އޭނާ ވަކިވީއެވެ. ނަމަވެސް އޭނާގެ ބަސްތައް ވަނީ އަހުރެންނާ އެކުގައެވެ.

އޭނާ ވަކިވީއެވެ. ނަމަވެސް އޭނާގެ ބަސްތައް ވަނީ އަހުރެންނާއެކުގައެވެ.
އޭނާ ވަކިވީއެވެ. ނަމަވެސް އޭނާގެ ބަސްތައް ވަނީ އަހުރެންނާއެކުގައެވެ.

 

ލިޔުނީ: ކުރޮޅި އާދަމް ޒާހިރު

އެހެންވެސް ރޭތައް ފަދައިން އެރޭވެސް ހަނީފު އަހަރެންގެ ގެއަށް އައެވެ. ނަމަވެސް އަހަރެން ދަންނަންފެށިފަހުން ބައްދަލުކުރި ރޭތަކާ މުޅި ޚިލާފު ޚަބަރަކާއިގެންނެވެ. ބޭނުންނުވިޔަސް މަޖުބޫރު ޚަބަރަކާއިގެންނެވެ. ކައިވެނީގެ ކުރީން މިހާތަނަށް ލިބުނު އެންމެ ހިތްދަތިވި ލަފުޒު އިވުނު ޚަބަރާއިގެންނެވެ. އެރޭގެ އެ ވަގުތާއި އެ ތަނާއި އެ ޙާލަތާއި އެ ޝުޢޫރު އަދިވެސް އަހަރެންގެ ކުރިމަތީގައި ކުރެހިފައި އެބަހުއްޓެވެ. އެ ވަގުތުގެ އަގު ވަޒަންކުރެވުނީ މިއަދުއެވެ. އެ ޚަބަރުގެ ހިތިކަން އެނގުނީވެސް މިއަދުއެވެ.

ހަނީފަކީ އަހުރެންގެ ލޯބިވެރިޔާއެވެ. އަދި ލޯބީގެ ބަހެއް ބުނެވުނު ފުރަތަމަ އެކުވެރިޔާވެސް މެއެވެ. ޙަޔާތުގެ އުއްމީދެއްގައި ބަހެއް ބުނެވުނުވެސް ފުރަތަމަ ބައިވެރިޔާއެވެ. ގްރޭޑް ބާރަ ނިންމައި ހެދި އެންމެ ފަހު އިމްތިޙާން ނިމުމަށްފަހު ހޯލުން ނުކުމެ އުފަލުން ގެއާ ދިމާއަށް ހިނގައިގަތްވަގުތު ދިމާވި އެކްސިޑެންޓެއްގައި ފެނުނު ހިނދުންފެށިގެން މިއަދާ ހަމައަށްވެސް އެ ސޫރައެއް މި ހިތުގައި ކުރެހިފައިވީ ހަމައެކަނި ބައިވެރިޔާއެވެ. ދުވަހަކުވެސް އެ ހަނދާންތައް ދުރަށް ނުދާނޭ ލޯބިވެރިޔާއެވެ.

ހަނީފަކީ ރ. އިންނަމާދޫ އާދައިގެ މަސްވެރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ހަނީފުގެ މަންމަ ދެ މީހަކާ ކައިވެނިކުރިނަމަވެސް ދަރިން ލިބިފައިވަނީ ހަމައެކަނި ހަނީފުގެ ބައްޕަ މޫސާފުޅަށެވެ. އެ އާއިލާގައި ދެން ތިބީ 6 އަންހެން ކުދީންނެވެ. އެއީ ހަނީފުގެ 2 ދައްތައާއި 3 ކޮއްކޮއެވެ. މި ހުރިހާކުދީންނަކީވެސް އުފަލުގައި ވޭތުކުރާ، ބައްޕައާއި މަންމަދެކެ ނިހާޔަތަށް ލޯބިވާ ކުދީނެވެ. އަދި ހަނީފާ އޮންނަ ގުޅުން ބަދަހި މަޖާ އާއިލާއެގެވެރި ބައެކެވެ. ތަޢުލީމީ ޢާއިލާގެ ވެރީންނެވެ.

