ނަމޫނާ އަތޮޅު ތައުލީމީ މަރުކަޒު އުފަންވީ ކިހިނެއް؟

ކުރީގެ ތައުލީމީ ވަޒީރު އަބްދުއްސައްތާރު ބ. ކޮމިޔުނިޓީ ސްކޫލްގެ ނަންބޯޑުން ފަރުދާ ކައްސަވަނީ

ސިޔާސީ ފުރަތަމަ މިނިވަންކަމުގެ އުފާވެރި ދިދަ ދިވެހި އުޑުދަށުގައި ވިހުރުވެން ފެށިތާ މާގިނަދުވަހެއްނުވެ އދގެ މެމްބަރު ގައުމުތަކުގެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަން ލިޔެވިއްޖެއެވެ. އެހެންކަމާއެކު ބައިނަލް އަގްވާމީ ގައުމުތަކަށް ލިބެންވީ ހުރިހާ ހައްޤުތަކެއް ލިބިދެވޭ ގައުމަކަށް މިކުޑަކުޑަ ދިވެހިރާއްޖެވެސް ރަޖިސްޓްރީ ކުރެވުމުން ތަރައްޤީގެ ދުނިޔެއަށް އަޅުގަނޑުމެން ލޯހުޅުވާލެވުމުގެ ނަސީބު ލިބިގެން ދިޔައެވެ.

ބައިނަލްއަޤްވާމީ ދުނިޔޭގައި ތަރައްޤީގެ އައު މިސްރާބަކަށް ދިވެހިރާއްޖެ ދަތުރުކުރަން ފެށުމުން ބައިނަލް އަޤްވާމީ ޖަމާއަތްތަކުގެ ހިދްމަތް މިރާއްޖެއަށްވެސް ވަނީ ހިއްސާވެފައެވެ. އެޖަމާއަތް ހިއްސާވާ އެހެން ގައުމުތަކެކޭ އެއްނަޒަރަކުން ރާއްޖެއާމެދުވެސް ވަނީ ބެލެވެން ފަށާފައެވެ. އެދުވަސްވަރު އާދެ! 1971 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި އިނގެރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އޭބީ ބެޑްލޭ އޭރު ރާއްޖޭގެ ތައުލީމީ ހާލަތު އޮތްގޮތް ބައްލަވައި ތައުލީމީ ކަތްތައްތައް ރަނގަޅުކުރުމުގެ ހިޔާލުދެއްވައި ދިވެހި ސަރުކާރަށް ރިޕޯޓެއް ހުށައެޅުއްވިއެވެ. ފަށާތައުލީމް ރާއްޖެއަށް ފެތުރުމުގެ މުހިއްމުކަމާއެކު ސިއްހީ މަރުކަޒުތައް ހުންނަ ރަށްރަށަށް އިސްކަން ދިނުމަށް ބުރަވެލައްވައި ބެޑްލޭގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ. މިއީ އަތޮޅުގެ ތައުލީމީ މަރުކަޒުގެ މަޝްރޫއު އުފަންވުމުގެ ފުރަތަމަ ހިޔާލުކަމުގައި ވެދާނެއެވެ.

އެހެންކަމުން ރާއްޖޭގެ ތައުލީމީ ހާލަތު އޭރުއޮތްގޮތް ޔުނެސްކޯއާއި ޔުނިސެފުން ދިރާސާތަކެއް ކުރިއެވެ. އެޖަމާއަތުގެ ކަމާބެހޭ މާހިރުން ރާއްޖެ ފޮނުވައިގެންނެވެ. އެފަދަ ދިރާސާއަކަށްފަހު ތައްޔާރުކުރެވުނު ރިޕޯޓްތަކުގެ މައްޗަށް ބިނާކުރައްވައި ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށްޓަކައި އެޖަމާއަތުން އަޅަންނިންމެވި ފިޔަވަޅުތަކުގެ ތެރެއިން އެއްކަމަކަށްވީ ރާއްޖޭގެ އަތޮޅުތަކުގެ އިލްމީ ތަރައްޤީއަށް އިސްލާހްގެނައުމަށްޓަކައި ޔުނިސެފްގެ އެހީގައި ރަށްފުށުގައި އިލްމީ ހިޔާވައްސެއް ބިނާކުރުމެވެ. އެފުރާޅަކުން ރަށްފުށަށް ހިޔާވައިކަނ ލިއްބައިދިނުމެވެ.

