ބައިގަރުނުގެ ތެރޭގައި 1400 ކުދިން އޭނާގެ އަތްމައްޗަށް!

ހަސީނާ "ހަވީރަ"ށް އިންޓަވިއު ދެނީ
ހަސީނާ “ހަވީރަ”ށް އިންޓަވިއު ދެނީ

[އެޑިޓަރުގެ ނޯޓް: މިއީ އީޓީގެ ރިޕޯޓަރު ތޯރިގް އަބްދުއްރަހްމާން ހަވީރު އޮންލައިނަށް ލިޔެދީފައިވާލިޔުމެކެވެ]

ޚިދުމަތެއްގައި ބައިގަރުނު ހޭދަކުރާއިރު އެ މަސައްކަތަކުން ވަރަށް ގިނަ ތަޖުރިބާތަކެއް ހުންނާނީ ކުރެވިފަ އެވެ. ޚާއްސަކޮށް ފޫޅުމައެއްގެ ގޮތުގައި 50 އަހަރު ހޭދަކުރި މީހަކަށް ވިއްޔާ ހުންނާނީ ލައްކަ ގިނަ ހާދިސާތަކެއް ކުރިމަތިވެފަ އެވެ. އެވަރުގެ މީހަކު ދުނިޔޭގައި އެބަހުރިބާ އެވެ؟ ގައިމު ވެސް ވަރަށް މަދުވާނެ އެވެ.

އޭގެތެރެއިން އެކަކަކީ މި އެވެ؛ އެއީ ބ. އޭދަފުއްޓަށް އުފަން، އެ ރަށު ގުލްބަކާގޭ ހަސީނާ މުހަންމަދެވެ. އެ ރަށު އެންމެންގެ ހަސީނައްތަ އެވެ. އޭނާ އަކީ 1400 އަށް ވުރެ ގިނަ ކުދިން ވިއްސި އެ ކުދިންގެ ފޫޅުމައެވެ. އޭނާ އަކީ، މި ޒަމާން ދެކޭ ފަސޭހަ ބޭސްވެރިކަން ނެތް ޒަމާނުގައި އެކަނިމާ އެކަނި ރަށްރަށަށް ދަތުރުކޮށްގެން ވެސް އެ ޚިދުމަތް ފޯރުކޮށްދިން ހުނަރުވެރި، އަދި ވިސްނުންތެރި، އަދި މަސައްކަތްތެރިި އަންހެނެކެވެ. ދަންވަރު ރަށުގެ އެއްކޮޅުގައި މީހަކު ވިއްސައިފައި، ރަށުގެ އަނެއްކޮޅުގައި އަނެކަކު ވިއްސި ކުޅަދާނަ އަންހެނެކެވެ. މިއަދު އުމުރުން 85 އަހަރުވެ، ގޭގައި އިންނަން ޖެހުނަސް، އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ އުނދަގޫ، އަދި އެހާމެ ބޮޑެތި ރިސްކުތަކެއްގެ ތެރޭގަ އެވެ. ހަމައެއާ އެކު އެ ހިދުމަތުގައި ބައި ގަރުނު ހޭދަކުރި އިރު، ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ބަޔަކަށް އޭނާގެ ފަރާތުން ލިބިނު އަގު ނުކުރެވޭ ވަރުގެ ޚިދުމަތަކަށް ނޫނީ ނުވާނެ އެވެ.

އެއްއިރެއްގައި އޭނާ އަކީ މުޅި ބ. އަތޮޅަށް ބޭނުންވެފައި ހުރި މީހެކެވެ. ހަމައެކަނި އެ އަތޮޅަށް އެކަންޏެއް ނޫނެވެ؛ ޚާއްސަ ހާލަތްތަކުގައި ހެލްތު މިނިސްޓްރީގެ އެދުމަށް މާލެ އައިސް ވެސް މީހުން ވިއްސައިދީފައި ވެ އެވެ. އެ އަގުހުރި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް މިނިވަން 25 އާ ގުޅިގެން ދިން އާންމު ޚިދުމަތުގެ އިނާމް ވެސް ވަނީ ލިބިފަ އެވެ.

ހަސީނާގެ ފެށުމަކީ މި އެވެ؛ އޭނާ އަށް ޖެހުނީ ހާލު ބޮޑުވި މީހަކު ވިއްސާށެވެ. މީހަކު ވިއްސުމަކީ ދުވަހަކުު ވެސް ކޮށްފައިވާ ކަމެއް ނޫނަސް، އެކަން ކުރަން ޖެހުމުން ދެން އޭނާ އަށް އެ ނޫން ގޮތެއް ނެތެވެ. އެ ތަޖުރިބާ އޭނާ ކާމިޔާބު ކުރި އެވެ. އެއްވެސް މައްސަލައެއް ދިމާނުވެ އެ މީހާ ވިއްސި އެވެ.

