އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ސީޕްލޭން ބޯޓުތަކެއް. ސީޕްލޭން ދަތުރުތައް ވަނީ ބ އަތޮޅަށް ފަށާފައި — ފޮޓޯ: ނިޝާން އަލީ / މިހާރު

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފެށަން ނިންމައިފި އެވެ.

މި ޚިދުމަތް ފެށުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ޚިދުމަތާއެކު ދިވެހިންނަށް ޚާއްސަ ފެއަރއެއް ތަޢާރަފުކޮށް، މާލެއިން ކަމަދޫއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު ވަނީ 1,199 ރުފިޔާއަށް ކަނޑައަޅާފައެވެ.

ރަށު ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، ކަމަދޫގައި ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

ގުދުރަތީ ރީތިކަމާއި ފެހިކަންގަދަ ގަސްތަކާއި، ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށްވެފައިވާ ކަމަދޫއަކީ ބ. އަތޮޅުން ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ. އެ ރަށުގައި މިހާރުވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތަކެއް އޮޕަރޭޓްކުރަމުންދެއެވެ.

ކަމަދޫގައި އިތުރު ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާއިރު، ސީޕްލޭން ދަތުރުތައް ފެށުމާއެކު ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.