ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ސެންޓޭ

MAIN (1)
އަލީ ފާސިރު ( ސެންޓޭ )

AYL2009 ވަނައަހަރު އޯލް ޔޫތު ލިންކޭޖް ( އޭވައިއެލް ) އިން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގެ ތެރެއަށް ނުކުތް އަލީ ފާސިރު ( ސެންޓޭ ) ވެގެންދިޔައީ، އޭނާގެ ކޮށްޓުމާއި ނެއްޓުމާއި ބާރުދުވުމުގެ ސަބަބުން ދިވެހިފުޓްބޯޅައަށް ތާއިދުކުރާ ގިނަބަޔެއްގެ ސަމާލުކަން ހޯދި ކުޅުންތެރިއަކަށެވެ. ހަމައެހެންމެ އޭވައިއެލްއިން އިދިކޮޅުޓީމުތަކުގެ ގޯލްތަކަށް ކުރަމުންދިޔަ ނުރައްކާތަކުގެ މޭސްތިރިއަށެވެ.

u23 20092010 ވަނައަހަރު ޖެނުއަރީމަހު ޑާކާގައި ބޭއްވި ސާފްޗެންޕިއަންޝިޕް 23 އަހަރުންދަށުގެ ފުޓްބޯޅަމުބާރާތުގައި ރާއްޖެކުޅުނު ފުރަތަމަމެޗްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ސެންޓޭވަނީ ފާހަގަކުރެވޭފަދަ ކުޅުމެއް ކުޅެފައެވެ.

އޭވައިއެލްގައި ތަފާތުމޮޅު ހުނަރުވެރި ކުޅުމެއް ދެއްކުމަށްފަހު، ކުޑައިރުއްސުރެ އެޓީމަކަށް ކުޅެން ސެންޓޭ އެންމެބޭނުންވި އަދި ދިވެހިފުޓްބޯޅައިގެ ބޮޑުބާރެއް ކަމުގައިވާ ކުލަބު ވެލެންސިޔާއަށް ސެންޓޭ ބަދަލުވީ 2010 ވަނައަހަރުއެވެ.

2010 ވަނައަހަރުގެ އެފްއޭކަޕް ސެމީފައިނަލަށް ވެލެންސިޔާ ގެންގޮސް ދިނުމުގައި ސެންޓޭ ވަނީ މުހިންމުދައުރެއް އަދާކޮށްފައެވެ. ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ވެލެންސިޔާ މޮޅުވި މިމެޗްގައި ވެލެންސިޔާގެ ގޯލްޖަހައިދިނީ ސެންޓޭއެވެ.
Fasir Valencia
2010 ވަނަ އަހަރު ވެލެންސިޔާއަށް ކުޅުމަށްފަހު، ޖެހިގެންއައި 2011 ވަނައަހަރު ސެންޓޭ ބަދަލުވީ ރާއްޖޭގެ އެންމެބޮޑު އެއް ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ.
2011 ވަނައަހަރުގެ ޖޫންމަހު ސިންގަޕޫރާއި ދެކޮޅަށް ރާއްޖޭގެ ޤައުމީޓީމު ކުޅުނު އެކުވެރިކަމުގެ މެޗަށް އެކުލަވާލި ޤައުމީޓީމުގެ ސްކޮޑުން ސެންޓޭއަށް ޖާގަލިބުނީ ނިއުރޭޑިއަންޓްގައި ދައްކަމުންދިޔަ ހުނަރުން ފުރިގެންވީ މޮޅުކުޅުމުގެ ސަބަބުންނެވެ.

