ވާހަކަ: ސަންޑޭ

މަރަދޫ މޫސާ ސާޢިދުގެ ސަންޑޭ
މަރަދޫ މޫސާ ސާޢިދުގެ ސަންޑޭ

 

އޭޕްރިލް 6 އާ ގުޅޭ؛

އެދުވަސްވީ އެގެއަށް އައި ވަރަށް އުފާވެރި ދުވަހަކަށެވެ. ނަދުހާގެ ހިތްހަމަޖެއްސުމަށްޓަކައި އެދުވަހުވެސް އެގޭގައި ކުޑަވަރެއްގެ ޙަފްލާއެއް ބޭއްވިއެވެ. އޭނާގެ ކްލާސް ކުދިން ބައިވެރިކޮށްގެނެވެ. އެދުވަހުވެސް އެތައް ފިރިހެން ކުދިންނެއް، ތަފާތު މާނައިގައި އޭނާއަށް ބެއްޔެވެ. ނަމަވެސް އެއިން އެއްވެސް ބެލުމަކަށް އޭނާ ޝައުޤެއް ނެތެވެ. އެބެލުންތަކުން އޭނާގެ ހިތަށްވެރިވީ ފޫހިކަމެވެ. އެކަން އޭނާގެ ޙަރަކާތުން ދޭހަވުމުން، ބައެއް ކުދިން ހޯހޯ ގޮވަމުން ދުވެފިލައެވެ.

[ކީއްކުރަންތަ އަހަންނާ ދިމާއަށް ބަލަންވީކީ…..؟ ވަރަށް ފޫހިވޭ.] ނަދުހާ، އޭނާގެ ރަޙްމަތްތެރިޔާއާ ވާހަކަ ދެއްކީ، ޖެހިގެން އައި ދުވަހުގެ މެންދުރެއްހާއިރުއެވެ.

[އެއީ އެހާވަރު ކަމެއްތަ، ނަދޫ އަޅާނުލާބަލަ.] ހިނިތުންވެލަމުން ފާތިނާ ބުންޏެވެ.

[އަހަރެން ވަރަށް ފޫހިވޭ. ފާތިނާ ބުނާހެން އަހަރެން ހިތްއެދޭ ކުއްޖަކު ފެނުނީމަ އަހަންނަށް އެނގޭނެ. އެފަދަ މީހަކު ފެނިއްޖެއްޔާ އަހަރެން އަމިއްލައަށްވެސް އެދޭނަން.] ނަދުހާ ބުންޏެވެ. ސަބަބެއް ނޭނގެއެވެ. ނަދުހާ ފިރިހެނުން މަތިން މާވަރަކަށް ފޫހިވަނީއެވެ. ޚާއްޞަކޮށް، އޭނާގެ ލޯތްބަށް އެދޭ ފަރާތްތައް ދެކެއެވެ.

މިހާރުވެސް އޭނާގެ ލޯތްބަށް އެދި ހުށަހެޅި ކުދިންގެ ޢަދަދު، ގުނާ ޢަދަދު ނުކުރެވޭ ކަމަށްވެއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާއަކީ ޤުދްރަތުން ރިވެތި ހުރިހާ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ދިވެހި އެހެން އަންހެން ކުދިންނާ ޚިލާފަށް، އޭނާއަށް ފަން ރަން ކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާއިރު، ހަށިގަނޑުގެ ރޫފަ ރަނގަޅުވެފައި، ކުލަ ދޮންވުމުން، އޭނާ ބޮޑަށް ވައްތަރީ ހުޅަނގުގެ ރީތީގެ ރާނީއަކާއެވެ.

[ޙަޤީޤަތުގައިވެސް ހީވަނީ މިސް އިޓަލީހެން.] ނަވާލް، ނަދުހާއަށް އިވޭވަރަށް ނަދުހާއަށް ތަޢްރީފު ކުރިއެވެ.

[އޫނ……] ނަދުހާ ފޫހިވައްތަރެއް މޫނުމައްޗަށް ޖެއްސުމަށްފަހު، ހިނގުން ބާރުކުރިއެވެ.

