
މިދިޔަ އަންގާރަ ދުވަހުގެރޭ ޗެނަލް 13އިން ބޭއްވި އޭދަފުށީ ދާއިރާގެ މަޖިލިސް ބަހުސްއަށް ފަހު ޕީޕީއެމްގެ ކެންޑިޓޭޓް އަހްމަދު ސަލީމް އާއި އަމިއްލަގޮތުން މި ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޔަޒީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ބަހުސްއަށްފަހު ސަލީމުގެ ކެމްޕޭން ޚަބަރުތައް ގެނެސްދޭ އޭދަފުށީ ވޮއިސްގައި ޔަޒީދަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ ޔަޒީދު މިދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ވަރަށްބޮޑު ރޭވުމަކުންކަމަށެވެ. އަދި އެމްޑީޕީގެ ރޭވުމަކީ ސަރުކާރު ކޯލިޝަނަށް ލިބޭ ވޯޓްތައް ބައިބައިކޮށްލައި އެމްޑީޕީ ކެންޑިޑޭޓަށް ފުރުސަތު ބޮޑުކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ.
“އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީނަމަ އަމިއްލަ ގޮތުންނޭކިޔާފައި ޔަޒީދު މިދާއިރާއަށް ނުކުންނެވީ އެމްޑީޕީގެ ވަރަށްބޮޑު ރޭވުމަކުން. އެމްޑީޕީގެ ރޭވުމަކީ ސަރުކާރު ކޯލިޝަނަށް ލިބޭ ވޯޓްތައް ބައިކޮށްލައި އެމްޑީޕީ ކެންޑިޑޭޓަށް ފުރުސަތު ބޮޑުކުރުން.” ސަލީމް ވިދާޅުވިކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ޔަޒީދުގެ ކެމްޕޭން ޚަބަރުތައް ގެނެސްދޭ އޭދަފުށީ ޑޮޓްއެމްވީގައި ޔަޒީދު ވިދާޅުވެފައިވަނީ އޭނާ މަޖިލީހަށް ހޮވިއްޖެނަމަ މަޖިލީހުގައި ހުންނާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި ތަރައްޤީއާއި އުފާވެރިކަން ގެނައުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ޔަޒީދު ވިދާޅުވެފައި ވެ އެވެ.
ޔަޒީދު އިއުލާން ކުރައްވާފައިވާ މެނިފެސްޓޯއަށް އިޝާރަތް ކުރައްވައި ސަލީމު ވިދާޅުވީ މެނިފެސްޓޯގެ ބޭރުން އަމިއްލަ މެނިފެސްޓޯއެއް ހަދައިގެން އަމިއްލަ ކެންޑިޑޭޓަކު މަޖިލީހަށް ހޮވުނަސް އެކަން ތަންފީޒުކުރާނެ ގޮތެއް ނެތްކަމަށެވެ.
“މާއްޑޫ ތަރައްޤީކުރިޔަސް، އޭދަފުށި ތަރައްޤީކުރިޔަސް އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަށް ސަރުކާރުގެ މެނިފެސްޓޯތެރެއިންކަން އެންމެންވެސް ދަނޭ” ސަލީމް ވިދާޅުވެފައި ވެ އެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި ޔަޒީދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މެނިފެސްޓޯ ބަލައިގެންފައިވާކަމަށާއި، އަދި ވަޢުދުތައް ފުއްދުމުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާކަމަށެވެ. އެހެން ބޭފުޅުން ނުވާވަރުގެ ކަމަކަށް ވަޢުދުވާން ނުކުރޭނެ ވާހަކަ ދައްކަނީ ވަޢުދުނުވެ ނުފުއްދުމަށް ބަހަނާ ދައްކަންވެގެން ކަމަށް ޔަޒީދު ވިދާޅުވި އެވެ.
ސަލީމު ދެއްކެވި ވާހަކަތައް ދޮގުކުރައްވައި ޔަޒީދު ވިދާޅުވީ، ކަނޑައެޅިގެން ބޮޑެތި ދޮގުހަދާ އަދި އޮޅުވާލާ މަކަރުވެރި މީހަކު މަޖިލީހަށް ހޮވަން ނުވާނެކަމަށާއި އަދި އަޙްލާގެއް ނެތް މީހަކު ރައްޔިތުން ތަމްސީލްކުރުމުން ވެއްޓޭނީ ދާއިރާގެ ރައްޔިތުންގެ އަގުކަމަށެވެ. އަދި ޗެނަލް 13ގައި ބޭއްވި ބަހުސްގައި ޔަޒީދު އެމިރޭޓްސް އިން ކަނޑާލީކަމަށް ބުނެ ސަލީމު ހައްދަވާފައިވަނީ ދޮގުކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
“19 އަހަރުވަންދެން ވަޒީފާއަދާކުރީ އިހްލާސްތެރިކަމާއެކުކަން އެމިރޭޓްސް އަށް ގުޅުއްވާ ބެއްލެވުމުން އެގޭނެ. ސަލީމް އަދާކުރެއްވި ކޮންމެ ވަޒީފާއަކުން ކޮރަޕްޝަންގެ އެތައް ތުހުމަތެއް ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެނިފައިވޭ. ސަަލީމް ކެމްޕޭންގައި މަސްތުވާތަކެތީގެ ޑަބިޔާއާއެކު އަތުލައިގަތް މީހުން އުޅޭކަން ނޭގޭ މީހަކު ނޫޅޭ ” ޔަޒީދު ވިދާޅުވެފައި ވެ އެވެ.
ޔަޒީދު ވަނީ މިއަދު އެމްޑީޕީގެ ކެންޑިޑޭޓަށްވެސް ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. ޔަޒީދު ވިދާޅުވެފައިވަނީ އޭދަފުށީ ދާއިރާގެ ގޮނޑިއަށް ހިސާން ހުސައިން ހޮވައިފިނަމަ މިސަރުކާރުގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެކަމަށާއި އަދި ތިން އަހަރުވަންދެން އެމްޑީޕީ ސަރުކާރުގެ އިސްމަޤާމެއްގައި ހިސާން ހުންނެވިއިރުވެސް ދާއިރާގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ.
މިއަދުވެސް އަދި މަދަމާވެސް ދައްކަން އޮތީއެއްވާހަކައެއް، ކޮންމެ ކެނޑިޑޭޓަކުވެސް އެއްކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށް އިޙްތިރާމްކުރަންވާނެ، އަޅުގަޑުމެން މިދައްކާވާހަކަޔަކީ އިޖްތިމާއީ ފޭރާން ވީދެމުން ދާވާހަކަ ، ޤައުމުގެ އިސްމަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ނަމޫނާދައްކަވަންޖެހޭ ބޭފުޅުން ، ތިޔައިން ކޮންމެބޭފުޅަކުހޮވުނަސް މާދަމާ ގޮނޑީގައި އިށީނދެ ވަޑައި ގަންނަވާއިރު މިއަދު އުކި އޮށްގަލުގެ އަސަރު އެހާއަވަހަށްފިލައިގެން ދާނެކަމަކަށް ނުފެނޭ، ވުމާއެކު ކޮންމެ ބޭފުޅަކުވެސް ވާންވީ ނަމޫނާބޭފުޅަކަށް، ރައްޔިތުން އިޙްތިރާމްކުރާފަދަ ބޭފުޅަކަށް…..