އޮސްކާ އެވޯޑު 2014 ގެ ފިލާވަޅު: ހޮލީވުޑްގައި އަންހެނުން ކުރިހޯދަނީ

Cate-Blanchett
ކޭޓް ބްލޭންޝެޓް އޮސްކާ އެވޯޑާއެކު

އަހުމަދު ހަމްޒަތު

އިނގިރޭސި ފިލްމްތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ ހަފުލާ މި މަހުގެ 2 ވަނަ ދުވަހު އެމެރިކާގައި ބޭއްވިއިރު، ލައިވްކޮށް ބަލަމުންދިޔަ އެއް ބިލިއަނަށް ވުރެ ގިނަ ބެލުންތެރިންނަށް ލިބެމުން ދިޔައީ ވަރަށް ވެސް ފޮނި މެސެޖެކެވެ: އެއީ ފިރިހެނުންނެކޭ އެއްވަރަށް ފިލްމީ ދާއިރާގައި އަންހެނުން ވެސް ފައިތިލަ ސާބިތު ކުރަމުން އަންނަ ކަމެވެ.

ހަފުލާގައި އެވޯޑު ލިބުނު ފަރާތްތައް ފާޅުކުރި ޝުކުރުގެ މެސެޖްތަކުގެ ތެރެއިން އެންމެ ހަނދާނުން ނުފެހެލެވޭ ފަދަ ވާހަކައެއް ބުނެފައިވަނީ “ބްލޫ ޖޭސްމިން” އިން އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި ކޭޓް ބްލޭންޝެޓް އެވެ. އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ކޭޓް ވެގެން ދިޔައީ އެ ގައުމުގެ ބަތަލާއިން ކުރެ އޮސްކާ އެވޯޑު ދެ ފަހަރަށް ކާމިޔާބުކޮށް، ރެކޯޑެއް ގާއިމު ކުރި ބަތަލާއަކަށެވެ. އޭނާ ވަނީ 2004 ގައި މާޓިން ސްކޯސެސީސްގެ “ދި އެވިއޭޓާ”އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ ހޯދައިފައެވެ.

ވުޑީ އެލެންގެ “ބްލޫ ޖޭސްމިން” އިން މި ފަހަރު އެންމެ މޮޅު ލީޑް ބަތަލާގެ އޮސްކާ ލިބުމާއެކު ސްޓޭޖަށް އެރުމަށް ފަހު ކޭޓް ބުނީ “އަންހެނުން މައި ރޯލު އަދާކުރާ ފިލްމްތައް ވެސް ބެލުމަށް އެތައް ބަޔަކު މިހާރު ޝައުގުވެރިވާ” ކަމަށެވެ. އަދި މިހެންވެ، އަންހެނުންނަށް ލީޑު ރޯލުތައް ދީ، އެ ފަދަ ފިލްމްތައް ހެދުމަށް އޭނާ ހޮލީވުޑަށް ގޮވައިލިއެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ކޭޓް އަށް މި ލިބުނު އެވޯޑަށް މި ފަހަރު އެންމެ ބޮޑަށް ވާދަކުރީ “ސްޕީޑް”އިން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ، 2009 ގައި “ދަ ބްލައިންޑް ސައިޑް”އިން އެންމެ މޮޅު ލީޑު ބަތަލާގެ އޮސްކާ އެވޯޑު ހާސިލު ކުރި ސަންޑްރާ ބްލޮކް އެވެ. މި ފަހަރު 7 އޮސްކާ އެވޯޑު ހޯދައި، މުޅި ހަފުލާގެ އެންމެ ކާމިޔާބު ފިލްމް ކަމަށްވި، އަދި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ވެސް ލިބުނު އަލްފޮންސޯ ކުއެރޮންގެ “ގްރެވިޓީ”ގައި މުޅި ފިލްމް ހިފަހައްޓާލަނީ ސަންޑްރާގެ އެކަނި ކުޅަދާނަ ކަމުންނެވެ.

މަދު މަންޒަރުތަކެއްގައި ޖޯޖް ކްލޫނީ ފެނިގެން ދިޔައަސް، “ގްރެވިޓީ”ގެ ބުރަދަން ބުރަކަށިމަތީގައި މުޅިންހެން ހިފަހައްޓާލަނީ ސަންޑްރާގެ ކުޅަދާނަ ޓެލެންޓުންނެވެ. މިއީ ދެ ފަހަރަށް އޮސްކާ އެވޯޑު ގެންދިޔަ ޓޮމް ހޭންކްސް ކުޅެފައިވާ “ކާސްޓްއަވޭ” އާއި “ދަ ޓާމިނަލް”ގެ އިތުރުން އޭޑްރިއަން ބްރޯޑީއަށް “ދަ ޕިއާނިސްޓް”އިން އޮސްކާ ލިބުނު ފަދައިން، އެންމެ މީހެއްގެ ހަރަކާތްތަކުގެ މައްޗަށް މުޅި ފިލްމްހެން ބިނާވެގެން ދިޔަ މަދު މޮޅު ފިލްމްތަކުގެ ތެރެއިން ފިލްމެކެވެ. އަދި މިހެންވެ، ހިތާމަވެރި ޖައްވީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މޮޅު ތްރީޑީ ފިލްމް “ގްރެވިޓީ”ން ސަންޑްރާއަށް ދެވަނަ އޮސްކާ އެވޯޑު ލިބުމުގެ ފުރުސަތު ވެސް އޮތް ކަމަށް ގިނަ ކްރިޓިކުން ބުނަމުން ގޮސްފައިވެއެވެ.

