ކުޅުންތެރިން އެހެން ޓީމުތަކަށް ދިއުމުގެ ޒިންމާ ނަގާނީ ކޮންބައެއް؟

ކަނާތުން ވާތަށް: ސައްޓު، މަޖިއްޓޭ، ހުމެއިދު
ކަނާތުން ވާތަށް: ސައްޓު، މަޖިއްޓޭ، ހުމެއިދު

2013 ވަނަ އަހަރުގެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ކާމިޔާބު ކުރި އޭދަފުށީ ޓީމުގައި ހިމެނުނު މުހިއްމު ތިން ކުޅުންތެރިއަކު އަތޮޅުގެ އެހެން ރަށްރަށަށް ކުޅެން ނިންނި ނިންމުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. މީގެ ކުރިން މި ތިންކުޅުންތެރިންވެސް އީޓީއަށް ދިން އިންޓަވިއުތަކުގައި ތަކުރާރުވި އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. އެއީ ރަށު ޓީމު ނަގާކަން ނޭނގުމެވެ. ކައުންސިލުން އެއްވެސް ހަބަރެއް ނުވުމެވެ. އަދި އޭދަފުށީ ޓީމު ނެގުމުގައި އެއްވެސް މީހަކު އިސްކޮށް އުޅޭކަން އެ ކުޅުންތެރިންނަށް އެނގިފައެއް ނެތުމެވެ. މިއީ ކުޅުންތެރިންގެ ބަސްމަގު ހުރިގޮތެވެ. ސުވާލަކީ މިކަމުގައި ޒިންމާ ނަގާނީ ކޮންބައެއްތޯ އެވެ.

މަޖިއްޓޭ އަކީ އޭދަފުށީ ފުޓްބޯޅަ ދަނޑުން ފެންނަ އަބަދަށްފެހި ކުޅުންތެރިއެކެވެ. ސައްޓުއަކީ ހުނަރުން ފުރިގެންވާ، ކޮންމެ ރަށަކުންވެސް ބޭނުންވާނެ ކުޅުންތެރިއެކެވެ. ހުމައިދުއަކީ އަރަމުން އަންނަ ޒުވާން އެންމެ މޮޅު އެއްކުޅުންތެރިޔާ އެވެ. ފުޓްބޯޅައިގެ ކުޅުންތެރިން އުފައްދާ ކާރުހާނާއެއްގެ ގޮތުގައި ސިފަކުރެވޭ އޭދަފުށީ ޓީމު މިފަހަރު ކުޅެން ޖެހޭނީ މި ކުޅުންތެރިން ނުލައެވެ. މިއީ މިފަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވުމުގެ އެއް ސަބަބު ކަމަށްވެސް ވެދާނެ އެވެ.

ތިންކުޅުންތެރިންގެ ވާހަކަތަކަށް ބަލާއިރު އޭދަފުށީ ޓީމު ނެގުން ލަސްވެގެން ދިއުމަކީ މި ކުޅުންތެރިން ދިއުމުގެ އެންމެ ބޮޑު ސަބަބެވެ. ޓީމް ނަގާކަން ކުރިން އެނގިފަ އޮތްނަމަ މި ކުޅުންތެރިން ރަށު ޓީމަށް ކުޅުމަކީ ވަރަށް ގާތްކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.

2012 ވަނަ އަހަރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި އަތުން ތަށި ބީވެގެން ދިއުމުން 2013 ވަނަ އަހަރުގެ މުބާރާތަށް ޓީމު ނަގާނީ ކައުންސިލުންކަން މާކުރިންވެސް ކުޅުންތެރިންނަށް އެނގުނެވެ. އަދި ޓީމުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރޭވުންތެރިކަމާއި އެކީގައިކަން ފާހަގަކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އޭދަފުށިން ނެގެން އޮތް އެންމެ ވަރުގަދަ ޓީމާއެކު މުބާރާތުގެ ތަށި އޭދަފުށީ ޓީމު އުފުލާލީ ފަސޭހަކަމާއެކުއެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ފެށެން ކައިރިވަމުން ދިޔައިރުވެސް ޓީމު ނެގުމުގައި އެއްވެސް ފަރާތަކުން އިސްކޮށް އުޅޭ މަންޒަރެއް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުފެނެއެވެ. ކުޅުންތެރިންގެ ބަސްމަގު ހުރިގޮތުން މިހާރު އެކަން އަޅުގަނޑަށް ޔަޤީންވެސް ވެއްޖެއެވެ.

