ނަމޫނާ ދެމަފިރިއެއް!

A3
ޒުލޭހާ ޔަހުޔާ (ކ) މުހަންމަދު އަލީ (ވ)

މިއީ ނަމޫނާ ދެމަފިރިއެކެވެ. ނަމޫނާ މަންމައަކާއި ބައްޕައެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މި ވަރުގެ އެހެން ދެމަފިރިއަކު މުޅި ރާއްޖޭގައި އަތްފުނާ އެޅިޔަސް ދެން ނުފެނުމަކީ ގާތް ކަމެކެވެ. މުޅި އޭދަފުށީހާވައި ބެލިއިރު ވެސް، އެހާ ގިނަ ދަރިންގެ މަންމަ އަކާއި ބައްޕައަކަށް ވެ ތިބެ، އެ ކުދިން އެންމެ ރަނގަޅު ގޮތުގައި ބޮޑުކުރުމުގައި އެވަރުގެ ދެ “ތަރިން” ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުފެނުނެވެ.

މިއީ، އަޅުގަނޑު އަބަދުވެސް، ފަޚުރުވެރިވާ ދެމަފިރިއެކެވެ. އަޅުގަނޑުގެ ވެސް، ތިމާގެ، އަދި ޚުދު އަޅުގަނޑު ވެސް ނަމޫނާއަކަށް ބަލާ ދެމަފިރިއެކެވެ. އެހެންވެ، އޭދަފުށީ ޑޭޒީވިލާ މުހަންމަދު އަލީ (މޮހޮނދު/ ކުޑާލި މޮހޮނދު ނުވަތަ އަޅުގަނޑު ކިޔާގޮތުން ނަމަ މޮހޮނދުބޮޑޭ) އާއި ޒުލޭހާ ޔަހުޔާ (ދަލޭކަ/ އަޅުގަނޑު ކިޔާ ގޮތުން ދައިތަ) ދަރިންގެ ޒިންމާއިން އަތްފޮޅާލި އިރު، އެ ދަރިން، އަގުހުރި ދަރިންތަކަކަށް ހެދުމުގައި ބޭނުންކުރި ފޯމިއުލާއަކީ އެހެން މީހުންނަށް ވަރަށް ބޮޑު އިބުރަތެކެވެ.

އެ ދެމަފިރިން ކައިވެންޏަށް މިހާރު 54 އަހަރު ވީ އެވެ. ދެމަފިރިންގެ ޖުމްލަ 18 ކުދިން ދުނިޔެ އަށް ނޭވާ ލި އެވެ. އެކަމަކު މިހާރު ދުނިޔޭގައި ތިބީ 13 ދަރިންނެވެ. އެ ހުރިހާ ދަރިއެއްގެ ވަކިވަކި ތާރީހު ލިޔުމުގެ ބަދަލުގައި އޭގެ ތެރޭގައި މާސްޓާސް ހަދާފައިވާ ފަސް މީހުން އެބަ ތިއްބޭ ބުނެ ނިންމާލުން މާ ރަނގަޅެވެ. ތޭރަ ދަރިންގެ ތެރޭގައި ޖުމްލަ އަށް ދަރިއަކު ޑިގްރީ ނަގާފައިވާއިރު، ދެން ތިބި ބައެއް ދަރިން ވަނީ މަތީ ތައުލީމު ނިންމައިފަ އެވެ. އޭނާގެ ދަރިންގެ ތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި އިންޖިނޭރުންނާއި އާގުބޯޓުފަހަރުގެ ކެޕްޓަނުންނާއި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ލެބް ޓެކްނީޝަނުންނާއި ނަރުހުން ވިޔަފާރިވެރިން ވެސް ހިމެނެ އެވެ. އެކަމަކު އެންމެ ހާއްސަ އުފަލަކީ، މޮހޮނދުބޮޑޭ ބުނާ ގޮތުން “އެހާ ބައިވަރު ކުދިން ރަނގަޅު ދަރިންތަކެއްގެ ގޮތުގައި ބޮޑުވެ އެއްވެސް ކުއްޖަކު ‘ގެއްލިގެން ނުގޮސް’ ޒިންމާދާރު މައިންބަފައިންގެ ގޮތުގައި ދިރިއުޅޭތީ” އެވެ.