NewRadiant2ގޯލާއި ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ގިނަބަޔަކު ބުނަމުން އައި ސެންޓޭ ނިއުރޭޑިއަންޓްގައި ދައްކަމުންއައި މޮޅުކުޅުން އިތުރަށް ފާހަގަވެގެން ދިޔައީ ދިރާގުދިވެހިލީގުގައި އޭނާ ހެދި ފުރަތަމަ ހެޓްރިކާ އެކުގައެވެ. ނިއުރޭޑިއަންޓާއި އީގަލްސް ބައްދަލުކުރި އެމެޗްގައި ތިންގޯލް ޖެހުމުގެ އިތުރުން އެހެންގޯލްތައް ޖެހުމަށް ވެސް ސެންޓޭ ވަނީ އެހީތެރިވެދީފައެވެ.

ހަވީރުނޫހުގެ ފަރާތުން ހޮވާ އަހަރުގެ އެންމެމޮޅު ފުޓްބޯޅަކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި 2011 ވަނަ އަހަރުގެ ދިރާގުދިވެހިލީގު ދެވަނަބުރުން ސެންޓޭ ހިމެނުނެވެ.

ނިއުރޭޑިއަންޓުން ވިކްޓްރީ ލަދުގަންނަވާލި މެޗެއްގެގޮތުގައި ގިނަބަޔަކު ސިފަކުރި ދިރާގުދިވެހިލީގު ދެވަނަމަގާމް ޔަގީންކުރަން ވިކްޓްރީ ނުކުތްމެޗްގައި 1-6 އިން ނިއުރޭޑިއަންޓް މޮޅުވިއިރު އެމެޗްގައި ސެންޓޭވަނީ ދެލަނޑު ޖަހައިފައެވެ.
ހަވީރު ސްޕޯރޓްސް އެވޯޑަށް ދިރާގުދިވެހިލީގުގެ ތިންވަނަބުރުން ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނުނެވެ.

2011 ވަނަ އަހަރުގެ އެފްއޭކަޕް ސެމީފައިނަލަށް ނިއުރޭޑިއަންޓް ގެންގޮސް ދިނުމުގައި ވެސް ސެންޓޭ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އީގަލްސް އާއި ބައްދަލުކޮށް 2-1 އިން ނިއުރޭޑިއަންޓް މޮޅުވި މިމެޗްގައި ސެންޓޭ ވަނީ މޮޅުކުޅުމެއް ދައްކައި ލަނޑެއް ވެސް ޖަހައިފައެވެ.

SAFF 2011ޤައުމީޓީމަށް ކުޅުމުގެ އަޒުމްގައި މަސައްކަތް ކުރަމުންދިޔަ ސެންޓޭ ވަނީ އިންޑިޔާގައި ބޭއްވި ސާފް ޗެންޕިއަންސިޕްގައި ޤައުމީޓީމަށް ކުޅެފައެވެ.

2011 ވަނަ އަހަރު ނިއުރޭޑިއަންޓްގައި މޮޅުކުޅުމެއް ދައްކައި ނިއުރޭޑިއަންޓްގެ މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިން ސެންޓޭ، އެއަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން ބަދަލުވީ ނިއުރޭޑިއަންޓާއި އެންމެވާދަވެރި އަދި ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުކަމުގައިވާ ވިކްޓްރީ އަށެވެ.

INJUREDވިކްޓްރީއަށް ބަދަލުވެ ވާދަވެރިމެޗެއްގައި ވިކްޓްރީއަށް ކުޅުމުގެ ކުރިން ޤައުމީޓީމުގެ ޕްރެކްޓިސްގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނުމެޗްގައި ލިބުނު އަނިޔާއާ ގުޅިގެން ތިންމަހެއްހާ ދުވަހަށް ފުޓްބޯޅައާއި ދުރައްދާން ސެންޓޭއަށް ޖެހުނެވެ.

