ބޮޑު އީދު ޗުއްޓީއަކީ ކޮންމެ ދިވެއްސަކަށް ވެސް އަހަރަކު އެއް ފަހަރު އަންނަ އެންމެ އުފާވެރި ދުވަސްތަކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް، އާއިލީ ގުޅުންތައް ވަރުގަދަ ކުރަން ބޭނުންވާ ކޮންމެ ދިވެއްސަކު ވެސް ދުރާލާ ޗުއްޓީ ރާވައި ދުވަސްކޮޅެވެ.
ހައްޖު ދުވަސް ކަނޑައެޅުމަކީ ސައުދީ އަރަބިއްޔާއަށް އޮތް ބާރެއް ނަމަވެސް، ދިހަ ވަރަކަށް ދުވަސް ބޮޑު އީދު ޗުއްޓީގެ ގޮތުގައި އަބަދުވެސް ނުލިބޭ ހަނދާނެއް ދިވެހިންގައި ނުހުރެއެވެ. އެހެންކަމުން، ސައޫދީ އަރަބިއްޔާގެ ބަހަށް ބަރޯސާ ވެގެން، ފްލައިޓާއި ހޮޓާ ބުކް ނުކޮށް އެއްވެސް ދިވެއްސަކު މިއިން ޒަމާނެއްގައި މަޑުކޮށްފައެއް ނުވެއެވެ. އެހެންކަމުން، ސައޫދީ އަރަބިއްޔާއިން “ކަލަންޑަރާ ހިލާފަށް” މި ފަހަރު ހައްޖު ދުވަސް ހަމަޖެއްސުމަކީ ބޮޑު އީދު ޗުއްޓީ ދެބައިކުޅަ އެއްބައި މަދުކޮށްލަން ދިވެހި ސަރުކާރަށް ލިބުނު “ފުރުސަތަ”ކަށް މި ފަހަރު ވުމުން، އެކި މީހުން މި ކަންތައް މާނަ ކުރީ އެކި ގޮތަށެވެ.
“މި ކަމުގައި ރައީސް ޔާމީންއަށް އޮތީ ދެ ގޮތުން ކުރެ އެއް ގޮތް،” ބޮޑު އީދު ޗުއްޓީއަކީ މި ފަހަރު އެންމެ ފަސް ވަރަކަށް ދުވަސް ކަމަށް ކަނޑައެޅި ދުވަހު ދިވެހި ސިޔާސީ ތަޖުރިބާކާރަކު ނަން ނުޖެހުމަށް އެދިވަޑައިގަތް އީޓީއަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއް ގޮތަކީ އެ ނިންމުން ހަމަ އެ ގޮތަށް ބޭއްވުން ކަމެވެ.
“ނަމަވެސް މިހެން ސަރުކާރުން ކަންތައް ކޮށްފި ނަމަ، ރައީސް ޔާމީނާ އިދިކޮޅު ފަރާތްތަކަށް ބާރު ލިބޭނީ. ރައީސް ޔާމީންއަކީ އެހެން މީހުންގެ އިހުސާސްތަކަށް ނުބައްލަވައި، އަމިއްލަފުޅު ގޮތްތަކެއް ބޯހަރުކަމާއެކު ގެންގުޅުއްވާ ބޭފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭނެ. ސަބަބަކީ، ބޮޑު އީދު ޗުއްޓީ ބޮޑު ޗުއްޓީއެއްގެ ގޮތުގައި ނުބާއްވަން މީހުން ހިތްހަމަޖެހޭވަރުގެ ސަބަބުތަކެއް ސަރުކާރަށް ދައްކަން އުނދަގޫ ވާނެތީ. މިސާލަކަށް، ބޭންކާއި މި ފަދަ ހިދުމަތްތަކަށް ބުރޫ އަރާ ކަމަށް އުޒުރު ދައްކާ ނަމަ، އަނެއްކޮޅުން ބުނެވެން އޮންނާނެ އިތުރު އެލޯވަންސް ދީފައި ސްޓާފުންގެ ތެރެއިން ބަޔަކު މަސައްކަތަށް ނެރެވިދާނެ ނޫންހޭ ބޮޑު އީދު ޗުއްޓީ އެހެން މީހުންނަށް ކުޑަ ނުކޮށްލައި،” އޭނާ ވިދާޅުވިއެވެ.