ހަގީގަތުގައި ވެސް އެއީ ވަރަށް ހާއްސަ އުފަލެކެވެ. އަޚުލާގު ރަނގަޅު، އިލްމީ، އަދި މައިންބަފައިން ދެކެ ލޯބިވާ ދަރިންތަކެއް ތިބުމަކީ ކޮންމެ މަޔަކަށް ވެސް އަދި ބަފަޔަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފަލެކެވެ. އެ ތަރިތައް މޭމަތީގައި ޖަހައިގެން އެ ދެމަފިރިން މިއަދު އުފާ ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ، ބައެއް މީހުން ކިތަންމެ މަސައްކަތެއް ކުރިޔަސް، ކިތަންމެ ފައިސާއެއް އޮއްސިޔަސް ހާސިލް ވެފައި އެ އުފާ ހާސިލް ވެފައި ނެތީތީ އެވެ. އަނެއްކޮޅުން މައިންބަފައިން އަޅާ ނުލިޔަސް، އަދި މައިންބަފައިން ކިތަންމެ ފަގީރަސް ބަސް އަހާ ދަރިންތަކެއް އުފެދުމަކީ ވެސް ހަމަ ފެނިފައި ހުރި މަންޒަރެކެވެ. އެކަމަކު، މި 13 ދަރިން ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުވީ އޮޓަމެޓިކަކުން ނޫނެވެ. އަޅާ ނުލައި ތިއްބައެއް ވެސް ނޫނެވެ. އެ ދަރިން އަމިއްލަ ދިރިއުޅުމުގެ ވާފަށުގައި ހިފަންދެން މި ދެމަފިރިން ވަނީ އެއިން ކޮންމެ ދަރިއަކާ އެކު ތާރީހީ އުނދަގޫ ދަތުރެއް ކޮށްފަ އެވެ.

“ދަރިން ބަލާ ބޮޑުކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން،” މިހާރު އުމުރުން 72 އަހަރުގެ ދައިތަ ވަރަށް ކުރުކޮށް ބުންޏެވެ. “އެހާ ބައިވަރު ކުދިން ކިޔަވައި، އެ ކުދިން ސްކޫލަށް ފޮނުވައި އެ ކުދިންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުމާއި ގޭތެރޭގެ އެހެނިހެން މަސައްކަތްތައް ކުރުމަކީ އެ ޒަމާނުގައި އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން.”

ދަރިންނަށް މަތީ ތައުލީމެއް ދިނުމަކީ މޮހޮނދުބޮޑޭމެންގެ ޒުވާން ދުވަސްވަރު މާ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ނޫނެވެ. އޭރުގެ އެއް ވިސްނުމަކީ ގިނައިން ދަރިން ހޯދުމެވެ. ދަރިން ބޮޑެތިވެ އަންހެން ކުދިން ގޭތެރޭގައި މަސައްކަތުގައި، އަދި ފިރިހެން ދަރިން ބައްޕަގެ މަސައްކަތުގައި އުޅުމަކީ އޭރު މައިންބަފައިންގެ އާންމު ވިސްނުމެވެ. ކިޔަވަން ރަށުން ބޭރަށް ނުވަތަ ވަޒީފާ އަށް ފޮނުވައިފި ނަމަ ރަށުން ބޭރު މީހަކާ އިނދެ ލޯމަތިން ދަރިން ގެއްލިގެން ހިނދާނެ ކަމުގެ ނުރައްކާތެރި ރަނގަބީލު އޭރު ކޮންމެ ދެމަފިރިއެއްގެ ވެސް ހިތުގައި ޖަހަމުން ދެ އެވެ. އެހެންވެ، ތައުލީމު މުހިންމު އެއްޗަކަށް ނުވި ޒަމާނެއް ރާއްޖޭގައި ފާއިތުވެގެން ދިޔަ އެވެ. އެކަމަކު، އެ ޝައްކުތަކާއި ވަހުމްތަކުން މޮހޮނދުބޮޑޭ ވެސް ހޭލައްވާލި އެވެ؛ މެދުވެރިއަކީ ރަށުން ބޭރު މީހެކެވެ. ދަރިންގެ މަތީ ތައުލީމަކީ ކިހާ މުހިންމު އެއްޗެއް ކަން މޮހޮނދުބޮޑޭ އަށް ވިސްނައިދިނީ އޭދަފުއްޓަށް އަރުވާލައިފައި ހުރި މީހެކެވެ. މޮހޮނދުބޮޑޭގެ ދޮށީ ފިރިހެން ދަރި، މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ފެނިފައި އޭނާ، އަހުމަދު ރަފީއު އަށް ކިޔަވައިދޭން އެދުނު ކަމަށް މޮހޮނދުބޮޑޭ ބުންޏެވެ.

