ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖުލައި 2، 2015 ގެ ބަޔާ ގުޅޭ]

ޔާނީ އަދިވެސް އޮތްގޮތަށް އޮތީއެވެ. ޒައިދް ޔާނީގެ އަތުގައި ހިފައި ޖޯޑުކޮށްލިއިރު ޔާނީގެ އަތް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ޒައިދް މަޑުމަޑުން އޭނާއާ ވީ ފަރާތަށް ޔާނީ އަނބުރާލާ ދެވަނަ ސިކުންތުގައި އޭނާގެ މޫނު ޔާނީގެ މޫނާ ގާތްކޮށްލާ ދިން ލުއި ހަދިޔާއިން ޔާނީގެ ހުރިހާ ހިއްސުތަކެއް ހޭލައްވާލިއެވެ. ހަމައެހިނދު ޔާނީއަށް ޒައިދްގެ މޭމަތީ އޭނާގެ މޫނު ފޮރުވާލެވުނެވެ. މެންދަން ނިމިގެން ދިޔައީ ދެމީހުންވެސް އެކަކު އަނެކެއްގެ ހިތް އުފާ ކޮށްދެމުންނެވެ. އާދުވަހަކަށް އަލިވިލުނީ މުޅި ދުނިޔެ ދޮންކުރަމުންނެވެ. ކޮޓަރި ތެރެއަށް އަލި ދޯދިތައް ފެތުރެމުން ދިޔަ ވަރަކަށް ޒައިދްގެ ލޯހުޅުވެމުން ދިޔައެވެ. މަގަތުގައި ނިދާލާފައި އޮތް ޔާނީ ފެނުމުން ބޭނުންވީ ހިތްފުރެންދެން އެމޫނަށް ބަލަން އޮންނާށެވެ. ކިހާ މައުސޫމް ހެއްޔެެވެ. ދުވަހަކުވެސް ބަލާ ފޫއްސެއް ނުވާނެކަން ގައިމެވެ. ނިދާލާފައި އޮތް އިރުވެސް މޫނުމަތިން ފެންނަމުން ދިޔަ ހިތްގައިމުކަމުން ޒައިދް އަށް ޔާނީއާއި ގާތަށް ޖެހިލެވުނެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގާ އެއްފަރާތްކޮށްލާ ޔާނީގެ ނިތުގައި ޒައިދް ވަރަށް ލޯބިން ބޮސްދިނެވެ. އެހިނދު ޒައިދަށް ކުރީގެ ހަނދާނެއް އާވި ކަހަލައެވެ. ޔާނީ އަރާމުކޮށް ނިދާލާފައި އޮތުމުން ނުގޮވާ ޒައިދް ތެދުވެގެންގޮސް ވަނީ ފާހާނާއަށެވެ. ޝަވަރު ދޫކޮށްލާ އޭގެން ފައިބަމުންދިޔަ އެތަށް ހާސް ފެންތިކިތަކުން ޒައިދްގެ ހަށިގަނޑު ތެންމަމުން ދިޔައިރު ޒައިދްގެ ހިޔާލަށް އަންނަމުން ދިޔައީ ރޭގަ އެންމެފަހުން ޔާނީ ބުނެލި ޖުމްލައެވެ. ޒައިދް ދެކެ ޔާނީ ލޯބިވާ މިންވަރެވެ. ދެމީހުން އެކަކު އަނެކަކަށްޓަކައި އެދެމުން ދިޔަ މިންވަރެވެ. މިއީ ހަޤީޤީ ލޯބި ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟

ފޯނު ރިންގްވާ އަޑަށް ޔާނީއަށް ހޭލެވުނުއިރު ދަތުރުގެ ބައިވެރިޔަކު ގުޅަނީއެވެ. ފޯނުނަގާ ޖަވާބު ދިނުމުން އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ކުއްޖާ ބުނީ ލޯންޗް ހަދާ ނިމިއްޖެ ކަމަށާއި ސައިބޮއިގެން ފުރަން ތައްޔާރުވުމަށެވެ. އާއެކޭ ބުނެ ފޯނު ބާއްވައި ފުރަތަމަވެސް ޔާނީ ހޯދަންފެށީ ޒައިދެވެ. އަނެއްކާ އޭނަ އެކަނި ބާއްވާފައި ޒައިދް ދިޔައީ ބާވައެވެ. ނޫނެކެވެ. ޒައިދް އެހެނެއް ނުހަދާނެއެވެ. ބިއްލޫރި ދޮރު ކައިރީގައި ވިސްނަންހުރި ޔާނީ ސިހިގެން ދިޔައީ ފާހާނާއިން ނުކުތް ޒައިދްގެ އަޑަށެވެ. “ހޭލެވުނީ ދޯ! ޔާނީ މާ އަރާމުކޮށް ނިދާލާފަ އޮތީމަ ގޮވާ ހިތް ނުވީ” ބޮލުގެ އިސްތަށިގަނޑުގައިވާ ފެންތައް އަތުން ހިއްކަމުން ހޭލާ ހުރި ޔާނީ ފެނިފައި ޒައިދް ބުނެލިއެވެ. “އާނ.. ފޯނެއް އައިމަ ހޭލެވުނީ، ސައިބޮއިގެން ފުރަންވީ އޯ” ޔާނީވެސް ޒައިދްގެ ވާހަކައާއި ގުޅުވާލަމުން ޖަވާބުދީފައި މިސްރާބު ޖެހީ ފާހާނާއާ ދިމާލަށެވެ. އެކަމަކު ޒައިދް ޔާނީގެ ކުރިމައްޗަށް އަރައި ޔާނީ ދިޔަ ނުދީ ހިފެހެއްޓިއެވެ. ޔާނީގެ އަތުގައި އޮތް ތުވާލި އަތުލައި އޭނާގެ އުނަގަނޑު ވަށާލައި ޒައިދް އޭނާއާއި ގާތަށް ޔާނީ ގެނައެވެ. ޒައިދްގެ މި ކުއްލި ހަރަކާތުން ޔާނީ ގޮސް ޖެހުނީ ޒައިދްގެ މޭގައެވެ. އެވަގުތު ޒައިދްގެ ގައިން ދުވި މީރުވަހުން ދުރަށް ދާކަށް ޔާނީގެ ހިތެއް ނޭދުނެވެ. ލޮލާ ލޯ ސީދާވެ ދެން ބަދަލުކުރަމުން ދިޔައީ ދެމީހުންގެ ލޮލުގެ އިޝާރާތްތަކެވެ. ޔާނީ ރަކިވެގެން ޒައިދްގެ މޭގައި އަތްއަޅައި ދުރައްޖައްސާލުމަށްފަހު ޒައިދްގެ އަތުތެރެއިން ދެމިގަނެގެން ގޮސް ފާހާނާއަށް ވަނެވެ. އެހިނދު ޒައިދް ގާތަށް އައީ ލާނެތް ހިންޏެކެވެ.

ސައިބޮއެ ނިމިގެން އެންމެން ލޯންޗް ދޮށަށް ޖަމާވިއިރު ގަޑިން ދިހައެއް ޖަހަން ދަނީއެވެ. ޔާނީވެސް ބަގީއެއްގައި ޒައިދް އާއި އެކު ފާލަމަށް ދިޔައިރު ލަގެޖްތައް ލޯންޗަށް އަރުވާ ނިމެނީއެވެ. ޒައިދްގެ އަތުގައި ހިފައިގެން ޔާނީ ލޯންޗަށް އެރުމުން އެންމެން ވަރަށް ދިމާކުރިއެވެ. ލަދުން ހުރެ ޔާނީއަށްވެސް އެކަމާ އެކަނި އެކަންޏާ ހެވުނެވެ. ފާލަމުގައި އައްސާފައިހުރި ވާމޮހާލާ ލޯންޗް މުޅިންއާ މަންޒިލަކަށް ދަތުރު ފެށި މާސިންގާ ކަނޑުގެ ރާޅުތައް ކަފަމުން ދެފަރާތަށް ފޮނު އަރުވަމުންނެވެ. ރިސޯޓްގެ މަލަމަތި އޮބެމުން ދިޔައިރު ޔާނީ ދިޔައީ އޭނާގެ ހިތުގައި މިދަތުރުގެ އުފާވެރި ހަނދާންތައް އާލާކުރަމުންނެވެ. މިދަތުރުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން މުޅިންހެން އެއްކޮށް ބަދަލުވެއްޖެއެވެ. ސަބަބަކީ ޒައިދެވެ. ޔާނީގެ ދިރިއުޅުމުގައި ޒައިދް އާކުލަތަކެއް ޖައްސައިދީފިއެވެ. ދުވަހަކުވެސް ހިތަށް ނުގެނެވޭފަދަ އުފާވެރިކަމަކާއި