ވާހަކަ: ސަންޑޭ

Monday

ނިދާ ބޮކީގެ ފަނޑުއަލީގެ ތެރޭގައި ނަވާލް ދެލޯ މަރާލިއެވެ. ނަމަވެސް، އޭނާގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ލޯމަތިން ސިފަވަމުންދާ މަންޒަރުތަކެއްގެ ސަބަބުން، ލޮލާއި ނިންޖާ ދެމެދު ހުރަސްއަޅަނީ ފިކުރުތަކެވެ. ނަވާލްގެ ހިތަށް އެއީ ހިތްގައިމު މަންޒަރެކެވެ. އެބިޔަ ބަގީޗާގައި ފޮޅިފައިވަނީ އެންމެ މަލެކެވެ. އެމަލުގައި ތާޒާކަމާއެކު ހިތްގައިމު ވަހެއްވެސް ހުންނާނެއެވެ. ޢާންމު ބަގީޗާތަކުން އޭނާ ދުށް މާމެލާމެއްޔަށްވުރެން އެ މާ ފުރިހަމައެވެ. ކޮންމެއިރެއްގައިވެސް، އެމަލުން ފެންނަނީ ތާޒާކަމެވެ. ހީކުރެވުނެވެ. އެމަލުގެ މީރުކަމާއި ލައްޒަތު ލިބިގަތުމަށް މިހާރުވެސް އެތައް މާބުރުތަކެއް، އެމަލުގެ ވަށައިގެން ޠަވާފު ކުރާނެއެވެ. ނަމަވެސް، ބަގީޗާ ބަލަހައްޓާ މީހުންގެ ހުޝިޔާރު ލޯ ހުޅުވެނީއެވެ.

އަންހެން ކުއްޖަކަށް މާބޮޑަށް މިނިވަންކަން ދިނުމަކީ، އެކުއްޖަކު ހަލާކުގެތެރެއަށް ދޫކޮށްލުންފަދަ މޮޔަ ކަމެއްކަން ނަދުހާގެ މައިންބަފައިން ދަނެއެވެ. ނަދުހާއަކީ އެޢާއިލާގައި ހުރި ހަމައެކަނި ކުއްޖާ ކަމުގައިވިޔަސް، އޭނާއަށް ދެވިފައިވާ މިނިވަންކަންވެސް އޮންނަނީ މިންގަނޑެއްގައެވެ. ނަދުހާވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. ނަދުހާގެ މަންމަ ޒުހުރާއާއި ބައްޕަ ޝަކީބު ނަދުހާ އަޅާ ކޮންމެ ފިޔަވަޅެއްވެސް، ފިސާރި ފަރުވާތެރިކަމާއެކު ބަލައެވެ. ނުހަނު ގާތުންނެވެ. ނަވާލަށް ނަދުހާ ފެނުނީ، އޭނާގެ މަންމަ ޒުހުރާއާއެކު ބާޒާރުކުރަން ނުކުމެ އުޅެނިކޮށެވެ. ނަދުހާގެ ފުރަތަމަ ފެނިލުމާއެކުވެސް، ނަވާލުގެ ހިތަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. [ހާދަ ރީއްޗޭ] ނަވާލަށް ހިތާހިތާ ކިޔުނެވެ. ނަދުހާގެ ނަލަކަމާއި ފަރިކަން ފެނި ނަވާލް ޝޯޚްވި ކަހަލައެވެ. ގައިމެވެ. މީގެކުރިން އަންހެން ކުއްޖަކު ފެނި ދުވަހަކުވެސް އޭނާއަށް މިފަދަ ގޮތްތަކެއް ނުވެއެވެ. އޭނާގެ ޢުމުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ކުއްޖަކާ ދިމާއަށް އެފަދަ ނަޒަރަކުން ބަލައިލާންވެސް އޭނާއަކަށް ނުކެރޭނެއެވެ. ނަމަވެސް، އޭނާއަށް މިއަދު އެވަނީ ހިތަށް ބާރު ނުފޯރުވޭވަރުވެފައެވެ. އިޚްތިޔާރަކާނުލާ އޭނާގެ ހިތްވަނީ އެރީތި ޖާދުވީ އަންހެން ކުއްޖާގެ ފަހަތުން ދަތުރު ފަށާފައެވެ. ލޯބީގެ މަންޒިލަކަށް ދިޔުމަށެވެ. [ހާދަ ލޯތްބޭ] ނަދުހާގެ ތިންވަނަ ފެނިލުމާއެކު ނަވާލަށް ހިތާހިތާ ބުނެވުނެވެ. ނަމަވެސް، އެއަށްވުރެ ބޭރަކަށް އެ އަޑު ނެރޭކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ.