ތައުލީމީ މަރުކަޒު ހުޅުވި ޖަލްސާގައި ކ.ކޮޑިނޭޓަރ ލުތުފީ އިމާރާތްކުރި ގޮތުގެ ރިޕޯޓް ހުށަހަޅުއްވަނީ- ފޮޓޯ / ބއތމ ވެބްސައިޓް

މިގޮތުން ކޮމިއުނިޓީ ސްކޫލް (މިހާރުގެ ގޮތުންނަމަ ތައުލީމީ މަރުކަޒު) ގެ މަޝްރޫއަކީ ޔުނިސެފާއި ދިވެހިސަރުކާރާއި ގުޅިގެން ފުރަތަމަ އެޅުނު ފިޔަވަޅެވެ. ހަމައެކަނި ތަޖުރިބާކުރުމުގެ އެއްމެތަނެއް އިމާރާތްކުރުމުގެ ހުއްދަ އޭރުއޮތްސަރުކާރުން ދެއްވުމުން ކޮމިއުނިޓީ މޮޑެލް ސްކޫލެއް ރާއްޖެތެރޭގެ އަތޮޅެއްގައި އިމާރާތްކުރުމާ ބެހޭގޮތުން ޔުނެސްކޯގެ ރީޖަނަލް މެނޭޖްމަންޓް އެޑިއުކޭޝަނަލް އެޑްވައިޒަރ ޑޮކްޓަރ ގްރޫޑޭ 1973ވަނަ އަހަރު އޭދަފުއްޓަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ދިވެހިދައުލަތުގެ އިރުޝާދާ ލަފާގެމަތިން ކޮންމެވެސް މަގްބޫލް ސަބަބުތަކަކާއެކު ރާއްޖޭގައި އިމާރާތްކުރެވޭ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް އޭދަފުށީގައި އިމާރާތްކުރުމަށް ދައުލަތުން ހިޔާރުކުރެއްވިއެވެ.

އޭދަފުށީގައި ސްކޫލް ބިނާކުރާނޭ ބިމަކާމެދުވެސް ޔުނިސެފްގެ ތަޖުރިބާކާރުން ދިރާސާކުރައްވާ ނިންމެވި ބިމަކީވެސް ފަހްރުވެރިމާޒީއެއް އޮތްބިމެއްކަމުގައިވިއެވެ. އެދުވަހަކަށް އިންތިޒާރުކުރެވުނު އުއްމީދީ ހުވަފެންތަކުން ހަގީގީ ކުލަޖެހުނު މަޝްހޫރު އޭދަފުށީ ހެޕީ ގްރައުންޑް އަކީ މަދްރަސަތުލް ބަހިއްޔާގެ ދަރިވަރުންގެ އިލްމީ އަދި ރިޔާސީ ބަގީޗާއެއްގެ ފަރިކަމާ ފެހިކަން އެބިމަކަށް ގެނެސްދީފައިވާ މިއަދު ތިފެންނަ ބ. އަތޮޅު ތައުލީމީ މަރުކަޒު ބިނާކުރެވުނު ތާރީހީ ބިމެވެ.

