެތި ރިސޯޓްތަކުގައި މަޖާ ކުރުމުގަ”އެވެ. އެންމެ ފަހުން ބޭއްވުނު ރިއާސީ އިންތިހާބުގައި، އެމްޑީޕީ ފަދަ ޒުވާނުންގެ ޖޯޝް ވަރުގަދަ ޕާޓީއަކަށް ވެސް ކުޑަ ތަފާތަކުން ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ މިހެންވެއެވެ. “އިހުލާސްތެރި”ކަމެއް ނެތް ބައެއް އެކްޓިވިސްޓުންގެ އިދިކީލި ހަރަކާތްތަކުގެ ސަބަބުން ދިވެހި ޒުވާނުން އެމްޑީޕީ އަށް އެންމެ ފަހު ވަގުތު “މޮބިލައިޒް” ނުކުރެވުނީ އެވެ.

ނަމަވެސް އެމްޑީޕީގެ ޒުވާނުންނާ ހަވާލު ވެގެން ތިބި ބައެއް އެކްޓިވިސްޓުންނާ ޚިލާފަށް މި ފިލްމްގައި ކަރީނާއަކީ ބިނާކުރަނިވި ފާޑުކިޔުމަށް ބީރު ކަންފަތެއް ދޭ މީހެއް ނޫނެވެ. އަމިއްލަ “ފަހުރާ”އި “އީގޯ” އެއް ފަރާތް ކުރުމަށް ފަހު، އިމްރާން އެ ބުނި ވާހަކައާ މެދު ކަރީނާ ފުންކޮށް ވިސްނަ އެވެ. އަދި މުހިންމު ނިންމުމެއް ނިންމައި، ހަޔާތުގެ އާ ބާބެއް ފަށައެވެ.

އިމްރާން އޭނާގެ މައްސަލަ އޭނާ އަށް ‘ސާފުކޮށްދިނުމުން” ކަރީނާ އެކަން ގަބޫލު ކުރެއެވެ. އަދި މުއްސަނދި ދިރިއުޅުން ދޫކޮށްލާފައި، ހާލުގައި ޖެހިފައިވާ ފަގީރުންގެ އަސްލު އިހުސާސްތައް ތަޖުރިބާ ކުރުމަށްޓަކައި ކަރީނާ އޭނާގެ މުއްސަނދި ދިރިއުޅުން ވަގުތީ ގޮތުން އެއް ފަރާތް ކޮށްފައި، އާދައިގެ ހަޔާތަކަށް ބަދަލުވެއެވެ. ފިލްމުގެ އެންމެ ޝައުގުވެރި ކަންތައްތައް ފެނިގެން ދަނީ މި ހިސާބުންނެވެ. އިމްރާނާ ލޯބީގެ ގޮތުން ރަސްމީ ގޮތުން ‘ރުޅިވިޔަސް’، އޭނާއާއެކު ކަރީނާ ފަގީރު ވިލެޖެއްގެ އެންެމެ އާދައިގެ ކެކުޅުންތައް ބަރުދާސްތު ކުރަން ފަށާ ހިސާބުންނެވެ. ‘ގަނޑުވަރުން’ ނުކުމެ، ‘ބަސްތީ’ ދިރިއުޅުމެއް ފަށާ ގޮތެވެ.

ދިވެހިންނަކީ އަމިއްލަ ކުށް ގަބޫލު ކުރުމަށް ވުރެ ކިބުރުވެރި ބައެއް ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް އެމްޑީޕީން ހަދާފައި ގޯސްތައް އަމިއްލަ އަށް ދެނެގަނެ، އެމްޑީޕީގެ ހުރިހާ މެންބަރުންނާއި ސަޕޯޓަރުންނާއި އަދި ވަކިން ޚާއްސަކޮށް އެކްޓިވިސްޓުން އެ މީހުންގެ އަމަލުތައް، މި ކަހަލަ އިބުރަތްތެރި ފިލާވަޅުތަކުން ރަނގަޅު މަގަށް އަލުން އަޅުވައިފި ނަމަ، ކުރިމަގުގެ އިންތިހާބުތައް ކާމިޔާބުކޮށް، ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމަކީ ނުވާނެ ކަމެއް ނޫނެވެ. އަންނި ބުނެފައިވާ ފަދައިން “ހިތް ތިރި ކޮށްގެން”ނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul muhaimin

    ރޫޙާނީ ލީޑަރުގެ މާނަ މިހާރު އޮޅިއްޖެ! ތިބުނާ އަންނި އެއްގެ ޢަމަލުތައް ހުރީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އުޅެ ރޫޙާނީ ލީޑަރުންނާ އެއްގަޮތަށްތޯ ލިޔުންތެރިޔާ އަޅާ ކިޔާލުން މުހިންމު. ހިތްތިރި ކުރުމަށް ގޮވާލާ މީހާގެ ޢަމަލުތަކުން އެކަން ސާބިތުވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުންވެސް ރަނގަޅު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.