ޓީމު ނެގުމުގައި 2013 ވަނަ އަހަރު ޒިންމާ ނެގި ކައުންސިލުން މިފަހަރުގެ މުބާރާތަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވިކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެ އެވެ. ނަމަވެސް މި ކުޅުންތެރިންތައް ވާދަވެރި ޓީމުތަކަށް ދިޔަ ހިސާބުން އޭދަފުށީގައި ކަމުވޮށިގެންވާ ބައެއް މީހުން މިކަމަށް އިސްނެގިކަން ފާހަގަކުރެވުނެވެ. އަދި ކޮމިޓީތައް އުފައްދައި ޓީމު ނެގުމުގެ ދުވެލި ބާރުވެގެން ދިޔަ އެވެ. ޖޯޒީބައި ސްޕޮންސާ ކުރުމާއި، ޓީމުގެ ލޯގޯ ކުރެހުން ފަދަ ކަންކަން ބާރު ދުވެއްޔެއްގައި ދާތަން ފެނުނީ މި ކުޅުންތެރިން ދިޔަ ފަހުންނެވެ.

ދެންއޮތީ މި ކުޅުންތެރިން ދިޔަ ސަބަބު ސަޕޯޓަރުން ސިފަކުރާގޮތެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެ ކުޅުންތެރިންގެ ރަށު ލޯބިނެތީ އެވެ. އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އެހެން ރަށަކަށް ކުޅެން ނިންމާފައި ރަށު ޓީމު ނަގާކަން އެނގުމުން ނިންމުން ބަދަލުކުރުމަކީ ކުޅުންތެރިޔާގެ އަގު ވެއްޓޭނޭ ކަމެކެވެ. ކުޅުންތެރިން އިޙްލާސްތެރިވުމަކީ ނިންމާ ގޮތެއްގައި ސާބިތުވެ ހުރުންކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ އަމިއްލަ ރަށް ނޫންކަމުގައިވިޔަސް ވަރިހަމަ އެވެ.

“އެއަށްކިޔަނީ އަމިއްލަ އެދުން ފޯވުމެއްނޫން. އެއަށް ކިޔަނީ އިޚްލާސްތެރިކަން. ކުރިން ކުޅެން ބުނެދިން ޓީމަށް ކުޅުމަކީ އެންމެ ރަނގަޅުގޮތް. ބައެއްގެ ކައިރީގައި އެ ޓީމަށް ކުޅޭނަމޭބުނެ ފަހުން އެހެންޓީމަކަށް ދާންބުނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކެން. އޭދަފުށީ ޓީމު ބައިވެރިވާކަން ކުރިން އެނގުނުނަމަ އެ މީހުންވެސް ރަށުޓީމަށް ކުޅޭނެކަމާމެދު ޝައްކެތްނެތް.” މިއީ މީގެ ކުރިން އީޓީގައި ޝާއިއު ކޮށްފައިވާ ހަބަރަކަށް ދި ވެންޓީޒްގެ ނަމުގައި އީޓީގެ ކިޔުންތެރިއަކު ކޮށްފައިވާ ކޮމެންޓެކެވެ.

އޭދަފުށި މުބާރާތުގައި ބައިވެރިވާނޭކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ނަމަވެސް މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ލަސްވެގެން ދިއުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެކެވެ. ސައްޓު އާއި މަޖިއްޓޭމެންފަދަ ކުޅުންތެރިން އެހެން ޓީމުތަކަށް ގެންދިޔައީ އެތައް ދުވަހެއްގެ މަޝްވަރާތަކަކަށް ފަހުގައެވެ. އެއީ އެރަށްތަކުން މުބާރާތައް ފުރިހަމައަށް ތައްޔާރުވާން ކުރި މަސައްކަތުގެ ނަތީޖާކަމަށް ޤަބޫލުކުރެވެ އެވެ.

