ހަބޭސް އިން ޗާންސެއް ލިބިދާނެ ކަމަށް ހިއެއްވެސް ނުކުރަން: ރައިހާން

ރައިހާން 'ވަގުތަށް' އިންޓަރވިއު ދެނީ - ވަގުތު އިމޭޖެސް: އަޙުމަދު މަމްދޫޙު (މަންދު)
ރައިހާން ‘ވަގުތަށް’ އިންޓަރވިއު ދެނީ – ވަގުތު އިމޭޖެސް: އަޙުމަދު މަމްދޫޙު (މަންދު)

ނޯޓް: މިއީ އައިޝަތު މާހާ ވަގުތު ނޫހުގައި 13 ޖުލައި 2015 ގައި ލިޔެފައިވާ ރިޕޯޓެކެވެ.

ރައިހާން އަލީ ނުވަތަ ރައިހާން އަކީ ގިނަ މީހުންގެ މެދުގައި އާއްމު ނަމެއް ނޫނެވެ. ނަމަވެސް ބޮޑުބެރަށް ލޯބިކޮށް ބޮޑުބެރަށް ސަޕޯޓްކުރާ މީހަކަށްވިއްޔާ ރައިހާން ނޭނގިއެއް ނުދާނެއެވެ. ބ. ހިތާދުއަށް އުފަން އުމުރުން 20 އަހަރުގެ ރައިހާން އަކީ ބޮޑު ބެރުގައި އެއްމެ މަޝްހޫރު އެއް ގްރޫޕް؛ ހަބޭސް ބޮޑުބެރު ގްރޫޕްގެ އެއް އުއްމީދެވެ.

“ސްކޫލްގައި އުޅުނުއިރު ކިޔެވުމުގެ މުހިއްމު ކަމެއް ނުވިސްނޭ”

ސްކޫލްގައި ހޭދަކުރާ އަހަރުތަކަކީ ހަނދާނުން ފޮހެލަން ދަތި އުފާވެރި މަޖާ ހަނދާން ތަކެކެވެ. ކުރެވިފައި ހުންނަ މަޖާ އެތައް އެތައް ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ހަނދާނުގައި ހަރުލާފައި ހުރެއެވެ. މިދުވަސްތަކުގައި ކިޔެވުމުގައި ބޮޑަށް ސަމާލުކަންދީ ކިޔެވުމަށް އިސްކަމެއް ދިނުމަށް މައިންބަފައިން ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ބީރު ކަންފަތެއް ދެވެނީ މައިންބަފައިންގެ ބަސް ޤަބޫލުކުރަން ބޭނުން ނުވާތީއެއް ނޫނެވެ.

ރައިހާން އަކީވެސް މިފަދަ ކުއްޖެކެވެ. ސްކޫލްގައި އުޅުނު އިރު ކިޔެވުމުގެ މުހިއްކަން އޭނާއަކަށްވެސް ނުވިސްނެއެވެ. ކިޔެވުމަށްވުރެ ބޮޑަށް އިސްކަންދެވުނީ އެހެން ކަންތައްތަކަށެވެ. ރައިހާން އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކުރީ ބ.ހިތާދޫ ސްކޫލުންނެވެ. އެސްކޫލުން ގްރޭޑް ހަތަރަކާ ހަމައަށް ކިޔެވުމަށްފަހު ރައިހާން މާލެ ބަދަލުވިއެވެ. ގްރޭޑް ފަހަކުން ހަތަކަށް ޣިޔާސުއްދީން ސްކޫލުން ތަޢުލީމް ހާސިލް ކުރުމަށްފަހު ރައިހާން ދެން ބަދަލުވީ މަޖީދިއްޔާ ސްކޫލަށެވެ. އެ ސްކޫލުން ގްރޭޑް އަށެއް ނިންމުމަށްފަހު ދެން އަނެއްކާވެސް ރައިހާން ބަދަލުވީ ރަށަށެވެ. ރައިހާން އޭނާގެ އޯލެވެލް އިމްތިހާނު ނިންމީ އޭނާ އެންމެ ފުރަތަމަ ތައުލީމް ހާސިލްކުރި ބ.ހިތާދޫ ސްކޫލުންނެވެ.

ރައިހާން، ކުރިއެރުން ހޯދަން އުޅެފި ނަމަ، ކުރިއެރުން ލިބޭނެ ކަމަށް އޭނާ ދެކޭ – ފޮޓޯ: ފޭސްބުކް

ސްކޫލްގައި އުޅުނުއިރު ބޮޑުބެރު ޖެހުމަށް މާގިނަ ފުރުޞަތުތަކެއް ލިބިފައެއް ނެތް

ސްކޫލްގައި ރައިހާން ހޭދަކުރި 10 އަހަރު ދުވަހުގެ ތެރޭގައި ބޮޑުބެރު ޖެހުމަށް މާގިނަ ފުރުޞަތުތަކެއް އޭނާއަށް ލިބިފައެއްނުވެއެވެ. ލިބުނު ދެތިން ފުރުޞަތުގެ ބޭނުން ރައިހާން ވަނީ އެންމެ ފުރިހަމަގޮތުގައި ހިފާފައެވެ. ސްކޫލްގައި އުޅުނު އިރު އެންމެ ފުރަތަމަ ބޮޑުބެރު ޖެހުމަށް ރައިހާން އަށް ފުރުޞަތު ލިބުނީ ގްރޭޑް ފަހެއްގައި އުޅެނިކޮށެވެ. އެއީ ސްކޫލްގެ ކޮންސެޓްގައެވެ.

