އަރުޝަމް: ކާމިޔާބުގެ ދިގު ލިސްޓަކާ އެކު، ވަނަތަކުގެ އެންމެ މަތީފަޑީގައި

އަލީ އަރުޝަމް
އަލީ އަރުޝަމް

އަލީ އަރުޝަމްގެ އެންމެ ބޮޑު އެއް ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. އޭނާ އޭލެވެލް އަށް ކިޔަވަން ފެށީއްސުރެ ވެސް ކުރަމުން އައި އުންމީދަކީ އޭލެވެލްއިން އެންމެ މަތީ ވަނަ ހޯދާ ދަރިވަރަށް ވުމެވެ. އެކަން ހާސިލް ވެއްޖެ އެވެ. އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނިއްޖެ އެވެ. ރައީސްގެ އަތްޕުޅުން އެ ޝަރަފު އޭނާ ހޯދައިފި އެވެ. މިރަށުގައި ވެސް އޭނާ ތައުލީމީ ރެކޯޑުތަކެއް ހަދައިފި އެވެ.

އަލީ އަރުޝަމަކީ މި ރަށުގައި ހުރެގެން އެ ނަތީޖާ ހޯދި ހަމައެކަނި ދަރިވަރެވެ. އަރުޝަމް މާލެ ނުގޮސް އަމިއްލަ ރަށުގައި މަޑުކޮށްގެން އޭލެވެލް ފުރިހަމަކުރީ ރަށު ސްކޫލްގައި ކިޔަވައިގެން ވެސް މޮޅު ނަތީޖާއެއް ހޯދިދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ އެވެ.

އަރުޝަމް ވަނީ މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން މުޅި ރާއްޖެއިން އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ އޭލެވެލްގެ ފިޒިކްސް އިން ރާއްޖެއިން އެއްވަނަ ވެސް ހޯދައިފަ އެވެ.

އަރުޝަމް މަންމަ އަދި ބައްޕައާއެކު
އަރުޝަމް މަންމަ އަދި ބައްޕައާއެކު

އަލީ އަރުޝަމަށް އޭނާގެ ތައުލީމީ ހަޔާތުގައި އޭ ނޫން އެހެން އެއްޗެއް ލިބިފައެއް ނުވެ އެވެ. އޭނާ ވަނީ އޯލެވެލް އިމްތިހާނުން ވެސް ހުރިހާ މާއްދާއަކުން އޭ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ހަޔާ ސެކަންޑްރީ ދަރިވަރުގެ މަގާމު ވެސް ހޯދައިފަ އެވެ. މިއީ މި ރަށުގެ ވަރަށް މަދު ކުއްޖަކަށް ނޫނީ ލިބިފައިވާ ކާމިޔާބީއެއް ނޫނެވެ.

“އާއިލާގެ އެންމެން ވެސް ބުނާނެ އޯލެވެލްގައި ހޯދި ފަދަ ނަތީޖާއެއް އޭލެވެލްގައި ވެސް ހޯދަން ވާނެއޭ. އާއިލާ މީހުން އެކަންޏެއް ނޫން. މުދައްރިސުންނާއި ގާތް ރަހުމަތްތެރިން ވެސް ބުނާނެ އެހެން. އަސްލު އެ މީހުންގެ އެ ހިތްވަރުދިނުމުގެ ބަސްތައް އެންމެ ބޮޑު މޯޓިވްއަކީ،”

އަރުޝަމަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ-- ފޮޓޯ ރައީސް އޮފީސް
އަރުޝަމަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ– ފޮޓޯ ރައީސް އޮފީސް

އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރަން ނިންމައިގެން ހުރި އަރުޝަމްގެ ދެން އޮތް ހުވަފެނަކީ މަތީ ތައުލީމް ހާސިލު ކުރަން ދާ ޔުނިވަސިޓީން ވެސް މިކަހަލަ މޮޅު ނަތީޖާތަކެއް ހޯދުމެވެ.

އޭ ލެވެލް އިމްތިހާނަށް ތައްޔާރުވިއިރު، އެކި ސެމިސްޓާތަކުގައި ބައެއް މާއްދާތަކުގެ ޓީޗަރުން ބަދަލުވަމުން ދިއުމުގެ ސަބަބުން އަރުޝަމަށް އުނދަގޫތަކެއް ވަނީ ދިމާވެފަ އެވެ. ހާއްސަކޮށް ފިޒިކްސް ކިޔެވުމުގައި ދިމާވި އުނދަގޫތައް ގިނަ އެވެ. އެކަމަކު ފިޒިކްސް އިން މުޅި ރާއްޖެއިން އެއްވަނަ ހޯދިއިރު އެކަމަށް އޭނާ ވަނީ ބުރަ މަސައްކަތްތަކެއްކޮށްފަ އެވެ.

“ހީކުރީ އެންމެ އުނދަގޫވާނީ ފިޒިކްސް ކަމަށް. އެހެންވެ އިތުރަށް މަސައްކަތްކޮށް ނޭނގޭ އެއްޗެހި އެހެން މުދައްރިސުން ކައިރިން ވެސް އޮޅުންފިލުވައި އަދި ހަފްތާ ބަންދުތަކުގައި މާލެ ގޮސް ސީއެޗްއެސްސީ ޓީޗަރެއް ކައިރިން ޓިއުޝަން ނެގީ. މިގޮތަށް މަސައްކަތް ކުރެވުނީމަ އެހާ ރަނގަޅު ނަތީޖާއެއް މި ލިބުނީ،” އަރުޝަމު ބުންޏެވެ.

އަރުޝަމް އެދެނީ ހުރިހާ ދަރިވަރުން ވެސް ހިތްވަރު އެލުވާނުލައި އަޒުމެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަށެވެ. އޭރުން ކާމިޔާބީ ހާސިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.