ނަޝާތު – ރުފިޔާގެ އާ ނޫޓްތައް ޑިޒައިންކުރި ފަހުރުވެރި ކުރެހުންތެރިޔާ

     ނަޝާތު ކުރެހުމުގެ މަސައްކަތުގައި: އޭނާގެ ޑިޒައިންތަކަކަށް ދިވެހި ރުފިޔާ ޗާޕްކުރަން ނިންމުމަމަކީ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ.

ނަޝާތު ކުރެހުމުގެ މަސައްކަތުގައި: އޭނާގެ ޑިޒައިންތަކަކަށް ދިވެހި ރުފިޔާ ޗާޕްކުރަން ނިންމުމަމަކީ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ.

ނޯޓް: މިއީ ބ. ކެންދޫ ޖަވާހިރުމާގެ އަބްދުﷲ ނަޝާތު އާ ހަވީރުގެ މަރިޔަމް ޝަނީޒާ އިންޓަވިޔުކޮށް 12 މާޗް 2015 ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.

ރާއްޖޭން އާޓިސްޓަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފް ފައިން އާޓްގެ ޒުވާން ހުނަރުވެރިޔާ އަބްދުﷲ ނަޝާތު ވަނީ ހޯދާފަ އެވެ. އޭނާއަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް މަރުކަޒީ ބޭންކުން ތައާރަފްކުރާ އާ ނޫޓް ސީރީޒް، “ރަންދިހަ ފަހެއް” ފަރުމާކުރި ޑިޒައިނަރެވެ.

“ނޫޓް ޑިޒައިން ކުރާހިތްވީ މީ ރާއްޖޭގައި އާޓިސްޓަކަށް ލިބޭނެ އެންމެ ބޮޑު ފަހުރު ކަމަށް ވާތީ،” ނަޝާތު، 30، ބުންޏެވެ.

މެލޭޝިޔާގެ ސަންވޭގައި ހުންނަ އަމިއްލަ ކޮލެޖެއް ކަމަށްވާ ވަން އެކަޑަމީ އޮފް ކޮމިއުނިކޭޝަން ޑިޒައިންގެ އިލަސްޓްރޭޝަން ކޯހުން އެޑްވާންސް ޑިޕްލޮމާ ހާސިލްކުރުމަށް ފަހު ނަޝާތު ރާއްޖެ އައީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. ކިޔެވި އެއްޗެހީގެ ބޭނުން ހިފުމަށް، އެކުވެރިއަކާ އެކު، އޭ.އޭން އެސޯސިއޭޓްގެ ނަމުގައި އޭނާ ވަނީ އަމިއްލަ ސްޓޫޑިއޯއް ހުޅުވާފަ އެވެ.

ސްޓޫޑިއޯގެ މަސައްކަތްތަކަށް ވަގުތު ދެމުން އެމްއެމްއޭގެ އާ ނޫޓްތަކަށް ހަ ޑިޒައިނެއް ނަޝާތު ކުރެހީ އޭނާގެ ހުށަހެޅުމަށް އެއްވަނަ ލިބޭނެ ކަމުގެ އުއްމީދާ އެކުގަ އެވެ.

“ރަންދިހަ ފަހެއް” ނޫޓް ސީރީޒް އަށް ހުށަހެޅި ކުރެހުންތަކުގެ ތެރެއިން އެންމެ ކަމުދާ ހަ ކުރެހުމުގެ ތެރޭގައި، އަދި އެންމެ ކަމުދާ ތިން ޑިޒައިން ހޮވި އިރު ވެސް ނަޝާތުގެ ކުރެހުންތައް ހިމެނުނެވެ. އެންމެ ފަހުން އެންމެ މޮޅު ޑިޒައިނަކަށް ހޮވުނީ ވެސް އޭނާގެ ހުށަހެޅުމެވެ.

ސާޅީހަކަށް ދުވަހުގެ މަސައްކަތުން ނަޝާތު ނިންމާލި ކުރެހުންތައް ދިވެހި ފައިސާގެ އާ ނޫޓުތަކުގައި ބޭނުން ކުރަން އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ. އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ އިތުރުން 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާ، 20 ރުފިޔާ އަދި 10 ރުފިޔާ އިން ވެސް ދެން ފެންނާނީ ނަޝާތުގެ ހިތްގައިމު ކުރެހުންތަކެވެ.

ނަޝާތުގެ ކުރެހުމެއްގައި އަންހެނަކު ބޮނބި ތަޅާ މަންޒަރު ދައްކުވައިދެނީ — ފޮޓޯ: ފޭސްބުކް

ނަޝާތު އެންމެ ހިތް އެދޭ ވަރަށް ވަގުތު ނުލިބުނަސް ކުރެހުންތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ. އޭނާގެ ޑިޒައިންތަކަކަށް ދިވެހި ފައިސާ ޗާޕްކުރަން ނިންމުމަމަކީ ނަޝާތުގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އެ ނޫޓުތައް ފަރުމާކުރީ ދިވެހިވަންތަކަމާއި ރާއްޖޭގެ ތާރީހީ ބައެއް ކަންކަން ވަރަށް ބޮޑަށް ސާފުވާނެހެންނެވެ.

ނަޝާތަކީ އެންމެ ފުރަތަމަ ވަޒީފާއިން ފެށިގެން ވެސް ކުރެހުމާ ގުޅޭ މަސައްކަތްތައް ކުރަމުން އައި ފަންނުވެރި ޒުވާނެކެވެ. އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމުގެ ކުރިން އޭނާ މަސައްކަތްކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގްރެފިކް ޑިޒައިނަރުގެ މަގާމާއި މަޖީދިއްޔާ ސުކޫލުގެ އާޓް ޓީޗަރުގެ މަގާމުގަ އެވެ. އަދި ފިރާފިކްސް ސްޓޫޑިއޯގެ އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އެވެ.

ބޭރުގެ ބައެއް އާޓިސްޓުންގެ މަސައްކަތްތައް ބަލައިގެން އެ ކުރެހުންތެރިން ގެންގުޅޭ ހުނަރުތަކާއި ވައްޓަފާޅި ދިރާސާ ކުރުމަށް ވެސް ވަގުތު ހޯދާ ނަޝާތު މަޖީދިއްޔާ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުންދިޔަ އިރު ކުރެހުމަށް ވުރެ ގަޔާވި ކަމެއް ނެތެވެ. އޭނާ ހަމައެކަނި ބޭނުންވީ ވަރަށް މޮޅު އާޓިސްޓަކަށް ވާށެވެ.

ދިވެހި ޒުވާން ފަންނާނެއްގެ ކުރެހުން ދިވެހި ފައިސާގައި ބޭނުންކުރުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ޗީޒް އުފައްދާ އެމެރިކާގެ ކްރާފްޓް ކުންފުނިން ތައްޔާރުކުރާ ޗުއިންގަމް ފޮއްޓެއްގެ ބޭރުގައި ވެސް ނަޝާތުގެ ކުރެހުމެއް ބޭނުން ކުރަމުން އަންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުން ހޮވާލި ކުރެހުންތަކެއްގެ ތެރެއިން އޭނާގެ ހުށަހެޅުން އެއްވަނަ އަށް ގޮސްގެންނެވެ.

ނަޝާތު ފަންސޫރުން ކުރަހާފައިވާ ކުރެހުމެއް: މީހުން ކުރެހުމާއި، ފަންސޫރުން ކުރެހުމަކީ އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތް — ފޮޓޯ: ފޭސްބުކް

އުރީދޫން މިހާތަނަށް ހެދި އެންމެ މޮޅު ކަލަންޑަރުގައި ވެސް މި އަހަރު ފެންނަނީ ނަޝާތުގެ ހިތްގައިމު ކުރެހުންތަކެކެވެ.

ނަޝާތު ކުރެހުމަށް ޝައުގުވެރިވީ ވަރަށް ކުޑަ އިރު އެވެ. ފަންސޫރާއި ކުރަހާ ފޮތް ހިފައިގެން ނޫޅޭ އިރެއް އޭނާގެ ހަނދާނަކަށް ނާދެ އެވެ. ނަޝާތު ބުނިގޮތުގައި އޭނާ އަށް އަދިވެސް އެންމެ ފަސޭހައީ އަދި އެންމެ ގަޔާވަނީ ވެސް “ޕެންސިލް” އާޓަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބާއްވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ ނަޝާތު ވަނީ އޭނާގެ ހުނަރަށާއި މަސައްކަތަށް އިތުރު ކުރިއެރުންތައް ހޯދާފަ އެވެ. އެގޮތުން 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ރާއްޖޭގަ އާއި ބަންގްލަދޭޝްގައި ބޭއްވި ސާކް އާޓް ކޭމްޕްގައި އޭނާ ބައިވެރިވި އެވެ. އަދި 2011 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި އެންމެ ބޮޑު ސޯލޯ އެގްޒިބިޝަންގައި ނަޝާތުގެ ކުރެހުންތައް ބައިވެރިކޮށްފައިވެ އެވެ.

ކުރަހަން ދަސްކުރަން ބޭނުންވާ މީހުންނަށް އެކަން ދަސްކޮށްދިނުމަކީ ވެސް ނަޝާތު ކުރާހިތުން ކުރާ ކަމެވެ.

ދިވެހި ރުފިޔާ ޑިޒައިންކޮށްގެން ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު ނަޝާތު ދެން އެންމެ އުފާވާނީ އޭނާގެ އަގުހުރި މަސައްކަތް އާންމުންނަށް ފެނުމުންނެވެ. އޮގަސްޓް 20 ގައި އާ ނޫޓް ސީރީޒް ބާޒާރަށް ނެރުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.