
ބަހިއްޔާ ޕްރީ-ސްކޫލުގެ ޤުރުއާން މުބާރާތުން އެއް ވަނަ މިއަހަރުވެސް އޭދަފުށީ، ތަރާނާ، އަބްދުﷲ ނާއިފް ނަޒީހު ހޯދައިފި އެވެ.
ބަހިއްޔާ ޕްރީ-ސްކޫލުގެ ނާސަރީ، ޔޫކޭޖީ އަދި އެލްކޭޖީ ކުދިންނަށް ހުޅުވާލައިގެން މިދިޔަ ޖޫން މަހުތެރޭ ބޭއްވި މި މުބާރާތުން ދެ ވަނަ މިރަށު ބުލްބުލާގޭ މަރިޔަމް އިބާ ހޯދި އިރު، ތިންވަނަ ހޯދީ މާފަރު އާޔާ ތޯރިގު އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު މެންދުރުފަހު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުޅި މުބާރާތުން ޚާއްސަ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމުތައް ދެއްވީ ބަހިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އޭދަފުށީ ކައުންސިލުގެ މެންބަރު ނާޒްނީން ޔޫސުފް އެވެ.

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި 150 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ.