އޭދަފުށީގެ “ގޯލްޑަން ޝެފް”

ފާއިޒު
ފާއިޒު

އެއީ މީގެ ފަންސަވީހަކަށް އަހަރު ކުރިއެވެ. ރިސޯޓެއްގެ ބަދިގޭގައި ތަށި ދޮންނުމުގެ މަސައްކަތުގައި އަވަދިނެތި އޭނާ ހަރަކާތްތެރިވަމުން ދިޔައެވެ. ދާހިތްލާ ފޯވެގެން ހުރި ހާލުގަ އެވެ. އަލަށް ލިބުނު ވަޒީފާއާއި މެދު ރުހިގެން ހުރުން ނޫން ގޮތެއް އޭރު އޭނާއަކަށް ނެތެވެ. އެކަމަކު މިއަދު އޭނާއަކީ އިންޓަރނޭޝަނަލް ކުންފުންޏެއްގެ އެންމެ މުހިއްމު އެއް ވަޒީފާގައި ހުރި އެކަކެވެ.

މިއީ މި ރަށަށް އުފަން ފާއިޒް އިދްރީސް 42، ގެ ވާހަކައެވެ. ފާއިޒް އެންމެ ފުރަތަމަ ރިސޯޓަކަށް ދިޔައީ ކޮންމެ ވަޒީފާއެއް ލިބުނަސް ހެޔޮ ކަމުގައި ދެކިގެންނެވެ. ރަށު ސްކޫލުން ގްރޭޑް 7 ނިންމުމަށްފަހު އިތުރަށް ކިޔެވުމުގެ އުއްމީދުގައި މާލެ ގޮސް ކުރަން ޖެހުނު ހިތި ތަޖްރިބާއާ ގުޅިގެން އޭރު އޭނާ ހުރީ މާޔޫސްވެފަ އެވެ. އެ މާޔޫސްކަން ފިލުވާލުމަށް އެހީތެރިވެދިނީ ކްލަބް މެޑުން ރާއްޖޭގައި ކުރިން ހިންގި ކްލަބްފަރު ރިސޯޓުން އޭނާ އަށް ލިބުނު ވަޒީފާ އެވެ. އެ ހިސާބުން ނަސީބު އޭނާގެ އަތުގައި ހިފި އެވެ.

“އަސްލު އެކްސްޕެކްޓެއް (އުއްމީދެއް) ނުކުރަން ތަށި ދޮންނަން ޖެހިދާނެ ކަމަކަށް. އޭރު ނުވެސް އެނގޭ ރިސޯޓް ވަޒީފާއަކީ ކޮބައިކަމެއް ވެސް. ދެން އަބަދު ފެނުން ފޯވެފައި އޭރު ހުންނަނީ. މެޝިނެއް ނުހުރޭ. އަތުން ހުރިހާ ތައްޓެއް ދޮންނަން ޖެހެނީ. އެކަމަކު ޑެސްޕަރޭޓް ވެފަ (މާޔޫސް ވެފައި) ހުރި މީހަކަށް ވަރަށް އަރާމު މާހައުލަކަށް ވީ،”

Faix4ތަށި ދޮންނަ ފެނާއި ގައިން އޮހޮރޭ ދަލުން ތަތްތެޅިގެން ހުންނަން އޭނާ އަށް ޖެހުނީ މަދު ދުވަސްކޮޅަކު އެވެ. ވަޒީފާ އަށް ނުކުތްތާ ފަނަރަ ވަރަކަށް ދުވަސް ފަހުން ތަރުކާރީ އާއި މޭވާ ކޮށައި މެށުމުގެ މަސައްކަތަށް އޭނާ ބަދަލުކުރި އެވެ. އެއަށްފަހު ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް އަރަމުން އައީ ފާއިޒް ވެސް ހީކުރި ވަރަށް ވުރެ މާ އަވަހަށެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކަން އޭރު ނޭނގުނަސް އޭރު ވެސް ކޮންމެވެސް ވަރަކަށް ލިޔެފައި ހުންނަ ބަސްތައް ކިޔަން އެނގުންވީ އޭނާގެ ކުރިއެރުމަށް ލިބުނު އެހީއަކަށެވެ. ބަދިގޭގެ ތަފާތު ވަޒީފާތައް އަދާކުރަމުން އައިސް ފަސް އަހަރު ފަހުން އޭނާ ސުޕަވައިޒަރަކަށް ބަދަލުވި އެވެ. އެ ބަދަލާ އެކު އިންޓަނޭޝަނަލް މުވައްޒަފަކަށް ވުމުގެ ފުރުސަތު ފާއިޒަށް ލިބުނެވެ. އެއީ ފާއިޒް ވަޒީފާ އަށް ނުކުތް ފަހުން އެ ރިސޯޓްގައި މަސައްކަތްކުރަމުން އައި ދިވެއްސަކަށް އެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ފާއިޒް އެކަން ވެސް ނެގީ ޗެލެންޖެއްގެ ގޮތުގަ އެވެ. ބައިނަލްއަގުވާމީ މުވައްޒަފެއްގެ ގޮތުގައި 1993 ވަނަ އަހަރު އޭނާ ފެށި ދަތުރުގެ ފުރަތަމަ މަންޒިލަކަށްވީ ޖަޕާނެވެ. ގައުމުން ބޭރުގައި ދިރިއުޅުން ކިތަންމެ އުދަގޫވި ނަމަވެސް އޭނާގެ އަޒުމަކަށް ގުޑުމެއް ނޭރި އެވެ.

“ޖަޕާންގައި ހުރިއިރު ބިން ހެލުމެއް ވެސް ތަޖްރިބާ ކުރިން. ދެން ދިޔައިރު ދަންނަ މީހަކު ނޫޅޭ އެތާކު. ކޮމިއުނިކޭޝަން ވެސް އެހާ އުނދަގޫ. ސިޓީއެއް ފޮނުވައިގެން ވެސް އޭގެ ޖަވާބު ލިބޭނީ ދެމަސް ފަހުން،” އިންޓަނޭޝަނަލް މުވައްޒަފެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖްރިބާގެ އޭނާ ކިޔައިދިނެވެ.

Scan 14އެއިން އެއްވެސް ކަމަކަށް ފިކުރު ކުރުމެއް ނެތި، ލިބެމުން ދިޔަ ތަޖުރިބާގެ އަލީގައި އޭނާ ކުރިއަށް ދިޔައީ ފިސާރި ހިތްވަރާ އެކު އެވެ. އޭގެ ފަހުން ކުލަބް މެޑްގެ ފަރާތުން ދުނިޔޭގެ ތަފާތު ގައުމުތަކުގައި ހިންގަމުން އައި އެކި ރިސޯޓްތަކުގައި ދިހަވަރަކަށް އަހަރު އޭނާ މަސައްކަތްކުރި އެވެ. ޖަޕާންގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިޔާ އަދި ނިއު ކެލެފޯނިޔާ އަކީ މެދުކެނޑުމެއް ނެތި އޭނާ ކުރި ދަތުރުގައި ބަނދަރުކުރި ގައުމުތަކެވެ. އެ ދަތުރު އޭނާ ނިންމާލި ބޮޑު ކުރިއެރުމަކާ އެކު އެވެ. ކްލަބް މެޑުން ރާއްޖޭގައި ހެދި ދެވަނަ ރިސޯޓް 2001 ވަނަ އަހަރު ހުޅުވިއިރު އޭނާއަކީ އެތަނުގެ އެކްޓިން ޝެފެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެގްޒެކްޓިވް ޝެފްގެ މަގާމަށް އޭނާ ބަދަލުވި އެވެ.

