އިންސާފުގެ އިންތިޒާރުގައި…!

Vahaka

[މިއީ މާލޭގައި ހިނގައިދިޔަ ހަގީގީ ހާދިސާއެކެވެ. ވޭތުވެދިޔަ ދެ އަދަދުގައި ސިލްސިލާއެއްގެ ގޮތަށް ގެނެސްދިން މި ވާހަކައިގެ ނިމުން ވެސް އެހާމެ ޝައުގުވެރި އެވެ.]

ކުރީ އަދަދާ ގުޅޭ

އަހަރެން އަވަސްއަވަހަށް ފާހާނައަށް ވަދެ ފެންވެރީމެވެ. އަހަރެންނަކީ ކަޅު ކޮފީ ބޯހިތްވާ މީހަކަށް ނުވާތީ “މޯނިން ކަނޑާލަނީ” ފިނި ފެނުންނެވެ. ފާހާނާގައި ހޫނު ފެން ވެސް ހުރެއެވެ. ބައެއް ފަހަރަށް ފެންވަރަން ހުންނަ ގަޑީގައި ހަނދާން ވަނީ ވަޅު ހުރި ޒަމާނުގައި ވަޅުކޮޓަރީގައި ފެން ވަރާއިރު އެއޮއްވާ ފިނިކަމެކެވެ. މަންމައާ މެދު މާ ގަދައަށް ވިސްނޭ ދުވަސްދުވަހު އަހަރެންގެ ސިކުނޑި ފިނިކޮށްލަން އެ ވަޅުފެން ވަރަށް އަރާމެވެ.

ހޮޮސްޕިޓަލަށް ދެވުނުއިރު ހަ ގަޑި ބައިވަނީ އެވެ. ސްކޫލް ކުދިން ސްކޫލަށް ދަނީއެވެ. އަދި ނަރުސް ކުދިން ވެސް ހުދު ހެދުމުގައި ހޮސްޕިޓަލާ ދިމާލަށް އަންނަ ތަން ފެނެއެވެ.

އައިސީޔޫ ކައިރީގައި ދޮންމަންމަ ހުއްޓެވެ. ނަމަވެސް އަހަރެން ގޮސް ވަންނަން އުޅުމުން ބުނީ ބައްޕަގެ ހާލު ދެރަކަމުން އެކަކު ވެސް ނުވަައްދާ ކަމަށެވެ. އަހަރެން ކުޑަކޮށް ހައިރާންވިއެވެ. ސަބަބަކީ އާއިލާގެ އެންމެ ގާތް މީހުން އައިސީޔޫއަށް ނުވައްދާ އުސޫލެއް ފަހުން ހަމަޖެއްސި ކަމެއް އަހަރެންނަކަށް ނޭނގޭތީ އެވެ.

އަހަރެން މުޅި ދުވާލުހެން ހޭދަކުރީ އައިސީޔޫ ކައިރީގައެވެ. ހެނދުނު ސަޔާއި މެންދުރުގެ ކެއުން ގެނެސްދިނީ ފިރިމީހާއެވެ. އެންމެ ފަހުން އިރުއޮއްސޭއަތަށް އެޅުމުން އަހަރެން ވަރުބަލިވެފައި ހުރުމުން ފިރިމީހާގެ އެދުމުގެ މަތިން ގެއަށް ދިޔައީއެވެ. އެއިރު ވެސް ބައްޕަގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށްވެއެވެ. ނަމަވެސް ގެއަށް އައިސް އަލުން ފެންވަރަން ނުވަދެވިގެން އުޅެނިކޮށް ދޮންމަންމަ އަހަރެންގެ ފޯނަށް ގުޅާފައި ބައްޕަ ނިޔާވި ޚަބަރު ދިނެވެ.

