މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދުވާފަރާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކުރުމާއި ގާތަށް އޭދަފުށި ޖެހިލައިފިއެވެ. މިއަދުގެ މެޗުން އޭދަފުށި މޮޅުވީ 2-0 އިންނެވެ. އޭދަފުށީގެ ދެގޯލްވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ގޯލް 8 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. އިބްރާހިމް މާޖިދު ނަގައިދިން ބޯޅައަކުން ކިތުނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ހުހަށް ހުރެއެވެ. މެޗުގެ ފުރަތަމަ ހާފްގައި އޭދަފުށިން ވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް ދުވާފަރުގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ގޯލް 31 ވަނަ މިނިޓުގައި އޭދަފުށީ ޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓު މި ގޯލް ޖެހީ ދުވާފަރު ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.
މި މޮޅާއެކު ކުޅުނު 3 މެޗުން އޭދަފުއްޓަށް ވަނީ 7 ޕޮއިންޓު ލިބިފައެވެ. ކުޅުނު ދެމެޗުން ދުވާފަރަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން ބަލިވެ ހިންނަވަރަށް މިހާރުވެސް ވަނީ މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ގެއްލިފައެވެ.
މިއަދުގެ މެޗު ނިމުނުފަހުން ދެޓީމުގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދުވަނީ ހަމަނުޖެހުން ހިނގާފައެވެ. “އީޓީ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މެޗުގައި ހަމަނުޖެހުން ހިނގީ ދުވާފަރު ޓީމުގެ އޮފިޝަލަކު ބަދަލު ރެފްރީއަށް ހަމަލާދޭން މަސައްކަތްކުރުމުން ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. އެހިސާބުން ދެޓީމުގެ ސަޕޯޓަރުންވެސް ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުންވަނީ ހަމަނުޖެހުން ހުއްޓުވާފައެވެ.
މި މުބާރާތުގައި ދެން ކުޅެވޭ މެޗުގައިވެސް ބައްދަލުކުރާނީ ދުވާފަރާއި އޭދަފުއްޓެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ދުވާފަރުގައެވެ. މި މެޗު އެއްވަރުކޮށްލިޔަސް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުއްޓަށް ލިބޭނެއެވެ.
މަޑުއްވަރީ މާމޮޅު ވާނެ
މިއީ ވަރަށް ފުރިހަމަ މޮޅެއް!!! ޝުކުރިއްޔާ ޓީމް އޭދަފުށި، ޝުކުރިއްޔާ ޤައުމު.