[އަހަންނަށް ވައްތަރީ ފަރަންސޭސިވިލާތުގެ ރީތީގެ ރާނީއާ.] އަފްޒަލް ހީނގަންނަމުން، މިހެން ބުނެފައި ނަވާލްގެ ކޮނޑަށް އަތް ވައްޓާލިއެވެ. ނަމަވެސް، ނަދުހާ ފަސްއެނބުރި ބަލައިވެސްނުލިއެވެ. އޭނާ އެދިޔަގޮތަށް ގޮސް ކުރިމަތީގައި ހުރި ގެއަކަށް ވަދެއްޖެއެވެ.

[ދިވެހި މުޑުވަކެއްހެން ހިއެއްވެސްނުވޭ.] ނަވާލް ހުރީ ނަދުހާ ވަން ގެއާ ދިމާއަށް ބަލަހައްޓައިގެން ގަނޑުވެފައެވެ.

[ތިހެން ނުބުނޭ ނަވާލް. ޔޫރަޕަށްވުރެން މާރީތި ކުދިން ރާއްޖޭގައި އުޅޭ. އެއްފަހަރުނަމަވެސް، ނަވާލް މި މާލެ ނޫން ރަށަކަށްދޭބަލަ. މޮޔަވާވަރުވާނެ.] އަފްޒަލް ބުންޏެވެ.

[ތިބުނީ ރަނގަޅަށް. ނަދުހާހާ ރީތި ކުއްޖަކު ހިއެއްނުވޭ ޔޫރަޕުންވެސް ފެނިދާނެހެން.] ނަދުހާއާއި ފާތިނާ، ކުރިމަތީގައި ހުރި ގެއިން ނުކުތީ ނަވާލަށް މިހެން ބުނެވުނު ވަގުތެވެ.

[ވާހް……..ހިތްގައިމު ލުކެއް އެބަހުރި.] ނަދުހާ ފެނުމުން ބޭއިޚްތިޔާރުގައި އަފްޒަލަށް ބުނެވުނެވެ. ހަމައެކަނި ނަވާލަށް އިވޭވަރަށެވެ.

ނަވާލް ނަދުހާމެންގެ ފަހަތުން ހިނގައިގެންފިއެވެ. އެކަން ނަދުހާމެންނަށް އެނގުނީ ކަމަށްވެސް ވެދާނެއެވެ. ނަދުހާމެންގެ ހިނގުން  ބާރުކޮށްލިއެވެ. ނަވާލާއި އަފްޒަލްވެސް ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް، އެއިން އެކަކަށްވެސް އިސްވެ ނަދުހާމެންނަށް ގޮވާކަށް ނުކެރުނެވެ. ބޮޑަށް އެމީހުންނަށް ނަދުހާމެންގެ ނަންވެސް ނޭނގޭތީއެވެ.

[ބްރައުން އިސްތަށިގަނޑުލީ ކުއްޖާއަށް އަހަރެންގެ ސަލާމް.] ނަވާލް ނަދުހާމެންނާ ދިހަވަރަކަށް ފޫޓަށް ކައިރިވުމަށްފަހު، މަޑުމަޑުން ބުނެލިއެވެ. ފާތިނާ ކުޑަކޮށް ފަސްއެނބުރި ބަލައިލިއެވެ. އެހެން ނަމަވެސް، ނަދުހާ އަޅާވެސްނުލިއެވެ. ހީލިއެވެ. އެއަޑު އިވި އިތުރަށް އޭނާ ފޫހިވީއެވެ. އެދުވަހު ނަދުހާމެންނަށް ގެއަށް ދެވެންދެން އެވެރިންގެ ފަހަތުން ނަވާލް ގޯޅިއެޅިއެވެ. އެކަމަކުވެސް ނަދުހާމެންގެ އެއްވެސް އިޝާރާތެއް ނުލިބޭމެއެވެ.