އަހަރެންގެ ހިތަށް އަސަރުތަކެއް ކުރިއެވެ. ނަމަވެސް އެއީ އަހަރުތަކެއް ފަހުން ބައްޕަ ފެނުމުގެ ފުރުސަތު ލިބުނުއިރު ހަމައެކަނި މަރުވެފައިވާ މަސްގަނޑު ދެކެލަން ފުރުސަތު ލިބުމުންނެއް ނޫނެވެ. ކޮންމެ މީހަކު ވެސް އެދޭނެ ފަދަައިން ރަނގަޅު މަންމައެއްގެ އިތުރުން ރަނގަޅު ބައްޕައެއް ވެސް ލިބޭނެ ކަމުގެ އުއްމީދެއް އޮވެފައި އެކަން ހަގީގަތަކަށް ނުވެ، އެ ހުވަފެން ފަނާ ވީމައެވެ.

އަހަރެންގެ ބައްޕަ ފަހުން ތައުބާވި ކަމެއް، އަދި އަހަރެންނަށާއި ފިރާޝާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން އުޅުނުކަމެއް ވެސް ނޭނގެއެވެ. ހަމައެކަނި އެނގުނުހާ ވެސް ކަމަކީ އެ ހުރިހާ އަހަރުތަކެއްގައިހެން، ދޮންމަންމަގެ ނުފޫޒު ގަދަކަމުން އަހަރެންނާއި ފިރާޝާއާ ބައްދަލު ކުރުން ދޮންމަންމަ ބައްޕައަށް މަނާކޮށްފައިވާ ކަމެވެ. އެކަން އެނގުނީ، ފަހުން ބައްޕަގެ ގެ ބަހަން ވެގެން ކޯޓަށް ދިޔަ ދުވަހުއެވެ.

ދޮންމަންމަ އަކީ އެހާ ނުލަފާ މީހެއް ކަމެއް އޭގެ ކުރިއަކުން އަހަރެމެންނަކަށް ނޭނގެއެވެ. އައިސީޔޫއަށް އަހަރެން ވަންނަ އުޅުމުން ވެސް ދޮންމަންމަ ދޮގު ހަދައި، ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ބޮލުގައި ނުހައްގު އިލްޒާމެއް އަޅުވާ، ބައްޕަ ދިރިއޮއްވާ ދެކެލަން އަހަރެންނަށް އޮތް ހަމައެކަނި ފުރުސަތު ގެއްލުވާލީ ކީއްވެކަން ވެސް އެނގުނީ އެ ދުވަހުއެވެ. “ހަމައެކަނި ފުރުސަތޭ” މިބުނީ އެ ދުވަހު ކޯޓުގައި އެނގުނު ގޮތުގައި އޭގެ ކުރިން ވެސް ބައްޕައަށް ވަނީ ދެ ފަހަރަށް ހާޓް އެޓެކް ޖެހިފައެވެ. ނަމަވެސް އަހަރެންނަށާއި ފިރާޝާއަށް ދޮންމަންމަ އެކަން އޮތީ ސިއްރުކޮށްފައެވެ. އެހެންކަމުން ތިން ވަނަ ހާޓް އެޓެކް ޖެހުމާއެކު ބައްޕަ ދުނިޔެ ދޫކޮށްދާނެކަން ދޮންމަންމައަށް ވެސް ކަށަވަރު ވާނެތީއެވެ.

“ވަރަށް ރަހުމް ކުޑަ ދެކުދިން. އައިސީޔޫގައި އޮތް އިރު ވެސް ނާދޭ،” ބުރުގާ އަޅާފައި އިން ޣާޒީ އަރިހުގައި ދޮންމަންމަގެ ފިރިހެން ގާނޫނީ ވަކީލު ބުންޏެވެ. އަންހެން ޣާޒީއަކަށް ދެ އަންހެނެއްގެ “ނުބައިކަން” ވިއްކައިގެން ކޯޓު ކޭސް ކާމިޔާބު ކުރެވިދާނެ ކަމަށް ހެއްޔެވެ؟