އިނގިރޭސި ބަސް މިހާރު އޭނާ އަށް ފެނެވެ. އެއާ އެކު ފްރާންސް ބަހުން ވެސް ފަރިތަކަމާ އެކު ވާހަކަދައްކަން އެނގެ އެވެ. މި ހުނަރުވެރިޔާ މިއަދު ވެސް ހުރީ ދުނިޔޭގެ 68 ގައުމެއްގައި ރިސޯޓް ހިންގަމުން އަންނަ ކްލަބް މެޑަށް ވަފާތެރި މުވައްޒަފެއްގެ ގޮތުގަ އެވެ. މަސައްކަތުގެ ދާއިރާގައި ފާއިޒަށް މިއަދު އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭނާގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމެވެ. މިކަމުކުގައި ވެސް ފާއިޒް އައީ އޭނާގެ ހުރި ކުޅަދާނަކަން ދައްކަމުންނެވެ. ވަޒީފާގައި މި ވީހާ ތަނަށް ދުވަހަކު ވެސް އޭނާ އަށް އޭ ޕްލަސް ނޫން އެއްޗެއް ނުލިބެ އެވެ. މި ސަބަބަށްޓަކައި، ފާއިޒް މަސައްކަތް ކުރާ ކަނިފިނޮޅު ރިސޯޓަށް އަންނަ ޖެނެރަލް މެނޭޖަރުން އޭނާ އަށް އިތުބާރު ކުރެއެވެ. ބައެއް މީހުން އޭނާއާ މުހާތްބްކުރަނީ ގޯލްޑަން ފާއިޒް ނުވަތަ ގޯލްޑަން ޝެފްގެ ނަމުންނެވެ.

Faix1

އެންމެ ހަތަރު ސަތޭކަ ރުފިޔާގެ މުސާރައަކާ އެކު ފާއިޒު ފެށި ދަތުރުގެ ވަރަށް ކުރީކޮޅު އޭނާގެ އޮޑި ނުފެތުނީ ހަމަ ކިރިޔާ އެވެ.

“ފަރުކޮޅުފުށީގައި މަސައްކަތްކުރިއިރު ކިރިޔާ އެއް ދުވަހު ކަނޑާނުލީ، ވީގޮތަކީ ވަރަށް ކުދި އަލުވިތަކެއް މަށަން ޖެހުނީ، ކުއްޖޭ ބުންޏަސް ވަރަށް ކުދި، ލާގުޅައެއްހާ ވަރުގެ ކުދި އަލުވިތަކެއް ހުރީ، ދެން މެޝިން ހުރީ ހަލާކުވެފަ، އަތުން މަށަން ޖެހުނީ، ދެން އަޅުގަނޑާ އެއްކޮށް ހުރި ކުއްޖާ ބުނީ މި އެއްޗެހި ނުމެށިއަސް ރަނގަޅުވާނެއޭ. އެހެން ކިޔާފަ ޑަސްބިނަށް އަޅާލީ. އެކަން ޖެނެރަލް މެނޭޖަރަށް އެނގުމުން ވަރަށް ރުޅިއައިސްފަ ހުރީ،”

އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމުގެ އަޒުމުގައި ހުރެ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. މިއަދު ފާއިޒް އެހުރީ މިނިސްޓަރުންގެ ނައިބަކަށް ލިބޭ ވަރުގެ މުސާރައެއް ލިބޭ ވަޒީފާއެއްގަ އެވެ.

ރިސޯޓްތަކުގައި އާއްމުކޮށް ހަދާ ހުރިހާ ބާވަތެއް ކިތަންމެ މީރުކޮށް ތައްޔާރުކުރަން އެނގުނު ނަމަވެސް ފާއިޒު ތައްޔާރުކުރާ ކާއެއްޗަކަށް އިންސާފު ކޮށްލުމުގެ ފުރުސަތު އޭނާގެ އާއިލާގެ މެންބަރުންނަށާއި ރަހުމަތްތެރިންނަށް ލިބެނީ ވަރަށް މަދު ފަހަރަކު އެވެ.

“ރަށަށް އައިސް ކެއްކުމައިގެން އުޅެން ޖެހުނީމަ އަސްލު އެއީ ޗުއްޓީއަކަށް ނުވޭ،”

ފާއިޒް ބުނާގޮތުގައި ރަށަށް އައިސް ކައްކަން އުޅޭކަން އޭނާގެ މަންމަ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ.