އާ އުއްމީދުތަކެއް ހިތުގައި އަށަގަންނުވަދެމުންނެވެ. ދުވަހަކުވެސް މީހެއްދެކެ މިހާވަރަށް ލޯބިވެވިދާނެ ކަމަކަށް ޔާނީ ހުވަފެނުންވެސް ނުދެކެއެވެ. ނޫކަނޑުގެ މެދުގައި އޮވެ ލޯންޗް ދަތުރު ކުރަމުން ދިޔައިރު ޒައިދް އަށް ބެލެމުން ދިޔައީ ޔާނީއާއި ދިމާލަށެވެ. މީހަކަށް އެކަން ފާހަގަ ވެދާނެތީ ޒައިދް އިނީ ކަޅުކުލައިގެ ރޭބަން އައިނުން ދެލޯ ފޮރުވައިގެންނެވެ. އޭރު ޔާނީ އިނީ ކަންފަތަށް ހެޑްސެޓް ޖަހައިގެން ލަވައަޑުއަހާށެވެ. އިވެމުންދިޔަ ލަވައަކީ “ދީވާނާ ވޭ މޫސުން، ތިޔަހެން ބަލާލުމުން… ހިނިތުންވީމާވެސް މާފޮޅޭ”

މާލޭ ފަޅަށް ވަދެ ލޯންޗް ޕެޓްރޯލް ޖެޓީއާއި ގާތްކޮށްލުމުން ފަހަރަކު މީހަކު ލޯންޗުން ފައިބަމުން ގޮސް އެންމެ ފަހަތުން ޔާނީވެސް ލޯންޗުން ފޭބިއެވެ. އޭރު ޔާނީގެ އިންތިޒާރުގައި ހުރި ޒައިދް ޔާނި ފެނުމާއެކު އަތުން ހަނައާޅާލާފައި އަތުގެ އިޝާރާތުން އައުމަށް އެންގުމުން ދަބަސް ކޮނޑުގައި އަޅުވައިގެން ޒައިދް ގާތަށް ދިޔައެވެ. “އެކަނިތަ ގެއަށް ދަނީ؟ ނޫނީ އަހަންނާއެކު ދާންވީނު؟” ހަޤީޤަތުގައި ޒައިދް ބޭނުންވީ ޔާނީ އޭނާއާއި އެކުގައި ދިއުމަށެވެ. އެއީ ޔާނީގެ ހިތްވެސް ބޭނުންވިގޮތްކަމުން ޒައިދް ޔާނީގެ ފޮށި ޑްރައިވަރާ ހަވާލުކޮށް އެޑްރެސް ބުނެދިނުމަށްފަހު އައުމުން އިތުރު ދެބަސްވުމަކާނުލާ ޔާނީ ޒައިދް އާއެކު ދިއުމަށް ސައިކަލަށް އެރިއެވެ. ސައިކަލް ދުއްވަމުން ދިޔައިރު އިރުކޮޅަކާ ޒައިދް ޔާނީގެ އަތުގައި ހިފާލައި ހިނިތުންވުންތައް ރައްދުކުރަމުން ދިޔައެވެ. އެހާ ދިގު ދަތުރަކަށް ފަހު ގެއާ ހަމައަށް ދެވުނުއިރުވެސް ޔާނީ އިނީ ގެއަށް އާދެވުނުލެއް އަވަސްވެފައެވެ. ސައިކަލުން ފައިބައިގެން ދާކަށް ހިތެއް ނުރުހުނެވެ. އެކަމަކު މިވަގުތަށް އަލްވަދާއު ކިޔާފައި ޔާނީ ދާން ހިނގައި ގަތުމުން ޒައިދް ޔާނީއަށް ގޮވާލިއެވެ. އަވަހަށް ޔާނީ ފަސް އެނބުރި ބަލާލާ ކިހިނެއް ވީތޯ އެހުން ޒައިދް ބުނީ ހަމަ ގޮވާލީ ކަމަށެވެ. ބަދަލުގައި ހެވިލާފައި ޔާނީ ގެއަށް ވަނުމުން ޒައިދްވެސް ސައިކަލް ދުއްވާލީ ގެއަށް ދިއުމަށެވެ. އޭރު މިދެމީހުންގެ އުފާވެރި ވަގުތުތައް ބެލުމަށް ދުރުގައި މީހަކު ހުރިކަމެއް ދެމީހުން ކުރެ އެކަކަށްވެސް ރެއަކާ ނުލައެވެ. ކުރިއަށް ދެން އަންނަން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއް މިދެމީހުންނަކަށް ނުވެއެވެ.