[ޙަޤީޤަތުގައިވެސް ހާދަ ފަރިއޭ….ހީވަނީ ސާދަ ފަނަރައިގެ ހަނދެއް ފަލަކުން ނައްޓާލިހެން.] ނަދުހާގެ ހަތަރުވަނަ ފެނިލުމަށްފަހު ނަދުހާއަށް އިވޭވަރަށް ނަވާލު ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ އަފްޒަލާއެވެ. ޙަޤީޤަތުގައި އަފްޒަލްވެސް ހުރީ ނަދުހާގެ ރީތިކަމާއި ހިތްގައިމު ކަމަށް ތަޢުރީފު ކުރަން ބޭނުންވެފައެވެ. އެކަން އޭނާގެ ވާހަކައިން ކޮންމެވެސްވަރަކަށް ދޭހަވިއެވެ.

[ތެދެއް ތިބުނީ ވަރަށް ފުރިހަމަ. ސާދަ ފަނަރައިގެ ހަނދަށްވުރެންވެސް ފުރިހަމައޭ ބުނާހިތްވަނީ….އެމަލުގެ ބަގީޗާއިން ފުރްޞަތު ލިބޭ މީހަކުވާނެ ނިކަން ނަޞީބުވެރިއަކަށް.] އަފްޒަލްވެސް ވާހަކަ ދެއްކީ ނަދުހާއަށް އިވޭވަރަށެވެ.

ނަމަވެސް، ނަދުހާ އެ އަޑަކަށް ސަމާލުކަމެއް ދިންހެނެއް ހިއެއްނުވެއެވެ. ނޫނީ ނަދުހާ އެދެމީހުންކުރެން އެކެއްގެ އަޑެއްވެސް ނާހައެވެ. ނަދުހާއަކީ މަގުމަތިން ހިނގާއިރު، ދިމަދިމާއަށް ކަޅިއުކަމުން، ފަރާތްފަރާތަށް ކަންފަތް ދިއްކުރަމުންދާ ކުއްޖެއް ނޫނެވެ. ޢާންމު ދިރިއުޅުމުގައިވެސް އޭނާއަކީ ވަރަށް ލަދުރަކި މަޑުމައިތިރި މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ދުވަހަކުވެސް އޭނާ އިސްވެ، ފިރިހެން ކުއްޖަކާ ވާހަކައެއް ނުދައްކައެވެ. ގިނަފަހަރަށް ފިރިހެން ކުއްޖަކު ވާހަކަ ދެއްކިޔަސް، އޭނާ ވާހަކައެއް ނުދައްކައެވެ. އެއީ އެއް މަދަރުސާއެއްގައި އެއްކްލާހެއްގައި ކިޔަވާ ކުއްޖެއް ކަމުގައިވިޔަސްމެއެވެ. އަންހެން ކުދިންތަކުގެ ތެރެއިންވެސް އޭނާ ޢާންމުކޮށް ވާހަކަ ދައްކައި އުޅެނީ ދެތިން ކުއްޖަކާއެވެ. އޭގެތެރެއިން އެކަކީ އޭނާގެ ހުރިހާ ސިއްރުތަކެއްވެސް، އެކުއްޖަކާއެކު ޙިއްޞާކުރާ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފާތިނާއެވެ. ފާތިނާއަކީވެސް އޭނާ ފަދައިން ލަދުރަކި އަންހެން ކުއްޖެކެވެ. ތަފާތަކީ ޢުމުރުން ސަތާރަ އަހަރުން ފެށިގެން ފާތިނާ ލޯބީގެ ޙަޔާތް ފަށާފައިވާކަމެވެ. އެކަމާ ފުރަތަމަ ނަދުހާ ނުރުހުން ފާޅުކުރިވެސްމެއެވެ. ނަދުހާ ބުނެފައިވަނީ، އެފަދަ ގުޅުމަކަށް [އަދި މާއަވަސް] ކަމުގައެވެ. [ނަދޫވެސް ކުއްޖަކާ ރައްޓެހިވީމަ އެނގޭނީ، ލިބޭ ހިތްހަމަޖެހުން.] ލޯބީގެ ގުޅުމުން ލިބޭ ހިތްހަމަޖެހުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފާތިނާ ބުންޏެވެ.