“ކުރީގަ ކޮއްކޮމެންނަށް ވެސް އެނގޭ އަޅުގަނޑަކީ ރިސޯޓެއްގަ ކައްކަން އުޅޭ މީހެއްކަން. ދެން ކޮއްކޮމެން ބުނާނެ ތިއްތިބޭ ޖެހޭނެއޭ ކޮންމެވެސް އެއްޗެއް ކައްކަން، ދެން މަންމަ އަށް އަޑުއިވިގެން ބުނާނެ ތިމަންނަގެ ތިބޭނެއޭ ހަ އަންހެން ދަރިން. އެ ހަ ކުދިންނަށް ނުވާ ކަމެއް ވެއްޖިއްޔާ ތިމަންނަ ކޮށްފާނަމޭ. މަގޭ ދެ ފިރިހެން ދަރންނެއް ބަދިގެއަކަށް ނުވަންނާނެއޭ،” ހެމުން ހެމުން ފާއިޒް ކިޔައިދިނެވެ.

ފަސް މަސް ދުވަހުގެ ބްރޭކެއް ނަގައިގެން މި ވަގުތު ރަށުގައި ހުރި ފާއިޒުގެ ކެރިއާ ނިންމާލުމުގެ ކުރިން އޭނާ ކުރާ އުއްމީދެއް ވެސް އެބައޮތެވެ.

“އަޅުގަނޑުގެ ހިތުގަ އެބައޮތް ކެރިއަރ ނިންމާލުމުގެ ކުރިން ރާއްޖޭގެ ކުންފުންޏެއްގައި މަސައްކަތް ކުރަން،” އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަޙްމަދު ޢަލީ

    ފާއިޒަށް ހަމަ ސާބަސް. އޭދަފުށީގެ ކުއްޖަކަށްވީމަ، ވަރަށް އުފާވޭ. ތިއީ އަހަރެން ބުނާވާހަކަ، ކޯހެއްގައި އާންމުކޮށް މި ދެވެނީ، ގްރޭޑް10 ނިމި ރަގަޅަށް ފާސްވެގެން މިއިން އެގެނީ، ގްރެޑް 7 ން ނިމުނަސް ކޯސް ކޯސް ހަދައިގެން ރަގަޅު ނަތީޖާ ނެރެވިދާނެޖަން. ފާއިޒު އެދައްކައިދިނީ، ގްރޭޑް7 ނިންމައިގެންވެސް ހިތްމަތާއެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަން. ވަރަށް އުފާވެއްޖެ. އެހިސާބަށް ދިއުމަށްޓަކައި ފާއިޒު ތިޔަ ކުރި ދަތުރު ހިތަށް އައީމާ އެނގެނީ، ހާދަހާވާ އުދަގޫ ދަތުރެކޭ، ކޮންމެ މިހަކަށްވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ މި ދަތުރު އިރާދަކުރެއްވިއްޔާ ކާމިޔާ ވާނެޔޭ. ފާއިޒް ދަތުރުފެށީ އެންމެ ދަށުން، މިހާރު އެހެރީ އެންމެ އުހުގަ. ނުވަތަ ރުކުގެ ކުރީގައި، ފާއިޒަށް އަބަދުވެސް ފާގަތި މުޟްތަގްބަލަކަށް އެދެމެވެ. ތިގޮތުގައި ކުރިޔަށް ދާށެވެ.

    ރައްދު
  2. ޢަބްދުލްމުހައިމިން

    ފާއިޒުގެ ކެރުންތެރިކަމާ ހިތްވަރަށް ސާބަސް ރައްދު ކުރަން. ވަރަށް ބޮޑަށް މަރުޙަބާ ފާއިޒު.

    ރައްދު
  3. ހީނާ އިއްބެ....

    ފާއިޒު އެބުނީ ތެދުވާހަކައެއް މާލޭގަ އޭނަކުރީ ވަރައްހިތްދަތި ތަޖުރިބާއެއް އެހެންނަމަވެސް މިވީކުރު މުއްދަތުގެ ތެރޭގަ ފާއިޒް ތިކުރި ހިތްވަރައް އައްސަރިބަހާ ސާބަސް ރައްދުކުރަން…….އަޅުގަނޑަކީ މާލޭގަ ފާއިޒުއާ އެކު އެންމެފުރަތަމަ އެންމެގާތުން އެހިތްދަތި ތަޖުރިބާކުރިއެކަކު…….ފައްފަށުން ސާބަސްރައްދުކުރަން…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.