“ބޮޑުބެރަށް ޝައުގުވެރިކަން އުފެދުނީ ބައްޕަގެ ސަބަބުން”

ރައިހާންގެ އާއިލާއަކީ ބޮޑުބެރުގެ ތާރީޚެއް އޮންނަ އާއިލާއެއް ނޫނެވެ. އޭނާގެ އާއިލާގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މެމްބަރަކު ނެތެވެ. ނަމަވެސް ބޮޑުބެރުގެ ތެރެއަށް އޭނާއަށް ވަދެވުނީ އޭނާގެ ބައްޕަގެ ސަބަބުންނެވެ.

“ކުޑައިރު ބައްޕަ ގެނެސްދިނީ ބެރެއް. ދެން އޭރު ގޭތެރޭގައި އެހެން ޖަހަމުން ޖަހަމުން ޝައުގުވެރިކަން އުފެދުނީ” ރައިހާން ކިޔައިދިނެވެ.

ބޮޑުބެރު ޖެހުމަށް ރައިހާން އަށް ދަސްކޮށްދިނީ އޭނާގެ ބޭބެއެކެވެ. ރައިހާންގެ ހަދާނުން، އޭރު އޭނާގެ އުމުރުން ހަތް އަހަރުވެސް ނުވާނެއެވެ. ރައިހާންގެ ‘ތިއްތި’ ވަގުތަށް ކިޔައިދިން ގޮތުގައި އޭނާ ބެރަށް ޝަޢުޤުވެރިކަން އުފެދި، ބެރުޖަހަން ފެށި އެނާގެ އުމުރުން 2 އަހަރުގައެވެ.

“2 އަހަރުން ފެށީގެން އެދަނީ ބެރު ޖަހަމުން. ފުރަތަމަ ބެރުޖެހި ހަނދާން އޭނަ ނުވެސް ހުންނާނެ” ރައިހާންގެ ‘ތއްތި’ ވަގުތަށް ކިޔައިދިނެވެ.

ރައިހާން ‘ވަގުތަށް’ އިންޓަރވިއު ދެނީ – ވަގުތު އިމޭޖެސް: އަޙުމަދު މަމްދޫޙު (މަންދު)

“ހަބޭސް އިން ޗާންސެއް ލިބިދާނެ ކަމަށް ހިއެއްވެސް ނުކުރަން”

ބޮޑުބެރު ޖެހުމަށް ރައިހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ހިތާދޫގައި އޮންނަ ޖަމިއްޔާއެއްގެ ގްރޫޕްގައެވެ. އެގްރޫޕްގައި އޭނާ ވަނީ ރަށު ފެންވަރުގެ ޝޯވތައް ހުށަހަޅައިދީފައެވެ. އަދި ކައިރި ރަށްތަކަށް ޝޯވ ދިނުމުގެ ފުރުޞަތުތައްވެސް ލިބުނެވެ. މީގެ އިތުރުން ހިތާނީ ގެތަކުގައިވެސް އޭނާ ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ.

ހަބޭސްއަށް ވަނުމުގެ ފުރުޞަތު ރައިހާނަށް ހޯދައިދިނީ ރައިހާންގެ ދެބެންގެ ދެދަރި ކުއްޖެއްގެ ފިރިމީހާއެވެ. ހަބޭސް ފަދަ މަޝްހޫރު ގްރޫޕަކުން ފުރުޞަތު ލިބިދާނެ ކަމަށް ރައިހާން ކުރިން އުއްމީދެއް ނުކުރެއެވެ. އޭގެ ކުރިންވެސް އެތައް ގްރޫޕަކަށް ވަނުމަށް އޭނާ ވަނީ ގްރޫޕްތަކާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެހެން އެއްވެސް ގްރޫޕަކުން ޖަވާބެއް ނުދީ ހުއްޓާ ހަބޭސް އިން ފުރުޞަތު ލިބުމަކީ ރައިހާން އަށް ވަރަށް ބޮޑު އުފަލެއް ލިބުނުކަމަކަށެވެ.