އަހުރެންނާއި ހަނީފު ބައްދަލުވީ އެކްސިޑެންޓުގައި ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް އައި.ޖީ.އެމް. ހޮސްޕިޓަލުގައި ވޭތުކުރި ދެ ގަޑިއެއްހާއިރުން ކިޔައިދިން ގޮތުގައި އެ ދުވަހަކީ އޭނާއަށް ވަރަށް ޚާއްސަ ދުވަހެކެވެ. އެއީ އޭނާ ސިފައިންގެއަށްވަދެ ހެދި ފުރަތަމަ ތަމްރީނު ނިންމައި މާލެ އައި ދުވަހެކެވެ. އަދި އެއީ އޭނާގެ ބައްޕަ އަށް ނޮވެލްޓީ ބުކްޝޮޕުގެ ގުރުއަތަކާ ގުޅިގެން އެއް ލައްކަ ރުފިޔާ ލިބި ތިޔާގިކަމެއް އިހުސާސްކުރާ ދުވަސްވެސް މެއެވެ. އަދި އެއީ އޭނާއާ އެއްބަނޑު އެއްބަފާ ކޮއްކޮ އާފިޔާއަށް 16 އަހަރު ފުރުނުވެސް ދުވަހެވެ. ތެދެކެވެ. އެއީ ޚާއްސަ ދުވަހެކެވެ. އަހުރެންނަށްވެސް އެ ދުވަސް ވަރަށް ޚާއްސަ އެވެ.

އެކްސިޑެންޓަކުން އުފެދުނު ހަހަރުވެތި ދާގަނޑެއްގައި އަހުރެން ބެދުނު އެ ދުވަހަކީ އަހުރެންގެ ހިތުގައި ވިކައިލި ފުރަތަމަ ފިރިހެނާ ދެއްކެވި ދުވަހެވެ. އެއީ ސާނަވީ ކިޔެވުން ނިމުނު ކަމުގެ އުފާ އަހުރެން ފާހަގަކުރި ދުވަހެވެ. އެއީ މުޅި ޢުމުރުގައި ފުރަމަތަ އެކްސީޑެންޓެއް ވީ ދުވަސްވެސް މެއެވެ. އަދި އެއީ ސްކޫލުންގެއަށް، އެކަނި ދިއުމުގެ ހުއްދަ ލިބުނީތީ އެކަމުގެ އުފާވެސް ލިބުނު ދުވަހެވެ. ހިތުގައި ބޮޑު މީހެއްގެ ޚިޔާލު ހިނގައިގަނެ. ޒިންމާތަކެއް ވާކަމާއި ދުނިޔޭގައި ހިނގަން ލިބޭ މަގުގައި އެތައް އެތައް ކަންތައްތަކެއް ވާނޭކަން ތަޖުރިބާކުރެވުނު ދުވަހެވެ. ﷲ ލެއްވި ދުނިޔޭގެ ކަންކަމަށް ލޯ ހުޅުވުމަށް މަޖުބޫރުކުރުވި ދުވަހެކެވެ. ﷲއަށް ޙަމްދުކުރަމެވެ.

އެއީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ރެ އެވެ. މަންމައަށް އެހީވުމުގައި އަވަދި ނެތި އުޅެނިކޮށް ވަރަށް ބާރަށް ސަލާމްގޮވައިލީމައި ބަލައިލި އިރު މެދުގޭތެރޭގައި ހަނީފު ހުއްޓެވެ. “ހާދަ ބާރަކަށް ސަލާމްގޮވައިލީ” މަންމަ އަހައިލިއެވެ. ތެދެކެވެ. އެހެންނާ އަށް ވުރެ އެރޭގެ ސަލާމުގެ އަޑު ވަރަށް ގަދައެވެ. އަޑުގައި ހާސްކަމެއްވެސް ހުރިކަން ފާހަގަކުރެވުނެވެ. “ކާންވީނު” ހަނީފުގާތު ބުނެލީމެވެ. އާނއެކޭ ބުނެލުމަށްފަހު ކާމޭޒުދޮށުގައި އިށީނެވެ. އޭރު ހަސީންކޮއާއި ތުއްތަ ވެސް ކާން ތިއްބެވެ.