[އެއްވެސް މީހަކު އަހަރެންގެ ފަހަތުން ކޯރިއަޅާނެ ކަމެއްނެތް. ވަރަށް ފޫހިވޭ.] ނަދުހާ ހުރީ ގެއަށް ނުވަދެވިގެންނެވެ. އެއީ އޭނާގެ އާދައެކެވެ. މަގުމަތިން ކުއްޖަކު ދިމާކޮށްފިއްޔާ އަބަދުވެސް އޭނާ ގެއަށް ވަދެ މަންމަ ގާތު ޝަކުވާ ކުރެއެވެ. ބައެއްފަހަރު އެކަންތަކާ ޒުހުރާ ގާތަށް ހިނިވެސް އާދެއެވެ. [ފިރިހެން ކުދިން އެހެން އުޅޭނެ. ދަރިފުޅު އަޅާނުލީމަވީނު.] ޒުހުރާ ނަދުހާގެ ބޮލުގައި ފިރުމާލިއެވެ.

[އެކަމަކު….މިހާރު މަގުމައްޗަށް ނުކުމެ އުޅެންވެސް އުނދަގޫވޭ. އަހަރެން ނޫނަސް އަންހެން ކުދިން މިދުނިޔޭގައި އެބައުޅެއެއްނު.] ނަދުހާ މަންމައިން ސޯފާގައި މަންމައާޖެހި ފިތިގެން އިށީނެވެ.

[ދަރިފުޅުހާ ރީތި ކުދިން މިރަށުގައި ނޫޅެންޏާ ވާނީ އެހެންނު.] ޒުހުރާ ހުންނަނީ އޭނާގެ ދަރިފުޅުގެ ރީތިކަމާ ދޭތެރޭ ފަޚުރުވެރިވެފައެވެ. އެއީ ދުނިޔޭގެ އާދައެވެ. ރީތި ދަރިއެއްގެ ނަޞީބު ލިބިފައިވާ ކޮންމެ މަޔަކާއި ބަފަޔަކުވެސް ވަރަށް ފަޚްރުވެރިވެ، އިންތިހާއަށް އުފާވެރިކަން ޙިއްޞާ ކުރާނެއެވެ. ޒުހުރާއާއި ޝަކީބުގެ ހުރިހާ ފަޚްރަކީވެސް، އެދެމަފިރިންގެ ދަރިފުޅު ނަދުހާއެވެ. އެދަރިފުޅުގެ ނަލަކަމާއި ޗާލުކަމުގެ ވާހަކައަކީ، އެމީހުންނަށް އާ ވާހަކައެއް ނޫނެވެ. އެއީ އަބަދުވެސް އިވޭ އަޑެކެވެ.

ގެންގުޅޭ މީހެއްގެ ގޮތުގައި ދަލޭކަ އެގެއަށް އައިފަހުން، ނަދުހާގެ ހުރިހާ ކަމެއްވެސް ބެލެހެއްޓުމާ، އަމިއްލައަށް އެދިގެން ދަލޭކަ ޙަވާލުވިއެވެ. ޙަޤީޤަތުގައި ދަލޭކަ އެގެއަށް ގެނައި މަޤްޞަދަކީވެސް އެއީއެވެ.

[މީގެފަހުން ނަދުހާގެ އަންނައުނު ދޮވެ އިސްތިރި ކުރުމާއި، އެހެން ކަންތައްތަކުގައިވެސް ނަދުހާއަށް އެހީތެރިވާނީ އަހަރެން.] ދަލޭކަ ނަދުހާގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. ނަދުހާ ލުއި ހިނިތުންވެލުމަކާއެކު ބޯޖަހާލިއެވެ.

ނަވާލް މިހާރު ވިސްނަމުން އެދަނީ، ނަދުހާ އޭނާއާ ގުޅުމަށް އެދި ހުށަހަޅާނެ ގޮތަކާ ދޭތެރޭގައެވެ. އޭނާ ބޭނުންވާ ހުރިހާ ސިފަތަކެއްވެސް ނަދުހާގެ ކިބައިގައި އެބަހުއްޓެވެ. ނަދުހާ ރީއްޗެވެ. އަޚްލާޤު ރަނގަޅުވެފައި، ޢާންމު ނޫން ފުރިހަމަ ކިތަންމެ ކަމެއް، އޭނާގެ ކިބައިގައިވެއެވެ. އެހެންކަމުން ކަމަށްވެސް ވެދާނެއެވެ. މިހާރު ނަވާލްގެ ހިތް ނަދުހާއަށް އެދި ގޮވަނީއެވެ.