“ލަވަ ކިޔާ ހިތްވޭ”

ބޮޑުބެރު ޖެހުމުގެ އިތުރަށް ލަވަ ކިޔުމަކީވެސް ރައިހާން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް އޭނާއަށް ލަވަކިޔަން ނޭނގޭ ކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް ހަބޭސް ބޮޑުބެރު ގްރޫޕްގައި އެންމެ ފުރަތަމަ އޭނާ ހަރަކާތްތެރިވީ ޒުވާބު ކިޔުމުގައެވެ. ޒުވާބު ކިޔޭނީވެސް ލަވަ ކިޔުމުގެ ހުނަރު ހުންނަ މީހުންނަށް ކަމަށް ރައިހާން ޤަބޫލުކުރެއެވެ. ލަވައެއް ކިޔާލަން ފުރުޞަތެއް ލިބިއްޖެނަމަ ރައިހާން ހުރީ އެފުރުޞަތުގެ ބޭނުން ހިފަން ތައްޔާރަށެވެ.

ރައިހާން (ތިރީ ފޮޓޯގައި)، ބޮޑުބެރު ޗެލެންޖް ގައި ހަބޭސް ބޮޑުބެރު ގްރޫޕާއި އެކު – ފޮޓޯ: ފޭސްބުކް

“ކުރިއެރުން ހޯދަން އުޅެފިނަމަ ކުރި އެރުން ލިބޭނެ”

ރައިހާން ޤަބޫލުކުރާ ގޮތުގައި މިދާއިރާގައި މުސްތަގްބަލް އެބައޮތެވެ. ކުރިއަށް ދާނެ މަސައްކަތްކޮށްފިނަމަ މިއީ ކުރިއަށް ދެވޭނެ ދާއިރާއެއް ކަމަށް ރައިހާން ބުނެއެވެ. ނަމަވެސް ހަމައެކަނި ބޮޑުބެރު ޖެހުމަށް ވަގުތު ހުސްކޮށްގެން އުޅެން ނުފެންނަ ކަމަށް ރައިހާން ޤަބޫލުކުރެއެވެ. ވަކި ދުވަސްވަރެއްގައި ރަނގަޅު “އިންކަމް” އެއް ލިބުނު ނަމަވެސް ސީޒަން ދިއުމުން އެންމެ އެދެވޭ ފައިދާއެއް ނުވާ ކަމަށް އޭނާ ބުނެއެވެ. އެހެން ކަމުން ބޮޑުބެރު ޖެހުމަކީ ހުސްވަގުތު ތަކުގައި ހޮބީއެއް ގޮތަށް ރައިހާން ކޮށްއުޅޭ ކަމެކެވެ. ރައިހާން އަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ފަރާތެކެވެ.

ރައިހާން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮންނަ ބޮޑުބެރު ގްރޫޕްތަކަކީ ވާދަވެރި އެހެން ނަމަވެސް އެކުވެރި ގްރޫޕްތަކެކެކެވެ. އެހެންކަމުން އެއި މިދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށް ރައިހާން ގަބޫލުކުރެއެވެ.

“އިންސްޕިރޭޝަނަކީ ޝިނާ”

ކޮންމެ މީހެއްގެވެސް ރޯލް މޮޑެލް އެއް ހުންނާނެއެވެ. އިންސްޕިރޭޝަނެއްގެ ގޮތުގައި ބަލަނީ މަޝްހޫރު ބޮޑުބެރު ޖެހުންތެރިޔާ ޝިނާއެވެ. މިހާރު ރާއްޖޭގައި ތިބި ބޮޑު ބެރު ޖެހުން ތެރިންގެ ތެރެއިން އެންމެ މޮޅީ ޝިނާ އަދި މަހްފޫޒް ކަމަށްވެސް ރައިހާން ބުންޏެވެ.

ރައިހާން، ހަބޭސްގެ ބައެއް މެންބަރުންނާއި އެކު – ފޮޓޯ: ފޭސްބުކް

“ބޭނުމީ މަޑުމައިތިރި އަންބެއް”

އަދި މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވިނަމަވެސް މުސްތަޤުބަލްގައި ކައިވެންޏެއްކޮށް ފޮނި އުއްމީދު ތަކެއް ރައިހާންގެ އެބަހުއްޓެވެ. ކައިވެނި ކުރެވޭ ކުއްޖާ އަކީ މަޑުމައިތިރި ކިޔަމަންތެރި ކުއްޖަކަށް ވާންޖެހޭ ކަމަށް ރައިހާން ބުންޏެވެ.

މިދާއިރާއިން ކުރިއަށް ދިއުމުގައި އޭނާގެ އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދެއެވެ. ޝޯވތައް ބަރާބަރަށް އާއިލާއިން ބަލާ ރަނގަޅު ކުރަންވީ ކަންތައްތައް ދަނީ ބުނެދެމުންނެވެ.

މިދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް އެހީތެރިވެދޭ އެންމެންނަށްވެސް ހިތުގެ އެންމެ އަޑިން އޭނާ ޝުކުރު އަދާކުރެއެވެ.

“ވަގުތު”ން އެދެނީ ރައިހާންގެ އުއްމީދުތައް ފުރިހަމަވެ، އޭނާއަށް އިތުރުކުރިއެރުން ލިބުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.