“ޒަހީނާގެ ބައްޕަކޮބާ” ހަނީފު މޭޒުދޮށުގައި އިށީންނަމުން އަހައިލި މި ސުވާލަށް ހިތުގައި ހައިރާންކަމެއް އުފެދުނެވެ. އެހެންނާވެސް ހަނީފު، އަހުރެންގެ ގެއިން ކައެވެ. ބައްޕަ ނު އުޅުއްވާ ވަގުތުތަކުގައިވެސް ކާން އިނދެއެވެ. ނަމަވެސް އެ ރޭ އެ ކުރި ވަރުގެ ސުވާލެއް ދުވަހަކުވެސް ނުކުރެއެވެ. “އެބަ ދުރުވޭ. މިވަގުތު ވީ މިސްކިތުގައި” އަހުރެން ބުނީމެވެ. ދެންވެސް ހައިރާންކުރުވިއެވެ. އެއީ ހަނީފުގެ މޫނުމަތީން ފެނުނު އުފާވެރިކަމެވެ. “އެހެންވިއްޔާ ކާނީ ބައްޕަ ދުރުވީމާ” ހަނީފުގެ މި ޖަވާބާއެކު ތެދުވެ ސަރަންފީގައި އިށީނދެ ޓީވީއަށް ލޯ ހުސްކޮށްލިއެވެ.

ހަނީފާއި އަހުރެންގެ ކައިވެނީގެ ވާހަކަ ދައްކަން އުޅެނީ ކަމުގައި ހީވިއެވެ. ނަމަވެސް އެއީ މިދުވަސްވަރު ނުކުރާނޭކަމެއްކަމަށް މީގެ ކުރީން ވަނީ ހަނީފު ބުނެފައެވެ. ކައިވެންޏެއް ކުރުމަށްފަހުގައިވެސް ދެމީހުން ދުރުގައި އުޅެންޖެހިދާނެތީއެވެ. ހަނީފަކީ އިންޑިއާގައި ފައިޓިން ކޯހެއް ހަދަމުންދާ ސިފައިންގެ މީހެކެވެ. އަދި އެ ކޯހުގައި އިތުރު 8 މަސްދުވަސް އެބަ އޮތެވެ. ނުވިތާކަށް އަހުރެންނަށް ލިބިފައިވާ ސްކޯލާރޝިޕެއްވެސް އެބައޮތެވެ. ޗައިނާގައި މެޑިސިންގެ ރޮނގުން ކިޔެވުމަށް ވަނީ ފުރުސަތު ލިބިފައެވެ. ހަނީފު ބުނާގޮތުގައި އޭނާ އިންޑިއާގައި ހަދާ ކޯސް ނިމުނީމާ އޭގެ މާސްޓާރސްއަށް ކިޔެވުމުގެ ފުރުސަތު ޗައިނާއިން ލިބޭނެއެވެ. އެހިސާބުން އޭނާވެސް ޗައިނާއަށް ދާނެއެވެ. އޭގެކުރިން ކައިވެނިކުރާނީކަމުގައި ވާހަކަދައްކައި ރާވައިފައިވެއެވެ. ނަމަވެސް އެރޭ އެ އުޅޭގޮތަކުން “ތިޔަ އުޅެނީ ބައްޕަގާތު ކައިވެންޏަށް އަހަންތަ؟” އަހައިލީމެވެ. ޖަވާބު ލިބުމުގެކުރީގައި ބައްޕަ ގެއަށް ވެންނެވިއެވެ. އެހެންދުވަސްދުވަހާ ޚިލާފަށް އެވަގުތު ހަނީފު ފުންމައިގެން ތެދުވެ ބައްޕައާ ގާތްވެލިއެވެ. އަދި ސަލާމްކޮށްލުމަށްފަހު “މިއުޅެނީ ރަށަށް ފުރަން. މާދަމާ ނޫން އަނެއް ދުވަހު އެބަޖެހޭ ލާމަށް ދާން. އެހެންވެ މިރޭ ބައްޕައާ އެކުގައި ނޫނީ ނުކާން މިއިނީ” އުފަން ދަރިއަކަށް ހީނލާގޮތަށް ހީނލުމަށްފަހު ބައްޕަ އަތް ޖޯޑުކޮށްލިއެވެ. އަދި ކޮން ކަމަކާހޭ އަހައިލަމުން ކާން އިށީނެވެ.