[އަހަރެން ނަދުހާ ބޭނުން. މަސައްކަތް ކުރެވިއްޖެއްޔާ ކާމިޔާބު ލިބުމަކީވެސް ދުރުކަމެއް ނޫން.] ނަވާލް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ އަފްޒަލާއެވެ. އެދެމީހުން ތިބީ މާފަންނުކޮޅުގައި އަލަށް ހަދާފައި ހުރި އޯޕަން އެއަރ ރެސްޓޯރެންޓެއްގައެވެ.

އެއީ ފަހަކަށްއައިސް ވަރަށްގިނަ ބަޔަކު ސައްލާކުރަންދާ މަންޒިލަކަށްވެފައިވާ ތަނެކެވެ. ފާހަގަކުރެވިފައިވާ ގޮތުގައި، އެތަނުން އެންމެ ބާރަށް ވިކޭ އެއްޗަކީ ދެވައްތަރުގެ ކޮފީއެވެ. ގިނަ ޒުވާނުން، އެތަނަށް ވަދެ ބޭނުންކޮށްލަނީ ކޮފީއެއް ނޫނީ ސިނގިރެޓެކެވެ.

[ނަވާލް، އަހަރެންގެ ހިތަށްއަރާ، ބޮޑުކުލީގައި މިތަންތަން ހިފައިގެން މިހިންގަނީ ފައިދާވާތީބާއޭ. ގައިމު މިގޮތަށް ހަމައެކަނި ބްލެކް ކޮފީއެއް ބޯލުމަށް ކިތައް މީހުން ވަދެފައި އެދަނީ.] އަފްޒަލް ނަވާލުގެ މަޥްޟޫޢު ބަދަލުކުރުމުގެ ޤަޞްދުގައި ބުންޏެވެ. އޭނާގެ މަޤްޞަދު ޙާޞިލުވެސްވިއެވެ.

[ތިބުނީ ތެދެއް. އެންމެ ކޮފީއެއް ބޯލުމަށް ވަންނަ މީހާވެސް ދޮޅުގަޑި ނޫނީ ދެގަޑިއެއްހާއިރު، ބޮޑު މޭޒެއް ހިފައިގެން އިނދެފައި އެދަނީ.] ނަވާލްގެ މަޥްޟޫޢު އޮޅުނެވެ. އަފްޒަލް އެ މަޥްޟޫޢާ އެހާ ގަޔާނުވަނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

[ހިނގާ ބިލް ދައްކާފައި ދަމާ.] ތަބައްތެރޭގައި އޮތް ބިލަށް ބަލައިލަމުން ނަވާލް ބުންޏެވެ.

[އަފޫ ބުނާނެ ފައިދާ ނުވާނެ ވާހަކަ. ކީއްވެތަ ފައިދާ ނުވާންވީ. އެންމެ ދެކޮފީ ބުއީމަވެސް މިއޮތީވިއްޔަ އެރިވަރު.] ނަވާލް ވެއިޓަރުގެ އަތަށް ފައިސާއާއި ބިލް ޙަވާލު ކުރުމަށްފަހު ބުންޏެވެ. އެއީ ތަނަކަށް ވަދެ ސައިބޮއިފިއްޔާ، އޭނާގެ އާދައެކެވެ. އެއްވެސްތާކުން އެތަނެއްގެ އަގާ ދޭތެރޭ ހިތްހަމަޖެހިގެނެއް އޭނާއެއް ނުދެއެވެ.

ވެއިޓަރު ބިލާއި ފައިސާ ހިފައިގެން ހިނގައިގަތުމުން، ނަވާލްމެން އެތަނުން ނުކުތެވެ. އަނެއްކާވެސް ނަދުހާގެ މަތިން ހަނދާންވެ، ނަވާލް ނަދުހާގެ ރީތިކަމާއި ފަރިކަމުގެ ވާހަކަ ފެށީ، ގެއަށްދާން ސައިކަލަށް އަރައި ސްޓާޓް ކޮށްލަމުންނެވެ.

[ނަދުހާ ފެނޭތޯ އެގޭ ދޮރުމަތިން ބުރެއް ޖަހާލާފަ ދާނީ. ފެނިލިޔަސް އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭ.] ނަވާލް ސައިކަލް ދުއްވާލިއެވެ.