2011 ވަނަ އަހަރުގެ ފުޓްބޯޅަސީޒަންގައި ނިއުރޭޑިއަންޓަށް 18 ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ވިކްޓްރީއަށް ބަދަލުވި ހުނަރުވެރި ސެންޓޭއަށް ލިބުނު އަނިޔާއާއި ގުޅިގެން، އޭއެފްސީކަޕް 2012 ގެ ޕްލޭއޮފްގައި ޔަމަނުގެ އަލްތިލާލް އާއި ވިކްޓްރީ ބައްދަލުކުރި މެޗްގައި ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް ގެއްލުނެވެ. ނުހަނު ފޮނި އުންމީދުތަކާއިއެކު ވިކްޓްރީއަށް ގެނައި ސެންޓޭއަށް ލިބުނު އަނިޔާގެ ސަބަބުން ވިކްޓްރީގެ މެނޭޖްމަންޓާއި ސަޕޯޓަރުން ވެސް ވަރަށް މާޔޫސްވިއެވެ.

Victory1ސެންޓޭއަށް ލިބުނު އަނިޔާގެ ސަބަބުން އެއަހަރުގެ އޭއެފްސީ ޗެލެންޖްކަޕްގައި ކުޅުމުގެ ފުރުސަތު ވެސް ސެންޓޭއަށް ގެއްލުނެވެ.
ވިކްޓްރީއަށް ސެންޓޭ ކުޅެދިން ފުރަތަމަ މެޗަކީ 2012 އަހަރުގެ ދިރާގުދިވެހިލީގު ދެވަނަބުރުގައި ވިކްޓްރީ ކުޅުނު ފަހުމެޗެވެ. އޭނާގެ ކުރީގެ ކުލަބު ވެލެންސިޔާ ލަދުގަންނަވާލި އެމެޗްގައި ވެލެންސިޔާ ކޮޅަށް ވިކްޓްރީން ޖެހި 8 ލަނޑުގެ ތެރެއިން އެއް ލަނޑުޖަހައި، ވިކްޓްރީއަށް ކުޅުނު ފުރަތަމަމެޗްގައި ގޯލެއް ޖެހުމުގެ ސަރަފް ސެންޓޭ ހޯދިއެވެ.

އަނިޔާގެ ސަބަބުން ސީޒަންގެބޮޑުބައި ކުޅުމާއި ދުރުގައި ހުރުމަށްފަހު، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުމެ ދެވަނަ މިނިޓްގައި ސެންޓޭ ގޯލެއްޖެހުމަކީ ވިކްޓްރީގެ ކޯޗް ސުޒޭނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ވިއެވެ.

2010 ވަނައަހަރުގެ އެފްއޭކަޕް ސެމީފައިނަލަށް ވެލެންސިޔާ ގެންގޮސްދިނުމަށްފަހު، 2011 ވަނަ އަހަރުގެ އެފްއޭކަޕް ސެމީފައިނަލަށް ނިއުރޭޑިއަންޓް ގެންގޮސްދިނުމަށް ވެސް ލަނޑުޖަހައިދިން ސެންޓޭ ވަނީ 2012 ވަނަ އަހަރުގެ އެފްއޭކަޕް ސެމީފައިނަލަށް ވިކްޓްރީ ގެންދިއުމަށް ވެސް ގޯލެއް ޖަހާފައެވެ. އެހެންކަމުން ސެންޓޭ ފާހަގަވެގެން ގޮސްފައިވަނީ ޖެހިޖެހިގެން ތިންއަހަރު ތަފާތު ތިންކުލަބެއް އެފްއޭކަޕް ސެމީފައިނަލަށް ގެންގޮސްދިނުމަށް ގޯލްޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ.

އަނިޔާގެ ސަބަބުން ވިކްޓްރީގައި އެންމެރަނގަޅު ކުޅުމެއް ނުދެއްކުނު ސެންޓޭ އޭނާގެ އެންމެކާމިޔާބު ދުވަސް ތައް ހޭދަކުރި ނިއުރޭޑިއަންޓަށް އަނެއްކާ ވެސް ބަދަލުވީ 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށެވެ.