ކެއުމުގެ އެންމެހާ ކަމެއް ނިމުމަށްފަހު ދައިތަ ގެއަށް ގޮސްލަން އޮތީތީ މަންމަގެ ހުއްދަ ހޯދައިގެން ހަނީފާއެކު އެ ރޭ ބޭރަށް ނުކުތީމެވެ. ނަމަވެސް އެހެންރޭރޭފަދަ އުފާވެރި މޫނަކާއެކުގައެއް ނޫނެވެ. ހަނީފު ދުވަސްކޮޅަކަށް ނަމަވެސް ވަކިވާތީ ކުރެވޭ ހިތާމައިގެ ޝަކުވާއާއެކުގައެވެ. މިއީވެސް ފިކުރުކުރެވުނު ކަމެކެވެ. ހަނީފާ ގުޅުނުފަހުން މިހާރު އަހަރެއްހައި ދުވަސް ވީއެވެ. އިންޑިއާގެ ތަމްރީނަކަށް ދިޔައީވެސް ދެމީހުން ގުޅުނު ފަހުންނެވެ. ނަމަވެސް ލާމަށް ފުރަން އުޅުމުން ކުރެވުނު ދެރަ އިހުސާސެއް ނުކުރެވެއެވެ. އެއީ ކީއްވެކަން އެދުވަހު ނުވިސްނުނަސް މިއަދު އެބަ ވިސްނެއެވެ.

“މިރޭ ވަރަށް އަވަހަށް އެބަ ވަކިވާންޖެހޭ” ދައިތަގެއަށް ދިއުމުގެ މަގުމަތީގައި ހަނީފުގެ މި އެދުމަށް “ކީއްވެ؟ މާދަމާ ރޭގައެއް ނު ފުރަނީ؟” ބުނެލީމެވެ. ނަމަވެސް އޭނާ ދެން ކިޔައިދިން ވާހަކައިން އެއީ ޝަކުވާއަކަށް ނުހަދަމެވެ. ހަނީފު ގަސްތުކޮށްފައި އޮތީ ކޯސްޓުގާޑެއް މިރޭ ރ އަތޮޅަށް ފުރާތީ އަދި އެ އުޅަނދު ރާއިން ލާމަށް ދާތީ އޭނާގެ އަމިއްލަ ރަށަށް ޖެހިލާށެވެ. އޭނާގެ މަންމައާއި ކޮއްކޮމެން ތިބެނީ ރަށުގައެވެ. ހަނީފު ބުނިގޮތުގައި އެ ރޭ މަންމަމަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އަދި ބަލި ވެ އުޅޭތީ ބައްޕަ ދެކެލަންވެސް ބޭނުންވިއެވެ. ބައްޕަ ގޭ ދޯނީގައި މާލެއަށް އައިސް ދިޔަތާ ހައެއްކަދުވަސް ނުވިޔަސް އެގޮތަށް ބަލިވެ އެނދުގައި އޮތް އެއީ ފުރަތަމަ ފަހަރުކަމުގައި ވީތީ ބައްޕައަށް ފެނިލުމަށް ހިތް އެދެނީކަމުގައި ބުނެލިއެވެ.

ކޮންމެއަކަސް އެރޭގެ ހިނގައިލުމަށްފަހު ދައިތަގެ ގެއަށް ވަދެފައި ވަރަށް އަވަހަށް އަހުރެން ނުކުތީމެވެ. އަދި ހަނީފާއެކު ގެއާދިމާއަށް ހިނގައިގަތީމެވެ. އެވަގުތު އުޑުން ވުސްލައިފައި ދާތީ 3 ތަރި ފެނުނެވެ. “އެއީ ޖިންނިން. ފަހުން އެ ދިޔައީ ވަރަށް ޚާއްސަ ޖިންނިއެއް” ފެނުނު ތަރިއާމެދު ހަނީފު ޚިޔާލު ފާޅުކޮށްލިއެވެ. “މީހުން ބުނޭ ދެ ލޯބިވެރިންނަށް އެގޮތަށް ތަރި ފެނުނީމާ އެއީ އެއްޗެކޭ” ބުނަން ބޭނުން ނުވާތީ މިވަރަށް ބުނެލައިފައި ހުއްޓައިލީމެވެ. “ހޫނ.. އެ ބުނާހެން ވާނީ އެއް ރެއެއްގައި އެކަހަލަ ހަތަރު ތަރި ފެނުނީމާ” ހަނީފު ބުނެލިއެވެ. މި ބަހުގެ އަޑު ނުކެނޑެނީސް ހަމަ އެގޮތަށްދަތުރުކުރި ހަތަރުވަނަ ތަރި ފެނިއްޖެއެވެ. އަދި އެ ތަރި ހީވެސް ނުކުރާކަހަލަ ގޮތަކަށް ދިގު ދަތުރެއްކުރިތަން ފެނުނެވެ. އެކަމާ ވިސްނުނުވަރުން އެރޭ އަހުރެންގެ ހިތް އާދަޔާ ޚިލާފަށް ތެޅުނެވެ.