ފިރާޝާއަށާއި އަހަރެންނަށް ދެ މީހުން ދެ މީހުންނާ ދިމާލަށް ބޭއިޚްތިޔާރުގައި ބަލައިލެވުނެވެ. ދޮންމަންމަ އެ ވަރުގެ ބޮޑު ދޮގެއް ވަކީލު ލައްވާ ހެއްދީތީއެވެ. އަހަރެމެން ދެ މީހުން ދެން ދޮންމަންމައާ ދިމާއަށް ބަލައިލީމެވެ. ދޮންމަންމަ އިނީ އިސްދަށަށް ޖަހައިގެންނެވެ. ލަދުން ހެއްޔެވެ؟ ކޮން ކަމަކާ ހެއްޔެވެ؟ ދޮގު ހަދަނީ އަމިއްލަ އިޚްތިޔާރުގައި ނޫން ހެއްޔެވެ؟

ދޮންމަންމަގެ ގާތުގައި އެ ބަނޑުން ބައްޕަ އަށް ލިބުނު ހަތަރު ކުދިން ވެސް ތިއްބެވެ. އެ ކުދިންނަކީ ހަގީގަތުގައި ވެސް ވަރަށް “ނައިސް” ކުދިންތަކެކެވެ. އައިސީޔޫއަށް އަހަރެން ދިޔަ ދުވަހު ވެސް އަހަރެންނާ ވަރަށް ރީއްޗަށް ވާހަކަ ދެއްކިއެވެ. ޒުވާން ޖީލު ކަމަށް ވުމުން ދޮންމަންމަ ކަހަލަ “ޑައިނޮސޯ”އެއްގެ ނޭއްގާނީކަން ނުހުންނަނީ ކަންނޭނގެއެވެ.

ދޮންމަންމަގެ ދެވަނަ “ފޭކް” ކަމަކީ އެ ދުވަހު ކޯޓަށް ގާނޫނީ ވަކީލެއް ގެންދިޔުމެވެ. ނަމަވެސް އޭގެ ކުރީ ދުވަސްތަކުގައި ގެ ބެހުމުގެ ވާހަކަ ފޯނުން ދެއްކިއިރު ވާހަކަ ދެއްކީ ހިނިތުން ޒާތަކަށެވެ. އެހެންކަމުން އަހަރެންނާއި ފިރާޝާ އެ ދުވަހު ކޯޓަށް ދިޔައީ އެކަންޏެވެ. ގާނޫނީ ވަކީލެއް ގޮވައިގެންނެއް ނޫނެވެ. ދޮންމަންމަ މަކަރުވެރި ކުޅިގަނޑެއް ކުޅޭނޭކަން އެނގޭ ނަމަ، އަހަރެމެން ދެ މީހުން ވެސް ގާނޫނީ ވަކީލަކު ގެންދިޔައިމުހެވެ.

“ތިޔައީ އަޑު އަހަން ބޭނުން ވާހަކައެއް ނޫން،” ފަނޑިޔާރު ކަމަނާ ޖަވާބު ދެއްވިއެވެ. “އެ ދެ ކުދިންގެ ބައްޕަގެ ބިމުން ވާރުތަވާ ބައެއް ވާރުތަވުން ބިނާވެފައި އޮންނަނީ އެކުދިންގެ ސުލޫކީ މައްސަލަތަކާ ގުޅިފައެއް ނޫން.”

ފަނޑިޔާރު މިހެން ވިދާޅުވުމުން ދޮންމަންމަގެ ގާނޫނީ ވަކީލަށް ހުއްޓުން އެރިއެވެ. އަދި މޫނުމަތިން “ހުތްވެފައި” ހުރިި ފާޑަކަށް ހުއްޓެވެ.

ގެއަށް އާދެވުމާއެކު އަހަރެންނަށާއި ފިރާޝާ އަށް ރޮވެން ފެށިއެވެ. އަހަރެމެން ދެ މީހުން ހީކޮށްގެން ހުރީ މިއީ ވަރަށް ފަސޭހައިން ނިމޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެހާ ހިސާބުން އަހަރެމެންނަށް އެނގުނީ ދޮންމަންމަ ހުރީ އަހަރެމެން ދެ ބެއިންނަށް ބައްޕަގެ ގެއިން އެންމެ އިންޗިއެއް ވެސް ދޫކުރާ ގޮތަކަށް ނޫން ކަމެވެ. މި ކަހަލަ އާދައިގެ ކަމެއްގައި ގާނޫނީ ވަކީލެއް ހޯދީ އެހެންވެގެން ކަމެވެ. އެހެންކަމުން އަހަރެމެން ދެ މީހުން ވެސް ގާނޫނީ ވަކީލެއް ހޯދީމެވެ. ކޯޓަށް ގޮސް ކޮންމެ ދުވަހަކު ހައިޖާނުގަނޑެއްގެ ތެރޭގައި އުޅެން ބޭނުން ނުވާތީއެވެ.

