1400 ކުދިންގެ “މަންމަ”

ހަސީނައްތަ އީޓީ އަށް އިންޓަވިއު ދެނީ-- އީޓީ ފޮޓޯ/ ތޯރިގް
ހަސީނައްތަ އީޓީ އަށް އިންޓަވިއު ދެނީ– އީޓީ ފޮޓޯ/ ތޯރިގް

ސިއްހީ ގޮތުން އެއްވެސް ކަހަލަ ހިދުމަތެއް ނެތް ޒަމާނެއް މުޅި ރާއްޖޭގައި ވެސް ދިޔަ އެވެ. އޭރު ރަށްރަށުގައި ސިއްހީ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ރަށުގައި އަމިއްލަ މީސްމީހުންނެވެ. އެ މީހަކަށް ލިބިފައިވާ ހުނަރެއްގެ ބޭނުން ހިފައިގެންނެވެ. ގައިގައި އަޅާ ބޭސްގަނޑު ވެފައި ވަނީ ރަށުގައި ހުންނަ މީހަކު ތައްޔާރުކޮށްދޭ އެއްޗަކަށެވެ. ވިހަން ވެއްޖިއްޔާ ވެސް އޮންނަނީ ހަމަ އެގޮތެވެ. ރަށުގައި ހުންނަ ކޮންމެ ވެސް މީހަކު އެކަން ކޮށްދޭން ޖެހެ އެވެ. މީހަކު ބަލިވެ އިނުމާ އެކު އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ ފޫޅުމާގެ މަތިންނެވެ. މި ރަށުގައި ނަމަ ހަސީނައްތަ (ގުލްބަކާގޭ ހަސީނާ މުހަންމަދު) ގެ މަތިންނެވެ.

“އެތަކެއް ސަތޭކަ ބަޔަކު ވިއްސިއިރު، ވިއްސުމުގެ ތެރޭގައި މަރުވީ އެންމެ މީހެއް”

މި ރަށުގައި ސިއްހީ އެއްވެސް ނިޒާމެއް ނެތްއިރު ހަސީނައްތަ އަކީ މި ރަށުގެ “އަންހެނުންގެ ހާއްސަ ޑޮކްޓަރެ”ވެ. ހަސީނައްތަ އަކީ ރާއްޖޭގައި ތިބި ފޫޅުމައިންގެ ތެރޭގައި ވެސް މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެކަކެވެ. އުމުރުން ދުވަސްވުމާ އެކު، އޭނާ މި މަސައްކަތާ ދުރުގައި ހުއްޓަސް، އޭނާގެ އަތްމަތިން މި ރަށު އެތަކެއް ކުދިންނަށް ދުނިޔެ އަށް ނޭވާލައިފި އެވެ. ހަމައެކަނި މި ރަށް އެކަންޏެއް ނޫނެވެ. އެންމެ ފުރަތަމަ އޭނާގެ އަތް ޖެހިލި އެތަކެއް ކުދިންނެއް ކައިރި ރަށްރަށާއި ކައިރި އަތޮޅުތަކުގައި ވެސް އެބަތިއްބެވެ. ހަސީނައްތަ އަކީ މީހުން ވިއްސުމުގެ ހާއްސަ ހުނަރެއް ލިބިފައިވާ މީހެކެވެ. ހާއްސަކޮށް، ވިއްސުމާއި ވިއްސުމުގެ ތެރޭގައި ދިމާވާ ކަންތައްތަކާއި އޭގެ ފަހުން މައިމީހާ އަށާއި ތުއްތު ދަރިފުޅަށް ދިމާވާ މައްސަލަތަކާއި ބަލިތަކަށް ފަރުވާކުރުމުގައި ހަސީނައްތަ އަކީ މުޅި މި ސަރަހައްދު ވެސް ގެރެންޓީ ދީފައިވާ ޝަޚުސިއްޔަތެކެވެ. އޭނާގެ ފޫޅުމާ ކަމުގެ ހިދުމަތަކީ މުޅި މި ރަށް ފަޚުރުވެރިވާނެ އަދި ޝުކުރުން ފުރޭނެ ޚިދުމަތެއްކަން ޔަގީނެވެ.

ހަސީނައްތަ އީޓީ އަށް އިންޓަވިއު ދެނީ-- އީޓީ ފޮޓޯ/ ތޯރިގް
ހަސީނައްތަ އީޓީ އަށް އިންޓަވިއު ދެނީ– އީޓީ ފޮޓޯ/ ތޯރިގް

އުމުރުން ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރުގައި މި ހިދުމަތަށް ހަސީނައްތަ ނުކުމެއްޖެ އެވެ. ދެހާސް އަށެއްގައި އޭނާ މި އަގުހުރި ހިދުމަތުން އަތްދޫކޮށްލިއިރު، 1400 އަށް ވުރެ ގިނަ ކުދިން ވަނީ ވިއްސައިފަ އެވެ.

ހަސީނައްތަ ފޫޅުމާ ކަމަށް ނުކުތީ ކަމާ ބެހޭ ކޯހެއް ވެސް ހަދައިގެންނެވެ. އެކަމަކު އޭގެ ކުރިން “އިއްތިފާގަކުން ނަމަވެސް” އޭނާ އަށް މީހަކު ވިއްސަން ޖެހުނެވެ.