ހަނީފު ވަކިވާވަގުތު ޖެހުމާއެކު ވަރަށް މަޖާވެލައިފައި އޭނާގެ ފަލަކީ ބުނުންތަކަށް ހިސާބެއް ހަދައިލިއެވެ. “މިއީ 2011، އެއީ 4. 8 ވަނަ މަސް. އެވީ 12. އަދި މިއީ 3 ވަނަދުވަސް އެވީ 15 މިއީ ގެއްލި ހުސްވާ ޢަދަދެއް. ރޯމަން ފަލަކުގައި 15 އަކީ 6. އެއީވެސް ގެއްލި ހުސްވާ ޢަދަދެއް. އަނެއްކާ މިޢަދަދު ގެއްލި ހުސްވާނެ 2 ވިޔައަކުން. މާނައަކީ ވިސްނަންޖެހޭ މާނައެއް. އަނެއްކާ މިރޭ 4 ތަރިދޯ. އެވެސް ގެއްލި ހުސްވޭ” ހަނީފު އަހަރެންގެ ހިތް ހާސްކުރުވިއެވެ. އެއީ އޭގެކުރިން އެވަރަށް ނުޖަހާ ސަކަރާތެކެވެ. އެފަދަ ބަސްތަކުން ސަމާސާކޮށް އުޅުމުމީ މާ ބޮޑަށް ހަނީފުކޮށް އުޅުނުކަމެއް ނޫނެވެ.

ހަނީފު އެރޭ ވަކިވީ ދެންވެސް މުޅިން އާކަމެއްކޮށްފައެވެ. ދެމީހުން ގުޅުނުފަހުން އެރޭ ނޫނީ އަތްޖޯޑުކޮށް ސަލާމެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އަތް ޖޯޑުކޮށް ސަލާމެއް ނުކުރާނެއެވެ. ބައްޕަވެސް ޤަބޫލުކުރައްވާގޮތުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އަތާ އަތް ޖޯޑެއް ނުކުރާނެއެވެ.  ނަމަވެސް، ވަކިވީ އެރޭ އޭނާ ދިޔައީ އަހުރެންނާ އަތްޖޯޑުކޮށް ސަލާމްކޮށްފައެވެ. އަދި ކަންފަތްދޮށުން އަޑު ނުފިލާވަރުގެ ވަސިއްޔަތެއްވެސްކޮށްފައެވެ. “ކޮއްކޮމެންގެ ނަންބަރު އެބަހުއްޓެއްނު. އެކުދިންނާ ގުޅައްޗޭ.. އަހަންނާ ނުގުޅުނަސް މަންމައާއި އެ ކުދިންނާ ގުޅައި އެކުވެރިކަން އާލާކުރާތި. ދަނީ…. “

އެރޭގެ ފަހު ދެތިން ޖުމުލައިން އަހުރެންގެ މޭގަނޑު ނަގައި ފޮއިދަށު ލީފަދައެވެ. ނިދި އެކުގައި ހަށިން ބޭރުކޮށް ނެތިކޮށްލިކަހަކައެވެ. ވިސްނުމުގެ ނިޒާމަށް ބުރަކަށް އައިސް އަބަދުހެން އެ ޢިބާރާތްކޮޅަށް ވިސްނަން ޖެއްސުވިއެވެ. ނަމަވެސް މިހާރު މި ކުރެވޭވަރުގެ އެއްވެސް ފިކުރެއް އެ ރެއަކު ނުކުރަމެވެ. ކުރެވުނުހާވެސް ފިކުރަކީ ވަކިވުމުގެ ފިކުރެވެ. ދެމަހަކަށް ހިތުގެ ލޯބިވެތި ހަނީފު ގެއްލުނުކަމުގެ ފިކުރެވެ. އައްޑޫގައި އޮންނަ ސާކްސަމިޓަށް ހަށިފާރަވެރިން ތަމްރީނުކުރުމަށް ހިންގޭ ތަމްރީނު ޙަރަކާތެއްގައި އުޅެންޖެހުނީތީ ލާމަށް ފުރީއެވެ. ތަމްރީނުގައި ދެމަސްދުވަސް ވާނޭކަމުގައި ވެއެވެ. އެފަދަ ތަމްރީނުތަކުގައި އުޅޭއިރު ފޯނުންގުޅުމަކީވެސް މާ ފަސޭހަކަމެއް ނޫންކަމުގައި ހަނީފުގެ ވާހަކަތަކުން ކުރީގައިވަނީ އެނގިފައެވެ. ކުރިން ވިސްނިފައިވަނީ އެރޭގެ އެ ވާހަކަތަކާއި އެ ޢަމަލުތަކަކީ މި ވަކިވުމާ ގުޅިގެން އައި ބަދަލެއްކަމުގައެވެ. ނަމަވެސް މިއަދު ވިސްނުނުގޮތުގައި އެ ރޭގެ ކޮންމެ ކަމަކާއި ކޮންމެ ބަހަކީ އިންޒާރެކެވެ. މާތް ހިތަކަށް ކަންކަން އިހުސާސްކުރެވޭނޭކަމުގައި މުސްކުޅިން ބުނެއުޅޭ ބަސް މިއަދު ޔަޤީންވީއެވެ.