އެއިރު ފިރާޝާ ވަނީ އަހަރެން ވެސް މެލޭޝިޔާ އަށް ގޮސް، އޭނާގެ ގޭގައި ދިރިއުޅެން ފެށުމަށް ދައުވަތު ދީފައެވެ.

އޭގެ ތަންކޮޅެއް ކުރިން އޭނާ ވަނީ މަންމަ ވެސް ގެންގޮސްފަ އެވެ. އަދި ސައިކިއޭޓްރިސްޓަކަށް ދައްކައި، އެ ނަފުސާނީ އިލްމްވެރިޔާގެ ބެލުމުގެ ދަށުން ގަވައިދުން ކައުންސެލިންގެ އިތުރުން ބޭސް ވެސް ދެމުންނެވެ. މަންމަގެ ހާލު އިހުނަށް ވުރެ މިހާރު ރަނގަޅުހެން ހީވެއެވެ. ސަބަބަކީ ގޭތެރޭގައި ކުރިން ކުޅޭ ބައެއް “ކަސޯޓީ” ޑްރާމާތައް މިހާރު ނުކުޅޭތީއެވެ. އަދި ބައެއް ފަހަރު ހިތަށް އަރައިފިއްޔާ އަމިއްލައަށް ބަދިގެއަށް ވަދެ އަހަރެމެންނަށް ކައްކާ ދޭތީއެވެ. މަންމައަކީ ވަރަށް މީރުކޮށް ކައްކަން އެނގޭ މީހެއްކަން އަހަރެމެންނަށް އެނގުނީވެސް އެހާ ހިސާބުންނެވެ. ނަމަވެސް އަދިވެސް އާދައިގެ މީހެއްހެން އާއްމު ގޮތެއްގައި ވާހަކަ ދައްކައެއް ނޫޅެއެވެ. އަދިވެސް ހުންނަނީ ކުޑަވަރެއްގެ ނެގިމަޑުކަމެއްގެ ތެރޭގައެވެ.

ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފަހު އަހަރެން މެލޭޝިޔާއަށް ބަދަލުވީއެވެ. ފިރިމީހާ ކޮންމެ ތިން މަހުން އެއް މަހު އާދެއެވެ. އެހެންކަމުން އަހަރެން އުޅެން ފެށީ ވަރަށް ވެސް އުފަލާއި ހިތްހަމަޖެހުމުގައެވެ. އެތައް އަހަރެއްގެ ސްޓްރެސް އާ ދުރުވެވުނީމައެވެ.

ކޯޓު ކޭސް ދިޔައީ އަހަރެން ހީކުރި ގޮތަށް ދިގުލައިގެންނެވެ. އަހަރެމެންގެ ގާނޫނީ ވަކީލު އަހަރެމެންނަށް ޚަބަރު ކުރަމުން ދިޔައީ ދޮންމަންމަގެ ގާނޫނީ ވަކީލު ގިނަ ފަހަރަށް ނާންނަ ކަމަށެވެ. ދިގުދަންމަން ވެގެންނެވެ. އެއީ އަދި ކީއްވެކަން އެނގުނީ ހަތް އަހަރު ފަހުންނެވެ. ދޮންމަންމަގެ ދޮށީ ފިރިހެން ދަރިފުޅު ފިރާޒް މީހަކާ އިންނަން ބޭނުންވެގެން، ގެ ބައިކޮށްފައި ވަކިން ދިރިއުޅެން ނިންމި ހިސާބުންނެވެ.