“އެއީ އިއްތިފާގަކުން ދިމާވި ކަމެއް. އޭރު އަސްލު ނޭނގެ އެކަން ކުރާ ގޮތެއް ވެސް. އެކަމަކު އެފަހަރު ހަމަ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދިޔައީ. ކޯހަށް ފޮނުވީ އެކަމާ ގުޅިގެން،” ހަސީނައްތަ ބުންޏެވެ.

އިންޑިއާ މީހަކު ކިޔަވައިދިން ކޯހަށް ފަހު އޭނާ ހިދުމަތަށް ނުކުމެ، މި މަސައްކަތް ރަށުގައި ހިލޭ ކޮށްދޭން ފެށި އެވެ. އަތްގާތްކޮށްދޭނެ މީހަކު ވެސް ނެތި އެކަނިމާ އެކަންޏެވެ.

“ބައެއް ދުވަސް ދުވަހު ދެ ކުދިން ނުވަތަ ތިން ކުދިން ވެސް ވިއްސަން ޖެހޭ. އެކަމަކު ވެސް އެކަން ކުރިން އެކަނި އުޅެމުން ވެސް،” އަމިއްލަ ގޭގައި އިނދެ، ހަސީނައްތަ، 85، ބުންޏެވެ.

ފޫޅުމާ ކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ހަސީނައްތަ ވެސް އެއްބަސްވެ އެވެ. ހާއްސަކޮށް ރަށުގައި ކަރަންޓްގެ އަލިކަމެއް ނެތި އެކަހަލަ ނާޒުކު މަސައްކަތެއް ކުރުމަކީ ހަސީނައްތަ އަށް ވެސް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަކު ހަސީނައްތަގެ އަތުން ހެދޭ ގޯހެއް ނެތެވެ. ހަސީނައްތަ ލައްވާ ވިއްސުވަންޏާ މައިމީހާ އަށް އޮންނަ ޔަގީންކަން ވަރަށް ބޮޑެވެ. ފުޅި ބައްތިން އަލިކޮށްގެން އެތަަކެއް ބަޔަކު ވިއްސިއިރު ދުވަހަކު ވެސް ހަސީނައްތައާ ދޭތެރޭގައި ޝަކުވާއެއް ނެތެވެ. ވިހެއުމުގެ ތެރޭގައި ކުދިންނާއި މައިމީހާ މަރުވުމުގެ ރެކޯޑު އޮތް މި ގައުމުގައި، ހަސީނައްތަ އަށް ކުރިމަތިވީ އޭގެ އެންމެ ކޭހެކެވެ. މަރުވީ އެންމެ މައެކެވެ. އެކަމަކު ނިކަން ކެރި ހުރެގެން ހަސީނައްތަ މަސައްކަތް ކުރަމުން ދިޔަ އެވެ.

“އެއް މާބަނޑު ތިން ކުދިން ވެސް ވިއްސަން ޖެހުނު. އެއީ ހަނދާން ނައްތާލަން ދަތި ހާދިސާއެއް،”

ގާތްގަނޑަކަށް ބައި ގަރުނުގެ ހިދުމަތުގައި ހަސީނައްތަ އަށް ވަނީ އާދަޔާހިލާފު، ގަބޫލު ކުރަން ވެސް ދަތި ހާދިސާތަކާ ވެސް ކުރިމަތިވެފަ އެވެ.

Untitled-1

ހަސީނައްތަ އަކީ ހަނދާން ވަރަށް ގަދަ މީހެކެވެ. އޭނާ ބޭސް ލިޔެދީ ހަދަނީ، މާލެ އިން ރަށަށް އަންނަ ސިއްހީ މާހިރުން ލިޔެދޭ ބޭސްތައް ހަނދާނުގައި ބަހައްޓައިގެންނެވެ. މާ ބޮޑެތި ޓެސްޓްތަކެއް ނުހެދިޔަސް، ހަސީނައްތަ ބުނަނީ މީހާގެ ބައްޓަމާއި ކުލަ އަށް ބަލައިފައި ބޭސް ދޭން އެނގޭ ކަމަށެވެ.

މީހުން ވިއްސުމުގައި މިހާރު އަމަލީ ގޮތުން ހަރަކާތްތެރި ނުވިޔަސް ހަސީނައްތަގެ އެހީތެރިކަން މިހާރު ވެސް މި ދާއިރާ އަށް އެކި ގޮތްގޮތުން ލިބެ އެވެ. ހަސީނައްތަ އަށް ކުރާ އިތުބާރަށް، އެތަކެއް އަހަރެއްވީއިރު ވެސް ގުޑުމެއް ނާދެ އެވެ. އެހެންވެ ވިހަން ނުދިޔައެއް ކަމަކު ހަސީނައްތަގެ ގާތުން އެހީތެރިކަން ހޯދާ ޒުވާން މައިން މަދެއް ނޫނެވެ. ހަސީނައްތަ ދެެކޭ ގޮތް ބަލަން ދާ މީހުން މަދެއް ނޫނެވެ. އެ އެހީތެރިކަން އޭނާ ދެމުން ވެސް އާދެ އެވެ. ހަސީނައްތަ ބުނާ ގޮތުން އެ އެހީތެރި ކަމަށް ހުއްޓުމެއް ވެސް ނެތެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ޢަލީ

    ވަރަށް ރަގަޅުވާހަކަތަކެއް. ހަސީނާއަށްތައަށް އެކޮށްދެއްވި ބުރަ މަސައްކަތަށް ރަށުކައުންސިލުން އިސްނަގައިގެން އެވޯޑެއްވެސް ދިނުން ވަރަށް މުހިންމުކަމށްފެނޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.