“އެއީ މި ރަށަށް އަރުވާލައިފައި ހުރި ނައިފަރު އަހަންމަދު ކިޔާ މީހެއް. އޭނަ ބުނި މި ރަށުގައި ހުރެފައި ތިމަންނަ އަހަންމަދު ގެންދާނީ ނައިފަރަށޭ ކިޔަވައިދޭން،” އެތައް އަހަރެއްގެ ކުރިއަށް ޖެހިލާފައި މޮހޮނދުބޮޑޭ ހަނދާންތައް ބަންޑުންކޮށްލި އެވެ. “ކުރިއަކުން ދުވަހަކު ވެސް ވިސްނައިފައެއް ނެތް ދަރިންނަށް އެހާ ބޮޑު ތައުލީމެއް ދޭކަށް. އެކަމަކު ހަމަ އެ ދުވަސްކޮޅު ތިނަދޫ މުހުސިންއޭ ކިޔާ މީހަކު އިބްރާހިމް (މިހާރު މެރިން ދާއިރާއިން މާސްޓާސް ހަދައި ބޮޑެތި އާގުބޯޓުފަހަރުގެ ކެޕްޓަންކަން ކުރާ އިބްރާހިމް ރަފީއު) މާލެ ގެންގޮސް ކިޔަވައިދޭން ބޭނުންވި. އެ ހިސާބުން ދެން އެހެން ކުދިންނަށް ވެސް ކިޔަވައިދޭން ވިސްނީ.”

A2

ކިޔަވައިދިނުމަކީ ކުރަން ޖެހޭ، އަދި ނުކޮށްދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަން މޮހޮނދުބޮޑޭގެ ސިކުނޑި އަށް އައީ އެ ހިސާބުންނެވެ. އެކަމަށް މޮހޮނދުބޮޑޭގެ ދެމަފިރިން އަތުކުރި އޮޅާލީ އެއާ އެކު ކަމަށް މޮހޮނދުބޮޑޭ ބުނެ އެވެ.

“ދެން ތިބި ކުދިން ވެސް ހަމަ ގްރޭޑް 7 ނިންމާއިރަށް މާލެ ފޮނުވަން ފެށީ. އެކި ގޭގޭގައި ބައިތިއްބައިގެން ކިޔަވައިދެމުން ދިޔައީ،” މިހާރު 83 އަހަރުގެ މޮހޮނދުބޮޑޭ ބުންޏެވެ.

ހަރުދަނާ ލީޑާޝިޕެއްގެ ދަށުން ދަރިން ބޮޑެތި ކުރުމުގައި މޮހޮނދުބޮޑޭ އަށް އޭނާގެ ތަނަވަސްކަން ވެސް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. މޮހޮނދުބޮޑޭގެ ބެލުމުގެ ދަށުގައި ތިން ފަޅު ރަށް އޮތްއިރު، އެއީ މުޅި ރަށުގައި ވެސް ހުރި އެންމެ ތަނަވަސް އަދި ބިޒީ އެކެކެވެ. ރަށުގައި އޭނާ އަކީ ވަރުގަދަ، ބަސް ވިކޭ ލީޑަރެކެވެ. އުމުރުގެ ބޮޑުބައި ހޭދަކުރީ އަމިއްލަ ދޯނިފަހަރު ދުއްވުމުގަ އެވެ. އެހެންވެ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ޓަކައި ފައިސާގެ ގޮތުން އެ ދެމަފިރިން ކުރިމަތިވި އެއްވެސް ހުރަހެއް ނެތެވެ. ދައިތަ ބުނާ ގޮތުން މާލޭގައި ކިޔަވަން ބައިތިއްބާ ކޮންމެ ދަރިއަކަށް “50 ކާއްޓާއި 50ރ. ދިނުމަކީ އެހާ އުނދަގޫ ކަމެއް ނޫނެ”ވެ.