ގެއަށް ދެވުމާއެކު ޒައިދް ފުރަތަމަވެސް ބޭނުންވީ އޭނާގެ މަންމަ ހޯދަން ކަމަށްވުމުން އެގަޑީގައި ނާޒް އުޅޭނީ ބަދިގޭގައި ކަމުން ކޮޓަރިއަށް ދިއުމުގެ ކުރިން ޒައިދް ދިޔައީ އެދިމާލަށެވެ. ބަދިގެއަށް ވަނުމުން މަސައްކަތް ކުރަންހުރި ނޯކަރުމީހާގެ ފަރާތުން އެނގުނީ ނާޒް ވީ މަތީގައިކަމެވެ. އެތަނުން ނުކުމެ ކާމޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުން އާފަލެއް ނަގައިގެން ކަމުންކަމުން ޒައިދް ސިޑިން މައްޗަށް އެރިއިރު ތާރާ ކޮޓަރިން ނުކުންނަނީއެވެ. ޒައިދް އަންނަ ދުވަސް ލަސްވުމުން ތާރާ ގޭގައި މަޑުކުރީ ނާޒް އާއި ޝިޔާޒްގެ އެދުމުގެ މަތިން އެކަމާ ދެކޮޅުހަދަން ނުކެރިގެންނެވެ. ތާރާއަށް ޒައިދްގެ ކުރިމައްޗަށް އެރި ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ހީވީ ބިންގަނޑު ރޫރޫ އަޅައިގެން ދިޔަހެންނެވެ. ތާރާއެކޭ އެއްގޮތަށް ޒައިދަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. ތާރާގެ ދުލުން ބޭރުވިހާވެސް އެއްޗަކީ “ދޮންބެ” މިލަފްޒެވެ. އެވަގުތު ދިމާވީ ނާޒްވެސް ކޮޓަރިން ނުކުތް ވަގުތަށް ވުމުން ދެދަރިން އެކުގައިވި މަންޒަރުފެނިފައި ލޮލުން ކަރުނަ ނީރައިލިއެވެ. “މަންމާ! މީކާކު؟ މިގޭގަ ކީއްކުރަނީ؟” އޮޅުންގަނޑެއްގެ ތެރޭގައި ހުރެ ޒައިދް އޭނާގެ މަންމައާއި ސުވާލު ކުރަމުން ދިޔައިރު ތާރާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. “ދަރިފުޅު ކީއްވެ އަންގާވެސް ނުލާ ތިއައީ؟ މި..މިއީ.. މަންމަގެ ރައްޓެއްސެއްގެ ދަރިއެއް، އެމީހުން ދެތިން ދުވަހަށް ރާއްޖެތެރެއަށް ދާން ޖެހިގެން މަންމަ ގާތު ބަހައްޓާފަ ދިޔައީ. މިއަދު އަންނާނެ އެމީހުން” ތެދަށް ބުނަން ކިތަންމެ ބޭނުންވި ނަމަވެސް ތާރާ އެކަމަށް މަނާކުރުމުން މިފަހަރުވެސް ނާޒްއަށް ހަޤީޤަތް ފޮރުވާ ދޮގު ހަދަން މަޖުބޫރުވިއެވެ.