NRSC13 1ސެންޓޭ އެނބުރި ނިއުރޭޑިއަންޓަށް އައުމަކީ ނިއުރޭޑިއަންޓްގެ މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ނިއުރޭޑިއަންޓުން ފާހަގަކުރިއެވެ.
2012 ވަނަ އަހަރު އަނިޔާގެ ސަބަބުން އެންމެރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވުމުގެ ސަބަބުން ޤައުމީ ސްކޮޑުން ޖާގަ ގެއްލުނު ނަމަވެސް، ދެވަނަ ފުރުސަތެއްގައި ޤައުމީސްކޮޑުން ސެންޓޭއަށް ޖާގަ ލިބުނެވެ.

ޕާކިސްތާނާއި ދެކޮޅަށް ރާއްޖެކުޅޭ އެކުވެރިކަމުގެ ދެމެޗަށް އެކުލަވާލި ޤައުމީޓީމުގެސްކޮޑުން ސެންޓޭއަށް ޖާގަ ލިބުނުއިރު، 2012 ވަނައަހަރު އަނިޔާގެ ސަބަބުން ޤައުމީޓީމަށް ކުޅުމުގެ ފުރުސަތު ވެސް ސެންޓޭއަށް ގެއްލުނެވެ.
MDV Pak
2012 އަހަރު އެންމެރަނގަޅަށް ނުކުޅެވުނު ނަމަވެސް 2013 ވަނައަހަރު ނިއުރޭޑިއަންޓާއި ގުޅުނުހިސާބުން ސެންޓޭ ވަނީ އޭނާގެ ކުޅުން ކުރިޔަށްވުރެ ރަނގަޅުކޮށް އޭނާގެ ހުނަރުވެރިކަން ދައްކަން ފަށާފައެވެ.

ދިރާގުދިވެހިލީގުގައި ވެލެންސިޔާއާ ބައްދަލުކޮށް 5-0 އިން ނިއުރޭޑިއަންޓް މޮޅުވިއިރު ދެލަނޑުޖަހައި މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ސެންޓޭ ހޯދިއެވެ.

ސެންޓޭއަކީ ހަމައެކަނި ރާއްޖޭގެޓީމުތަކުގެ ޑިފެންޑަރުންނާއި ކީޕަރުންނަށް ހުރި ނުރައްކަލެއް ނޫންކަން އޭ އެފް ސީ ކަޕްގައި ސާބިތުކޮށްދީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި ހޮންކޮންގެ ސަންހައި ކޮޅަށް ސެންޓޭ ވަނީ ލަނޑު ޖަހާފަ އެވެ.

ހުރިހާމެޗަކުން މޮޅުވެގެން ދިރާގުދިވެހިލީގު 2013 ކާމިޔާބުކުރުމުގެ ރެކޯރޑް ނިއުރޭޑިއަންޓުން ހޯދިއިރު އެ ކަމުގައި އެންމެ އިސްރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ސެންޓޭކަން ޔަގީނެވެ.

NRSC13އޭއެފްސީކަޕްގެ ކުއާރޓަރފައިނަލަށް ނިއުރޭޑިއަންޓު ދަތުރުކުރި މެޗްގައި މެލޭސިޔާގެ ސެލަންގޯ ކޮޅަށް ވެސް ސެންޓޭ ވަނީ ލަނޑެއް ޖަހާފައެވެ.

ދިވެހިލީގު ތާރީހުގައި އެންމެގިނަޕޮއިންޓް އެއްޓީމަކުން ހޯދުމުގެ ރެކޯރޑް ނިއުރޭޑިއަންޓުން ހެދި މެޗްގައި އީގަލްސްކޮޅަށް ނިއުރޭޑިއަންޓުން ޖެހި 7 ލަނޑުގެތެރެއިން ދެލަނޑު ޖަހާފައިވަނީ ސެންޓޭއެވެ.
ދިރާގުދިވެހިލީގު ތިންވަނަބުރުން ހަވީރުސްޕޯރޓްސް އެވޯރޑަށް ވާދަކުރާ ފަސްކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނުނެވެ.