އެކަމަކު މޮހޮނދުބޮޑޭ ބުނަނީ މުޅިން އެހެން ވާހަކައެކެވެ؛ ދަރިން ތަރުބިއްޔަތު ކުރުމުގައި ހަމައެކަނި ތަނަވަސްވުމަކުން ވެސް ނުފުދެ އެވެ. މުއްސަނދިންގެ ދަރިން ވެސް، އަދި އެންމެ ދެތިން ހަތަރު ދަރިން ލިބިފައިވާ މީހުންގެ ދަރިން ވެސް ހަލާކުވެގެންދާ މަންޒަރުން މޮހޮނދުބޮޑޭ މިސާލު ނެގި އެވެ.

“މިހާރު ވެސް އެބަ ފެނޭ އެތަން. އެއީ ކިހާ ބޮޑު ހިތާމައެއް،” މޮހޮނދުބޮޑޭ ބުންޏެވެ. “ދަރިންނަށް ކިޔަވައިދޭން މައިންބަފައިން މަސައްކަތް ކޮށްދޭން ޖެހޭ ހަމަ ބުރަކޮށް. އެއީ ހަމައެކަނި ބުނެލައިގެން ފުރިހަމަވާ ކަމެއް ނޫން. ބޮޑޭގެ ކުދިން އަމިއްލަ އަށް ވެސް ކިޔަވަން މަސައްކަތް ކުރި. ވަކި ހިސާބަކަށް ދިޔައީމަ ބޮޑޭ އެ ކުދިންނަށް ކޮށްދެވުނު ކަމެއް ކޮށްދެމުން އައީ ވެސް.”

ޑޭޒީވިލާގޭ ފުރާޅުގެ ދަށުން ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑެތިވެ ކިޔަވައިގެން ނުކުތީ ހަމައެކަނި އެ ދެމަފިރިންގެ ދަރިން އެކަންޏެއް ނޫނެވެ. ބ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ނިކަމެތި އާއިލާތަކުގެ ދަރިން އެ ދެމަފިރިންގެ އެހީތެރިކަމާއި މުއްސަނދި ތަރުބިއްޔަތު ލިބިގެން ބޮޑެތިވެ، މަތީ މަގާމުތަކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ރ. އަތޮޅުގެ ބައެއް ރަށްރަށުގެ ކުދިން ވެސް ހިމެނެ އެވެ. ފިރިމީހާގެ މުޅި އުމުރު ބުރަ މަސައްކަތުގައި އުޅުނުއިރު، ގޭތެރޭގެ ހުރިހާ ޒިންމާއެއް ނަގައިގެން ދެކޮޅަށް ދުވެލަދުވެލަ ހުންނަން ޖެހުނީ ދައިތަ އެވެ.

ދައިތަ ބުނާ ގޮތުން، ޒުވާން އުމުރުގެ ބޮޑުބައި ދަރިން ވިހައި ބޮޑެތި ކުރުމުގެ އުނދަގޫ ޒިންމާ އަދާކުރިއިރު، ހުރިހާ ޝުކުރެއް ވެސް އޮތީ ތިމާގެ މީހުންނާއި އަވައްޓެރިންނާއި ރައްޓެހިންނަށެވެ.

“އުޅޭ ގޯތި ކޮންމެ ދުވަހަކު ކުނި ކަހައި ބެލެހެއްޓުން އެކަނި ވެސް އެއީ ކުޑަ ކަމެއް ނޫން. ބޮޑޭ ގެންގުޅޭނެ ތިން ފަޅު ރަށް. ދޯނިފަހަރު. ގޭގައި އެކި ރަށްރަށުގައި އެތައް ބައިވަރު ކިޔަވާ ކުދިންނެއް ތިބޭ. މި ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން އަދި އެހާ ބައިވަރު ކުދިން ބަލާ ބޮޑުކުރުމަކީ ހަމަ ވަރަށް ބޮޑު ކަމެއް،” ރަށުގައި ހުރެ ފޯނުން ދިން އިންޓަވިއުއެއްގައި ދައިތަ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބުންޏެވެ. “ހީވަނީ ޔާސިރު (ޔާސިރު ރަފީއު) ބަލިވެގެންހެން. މާލޭގައި ކިޔަވަން ހުއްޓާ އެ ސޮރު ބަލިވެގެން ދައިތަ ދިޔައިން ދޯންޏަކަށް އަރައިގެން އެކަނިމާއެކަނި ތިން ކުދިން ގޮވައިގެން ވެސް. އެކަހަލަ ކިތަންމެ ކަމެއް ކުރަން ޖެހުނު.”