ހަސީނާ "ހަވީރަ"ށް އިންޓަވިއު ދެނީ -- ފޮޓޯ / ހަވީރު އޮންލައިން
ހަސީނާ “ހަވީރަ”ށް އިންޓަވިއު ދެނީ — ފޮޓޯ / ހަވީރު އޮންލައިން

 

“އޭގެ ފަހުން ދެން ކޯހަށް މާލެ ފޮނުވީ،” 11 ކުދިންގެ މަންމަ ބުންޏެވެ. “އެކަމަކު ރަސްމީކޮށް މި މަސައްކަތަށް ނުކުތީ އިންޑިއާ މީހަކު ކިޔަވައިދިން ކޯހެއް ފުރިހަމަ ކުރުމަށްފަހު.”

އެއަށް ފަހު އޭދަފުށީގައި އޭނާ ހިލޭ ސާބަހަށް މި މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އިސާހިތަކު އޭނާ ވެގެން ދިޔައީ ފޫޅުމައިންގެ ތެރެއިން އެންމެ ބިޒީ އެކަކަށެވެ. މީހުންގެ އިތުބާރު ލިބި، އެހެން ރަށްރަށަަށް ވެސް އޭނާ ދަތުރުކުރަން ޖެހުނެވެ.

ހަސީނާ އަކީ މީހުން ވިއްސުމުގެ ހާއްސަ ހުނަރެއް ލިބިފައިވާ މީހެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. ހާއްސަކޮށް، ވިއްސުމާއި ވިހެއުމުގެ ތެރޭގައި ދިމާވާ ކަންތައްތަކާއި މައިމީހާއަށާއި ތުއްތު ދަރިފުޅަށް ދިމާވާ މައްސަލަތައް އަމިއްލަ ތަޖުރިބާއިން ދެނެގަނެ، އެ ބަލިތަކަށް ފަރުވާކުރުމުގައި އޭނާ އަށް ވަނީ މުޅި އެ ސަރަހައްދުގައި ވެސް ބޮޑު އިތުބާރެއް ލިބިފަ އެވެ. މިހާރު، 2008 އިން ފެށިގެން މި މަސައްކަތާ މުޅިން ދުރުގައި ހުރި އިރު ވެސް، ޒުވާން މައިންް ހަސީނާގެ ފަރާތުން ލަފާ ހޯދައި، އެގޮތަށް ކަންތައްތައް ކުރާ ކަމީ، އޭގެ ހެެއްކެކެވެ.

“މިހާރުވެސް އަންނާނެ މީހުން ދައްކާލަން، މި އަތޮޅު (ބ. އަތޮޅު) ދޮންފަނު މީހެއް ވެސް ވަރަށް ފަހުން އައި. މީހުންނަށް އެކަހަލަ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ މިކަމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން،” ފޫޅުމައެއްގެ ގޮތުގައި ހޭދަކުރިި ދިގު މުއްދަތަކީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ބުނެ، ހަސީނާ ވާހަކަ ދެއްކި އެވެ.

އޭނާ މި ޚިދުމަތް ފަށައިގެން އައީ އޭދަފުށީގެ ވެސް، އަދި މުޅި ރާއްޖޭގެ ސިއްހީ ހާލަތު ވެސް ވަރަށް ދަށްވެފައި އޮތް ދުވަސްވަރެއްގަ އެވެ. އޭރު މީހުން ވިއްސަނީ ފުޅި ބައްތި އާއި ފާނޫޒުގެ އަލީގަ އެވެ. ކަމެއް ދިމާވިޔަސް، ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. ރަށުގައި ޑޮކްޓަރަކު ނުހުރެ އެވެ. ބޭހެއް ނުހުރެ އެވެ. އެހެންވެ ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ރާއްޖޭގައި އޮތީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އެކަމަކު އޭނާގެ އަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް އެބައޮތެވެ. އެތަކެއް ސަތޭކަ މީހުން ވިއްސި އިރު ވިހެއުމުގެ ތެރޭގައި މަރުވީ އެންމެ މަޔެކެވެ. ބައެއް މައިން ވަރަށް ނާޒުކު ހާލަތްތަކުން އޭނާ ވަނީ ސަލާމަތް ކޮށްދީފަ އެވެ.

ހަސީނާ އޭނާ އަށް ލިބިފައިވާ އާންމު ޚިދުމަތުގެ ސެޓްފިކެޓާ އެކު މީގެ އަހަރުތަކެއް ކުރިން
ހަސީނާ އޭނާ އަށް ލިބިފައިވާ އާންމު ޚިދުމަތުގެ ސެޓްފިކެޓާ އެކު މީގެ އަހަރުތަކެއް ކުރިން

އޭނާ ވަނީ ވިހެއުމުގެ ތެރޭގައި، އާންމުކޮށް ފޫޅުމައިން ނުކުރާ ކަހަލަ އާދަޔާ ޚިލާފު ތަޖުރިބާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ވާހަކަތައް ހިއްސާ ކުރި ނަމަވެސް، އެހެން ބައެއް ވާހަކަތަކަކީ ހަސީނާގެ ސިއްރެކެވެ.

