ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުންބ. ކުޑަރިކިލާއި ލ. ގަމުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ
ބ. ކުޑަރިކިލުގައި ކޮމިއުނިޓީ ފަންޑުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް، އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެ ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރި ވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކމަސް ބޭންކުން ބުނެ އެވެ. އެ ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.