ތޭރަ ދަރިން ބޮޑުކުރިއިރު، އަދި އެންމެ ދޮށީ ދަރީގެ އުމުރު 50 އިން މައްޗަށް ދިޔައިރު އެ ދެމަފިރިން ވަނީ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލައިފަ އެވެ. ގިނަ ދަރިންގެ މިޒާޖު އެއް ދަރިއަކާ އަނެއް ދަރިއެއްގެ ވަރަށް ތަފާތެވެ. އެހެން ނަމަވެސް، ކެތްތެރިކަމާ އެކު ވިސްނައިގެން އެޅި ފިޔަވަޅުތަކުން ރަނގަޅު ނަތީޖާއެއް ނުކުތް ކަމަށް މޮހޮނދުބޮޑޭ ބުންޏެވެ. ދަރިން ބޮޑެތި ކުރުމުގައި މާ ހާއްސަ ފޯމިއުލާއެއް، ހާއްސަ ސިއްރުތަކެއް ނެތަސް، މޮހޮނދުބޮޑޭ ބުނާ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ މީގައި އޮތް އެންމެ މުހިންމު ކަންތަކެވެ.

“އިލޮށިފަތި ހިފައިގެން ފަހަތުން ދުވަން ޖެހޭ ފަހަރު ދުވަން ވެސް ޖެހޭ. އެހެން ހަދަން ޖެހުނީމަ ހަދަން ވެސް ޖެހޭނެ. ކުދިންނަށް އަދަބު ދޭން ޖެހޭ ވަގުތު ދޭން ޖެހޭ އަދަބު ދޭން ޖެހޭނެ. އެކަމަކު މި ޒަމާނުގައި އެކަމެއް ނޯވޭ. ދަރިން މައިންބަފައިންނަށް ވުރެ މާ މަތީގައި ތިބެނީ. އެ ގޮތް އެއްގޮތަކަށް ވެސް ކަމަނުކުދާނެ. ބޮޑޭ ދަރިންނަށް ހަރުކަށިކަމެއް ނުދައްކަން. އެކަމަކު ފިޔަވަޅު އަޅަން ޖެހޭ ވަގުތު ފިޔަވަޅު އަޅަން. އެއްވެސް ދަރިއަކު މިހާރަކު ވެސް ނުހުންނާނެ ކުރިމަތީގައި އެއްޗެއް ބުނަން ކެރޭ. ހުރިހާ ދަރިން ވެސް ދައިތަ އާއި ބޮޑޭ ދެކެ ވަރަށް ލޯބި ވާނެ.”

މޮހޮނދުބޮޑޭ އާއި ދައިތަގެ ފޯމިއުލާއަކީ މިއީ އެވެ؛ ދަރިންނަށް ދޭން ޖެހޭ ނަސޭހަތް ކޮންމެ އިރަކު ވެސް ދެ އެވެ. ދަރިންނާ އެކުވެރި ގުޅުމެއް ބާއްވަ އެވެ. ހަރުކަށި ކަމެއް ނުދައްކަ އެވެ. އަދި އެއް ދަރިއަކު އަނެއް ދަރިއާ ގުޅުން ބޭއްވުމަކީ އެ ދެމަފިރިން ބާރު އެޅި އެއް ކަމެވެ. މިއަދު އެ ހުރިހާ ދަރިންގެ މެދުގައި އޮތް ގާތް ގުޅުމަކީ އޭގެ ނަތީޖާ އެވެ.

