‘ގެސް’ގެ އާ މޫނު: ޕްރިޔާންކާ ޗޯޕްޅާ

priyanka_chopra_guess_650

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔާންކާ ޗޯޕްޅާގެ ކާމިޔާބީތަކަށް އަނެއްކާވެސް އިތުރު ބޮޅެއް ވަދެއްޖެއެވެ. އުމުރުން 31 އަހަރުގެ 2000 ގެ ދުނިޔޭގެ ރީތީގެ ރާނީ އަދި މިހާރު ބޮލީވުޑްގެ 40 ފިލްމަކުން ފެނިފައިވާ އެކްޓްރެސް، ދާދި ފަހުން ލަވަ ކިޔުމުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައި، އެންމެ ފަހުން ވަނީ އެމެރިކާގެ މަޝްހޫރު ހެދުން ޑިޒައިނާ ބްރޭންޑް ‘ގެސް’ގެ އާ މޫނު ކަމަށް ހަމަޖައްސައި، މޮޑެލް ކުރުމުގެ އާ ހަރުފަތެއް ގިރާކުރަން ތައްޔާރު ވެފައެވެ.

“އަހަރެންނަށް އޭނާ ފެނުނު ފުރަތަމަ ފަހަރު ވެސް އެނގުނު ގެސްގެ މޮޑެލްއަކަށް ހަދަން އޭނާ ފުރިހަމަކަން،” އެ ކުންފުނީގެ އެއް ފައުންޑަރު ކަމަށްވާ ޕޯލް މާޗިއާނޯ ވިދާޅުވިއެވެ.

“ފުރަތަމަ ފެނިފައި ވެސް އަހަރެން ބޭނުންވި ޕްރިޔާންކާގެ ފޮޓޯ ނަގަން،” މިދިޔަ ރަބީއު މޫސުމުގައި އަލަށް ޕްރިޔާންކާ އާ ބައްދަލު ކުރުމަށް ފަހު ޕޯލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިޔާގެ އެންމެ މަޝްހޫރު އެއް ތަރިއަކަށް ވުމުގެ އިތުރުން ޕްރިޔާންކާ އަކީ ވަރަށް ޓެލެންޓް ހުރި އަދި ހަޔާތުގައި ވަރަށް ގިނަ ހުވަފެންތައް ހަގީގަތަކަށް ހަދާފައި ހުރި ހުނަރުވެރިއެއް ކަމަށެވެ.

“ޕްރިޔާންކާގެ އަޖައިބުކުރަނިވި ޝަޚުސިއްޔަތު ވެސް އޭނާގެ ފޮޓޯތަކުން ފާޅުވޭ،” ޕޯލް ވިދާޅުވި އެވެ.

ގެސްގެ އާ މޫނު ކަމަށް ޕްރިޔާންކާ ހަމަޖައްސަން ނިންމުމުގެ ސަބަބުތަކުގެ ތެރޭގައި އިންޑިޔާގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ޕްރިޔާންކާ މިހާރު “ޕޮޕް ސަގާފަތުގެ ރާނީ”އަކަށް ވެފަައިިވާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.

ޕްރިޔާންކާ ބުނީ އޭނާއަށް މިކަމުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަަކާއި ފަޚުރެއް ލިިބުނީ “ކޮންމެ ނަސްލެއްގެ މީހަކަށް ވެސް މޮޑެލް ކުރެވިދާނެކަން ހާމަވެގެން ދިއުމުން” ކަމަށެވެ.

ޕްރިޔާންކާ މިހާރު ވަނީ ރެޑްވަން އާ ގުޅިގެން އާ ޕޮޕް މިއުޒިކް ލަވަ އަލްބަމެއް ތައްޔާރު ކުރަން ފަށައިފައެވެ. ރެޑްވަން އަކީ ޖެނިފާ ލޮޕެޒް އަދި ނިކީ މިނާޖް ފަދަ މަޝްހޫރު ލަވަކިޔުންތެރިންނަށް އަލްބަމް ހަދައިިދިން ޕްރޮޑިއުސަރެވެ.

ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް އާއެކު  ޕްރިޔާންކާ ވަނީ “އެގްޒޯޓިކް” ކިޔާ ލަވައެއް ނެރެފައެވެ. އަދި މި ލަވައިގެ ޔޫޓިއުބް ވީޑިއޯއަށް މިހާތަނަށް 30 މިލިއަން ހިޓްސް ލިބިފައިވެއެވެ.

“އިންޑިޔާގެ އެއްވެސް ރައްޔިތަކު މިހާތަނަށް ނެތް ބައިނަލްއަގުވާމީ ދުނިޔޭގައި ޕޮޕް ލަވަކިޔުމުގެ ދައުރެއް އަދާކޮށްފައެއް. އަހަރެންނަކީ އަބަދުވެސް އާ ކަންތައްތައް ކުރުމަށް ޝައުގުވެރިވާ މީހެއް. އަދި މިކަމުގެ ސަބަބުން އަހަރެންގެ ފަހަތުން އެހެން ފަންނާނުންނަށް ވެސް މިފަދަ ފުރުސަތުތައް ފަހިކޮށްދޭން ބޭނުން،” ޕްރިޔާންކާ ބުންޏެވެ.