ނަދުހާގެ ގެއާ ދިމާއަށެވެ. ނަމަވެސް، ފަހަތުގައި ހުރި އަފްޒަލް އަނގަޔަކުންވެސް ނުބުނެއެވެ. ހީވަނީ އޭނާއަށް އަޑުވެސް ނީވެނީހެންނެވެ. ނޫނީ އެވާހަކަ އޭނާ އަޑުއަހަން ބޭނުން ނުވަނީއެވެ. ނަމަވެސް، ނަވާލްގެ ފަރުވާލެއްނެތްކަހަލައެވެ. އޭނާ އެދިޔަގޮތަށްގޮސް ސައިކަލް ހުއްޓީ، ނަދުހާމެން ގޭގެ ދޮރުމައްޗަށް ކަހަލަ ގޮތަކަށެވެ. އެއީ ނަދުހާ ޓިއުޝަން ނިންމާފައި އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ.

[ނަދޫ މަޑުކޮށްފާނަންތަ؟] ނަވާލް ގާތް ރައްޓެއްސަކަށް ގޮވާލާފަދަ ގޮތަކަށް ނަދުހާއާ މުޚާޠަބު ކުރުމުން، ނަދުހާ ސިހިފައި ހުއްޓުނެވެ.

[ކާކު!؟] ނަދުހާއަކަށް ނަވާލެއް ނޭނގުނެވެ. ނުވެސް ދަންނަ ބަޔަކު އެގޮތަށް ގޮވުމުން، އޭނާގެ މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވެގަތެވެ.

[އަހަރެން، އަހަންނަށް ކިޔަނީ ނަވާލް. ދެން، ފަހަތުގައި މިއިނީ އަހަރެންގެ ބެސްޓް ފްރެންޑް އަފްޒަލް.] އޭރު ސައިކަލް ފަހަތުގައި އިން އަފްޒަލްގެވެސް ހުރިހާ ނަޒަރެއް ހުއްޓިފައިވަނީ ނަދުހާއަށެވެ. އޭނާ އައީ ސައިކަލް ފަހަތުގައި އިނދެގެންވެސް ތަފާތު މާނަ އެކުލެވޭފަދަ ގޮތްގޮތަށް އިޝާރާތް ކުރަމުންނެވެ.

[ނުދަންނަން.] ފޫހި ފަރުވާކުޑަ ރާގެއްގައި ނަދުހާ ބުނެލިއެވެ. ނަވާލް ސައިކަލް ކުޑަކޮށް ކުރިއަށް ޖައްސާލިއެވެ.

[މިހާރު މިއެނގި ދަސްވީއެއްނު.] ނަވާލް ބޭނުންވަނީ ނަދުހާ ލައްވާ ވާހަކަ ދައްކުވާށެވެ. ބޯޖަހާލުމަށްފަހު، ނަދުހާ ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. ލިބުނު ހިތްހަމަޖެހުމާއެކު ނަވާލް ސައިކަލް ދުއްވާލިއެވެ.

އެދުވަސްވީ އެގެއަށް އައި ވަރަށް އުފާވެރި ދުވަހަކަށެވެ. ނަދުހާގެ ހިތްހަމަޖެއްސުމަށްޓަކައި އެދުވަހުވެސް އެގޭގައި ކުޑަވަރެއްގެ ޙަފްލާއެއް ބޭއްވިއެވެ. އޭނާގެ ކްލާސް ކުދިން ބައިވެރިކޮށްގެނެވެ. އެދުވަހުވެސް އެތައް ފިރިހެން ކުދިންނެއް، ތަފާތު މާނައިގައި އޭނާއަށް ބެއްޔެވެ. ނަމަވެސް އެއިން އެއްވެސް ބެލުމަކަށް އޭނާ ޝައުޤެއް ނެތެވެ. އެބެލުންތަކުން އޭނާގެ ހިތަށްވެރިވީ ފޫހިކަމެވެ. އެކަން އޭނާގެ ޙަރަކާތުން ދޭހަވުމުން، ބައެއް ކުދިން ހޯހޯ ގޮވަމުން ދުވެފިލައެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.