6 މާރޗް 1976 ގައި ޔުނެސްކޯގެ އާކިޓެކްޓް މިސްޓަރ ނެގޫޗީ އެބިމަށް ޒިޔާރަތްކުރައްވައި ކޮމިއުނިޓީ މޮޑެލް ސްކޫލް އެބިމުގައި ބިނާކުރުމަށް ޕްލޭންކުރައްވައި 19 އޯގަސްޓް 1976ވީ ބުރާސްފަތިދުވަހު ހެނދުނު 8:30ގައި ކޮމިއުނިޓީ މޮޑެލް ސްކޫލް (ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ ސްކޫލް) ގެ ބިނާ އެޅުނެވެ. އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ އެންގެވުމުގެ މަތިން އެތާރީހީ ބިނާގެ ބިންގާ އަޅުއްވައިދެއްވީ އޭރުގެ ބ. އަތޮޅުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީއެވެ. އޭރު މަދްރަސަތުލް ބަހިއްޔާގެ އެންމެ ތުއްތު 2 ދަރިވަރުން ކަމުގައިވާ އޭދަފުށީ އޯކިޑްވިލާ މުހައްމަދު ރިފްއަތާ، ޗާނދަނީގޭ ފަރަހަނާޒް އަލީއާ ދެދަރިވަރުންގެ އަތުގުޅާލުމާ އެކުގައެވެ.

މިދެންނެވި ތާރީހީ ބިނާ އިމާރާތްކުރެއްވުމުގެ މަސައްކަތުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާއި، ރައްޔިތުން ހާއްސަކޮށް އޭދަފުށި އަންހެނުންނާއި، މަދްރަސަތުލް ބަހިއްޔާގެ ދަރިވަރުން ވެދެއްވި އެހީއާ މަދަދު މިއަދުގެ މިމުނާސަބަތުގައި ޒިކުރާ ކުރެވެއެވެ.

ސްކޫލް އިމާރާތްކުރުމުގައި ޔުނިސެޕްގެ ޕްލޭނާ އެއްގޮތަށް ސްރީލަންކާގެ 2 މާހިރަކުގެ ހަރަކާތާއެކު އޭދަފުށީ ދިރިމާގޭ އަލްފާޟިލް އިބްރާހީމް ހުސައިންގެ ހިދްމަތް ފާހަގަކުރެވޭނެއެވެ. ފެށުނީއްސުރެ ނިމުމަކަށް ދާންދެން އަލްއުސްތާޛު އަލްމަރުހޫމް މުހައްމަދު އިބްރާހީމް ލުތުފީއަކީ އިމާރާތްކުރުމުގެ އެންމެބުރަ މަސްއޫލިއްޔަތު އަދާކުރައްވާފައިވާ ހިދްމަތްތެރިޔާއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވަކީލްގެ މަގާމްގައި ހުންނަވައިގެން އަދި ބ. އަތޮޅުވެރިޔާގެ ހައިސިއްޔަތުން އެންމެފަހުން އެޑިއުކޭޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ ހައިސިއްޔަތުންނެވެ.

ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް (މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒު) ހުޅުވުމުގެ ތާރީހީ ރަސްމިއްޔާތު އޮތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާސިރުގެ ލަފާފުޅާ އެއްގޮތްވާގޮތުގެ މަތީން 24 ފެބްރުއަރީ 1978 (14 ރަބީއުލް އައްވަލް 1398) ވީ ހުކުރުދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ. ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އޮނަރަބުލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދިދީއެވެ.

(މިއީ 2003 ވަނައަހަރު ނެރުނު “ރިހިވިލުން” ފޮތުގައި އޭދަފުށީ ޖަވާހިރުމާގޭ އަބްދުﷲ އަހްމަދު ލިޔުއްވާފައިވާ ލިޔުމުން ނަގާފައިވާ ބައެކެވެ)

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. FATHIMATH

    ރާއްޖޭގެތެރޭގައި ތައުލީމު ޢާންމުކޮށް ފެއްޓެވުމަށް ނަމޫނާ ތަޢުލީމުގެ ބާނީއަކީ ދިވެހިގައުމަށާއި ރައްޔިތުންނަށް އިޚުލާސްތެރިވި މަރުހޫމް އިބުރާހިމް ނާސިރު. އެމަނިކުފާނު ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ރާއްޖެތެރެއަށް ތައުލީމް ފެތުރިގެން މިދިޔައީ . މަރުހޫމް ނާސިރަކީ ރާއްޖޭތެރޭގެ ތައުލީމީ މަރުކަޒުތަކުގެ ބާނީ .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.