ޕްރިޔާންކާގެ ފުރަތަމަ ހިޓް ލަވަ “އިން މައި ސިޓީ” ވަނީ އެމެރިކާގެ ނެޝަނަލް ފުުޓްބޯލް ލީގުގެ ތީމް ލަވައެއްގެ ގޮތުގައި ހަމަޖައްސައިފައެވެ. އޭނާ ދެން ނެރެން ހަމަޖެހިފައިވަނީ ބޮނީ ރެއިޓްގެ “އައި ކާންޓް މޭކް ޔޫ ލަވް މީ”ގެ އިިލެކްޓްރޯނިކް ރިމިކްސްއެކެވެ.

ޕްރިޔާންކާ ބުނީ އިންޑިޔާގައި އޭނާ މަޝްހޫރު ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއަށް އަދިވެސް އޭނާއަކީ އާ މޫނެއް ކަމަށެވެ. މިހެންވެ އެމެރިކާގެ ލޮސް އެންޖަލިސްގެ ރެސްޓޯރެންޓެއްގައި މެންދުރު ކާން އިނަސް، ސެލްފީއެއް ނަގާލަން އުނދަގޫ ކުރާކަށް ހުޅަނގުގެ ފޭނުންނެއް އަދި ނާދެއެވެ. ނަމަވެސް ގެސްގެ އާ މޫނަށް ވާ ހިސާބުން މި ހުރިހާ ކަމެއް ބަދަލުވެގެން ހިނގައިދާނެ ކަމަށާއި މި ކަމާ “ހިތް ބިރު ގަންނަ” ކަމަށް ޕްރިޔާންކާ ބުންޏެވެ.

އޭނާގެ ކުޑައިރުގެ ހަޔާތަކީ ހަލަބޮލި ދިރިއުޅުމެކެވެ. ބައްޕަައަކީ އިންޑިޔާގެ އަސްކަރިއްޔާގެ ސާޖަންއެއް ކަމަށްވާތީ އަބަދުވެސް އެކި ސަހަރުތަކަށް ބަދަލުވެ، “ކޮންމެ ދެ އަހަރުން އެއް އަހަރު އޮންނަނީ އާ ރަހްމަތްތެރިންތަކެއް އުފައްދަން ޖެހިފައި” ކަމަށް ޕްރިޔާންކާ ބުނެއެވެ. އުމުރުން އެންމެ 3 އަހަރުގައި ލަވަ ކިޔަން ދަސްކުރަން ފެށީ ބައްޕަގެ އެދުމުގެ މަތިން ކަމަށް ވެސް ޕްރިޔާންކާ ބުންޏެވެ.

އުމުރުން 13 އަހަރުގައި ބޮޑުދައިތައެއް ގާތަށް ޕްރިޔާންކާ އެމެރިކާއަށް ކުރި ޒިޔާރަތަކަށް ފަހު ނިންމީ އެ ތަނުގެ ހައި ސްކޫލަކަށް ވަންނާށެވެ. އަދި އެމެރިކާގެ ސަގާފަތަށް ލޯބި ޖެހުނު ކަމުގައި ވިޔަސް، އެމެރިކާގެ ހައި ސްކޫލް ތަޖުރިބާއަކީ ލިންޑްސީ ލޯހަންގެ ފިލްމް “މީން ގާލްސް” ފަދަ ނުތަނަވަސް ތަޖުރިބާއެއް ކަމަށާއި ގިނަ ފަހަރަށް ކެފެޓޭރިއާގަައި ކެއުމުގެ ބަދަލުގައި ޗިޕްސްކޮޅެއް ހިފައިގެން ފާހާނާއަށް ވަދެ އެކަނި އިނދެގެން ކަނީ ކަމަށް ޕްރިޔާންކާ ބުންޏެވެ.

ޕްރިޔާންކާ އިންޑިއާ އަށް އެނބުރި އައީ އުމުރުން 17 އަހަރުގައެވެ. އެއީ މަތިންދާބޯޓުގެ އިންޖިނޭރިން ރޮނގުން ކުރިއަށް ދިއުމަށެވެ. ނަމަވެސް މިސް އިންޑިއާ ރީތީގެ ރާނީގެ މުބާރާތަށް ޕްރިޔާންކާގެ ފޮޓޯތަކެއް ނަގައި، އެ ފޮޓޯތައް އޭނާގެ މަންމަ ހުށަހެޅިއެވެ. އަދި ނަތީޖާއަކަށްވީ އެ މަގާމު ކާމިޔާބުކޮށް، 2000 ގައި ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބު ނުވަތަ ‘މިސް ވޯލްޑް’ ވެސް ޕްރިޔާންކާ ކާމިޔާބު ކުރުމެވެ. އެހާ ހިސާބުން ފެށިގެން ޕްރިޔާންކާގެ ތަރި އަންނަނީ މަޑުޖެހުމެއް ނެތި އަރަމުންނެވެ. އެކި ދާއިރާތަކާއި ތަފާތު ހުނަރުތަކުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.