ކޮންމެއަކަސް މިފަހަރުގެ ފުޓްބޯލް ޗެލެންޖް އެހެން އަހަރުތަކަށްވުރެ ފޯރިގަދަވާނެކަމަށް ބެލެވެ އެވެ. އިދިކޮޅު ޓީމުތައް ވަރުގަދަވި ނަމަވެސް އޭދަފުއްޓަކީ އަބަދުވެސް އަތޮޅުގެ ފޭވަރިޓުންނެވެ. މުހިއްމު ކުޅުންތެރިންތަކެއް އިދިކޮޅު ޓީމުގެ ޖޯޒީގައި ފެނުނަސް އެ ނިންމުމަށް އިހްތިރާމްކޮށް މުބާރާތުގައި ނަމޫނާ ދެއްކުމަކީ މުހިއްމުކަމެކެވެ.

-މިއީ ކިޔުންތެރިއަކު އީޓީ އަށް ފޮނުވާފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. މުހައްމަދު

    މުބާރާތުގައި ބައިވެރިވަނީ ރަށްރަށުގެ ނަމުގައިތޯ ނުވަތަ ކްލަބުތަކެއް ނުވަތަ ޖަމާޢަތެއްގެ ނަމުގައިތޯ؟ ރަށްރަށުގެ ނަމުގައި ބައިވެރިވާނަމަ، އެއް ރަށެއްގެ ރަށްވެއްސަކަށް އަނެއް ރަށެއްގެ ޓީމަކަށް ނުކުޅެވޭނެ. ވޯޅްޑްކަޕް މުބާރާތް ކުޅެނީ ގައުމުތަކުގެ މެދުގައި. އެ މުބާރާތުގައިވެސް އެ ގައުމެއްގެ ރަށްވެއްސަކަށް ނޫނީ އެ ގައުމަކަށް ނުކުޅެވޭ. އެހެން ގައުމަކަށް ކުޅެން ބޭނުންވާނަމަ، ކުޅެވެނީ ގާނޫނީ ހަމަތަކުގެ މަތިން ކުޅެން ބޭނުންވާ ގައުމެއްގެ ރަށްވެސަކަށް ވެގެން.

    ރައްދު
  2. Ahmed

    ގޮއިދޫ ޓީމަކީ މިއަހަރުގެ މުބާރާތައް ދުރާލާ ތައްޔާރުވަނުން އަންނަ އެއްޓީމް…. ރައްޔިތުން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާ އެކުވެރި ރައްޔިތެއް ދިރިއުޅޭ ނަމޫނާ ރަށެއް…

    ރައްދު
  3. Corruption ge raees

    ހާދަވަރެކޭ ދޯ ތިވަނީ ބުރޯ…… ތަށިވެސް ހޯދާާފަ އޮންނާނީ!!!!! ދެން ކޮރަޕްޝަން ކާއިގެން މޮޔަވޭ……..

    ރައްދު
  4. vaanuvaa

    އޭދަފުއްޓަކީ ފޭވަރިޓުންނޭ ބުނީމަ ލަދުވެސް ގަނޭ. މިދިޔަ އަހަރުގެ ޗެމްޕިއަން ކަން ލިބުނުކަން. އެވެސް އެތަކެއް ކޮރަޕްޝަނެއްގެ ތެރެއިން އޭދަފުށި ކުޅޭ ހުރިހާ މެޗެއް ހަވީރު ގަޑި އަށް ލައިގެން.

    ރައްދު
  5. Goidhoo meeha

    ރާއި ތިބުނީ ހަމަ ތެދެއް. އަބަދުވެސް ތިކަން ވަމުންދާ ގޮތްތީ ހަމަ. ބޯޅަ ހަމައަށް ނުފެނުނަސް މެދު އަވަށު މީހެއްވިއްޔާ ފުލްޓީމަށް ނަގާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.