ހަނީފު ފުރައިފިއެވެ. އޭނާ ރަށަށް ދިއުމަށްފަހު އާއިލާއާ ބައްދަލުކުރިއެވެ. ނަމަވެސް އެނބުރި މާލެއަށް އައުމުގެ ބަދަލުގައި އެމީހުން ދިޔައީ ލާމަށެވެ. ކައްދޫގައި ފެށޭ ތަމްރީނަށެވެ. އަހުރެން ހަނީފުގެ ކޮއްކޮމެންނާ ގުޅީމެވެ. ހަނީފާވެސް ގުޅީމެވެ. ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އާއިލާގެ މީހުންވެސް ވަރަށް ރަނގަޅެވެ. އޭނާގެ ބައްޕަވެސް ވާހަކަދެއްކިއެވެ. ޙާލުވެސް ރަނގަޅެވެ. ހުރިހާކަމެއް ބަރާބަރެވެ.

ހަނީފަކީ ފަތިހު ފޯނުކުރާ މީހެއް ނޫނެވެ. ނަމަވެސް މިއަދުގެ ފަތިސްވީ އަނެއްކާވެސް އާ ފަތިހަކަށެވެ. އަހުރެންނަށް ހޭލެވުނީ ހަނީފުގެ ފޯނުކޯލަކަށެވެ. އާންމުކޮށް ފޯނު ނާންނަ ގަޑިއެއްގައި ފޯނު ރިންގު ވާތީ ނެގިއިރު ހަނީފެވެ. “އައްދޭ ހަދަ ފަތިހަކު.. ކިހިނެއްވީ މިއަދު މާފަތިހަކާ ގުޅީ.. އަނެއްކާ ބަލީތަ” ހައިރާން ވެވުނުވަރުން އަހައިލީމެވެ. އޭނާ ބުނިގޮތުގައި ބައްޔެއްނޫނެވެ. “ބައްޔެއް ނޫން. ޒަހީރާ ފަތިސްނަމާދަށް އަރުވަން ގޮވީނު.. އަވަހަށް ނަމާދަށް ދޭ.. ހެޔޮ ދުޢާކުރާތި..” އަހުރެން އަބަދުވެސް ނަމާދުކުރަމެވެ. ފަތިހު ހޭނުލެވޭނީ ވަރަށް މަދު ދުވަހަކުއެވެ. މިއީވެސް އެފަދަ ފަތިހެކެވެ. ދެތިން މިނިޓްއިރަށް ވާހަކަތައް ބަދަލުކުރުމަށްފަހު ފޯނު ބާއްވައިފައި މޫނުދޮވެލައި ވުޟޫކޮށްގެން ނަމާދުކުރީމެވެ. އަދި ހަނީފު އެދުނުފަދައިން އޭނާއަށް ހެޔޮ ދުޢާކުރީމެވެ. އަދި މަންމަ ދަސްކޮށްދެއްވި ދުޢާ ކިޔައި އޭނާއާއި އަހުރެންގެ އާއިލާއަށް ހެޔޮ ނިޢުމަތް މިންވަރުކުރެއްވުން އެދު ﷲއަށް ދެންނެވީމެވެ.

