އެއީ 2006 ވަނަ އަހަރެވެ. އޭދަފުށީގައި ބޭއްވި ބޮޑުއީދު ފުޓްބޯޅަ މުބާރާތުގައި ކިހާދޫ ވާދަކުރަމުން ދިޔައީ ރުވާ ސްޕޯޓްސް އާއެވެ. ރުވާ ސްޕޯޓްސް ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުންއަރައި ކިހާދޫ ޓީމުން ޖެހި ދެގޯލާއިއެކު ދަނޑުގެ އިރުމަތީފަރާތުގައި ތިބި އެރަށުގެ ސަޕޯޓަރުން ކެކިގަތެވެ. އިދިކޮޅު ޓީމުގައި ތިބި އެއްވަނަ ޑިވިޝަން ކުޅުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ޖޯޝުން ފުރިގެންވާ ކިހާދޫ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރުން ވެގެންދިޔައީ ހަގީގަތުވެސް އޭދަފުށީގެ ރައްޔިތުންނަށް ލިބުނު ސިހުމަކަށެވެ. އެ ހިސާބުން މުބާރާތުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ފައިނަލުމެޗް ކުޅުމުގެ ނަސީބެއް އެރަށަކަށް ނުލިބުނެވެ. ނޫންނަމަ އޭދަފުށީގެ ކަނޑުއޮޅިން އެތަށި ބޭރުކުރުމަކީ ވަރަށް ގާތުގައި އޮތްކަމެކެވެ. ކިހާދޫގެ ފުޓްބޯޅަ އޭދަފުއްޓަށް އުފަންވީ އެ ހިސާބުންނެވެ.
ކިހާދޫއަކީ ފުޓްބޯޅައިގެ ދިގު މާޒީއެއް އޮތްރަށެކެވެ. ފުޓްބޯޅައިގެ ހުނަރުވެރިން އެރަށުގައި އަބަދުވެސް ތިބެއެވެ. ނަމަވެސް އެކުޅުންތެރިންނަށް ލިބޭ ފުރުޞަތުތައް މަދީއެވެ. ރަށުގައި ތިބެގެން ހުނަރު ދައްކާލަން އެކުޅުންތެރިންނަށް ލިބެނީ އެރަށުގައި ބާއްވާ “ޔޫތް ކަޕް” ގައެވެ. ރަށުގެ ފުޓްބޯޅައިގެ ފޯރި ދަމަހައްޓާ އެ މުބާރާތަކީ މީގެ 14 އަހަރު ކުރިން ރަށުގައި ބާއްވަން ފެށި މުބާރާތެކެވެ. ރަށު ފެންވަރުގައި ފުޓްބޯޅަ ކުޅުނަސް ބޮޑު އީދު މުބާރާތުގައި އޭދަފުށީ ޓީމުތަކުގެ މައްޗަށް ހޯދި ކާމިޔާބީއަކީ ފުޓްބޯޅައިގައި އެހެން ހަރުފަތަކަށް ދިއުމަށް އެ ޓީމަށް ކޮށުނު މަގެކެވެ.
މުބާރާތުގައި ޖެހުނު ކޮންމެ ޓީމެއްވެސް ބަލިކުރުމުގެ އަޒުމުގައި ނިކުންނަ ކިހާދޫ ޓީމު މިފަހަރު ދަނޑަށް އަރާނީ “އަމާޒަކީތަށި” މި ސްލޯގަންއާއި އެކުއެވެ. އެންމެ ފަހުން އެރަށުން ކުޅުނު ވާދަވެރި މުބާރާތަކީ 2012 ވަނަ އަހަރުގެ ފުޓްބޯލް ޗެލެންޖެވެ. އެފަހަރުގެ މުބާރާތުގެ ސެމީއާއި ހަމައަށް ދަތުރުކުރި އިރު އެޓީމު ކެޓީ ގޮއިދޫ އަތުން ބަލިވުމުންނެވެ. އެ މުބާރާތުގައި ކިހާދޫން ހަތަރު ގޯލް ޖަހާފައިވާއިރު ބައިކޮޅަށްވެސް ވަނީ ހަތަރު ގޯލެވެ. ޓީމުންޖެހި ހަތަރު ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ މާޅޮހާއި ވާދަކުރި މެޗުގަ އެވެ.
އެކި ސަބަބުތަކާއިހެދި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރި ނުވެވުނަސް، މިފަހަރު އެރަށުން ނިކުންނަނީ އެޓޯލް ޗެލެންޖުގެ ތަށި ރަށަށް ގެންދިއުމުގެ އަޒުމުގައެވެ. ޓީމުގެ މެނޭޖަރު ހާރޫން ޔޫސުފް ބުނީ މިފަހަރުގެ ޓީމު ހުރިހާގޮތަކުންވެސް ވަރުގަދަވާނޭ ކަމަށާއި، ތަށި ނޫންއެއްޗެއް އެރަށުން ބޭނުންނުވާކަމަށެވެ. އަދި މިއަމާޒަށް ވާސިލްވުމަކީ އެރަށަށް ވެދާނެ ކަމެއްކަމަށް ޓީމްގެ ކުޅުންތެރިން ގަބޫލުކުރެއެވެ.
