ބ. ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 14،749،900 ރުފިޔާ އަށް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޖޯގަން ފެލްޑް ބޯގް ސްކާރަޕެވެ. ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އެ މަޝްރޫއުގެ ދަށުން ކުޑަރިކިލުގެ އިރުމަތީ ފަރާތުގައި 100 މީތަރުގެ ތިން ބްރޭކް ވޯޓާ އާއި 150 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމުކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުން ވެސް ހިމެނެއެވެ. މަސައްކަތް ނިންމަންޖެހެނީ 180 ދުވަހުގެ ތެރޭގަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކުޑަރިކިލު ރަށްގިރުމުގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށެވެ.
މި މަޝްރޫއު ހަވާލު ކުރި އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑުން ދަނީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.