[ކޮން ހިތްހަމަޖެހުމެއް ލިބޭނީ. ތިބުނާފަދަ ނަޒަރަކުން ކުއްޖަކު އަހަންނާ ދިމާއަށް ބެލިޔަސް، އަހަރެން ފޫހިވޭ.] ނަދުހާ ބުންޏެވެ.

[ނަދޫގެ ހިތް އެދޭކަހަލަ ކުއްޖެއްގެ އިޝާރާތް ނުލިބޭތީ ތިހެން ތިވަނީ. އަހަރެން ބަލާނަމޭ، ތިހެން ހުރެވޭނީ ކިހާ ދުވަހެއް ވަންދެންތޯ.] ފާތިނާ ހީގަތެވެ.

[އަހަރެން ސްކޫލް ނިމުނީމާ ނޫނީ ތިކަހަލަ ކަމަކަށް ނުވެސް ވިސްނާނަން….މިހާރު ތިކަހަލަ ކަންތަކާ ވިސްނަން ވެއްޖެއްޔާ، ކިޔެވުމާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުވާނެ.] ނަދުހާ ބުންޏެވެ. އެއީ ނަދުހާގެ ވިސްނުމެވެ. އެ ވިސްނުން ބަދަލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

[އަހަރެންވެސް ފާސްވޭ. އަހަރެން ސުހޭލާ ރައްޓެހިވިތާ މިހާރު ކޮން ދުވަހެއް.] ދިފާޢުގައި ފާތިނާ ބުންޏެވެ. ހެއްކާ އެކުގައެވެ. ލޯބީގެ ގުޅުން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް، ކޮންމެ ފަހަރަކުވެސް އޭނާ ފާސްވެއެވެ. A  ނުވަތަ B ރިޕޯޓެއް ނޫނީ ނުލިބެއެވެ. އެހެންކަމުން މިއަދު އޭނާއަށް އެހެން ބުނެވެން އެބައޮތެވެ.

[ވަރިހަމަ، އަހަރެން ބޭނުމެއް ނޫން. ތިއިން އެއްވެސް ފިރިހެނެއްގެ މަޅިފައްޗަކު އަހަންނެއް ނުޖެހޭނެ.] ސާބިތުކަމާއެކު ނަދުހާ މިހެން ބުނެފައި، ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. އޭރު އޭނާގެ މަންމަ ޒުހުރާ އިންތިޒާރުގައި އިނެވެ.

[ދަރިފުޅާ ކޮންތާކުން؟] ނަދުހާ ވަނުމާއެކު ޒުހުރާ އެއްސެވެ. އެއީ އޭނާގެ އާދައެކެވެ. ދަރިފުޅުދާ ތަންތަނާއި، އުޅޭނޫޅޭ ގޮތް އެނގެންޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ޤަބޫލުކުރެވޭ ގޮތުގައި، ނަދުހާ، އެ ޢުމުރުގެ އެހެން ކުދިންނާ އެއްގޮތަށް، ޒުވާން ފިރިހެން ކުދިންގެ ދަޅަތަކަށް ނުހެއްލި ހުރުމުގެ ސަބަބަކީ، އޭނާގެ މައިންބަފައިންގެ ބެލުންތެރިކަމެވެ. ނަދުހާގެ ބައްޕަ ޝަކީބާއި، މަންމަ ޒުހުރާ ނަދުހާދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން، އެދަރިފުޅާ ދޭތެރޭ އެމީހުން ދެކޭ ހުވަފެންތައްވެސް ފިސާރި ފޮންޏެވެ.

[ފާތިނާއާއެކު ފިހާރައަކަށް ގޮސްލީ. މިހާ އަވަހަށް މިއައީ މަންމަ ގާތު އަހާނުލެވި ދެވުނީމާ….ސޮރީ މަންމާ.] ނަދުހާ ވަރަށް މަޑުމައިތިރިކަމާއެކު މަޢާފަށްވެސް އެދުނެވެ. އެއީ ނަދުހާއަށް ލިބިފައިވާ ރަނގަޅު ސިފަތަކުގެ ތެރެއިން އެއްސިފައެވެ.