” މިފަހަރުގެ މުބާރާތުގައި މި އޮތީ މަރުގެ ގްރޫޕްގަ. އެއްވެސް ޓީމެއް ފަސޭހައެއް ނުވާނެ. ދެ މެޗުވެސް ވަރަށް ގަދައަށް ޖައްސަން ޖެހޭނެ. އެ ދެ ޓީމުވެސް ބަލިކޮށްފަ ސެމީއަށް ދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. ކިހާދޫން ބައިވެރިވަނީ ހަމައެކަނި މުބާރާތުގައި ކުޅެލާކަށް ނޫން” ގްރޫޕް ސްޓޭޖްގައި ކުޑަރިކިލާއި ގޮއިދޫ ބަލިކުރާނެކަމުގެ ޔަޤީންކަން ދެމުން ހާރޫން ބުންޏެވެ.
މިފަހަރުގެ ޓީމުގައި 2012 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފައިވެ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޓީމުގެ ތަނބު ކަމުގައިވާ އިބްރާހިމް ފަޒީލް (ފައްޒަ) އެވެ. އުމުރުން 14 އަހަރުގައި ޔޫތްކަޕް ފުޓްބޯޅަ މުބާރާތުގެ “އެބުލީޝޫޓް” ޓީމުން ފެނުނު ފައްޒަ ވަނީ އުމުރުން 15 އަހަރުގައި ރަށު ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާފަ އެވެ. ޒޯން މުބާރާތްތަކުގައި އޭދަފުށީ ޓީމަށްވެސް ކުޅެފައިވާ ފައްޒަ އަކީ މިހާރު ވެލެންސިޔާގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެ އިތުރުން ދެވަނަ ޑިވިޝަންގައި ކުޅޭ ހުރާ ޓީމުގެ ކެޕްޓަން ހުސެއިން ނަސީރު (ނަސީ) އާއި ގޯލް ކީޕަރު ހުސެއިން ޝިމާއު ވެސް މިފަހަރު ކިހާދޫ ޓީމުން ފެންނާނެއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫ ޓީމުން ވަނީ މިހާތަނަށް ތިންމެޗު ކުޅެފައެވެ. އެގޮތުން ގޮއިދޫ އާއި ކުޅުނު މެޗުން ބަލިވެފައިވާއިރު ކެންދޫ އާއި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޮޅުވެފައިވަނީ ލަނޑާ ގިރާވަރާއި ބައްދަލުކުރި މެޗުންނެވެ. މި ތިންމެޗުގައި އެ ޓީމުން ހަތަރު ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ހަތްގޯލް ވަދެފައިވެ އެވެ.
މިފަހަރުގެ ޓީމު އެކުލަވާލުމުގައި ކިހާދޫން ބޮޑަށް އިސްކަންދިނީ ރަށު ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށް ކަމަށް މެނޭޖަރު ހާރޫން ބުންޏެވެ.
“ފަސްޓް ޑިވިޝަނަށް ކުޅުންތެރިން ބޭނުންނުވީ. ރަށުގެ ކުޅުންތެރިން މާ ރަނގަޅުވާނެ. މަޤްސަދަކީ ރަށު ކުޅުންތެރިން ބިލްޑް ކުރުން. ފަސްޓް ޑިވިޝަން ކުޅުންތެރިން ގެނެސްގެން ގިނަފަހަރަށް ޕްރެކްޓިސްގައިވެސް ބައިވެރި ނުވެވޭ. އާދެވެނީ ހަމައެކަނި މެޗަށް” ރަށު ކުޅުންތެރިންނަށް އިސްކަންދިން ސަބަބު ކިޔައިދެމުން ހާރޫން ބުންޏެވެ.
މުބާރާތަށް ތައްޔާރުވުމުގައި ކިހާދޫއާއި އެހެން ރަށްރަށާއި ތަފާތުވާ ކަމެއްވެސް އެބައޮތެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު ރަށުގެ ކުޅުންތެރިންނަށް އަމާޒުކުރެވިގެން ބޭއްވި ކޯޗިންގ ކޭމްޕެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކުޑަ މޫސަގެ އިރުޝާދުގެ ދަށުން ބޭއްވުނު މި ކޭމްޕުގެ ސަބަބުން ޓީމަށް ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ.
މިފަހަރުގެ މުބާރާތަށް އެންމެ ޖޯޝާއި އެކު ނިކުންނަ އެއްޓީމަކީ ކިހާދޫކަން ޔަގީނެވެ. މިކަމުގައި ރަށުގެ ކުދިބޮޑު އެންމެން ޝާމިލް ވެއެވެ. ބަދަލުތަކަކާއެކު މިފަހަރު އެރަށުން އަމާޒު ހިފާފައި އެވަނީ ތައްޓަށެވެ. 2006 ވަނަ އަހަރު ދެއްކި ކުޅުން އެރަށުން މިފަހަރު ތަކުރާރުކުރަން ބޭނުންވެއެވެ. ޓީމުން ޤަބޫލުކުރާ ގޮތުގައި އަތޮޅުގެ އެއްވެސް ރަށަކަށް އެރަށް ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކިހާދޫއަކީ ނުގުޑާފަދަ އަޒުމެއްގައި އޮތް ޓީމެއްކަން ސާބިތުކޮށްދޭން ޑިސެމްބަރ 1 ވަނަ ދުވަހު ހަވީރު ނިކުންނާނީ ކުޑަރިކިލާއި ދެކޮޅަށެވެ.
ސާބަސް ކިހާދޫ ޓީމް…. އެކަމު އެހާބޮޑަށް ފޮނި ނުކަނޑާށެވެ.
ކާމިޔާބަށް އެދެން…