ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މޫސުމީ އިންޒާރު ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ބުނެފައި ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން ބުނީ، ހާއްސަކޮށް މި އަތޮޅުތަކަށް މި ވިއްސާރައިގައި ވައިގަދަވެ، ވަރަށް ބޮޑަށް ކަނޑުގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެދެފަ އެވެ. އެ އޮފީހުން ބުނެފައި ވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުން ވެސް މުހިންމު ކަމަށެވެ.