މިހެންވެ، ރައްޔިތުންގެ ހަގީގީ ނަފުރަތު ސަރުކާރަށް ރައްދުވާނެތީ، މިއީ ސަރުކާރަށް އޮތް އޮޕްޝަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
“އެހެންކަމުން، އަޅުގަނޑު ހަމަ ދަންނަވާނީ ސަރުކާރުން އަލުން ބޮޑު އީދު ޗުއްޓީ ހަމަ ބޮޑު ކުރާނޭ،” އޭނާ އެއިރު ވިދާޅުވިއެވެ.
ކަންތައްތައް ވީ ވެސް ހަމަ މިހެންނެވެ. ރައްޔިތުންގެ ނުރުހުން ގަދަވެ، ޚުދު ސަރުކާރު އޮފީސްތަކުގެ ވަކިވަކި މުވައްޒަފުން ވެސް ސީދާ ރައީސް އޮފީހަށް ގުޅައި، އެ މީހުންގެ ކެކުޅުންތައް ކިޔައިދިނެވެ.
އިސާހިތަކު ރައީސް އޮފީހުގެ ނިންމުން ބަދަލު ކުރިއެވެ. ބޮޑު އީދު ޗުއްޓީ އަނެއްކާވެސް ބޮޑު ކޮށްދިނެވެ.
މި ނިންމުމުގެ އެންމެ ފުރަތަމަ “ރިއެކްޝަން”އަކަށްވީ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލަތަކެވެ.
“މިއީ ރައީސް ޔާމީން ގެންގުޅުއްވި ފާޑެއްގެ ނަފުސާނީ ހިކުމަތީއަމަލީއެއް ކަމަށް ފެނޭ. ނަމަވެސް ދިވެހިން މިހާރު މާ ހޭލުންތެރި. މީހަކަށް ގަސްދުގައި އަނިޔާއެއް ދީފައި، އެ އަނިޔާ ދެން ނިންމާލުމަކުން އަނިޔާ ލިބުނު ފަރާތުގެ ލޯތްބެއް، އިހުތިރާމެއް ދެނެއް ނުލިބޭނެ. ގަސްދުގައޭ މި ދެންނެވީ ބޮޑު އީދު ޗުއްޓީ ކުޑަކޮށްލުމަކީ ރައްޔިތުންނަށް ކިހާ ގެއްލުން ހުރި ކަމެއްކަން އެއިރު ވެސް ސަރުކާރަށް ރަނގަޅަށް އެނގޭނެތީ. ފްލައިޓް ބުކް ކުރުމާއި ހޮޓާ ބުކް ކުރުން ފަދަ ކަންތައްތަކަކީ ކިހިނެތް ވާ ކަމެއްކަން ނޭނގޭ ބަޔަކު މި ސަރުކާރުގައި އުޅޭ ކަމަކަށް އެކަކު ވެސް ގަބޫލު ކުރާނެ ހެނެއް ހިއެއް ނުވޭ،” ނޫހުގައި ނަން ޖަހަން ނޭދޭ އެހެން ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ.
މިހެންވެ، ބޮޑު އީދު ޗުއްޓީ ބޮޑު ޗުއްޓީއެއްގެ ގޮތުގައި އަލުން ލިބި އެތައް ހާސް ބައެއްގެ މާޔޫސްކަން ފިލައިގެން ދިޔަ ނަމަވެސް، “ހަމަ ނޭވާ ލެވުމާއެކު” ހަމަޖެހިލާފައި ދެން އެ އެންމެން މި ކަންތައްތައް ދިޔަ ގޮތާމެދު ހިތާހިތުން ސުވާލު ކުރަން ފެށިއެވެ. އަދި އެ ސިޔާސީ ބޭފުޅާ ވިދާޅުވި ފަދައިން އެންމެ ބޮޑު ސުވާލަކަށްވީ، މި ޒަމާނުގައި ފްލައިޓްތަކާއި ހޮޓާ ބުކިންތައް ދުރާލާ ހަދަން ޖެހޭކަން ސަރުކާރަށް ނުވިސްނެނީތޯއެވެ؟ ރައީސް ޔާމީންގެ އަރިހުގައި ލަފާ ދެއްވަން ނާގާބިލު ބޭފުޅުން ތިއްބެވީތޯއެވެ؟ ދިވެހިން ހޭލުންތެރި ވެފައިވާ މި ފަދަ ޒަމާނެއްގައި ރައީސް ޔާމީނަށް ރައްޔިތުންގެ ލޯބި ހޯދުމަށް މި ފަދަ ބޯދާ “ސިޔާސީ އުކުޅެއް” މި ފެނުނީ ކިހިނެތްވެގެން ބާވައެވެ؟
ކޮންމެއަކަސް، ނުހަނު އުފަލާއެކު ފާހަގަ ކޮށްލަން ޖެހޭ އެއް ކަމެއް ވެއެވެ. އެއީ، ކުރިން ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅާ އިޝާރާތް ކުރެއްވި ކުރީގެ ރައީސެއްގެ ޒަމާނެއްގައި މި ކަހަލަ ކަމެއް ހިނގާފައިވާ ގޮތާއި، ރައީސް ޔާމީންގެ ޒައާމަތުގައި މި ކަން މި ހިނގި ގޮތުގައި ތަފާތު އެއް ކަމެއް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމެވެ.