“އާދަޔާހިލާފު، ގަބޫލު ކުރަން ވެސް ދަތި ހާދިސާތަކާ ވެސް ކުރިމަތިވި. އޭގެ ތެރެއިން އެއްމާބަނޑު ތިން ކުދިން ވިއްސަން ޖެހުނު ހާދިސާއަކީ ހަނދާން ނައްތާލަން ދަތި ހާދިސާއެއް،” ހަސީނާ ބުންޏެވެ.

ފޫޅުމާކަން ކުރަމުން ދިޔައިރު، އެކަމާ ގުޅިގެން ދިމާވާ އެހެނިހެން ބަލިތަކަށް ވެސް ހަސީނާ އައީ ފަރުވާދެމުންނެވެ. އެ ބޭސްވެރިކަމުގައި ވެސް ހަސީނާގެ ކުޅަދާނަކަން ބޮޑެވެ.

“އޭރު މާލެ އިން މި ރަށަށް (އޭދަފުއްޓަށް) އަންނަ ސިއްހީ މާހިރުން ލިޔެދޭ ބޭސްތައް ހަނދާނުގައި ބަހައްޓައިގެން އެކަން ކޮށްދީ އުޅުނިން،” އޭނާ ބުންޏެވެ. “މާ ބޮޑެތި ޓެސްޓްތަކެއް ނުހެދިޔަސް، މީހާގެ ބައްޓަމާއި ކުލަ އަށް ބަލައިފައި ބޭސް ދޭން އެނގޭ.”

އުމުރުން ދުވަސްވުމާ އެކު، ހަސީނާ ވެސް މިހާރު ވަރަށް ބައްޔެވެ. އެކަމަކު އޭނާގެ ޚިދުމަތްތައް ބަލައިގަނެ، ކަންތައްތަކުގައި އޭނާ ދެކޭ ގޮތް މިހާރުގެ ޒުވާން ކުދިން ވެސް ހޯދަ އެވެ. ވިއްސަން ނުދިޔައެއް ކަމަކު ޒުވާން މައިން ހަސީނާގެ އެހީތެރިކަން ހޯދަން އޭނާ ކައިރިއަށް ގަވައިދުން ދެ އެވެ. އޭނާ ބުނަނީ “އޭރު ވިއްސި މީހުންގެ ބައްޓަން މާ މިހާރު ވިހާ ކުދިންނަށް ވުރެ މާ ރީތި ވާނެ” ކަމަށާއި އެއީ ވިއްސުމާއި އޭގެ ފަހުން ކުރެވޭ ދިވެހި ފަރުވާތައް ރަނގަޅުވުމުގެ ނަތީޖާ ކަމަށެވެ.

ޒަމާނަށް އައި ބަދަލާއި، ސިއްހީ ފަރުވާ އަށް އައި ބޮޑު އިންގިލާބާ އެކު މީހަކު ވިއްސުމަކީީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. މަސްތުރަ ނުވެގެން މިހާރު އުޅޭކަށް ނުޖެހެ އެވެ. ނުވިހައިގެން މިހާރު އުޅޭކަށް ނުޖެހެ އެވެ. މިހާރު އެކަމަށް އެހީތެރިވާނެ ބޭހާއި ޖެލް އާއި އިންޖިކްޝަނާއި އެހެނިހެން ވަސީލަތްތައް އެބަހުއްޓެވެ. ބަނޑުބޮޑު މީހެއްގެ ކަންބޮޑުވުމެއް މިހާރަކު ނެތެވެ. އެކަމަކު އޭރުގެ ހާލަތް ތަފާތެވެ. ވިހެއުމަކީ ފުރާނަ އަތްމައްޗަށް ލައިގެން ކުރަން ޖެހޭ ކަމެކެވެ. ވިއްސަން ވެއްދީއްސުރެ ކޮޓަރީގެ ބޭރުގައި ގުރުއާން ކިޔަވާ މީހުން ދުއާކުރަމުންް ގެންދާއިރު ކޮޓަރި ތެރޭގައި ހުންނަ ފޫޅުމާގެ ކުރިމަތީގައި އޮންނާނީ ފުރާނަ އަތްމައްޗަށް ލައިގެން އޮންނަ މީހެކެވެ. އޭރު ކޮންމެ މައެއްގެ ދިރިހުރުމާއި މަރުވުމާ ދެމެދު ހުންނަނީ ހަސީނާމެން ކަހަލަ ތަޖުރިބާކާރު ފޫޅުމައެެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.