“‘ގްރެވިޓީ އަކީ މުޅި ފިލްމް ސަންޑްރާގެ ކޮނޑުގައި އުފުލި ފިލްމެއް. ‘ކާސްޓްއަވޭ’ގައި ޓޮމް ހޭންކްސް އަށް ނޫނީ ނުކުޅެވޭނެ ފަދަ ރޯލެއް ސަންޑްރާ ފުރިހަމަ ކޮށްފައިވޭ،” ފިލްމަށް ފާޑުކިޔާ އެކަކު ބުނެފައިވެއެވެ.

ސެންޑްރާ ބްލޮކް އޮސްކާ ހަފްލާގެ ތެރެއިން
ސެންޑްރާ ބްލޮކް އޮސްކާ ހަފްލާގެ ތެރެއިން

ކުއެރޮން ވެސް ބުނެފައިވަނީ މިހެންނެވެ: “ސަންޑްރާ ނުލިބުނު ނަމަ، މި ފިލްމް އެއްޗަކަށް ނުވީސް. އޭނާ މި ރޯލު ދޫކޮށްލަން ވެސް އެއް ފަހަރު ނިންމި. އެއީ މި ފިލްމް ހެދުމަށް ބޭނުންވާ ޓެކްނޮލޮޖީ އީޖާދު ކުރުމަށް މުޅިއެކު ހަތަރު އަހަރު ނެގީތީ، އޭނާގެ ޝެޑިއުލްތަކާ ވެސް ފުށުއަރާތީ. ނަމަވެސް އެކަން އެހެން ނުވެ، ސަންޑްރާއަށް މި ފިލްމް ފުރިހަމަ ކުރެވުމުން އަހަރެންގެ ސިކުނޑިއަށް ވަރަށް ބޮޑު ލުއި ކަމެއް ލިބިގެންދިޔަ،” ހެރީ ޕޮޓާގެ ހަތް ފިލްމްގެ ތެރެއިން ބެލުންތެރިންނަށް އެންމެ މަގުބޫލުވި “ޕްރިޒަނާ އޮފް އަޒްކަބާން” ވެސް ޑައިރެކްޓް ކުރި ކުއެރޮން ބުންޏެވެ.

ބައިނަލްއަގުވާމީ ވިޔަފާރިވެރިންގެ މަޖައްލާ “އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް”އިން ބުނެފައިވަނީ ކޭޓް ބްލޭންޝެޓް އަކީ “އަހަރެމެންގެ ޖީލުގެ އެންމެ މޮޅު ބަތަލާ” ކަމަށެވެ.

“އޭނާ އުޅޭ ކޮންމެ ފިލްމެއްގައި ފެންނަނީ އޭނާއެއް ނޫން. ނަމަވެސް އެ ކުޅޭ ރޯލްގެ ޝަހުސިއްޔަތު. މިއީ ސަންޑްރާ ބްލޮކް އަށް ވެސް އަދި (‘އެރިން ބްރޮކޮވިޗް’އިން އޮސްކާ ހޯދި) ޖޫލިއާ ރޮބަޓްސް އަށް ވެސް ނުކުރެވޭ ކަހަލަ ކަމެއް،” އެ ނޫހުގެ ލިޔުންތެރިޔާ ޕީޓާ މެލްބިން ލިޔެފައިވެއެވެ.

“ބްލޫ ޖޭސްމިން”ގައި ދައްކައިދެނީ މުއްސަނދި އަންހެނަކަށް އޭނާގެ ތަނަވަސްކަމާއި ފިރިމީހާ ވެސް ގެއްލި، އަދި އެންމެ ފަހުން ބޯހިޔާވަހިކަން ވެސް ބީވެގެން ގޮސް، ދުނިޔެއިން މޮޔަވާ ގޮތެވެ. މި ފަދަ ވޭންދެނިވި މީހެއްގެ ހަޔާތް ކޭޓް ހުށަހަޅައިދީފައިވަނީ ވަރަށް ވެސް ފުރިހަމަކޮށް ކަމަށް ކްރިޓިކުން ބުނެއެވެ. “ޖޭސްމިންގެ ޝަހުސިއްޔަތާއި މޫޑުތައް އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުން އަންނަ ގޮތް ކޭޓް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވޭ. މިއީ ކޭޓް ފަދަ ކުޅަދާނަ ބަތަލާއަކަށް ނޫނީ ނުކުޅެވޭނެ ފަދަ ނާދިރު ރޯލެއް،” މެލްބިން ލިޔެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.