ވާހަކަ މެދުކަނޑާލާފައި ތާރާ ގެއަށް ދަނީއޭ ކިޔައި ތާރާ އެވަގުތު އެގެއިން ދިއުމަކީ އެންމެ ބުއްދިވެރިގޮތްކަމަށް ނިންމައި އެތަނުން ދާން ހިނގައިގަތެވެ. އޭރުވެސް މުޅި މީހާ ހާސްވެ ދާހިއްލާ ފޯވެއްޖެއެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ ޒައިދްގެ އަޑު އިވިފައި އަނެއްކާވެސް ތާރާއަށް ހުއްޓެން ޖެހުނެވެ. ދެލޯމަރައި ފިއްތާލަމުން މަޑުމަޑުން ފަހަތަށް އެނބުރި މިފަހަރު ތާރާއަށް ހުރެވުނީ އިސްޖަހައިގެންނެވެ. ޒައިދް ކޮށްފާނެ ސުވާލަކާ ދޭތެރޭ ވިސްނާފައެވެ. ޔަޤީނުންވެސް އޭނައާއި ޒައިދްއާ ކުރިން ދިމާވިކަން ޒަިއދް ހަނދާން ހުންނާނެއެވެ. އޭނާ އެކަމާ ގުޅޭގޮތުން ސުވާލު ކުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ކަންތައްވީވެސް ހަމަ ތާރާ ހީކުރިގޮތަށެވެ. “ވެއިޓް، އަހަރެމެން ދެމީހުން މީގެ ކުރިން ދިމާވި ދޯ؟ ލެޓްމީ ތިންކް، އާނ… ނުބަލާ މަގު ހުރަސް ކުރި ކުއްޖާ ދޯ ތީ” އެއައިގޮތަށް އައިސް ތާރާގެ ކުރިމަތީ ހުއްޓިފައި ޒައިދް ކުރީ ހަމަ އެ ސުވާލެވެ. ދެމީހުން މީގެ ކުރިން ދިމާވި ވާހަކައެވެ. ޖަވާބު ދޭނީތޯ ނުދޭނީތޯ ހިތަށް އަރާއަރާ ހުއްޓާ ކުއްލިއަކަށް ތާރާގެ ފޯނު ރިންގްވާން ފެށިއެވެ. އެވަގުތު ފޯނެއް އައުންވީ ތާރާގެ ނަސީބުރަނގަޅުކަން ކަމުގައި އޭނާ ޤަބޫލުކުރިއެވެ. “އަ.. އެގުޅަނީ މަންމަ، ނައިސްގެން ލަސްވެގެން ކަންނޭގެ. ދެންމެ ގުޅާފަ ބުނި މި ދަނީއޭ ބަލާ. ދަނީ، ބާއި” އަވަސް އަރުވާލާފައި އެގަޑީގައި ހިތަށް އެރި އެއްޗެއް ބުނުމަށްފަހު ތާރާ އެތަނުން ދާން ހިނގައިގަތީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

ގެއިން ބޭރަށް ބަގީޗާއާ ހަމައަށް ނުކުމެވުނުއިރު ޔާނީގެ ކޯލްވެސް މިސްވެއްޖެއެވެ. އަލުން ޔާނީއަށް ގުޅާލުމުން ވަރަށް އަވަހަށް ފޯނުނަގައި ތާރާ ކޮންތާކުތޯ ޔާނީ އެހިއެވެ. ގެއަށް އައި އިރު ތާރާ ފެންނަން ނެތުމުން ޔާނީއަކަށް ހިތްމަޖެހުމެއް ނުލިބުނެވެ. މިއުޅެނީ ބޭރުގައި ކަމަށާއި އިރުކޮޅަކުން ގެއަށް މިދަނީ ކަމަށް ބުނެ ތާރާ ފޯނު ބާއްވައި ދިއުމުގެ ކުރިން އަދި އެއްފަހަރު ފަސްއެނބުރި ގެއާ ދިމާލަށް ބަލައިލިއެވެ. ލޮލުން ފާއްދާލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ބެލްކަނީގައި ހުރި އޭނާގެ މަންމައަށް އަތުން ވަދާއީ ސަލާމް އަދާކޮށްލުމަށްފަހު ނުކުމެގެން ދިޔައެވެ. [ނިނިމޭ]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.