އަދަކީ ހޮނިހިރެއްކަމުގައިވީތީ އެއްޗެހިދޮވުމުގައި އަވަދިނެތި އުޅުނުވަގުތެކެވެ. ދެތިންފަހަރު ގޭ ފޯނަށް ރިންގުވިއެވެ. ފޯނުނެގީ މަންމައެވެ. މޫނުމަތިން ހާސްކަން ފާޅު ނުވިޔަސް ހަރަކާތުން ހާސްކަން ފާޅުވިއެވެ. ކާކުގެ ފޯނެއް ހޭ އަހައިލީމެވެ. “ބައްޕައަށް” މިހެން ބުނެފައި ކޮޓަރީގައި އޮތް ބައްޕަގާތަށް މަންމަ ދިޔައެވެ. މާގިނައިރެއް ނުވެ ހަނީފުގެ އެކުވެރިއެއްކަމުގައިވާ ސިފައިންގެ އޮފިސަރ ވަޙީދު އިބުރާހީމް ގެއަށް އައެވެ. ހަނީފު ހޯއްދަވަން ދުރުވިކަމުގައިވިޔަސް މީގެކުރިއަކުން އެވަޙީދު ގޭގެ އެތެރެއަކަށް ނުވަދެއެވެ. ނަމަވެސް މިވަގުތު ވަދެ އިންނެވިގޮތުން ޝައްކުތަކެއް އުފެދުނެވެ. އަނެއްކާ ބައްޕަ ކަމެއްކުރީބާވައޭ ހިތަށް އެރިއެވެ. ވަޙީދު ހުންނެވީ ފުރިހަމަ ޔުނީފޯމުގައިކަމަށްވީތި ކޮންމެވެސް ކަމެއް ލައިގެންފިކަމަށް އިހުސާސްކުރެވުނެވެ. އިތުރު ސިފައިންގެ މީހަކު، ފުލުހަކު ނެތުމުން ކުރެވޭ ޝައްކާމެދުވެސް ޝައްކު އުފެދުނެވެ. އަވަހަށް ހަނީފަށް ގުޅަން ބޭނުންވިއެވެ. ނަމަވެސް ވާނުވާ ބަލައިލުމަށް މަޑުކޮށްލީމެވެ.

ވަޙީދު ހުންނެވީ ފާޑަކަށް ހިނިވެސް ދުރުވެފައެވެ. ގަދަކަމުން ހީނލައްވާގޮތަކަށެވެ. ނުހޭން އުޅޭ ޒާތަކަށެވެ. އިންނެވީ ސަރަންފީގައެވެ. ބައްޕަ އޭނާއަށް ވަރަށް ގާތުގައި އިނެވެ. ވާހަކަތަކެއް ދައްކަމުން ގޮސްފައި މަންމައަހުރެންނަށް ގޮވައިލިއެވެ. އަދި ގާތުގައި އިށީނުމަށް ބުންޏެވެ. “ދަރިފުޅާ މިއަދު މި އުޅެނީ ވަރަށް ބޮޑުކަމެއް ވެގެން… އެކަމަކު އެއްގޮތަކަށްވެސް ފިކުރު ބޮޑު ނުކުރާތި. ކެތްތެރިވާތި.. ކޮންމެ ކަމެއްވެސް ﷲ މިންވަރުކުރައްވާނީ ރަނގަޅަށްކަމުގައި މިހާރުވެސް ޔަޤީންކުރާތީ” އަހުރެން ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ވާނުވާއެއް ނޭގުނެވެ. “ބައްޕަ ކުށެއް ނުކުރާނެ. ބައްޕަ ގެންދަންވީ އެއްވެސް ސަބަބެއް ނޯންނާނެ. ކިހިނެއްވީ.. މަންމަތަ؟ އަނެއްކާ؟…. ” މި ޚިޔާލުގައި މުޅި މީހާ ފިނިވެއްޖެއެވެ.