ސާފްޗެންޕިއަންޝިޕް ތާރީހުގައި މިހާތަނަށް ނުކުތް އެންމެތަފާތުބޮޑު ނަތީޖާއާއެކު 10-0 އިން ލަންކާއަތުން ރާއްޖެމޮޅުވި މެޗްގައި ލަނޑުޖަހަން އެހީތެރިވެ ސެންޓޭ ވަނީ އެއްލަނޑު ވެސް ޖަހާފައެވެ. ހަމައެހެންމެ ތަފާތުބޮޑުކޮށް ބޫޓާން ބަލިކޮށް ސެމީފައިނަލަށް ރާއްޖެ ދަތުރުކުރި މެޗްގައި ސެންޓޭވަނީ ދެލަނޑު ޖަހާފައެވެ.

SAFF 2013 1ސާފްޗެންޕިއަންޝިޕްގައި ސެންޓޭ ދެއްކި ހުނަރުވެރި މޮޅު ކުޅުމުގެ ސަބަބުން ހަވީރުސްޕޯރޓްސް އެވޯރޑަށް ސާފްޗެންޕިއަންޝިޕުން ވާދަކުރާ ފަސްކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނުނެވެ.

އެފްއޭކަޕް ސެމީފައިނަލަށް ޓީމުތައް ގެންގޮސް ދިނުމުގެ ރެކޯރޑް ހަދާފައިވާ ސެންޓޭ ވަނީ 2013 ވަނަ އަހަރުގެ އެފްއޭކަޕް ފައިނަލަށް ނިއުރޭޑިއަންޓް ގެންގޮސްދިނުމަށް އީގަލްސްކޮޅަށް ގޯލެއް ޖަހާފައެވެ.

U23 MNC2013 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިންޑޮނޭސިޔާގައި ބޭއްވި 23 އަހަރުން ދަށުގެ ފުޓްބޯޅަމުބާރާތުގައި ސީނިޔަރ ކުޅުންތެރިއެއްގެ ގޮތުގައި ސެންޓޭ ވަނީ ޤައުމީޓީމުގައި ހިމަނާފައެވެ. އޭނާއަކީ އެޓީމަށް މުހިންމު ކުޅުންތެރިއެއް ކަން ސާބިތުކޮށްދީ، ރާއްޖެ އާއި ޕަޕާނިއުގިނީ ބައްދަލުކުރި މެޗްގައި ރާއްޖެ މޮޅުވި ލަނޑު ޖަހައިދިނީ ވެސް ސެންޓޭއެވެ.

2013 ވަނައަހަރު ރާއްޖޭގެޓީމުތަކާއި ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު ހުރިހާމެޗެއް ކާމިޔާބުކުރުމުގެ ރެކޯރޑް ހަދައި ތިންތަށި ހޯދިއިރު އެންމެމުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ސެންޓޭކަމުގައި ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ގަބޫލުކުރަނީ ޝުކުރުއަދާކުރުމާ އެކުގައެވެ.

ކުރިޔަށްއޮތް ދެއަހަރު ނިއުރޭޑިއަންޓަށް ކުޅުމަށް ސެންޓޭ ސޮއިކުރުން ވެގެންދިޔައީ ނިއުރޭޑިއަންޓުންގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމަކަށްކަން ޔަގީނެވެ.

ނިއުރޭޑިއަންޓަށް ކޯޗްކޮށްދިން ވެލިޒާޕޮޕޯވްގެ އިރުސާދުގެދަށުން އޮމާންގެ ސުރު ސްޕޯރޓްސްއަށް ކުޅުމުގެ ފުރުސަތު ސެންޓޭއަށް ލިބިމުން ނިއުރޭޑިއަންޓުންވަނީ އެކަމަށް މަރުހަބާކިޔައި ސެންޓޭއަށް އެމަގު ފަހިކޮށްދީފައެވެ.