މުހައްމަދު އަލީގެ އާއިލާގެ މެމްބަރުންގެ ތާރީހީ ފޮޓޯއެއް 1990ގެ ކުރީކޮޅު / ފޮޓޯ: މުހައްމަދު އަލީގެ އާއިލާ
މުހައްމަދު އަލީގެ އާއިލާގެ މެމްބަރުންގެ ތާރީހީ ފޮޓޯއެއް 1990ގެ ކުރީކޮޅު / ފޮޓޯ: މުހައްމަދު އަލީގެ އާއިލާ

މޮހޮނދުބޮޑޭ އަށް ކާފަ ކިޔާ 32 ކުދިންނާއި މުނިކާފަ ކިޔާ ކުއްޖަކު ވެސް މިހާރު ދުނިޔޭގައި އެބަތިއްބެވެ. ތޭރަ ދަރިން ނަމޫނާ ދަރިންތަކަށް ހަދައި ކޮންމެ ދަރިއަކު ވެސް އަމިއްލަ މަސައްކަތުން އުޅެން ދޫކޮށްލުމަށް ފަހު، ދަރިން ބަލައިބޮޑުކުރުމުގެ މަސައްކަތުން ދެމަފިރިން އެތިބީ ރިޓަޔާކޮށްފަ އެވެ. އެކަމަކު ފަޚުރާއި ޝަރަފުގަ އެވެ. އަރާމާއި ހިތްހަމަޖެހުމުގަ އެވެ.

“މިހާރު ވަރަށް ބަލި. އެކަމަކު އޭގެ އެއްވެސް ހިތާމައެއް އަސްލު ވެސް ނެތް. އެންމެ ބޮޑު އުފާ ބޮޑޭ އަށް އޮތީ ލިބިފައި. އެއަށް ވުރެ ބޮޑު ނަސީބެއް ކޮބާ؟” ދަރިންނަށް އިޝާރާތްކޮށް މޮހޮނދުބޮޑޭ ބުންޏެވެ. “އެ ކުދިން އެއްތާކު، ވަރަށް ގުޅިގެން އުޅޭތަން ފެނުނީމަ އެއީ ދެން ވަރަށް ބޮޑު އުފަލެއް.”

ހަގީގަތުގައި ވެސް، ދުނިޔެމަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު އެ ދެމަފިރިންނަށް އެއޮތީ ލިބިފަ އެވެ. މިއީ، ހަމައެކަނި ނަމޫނާ މަސައްކަތެކޭ ބުނެލައި، އެކަން ފާހަގަކުރިޔަކަސް ނުވެއް ނިމޭނެ އެވެ. މިއީ ދެން ތިބި މީހުން ވެސް އިބުރަތް ހާސިލް ކުރަން ޖެހިފައިވާ ކަމެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވާ މައިންބަފައިން އެ ދެމަފިރިންގެ ދިރިއުޅުމުން ފިލާވަޅު ލިބިގަންނަން އެބަޖެހެ އެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ އާންމު މައްސަލައިގެ އެއް ހައްލު އެ ދެމަފިރިން މިއޮތީ ހޯދައިދީފަ އެވެ. ދަރިން ކިތަންމެ ގިނަޔަސް، އެއްވެސް ކުއްޖަކު ނުބައި މަގަކުން ދިޔަ ނުދީ ހިފެހެއްޓިދާނެކަން އެ ދެމަފިރިން އެއޮތީ ސާބިތުކޮށްދީފަ އެވެ. އަނެއްކޮޅުން، މަގުމައްޗަށް ވެއްޓެމުންދާ ޒުވާނުން ގިނަ ޒަމާނެއްގައި އެ ދެމަފިރިންގެ ފޯމިއުލާ އަކީ ބޭނުންކުރަން ވެއްޖެ ފޯމިއުލާއެކެވެ. ހަމައެއާ އެކު ދިރިއުޅުމެއް ފަށައިގެން ދަރިން ބޮޑުކުރުމުގެ ޒިންމާ ނަގަން ތައްޔާރުވެފައި ތިބި، އަދި ދަރިން ތަރުބިއްޔަތު ކުރަމުންދާ ޒުވާން ޖީލަށް މޮހޮނދުބޮޑޭ އާއި ދައިތަ ދައްކައިދިން ފިލާވަޅު ހިތު ދަސްކުރަން ވެސް ވެއްޖެ އެވެ. މިއީ ދުވަހަކު ވެސް އެކްސްޕެއާ ވާނެ މިސާލެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.