“މަންމަ ބޭނުމެއް ނުވޭ ދޮންތައަށާއި ތުއްތައަށް ޖެހިޖެހިގެން އޮންނަ ގޮތަށް ދެބައި ދޭކަށް. ކީއްވެ ކަމެއް ނޭނގޭ. މަންމަ ބޭނުން ވަނީ ދޮންތަގެ ބަޔާއި ތުއްތަގެ ބައި ވަކިން އޮންނަން،” އޭނާ އެއް ދުވަހު އަހަރެންނަށް އޯވަސީސް ކޯލެއް ނަގާފައި ބުންޏެވެ. ފިރާޒްގެ އަޑުގައި ވަރަށް މާޔޫސްކަން ހުއްޓެވެ. އެ މަންމަގެ ދުއްތުރާއާ ހެދި އޭނާއަށް ވެސް އާ ހަޔާތެއް ފަށަން ލަސްވަމުންދާތީ ކަންނޭނގެއެވެ.

އަހަރެން ފިރާޝާއާ ވާހަކަ ދެއްކީމެވެ. ދެން ގާނޫނީ ވަކީލަށް ގުޅީމެވެ.

“ކޯޓު ދެން އޮންނަ ދުވަހު ޣާޒީ ކައިރީގައި ބުނޭ އެހެންވީމާ ދޮންމަންމަ އެދޭގޮތަށް ގުރު ނަގައިގެން ނަމަވެސް އަވަހަށް އެ ދުވަހުން ދުވަހަށް ނިންމައިދޭށޭ. އަދި ދޮން މަންމަ ކައިރީގައި ބުނޭ އަހަރެންނަށް ލިބޭ ބައިގައި ހަދާނީ ފިޔާ ގުދަނެކޭ، އަދި ފިރާޝާއަށް ލިބޭ ބައިގައި ހަދާނީ އަލުވި ގުދަނެކޭ. އެއިރުން ދޮންމަންމަގެ ނޯށަށް ވެސް ނުކުޅަދާނަ ވާނޭ ނޫންހޭ.”

ޖެއްސުން ކުރަން އެނގޭނީ ހަމައެކަނި ދޮންމަންމައަކަށް ނޫންތާއެވެ. އަހަރެންނާއި ފިރާޝާގެ ވެސް ހުރީ ހަމަ ސިކުނޑިއެއް ވިއްޔާއެވެ.

ކަންތައްތައް ނިމުނީ އެންމެ ފަހުން އަހަރެމެން ހީކުރި ގޮތަށެވެ. އަހަރެންނަށާއި ފިރާޝާއަށް ލިބޭ ދެ ބައި ޖެހިޖެހިގެން އޮންނަ ގޮތަށް އިއުތިރާޒެއް ނެތް ކަމަށް ދޮންމަންމަ ކޯޓުގައި ބުންޏެވެ. އަދި ފަނޑިޔާރު އެގޮތަށް އެ މައްސަލަ ނިންމަވައިދެއްވިއެވެ.

ނަމަވެސް އަހަރެންނާއި ފިރާޝާ ބައްޕަގެ ގޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އެއީ އެއްވެސް އިރެއްގައި އަހަރެމެން ދެ ކުދިން އުޅުނު ގެއެއް ނޫނެވެ. އެއީ އަހަރެމެންނަށް ބީރައްޓެހި ގެއެކެވެ. އެހެންކަމުން އަހަރެމެންނަށް ލިބުނު ދެބައި ބޮޑު ފިހާރައެއް ހެދުމަށް ފިރާޒްގެ އެދުމުގެ މަތިން އޭނާއަށް ކުއްޔަށް ދިނީއެވެ. ރާއްޖޭގައި އުޅެން ބޭނުން ނުވުމުގެ އަސްލު އެހެން ސަބަބެއް ވެސް އެބައޮތެވެ. އެ މާލެއަކީ އަހަރެންނަށް ނަފުސާނީ އެތައް އަސަރުތަކެއްގެ ބިންވަޅު ނެގިފައިވާ ތަނެވެ. ނަމަވެސް ހިތްއެދެނީ އަހަރެން ދުނިޔެ ދޫކޮށް ދާއިރު އެ ފަސްގަނޑުގައި އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ވަޅުލެވުމަށެވެ. (ނިމުނީ)

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.