ރާއްޖޭންބޭރުގެ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ އެފުރުސަތުގެ ބޭނުންހިފުމަށް ތައްޔާރުވެގެން ހުރި ސެންޓޭއަށް ލިބުނު ފުރުސަތުގެ ބޭނުންކުރެވޭގޮތް ނުވީ އެޓީމުގެ ނިންމުމަށްއައި ބަދަލާއި ގުޅިގެންނެވެ.

2013 ވަނައަހަރުގެ ހަވީރު ސްޕޯރޓްސް އެވޯރޑަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނުނެވެ.

MDV DEBUTއޭއެފްސީ ޗެލެންޖްކަޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީޓީމު، ލާއޮސްއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެމެޗް 7-1 އިން ރާއްޖެ ކާމިޔާބުކުރިއިރު ސެންޓޭ ވަނީ ދެލަނޑު ޖަހާފައެވެ.

އޭއެފްސީ ޗެލެންޖްކަޕްގެ ސެމީފައިނަލުން ހިތްދަތިގޮތަކަށް ވީ ބައްޔާއެކު، ތިންވަނަ މަގާމު ވެސް ގެއްލިދާނެ ކަމަށް ގިނަދިވެހިންނަށް ގަބޫލުކުރެވުނު، ތިންވަނަހޮވި މެޗުން ރާއްޖެ ބަލިވިޔަނުދީ ޕެނަލްޓީއަށް ގެންގޮސް ދިނީ ސެންޓޭ ޖެހި ގޯލުން މެޗް އެއްވަރު ވުމުންނެވެ. ޕެނަލްޓީއިން މޮޅުވެ މުބާރާތުގެ ތިންވަނަ ހޯދީ ރާއްޖެއެވެ.

NRSC14 1މިއަހަރުގެ ފުޓްބޯޅަސީޒަން ފެށުމުގެގޮތުން ކުޅެވުނު ޗެރިޓީޝީލްޑްމެޗް މާޒިޔާއާ ބައްދަލުކޮށް 3-1 އިން ނިއުރޭޑިއަންޓް ކާމިޔާބުއިރު މެޗްގެ ތިންވަނަ ލަނޑު ނިއުރޭޑިއަންޓަށް ޖަހައިދިނީ ސެންޓޭއެވެ.

ހަވީރުނޫހުގެ ފަރާތުން ހޮވާ އަހަރުގެ އެންމެމޮޅު ފުޓްބޯޅަކުޅުންތެރިޔާގެ މަގާމަށް ދިރާގުދިވެހިލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ފަސް ކުޅުންތެރިންގެ ނަން އިއުލާނުކޮށްފައިވާއިރު އޭގެތެރެއިން އެއް ކުޅުންތެރިއަކީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެންޓޭ އެވެ.

ދިރާގު ދިވެހިލީގުގެ ދެވަނަބުރު ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ލީގުގެ އެއްވަނާގައި މިވަގުތު ނިއުރޭޑިއަންޓް އޮތީ، މިއަހަރުގެ ރަންބޫޓަށް ވާދަކުރަމުންދާ ދެވަނަ ކުޅުންތެރިޔާ ސެންޓޭގެ ގޯލްތަކާއި އެކުގައެވެ.

މިއަހަރުގެ ފުޓްބޯޅަސީޒަންގައި ފެންނަ އެންމެ ހުނަރުވެރި އަދި އެންމެމޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ އަލީ ފާސިރު (ސެންޓޭ) އަކީ ފުޓްބޯޅައިން ދިވެހިން އުންމީދުކުރާފަދަ ކާމިޔާބުތަކެއް ހޯދައިދެވިދާނެ ކުޅުންތެރިއެއް ކަން ޔަގީންކުރާ އެތައްބަޔަކު އެބަތިއްބެވެ.

(މިއީ ކިޔުންތެރިއަކު އީޓީ އަށް ފޮނުވާފައިވާ ރިޕޯޓެކެ.)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.