އެމީހުން ވަރަށް ގިނައިރު ނަސޭހަތް ދިނެވެ. އަދި ހިމޭނުންވެސް ތިއްބެވެ. އެންމެ ފަހުން ދިން ޚަބަރަކީ ދުވަހަކުވެސް އަހަން ބޭނުންވި ޚަބަރެއް ނޫނެވެ. އަދި ފިކުރަށް އައިވެސް ޚަބަރެއް ނޫނެވެ. “ތަމްރީނުގައި ދިމާވި އިއްތިފާޤަކުން ހަނީފުގެ ނިތްކުރިއަށް އެރި ވަޒަނެއް ބޮލުގެ ފުށްކިބައިން ނުކުމެއްޖެ. ﷲގެ މިންވަރުފުޅުން އޭނާގެ ފުރާނަ ގެންދަވައިފި” އޮފިސަރ ވަޙީދުގެ މި ޖުމުލަ އަހުރެންގެ ސިކުނޑިގައި އެތައްސަތޭކަފަހަރަކު ތަކުރާރުވިއެވެ. އާއެކެވެ. ހަނީފު މި ދުނިޔެއާ ވަކިވީއެވެ. އަހުރެންނާ ވަކިވީއެވެ. ދުވަހުގެ ޢަދަދުތަކުން ގެއްލި ހުސްވީއެވެ. ތަރިތައް ބުނެދިން ވާހަކަ ތެދުވީއެވެ. ވަކިވުމުގެ ސަލާމުން ޖޯޑުކުރި އަތުގެ ހޫނުން ގުޅުން ކެނޑުނީއެވެ. ވަސިއްޔަތްކުރި ބަސްތައް ސާބިތުކުރީއެވެ. “އާނނ ހަނީފު.. ތިޔަބަސްތައް މި ސިކުނޑީގައި ބަހައްޓާނަން” ހިތާހިތުން ކިޔައިލެވުނެވެ. ދެން ވީގޮތް…..

އަހަންނަން ހޭވެރިކަން މިވީ ދެންމެއެވެ. އެންމެ ގާތުގައި ޑޮކްޓަރުން ތިއްބެވިއެވެ. މަންމައާއި ބައްޕަވެސް ތިއްބެވެ. އޮފިސަރ ވަޙީދުވެސް ހުންނެވިއެވެ. މަންމަ ވާހަކަދައްކަން ފެށިއެވެ. “ދަރިފުޅާ ނުރޯތި. ފިކުރުތައް ހުސްކޮށްލާ… މިހާރު ސިފައިންގެ ކޯސްޓްގާރޑް އޮތީ ހަނީފުގެރަށަށް ދާން ތައްޔާރަށް. ހަނީފުގެ ޤަބުރު އެރަށަށް އެބަ ގެންދޭ. އިރާދަކުރެއްވިއްޔާ މިރެއަށްދެވޭނެ.” ބަހެއް ނުބުނެވުނެވެ. ވިސްނުމުގައި ބާރެއް ނެތެވެ. ހެދޭނެ ގޮތެއް ނެތެވެ. ކެތްކުރެވޭތޯ ބެލީމެވެ. ހިތުގައި އެއްޗަކުން ތަޅާހެން ހީވެއެވެ. ނަމަވެސް ﷲއަށް ޝުކުރުކޮށްލުންފިޔަވައި ކަމެއް ނެތެވެ.

ހަނީފަކީ ރ. އިންނަމާދޫއަށް އުފަން ދަރިއެކެވެ. އޭނާގެ ބައްޕައާއި މަންމަ އެދެނީ ހަށިގަނޑު ރަށަށް ގެންގޮސް ދިނުމަށެވެ. އެހެންކަމުން ސަރުކާރުން ނިންމަވައިފައި އެ ރަށުގައި ޢިއްޒަތާއި ޝަރަފާއެކު ރަސްމީ ޢިއްޒަތުގައި ވަޅުލުމުގެ ކަންތައް ނިންމުމަށެވެ. ކަށުކަމާކެމީގެ އެންމެހާ ކަމެއް ދުވަހުގެ ރޭ މެންދަންނުވަނީސްކޮށް ނިމިއްޖެއެވެ. މީހުންތައް ތަނުން ދުރަށް ދާންފަށައިފިއެވެ.

އަހުރެންގެ ހަނީފު މި ދުނިޔެއާ ވަކިވީއެވެ. އޭނާ ވަކިވީއެވެ. ކިތަންމެ ރޭވުމެއް އިންސާނާގެ ނުކުޅެދޭ ސިކުނޑިތަކުން ރޭވިނަމަވެސް ކަންކަން ނިމިގެންދާނޭގޮތެއް އެ އިންސާނުންނަކަށް ނޭނގޭނެއެވެ. ހަނީފާއި އަހުރެންގެ ގުޅުމަށްވާނޭގޮތެއްވެސް މިއަދުގެ ކުރިއަކު ނޭނގެއެވެ. މިއަދު ހުރިހާކަމެއްވެސް އެނގިއްޖެއެވެ. އޭނާ ވަކިވީއެވެ. ނަމަވެސް އޭނާގެ ބަސްތައް ވަނީ އަހުރެންނާއެކުގައެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.