[މަންމަ ގާތު ނުބުނެ ދިޔައީމަ މަންމަ މިހުރީ ވަރަށް ކަންބޮޑުވެފައި.] ޒުހުރާ ނަދުހާގެ ބޮލުގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

މުސްކުޅިފުރައިގެ އަންހެނަކާއެކު ޝަކީބު ގެއަށް އައިސްވަނީ އެވަގުތުއެވެ. ޒުހުރުއާއާއި ނަދުހާއަށް ބަލައިލެވުނީ، ޝަކީބުގެ ފަހަތުގައި ހުރި މުސްކުޅި މީހާއަށެވެ. އެއަށްފަހު، ޝަކީބުގެ އަތުގައި އޮތް ފޮށްޓަށެވެ. އެއީ މުސްކުޅި މީހާގެ ފޮށްޓެވެ. އެހެންކަމުން، އެއީ ޝަކީބު، ކުރީ ދުވަހެއްގައި އެގެއަށް ގެންނަން ބުނި ގެންގުޅޭ މީހާކަން ޒުހުރާއަށް ވިސްނުމުން، އޭނާގެ މޫނުމަތި އުޖާލާވެގެންދިޔަ ކަހަލައެވެ.

[މީ އަހަރެން ބުނި މީހަކީ. ދަލޭކަ ދޯ ކިޔަނީ؟] ޝަކީބު، އެ މުސްކުޅި މީހާ، ޒުހުރާއަށް ތަޢާރަފްކޮށްދިނުމަށްފަހު، ދަލޭކައާ ދިމާއަށް ބުންޏެވެ.

ދަލޭކަ ބޯޖަހާލިއެވެ. އޭރު ދަލޭކަގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ނަދުހާއަށެވެ. ހީވަނީ އޭނާ މާކުރިން ދަންނަ ކުއްޖަކާ ދިމާއަށް ބަލަމުންދާހެނެވެ. އެހިނދު ނަދުހާވެސް ދަލޭކައަށް ބަލަމުންދިޔައީ މާ ގާތް ނަޒަރަކުންނެވެ. ހީވާކަހަލައެވެ. އޭނާ މާކުރިއްސުރެވެސް ދަލޭކަ ދަނެއެވެ.

[މަންމާ، މިއަދު ކޮންދުވަހެއްތަ، ހޯމަތަ ނޫނީ އަންގާރަތަ؟] ނަދުހާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އެއްސެވެ.

[އާދީއްތަ] ޖަވާބު ދިނީ ދަލޭކައެވެ. ދަލޭކަ ޖަވާބުދިންލެއް އަވަސްކަމުން، ހީވީ ނަދުހާ މުޚާޠަބުކުރީ ސީދާ ދަލޭކައާހެނެވެ.

[އާދީއްތައޭ؟] ޒުހުރާއާއި ޝަކީބް، އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

[މިއަދު މާބޮޑު ކަމެއް އޮތީތަ؟] ޝަކީބު ހިނިތުންވެލަމުން ނަދުހާގެ މޫނަށް ބަލައިލިއެވެ.

[އުނހު، މާބޮޑު ކަމެއް އޮތީކީ ނޫން. ކުރީ ދުވަހެއްގައި މަންމަ ބުނީމެއްނު، ނަދޫ އުފަންވީ ކޮންމެވެސް އާދީއްތަ ދުވަހެއްގައޭ. މަންމައާއި ބައްޕަ ވާނެއެއްނު ނަދޫއަށް ވިޝްކުރަން.] ތިންދުވަސް ކުރީގެ ހަނދާންތަކެއް އައުކޮށްފައި ނަދުހާ ބުންޏެވެ. ހީގަންނަމުންނެވެ.

[އުފާވެރި އުފަން ދުވަހަކަށް އެދެން.] އެންމެ ފުރަތަމަ މަރްޙަބާކީ ދަލޭކައެވެ. ދަލޭކަ އިނީ ވަރަށް އުފާވެފައެވެ.

[ޝުކުރިއްޔާ…..] ނަދުހާ ޝުކުރު އަދާކުރިއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.