ކުރީގެ ރައީސެއްގެ ޒަމާނެއްގައި މި ގޮތަށް “އުނބަށް ޖެހި” ސަބަބު އެ ސަރުކާރުން އަމިއްލައަށް ފާޅެއް ނުކުރެއެވެ. ހަމައެކަނި ކޮށްލިހާ ވެސް ކަމަކީ ޗުއްޓީ އަލުން ދިގު ކުރިކަން އިއުލާން ކުރި ކަމެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މި ގޮތަށް “އުނބަށް ޖެހި” ސަބަބު ވަރަށް ސީދާކޮށް އިހުލާސްތެރިކަމާއެކު ކިޔައިދީފައިވާތީއެވެ. އެ ގޮތުން ބޮޑު އީދު ޗުއްޓީ އަލުން މި ފަހަރު ބޮޑު ކުރީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ދަތިތަކެއް ވާ ކަމަށް ސަރުކާރުގައި ދަންނަވާފައިވާކަން ކަނޑައެޅިގެން ބަޔާން ކުރުމުން، ކުރިން މި ދެންނެވި ރައީސް އާ ހިލާފަށް، ރައީސް ޔާމީންއާމެދު ކުރެވޭ “ބޮޑާކަމާއި ކިބުރުވެރިކަމުގެ”
ތުހުމަތުތަކާމެދު ސުވާލު އުފައްދައެވެ. ސަބަބަކީ މުޖުތަމައުގެ އެންމެ މަތީ ހަރުފަތުގައި ހުރި ބޭފުޅަކު ހަމަ ބިމަށް ފައިބާވަޑައިގެން ރައްޔިތުންގެ އިހުސާސްތައް ބަލައިގަންނަ ކަމަށް ފާޅުގައި އެއްބަސްވެ ވަޑައިގަތުމަކީ ހިތްތިރިކަމުގެ ހެއްކެކެވެ.
މި ކަމުން ލިބުނު އަނެއް ފިލާވަޅަކީ ސަރުކާރަކީ “ހުރިހާ ކަމެއް ވެސް އެނގޭ މުއައްސަސާ” ކަމަށް ކޮންމެ ރައްޔިތަކު ވެސް ބަރޯސާ ކޮށްގެން ހުންނައިރު، “އުނބަށް ޖެހުމު”ގައި ވެސް ކޮންމެވެސް ހަމަޖެހޭ ބުއްދި ގަބޫލު ކުރާ އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމެވެ. އެ ގޮތުން “އުނބަށް ޖެހުން” ރައްޔިތުން ހިތްހެޔޮކަމާއެކު ބަލައިގަންނާނީ ސަރުކާރުގެ ބާރެއް ނުފޯރާ ނުވަތަ ގޮތް ނޭނގޭ މައްސަލަތަކުގައެވެ. ބޮޑު އީދު ޗުއްޓީގައި ފްލައިޓާއި ހޮޓާ ބުކިން އެތައް ހާސް ބަޔަކު އަބަދުވެސް ހަދާކަން ކުރީއްސުރެ ވެސް އެންމެނަށް ވެސް އެނގޭއިރު، މި ކަހަލަ ކަމެއްގައި “އުނބަށް ޖެހުމުން” އެތައް “ހަމަ ނުޖެހޭ” ސުވާލުތަކެއް އުފެދެއެވެ. ސަރުކާރުގައި ނަގާކިޔަން އިސްކޮށް ތިއްބަވާ ބޭބޭފުޅުންގެ ގާބިލިއްޔަތު ކަމާމެދުއެވެ. އަދި މީގެ ނަތީޖާއަކަށް ވަނީ އެންމެ މަތީ ވެރިޔާގެ ނިޔަތާމެދު ވެސް އާއްމު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދުމެވެ.
ފުރަންޓް ޕޭޖަށްލާނެ މިނޫން ރިޕޯރޓެއް އަޅެ ނެތީތަ؟