ސޮނެވާފުށީގެ 20 ވަނަ އަހަރީ ދުވަސް ދުނިޔޭގެ ސެލެބްރިޓީންނާއެކު

ނައޯމީ ހެރިސް (ކ)، ބެން ފޮގްލް (މ) އަދި ނިކޯލް ޝާޒިންގާ ބުދަ ދުވަހުގެ ހަފުލާގައި ބ. ސޮނެވާފުށީގެ ބީޗްގައި.
ނައޯމީ ހެރިސް (ކ)، ބެން ފޮގްލް (މ) އަދި ނިކޯލް ޝާޒިންގާ ބުދަ ދުވަހުގެ ހަފުލާގައި ބ. ސޮނެވާފުށީގެ ބީޗްގައި.

ނޯޓް: މިއީ “ހަވީރު” ނޫހުގައި 29 ނޮވެމްބަރު 2015 ގައި އިބްރާހިމް ނޫރު ލިޔެފައިވާ ރިޕޯޓެކެވެ.

ބ. އަތޮޅު ކުންފުނަދޫގައި ހިންގާ ސޮނެވާފުށި ރިސޯޓަށް 20 އަހަރު ފުރުން ބުދަ ދުވަހު ފާހަގަ ކުރީ ދުނިޔޭގެ މަޝްހޫރު ބައެއް ނޫސްވެރިންނާއި ފިލްމީ ތަރިންނާއި މޮޑެލުންނާއި ޑިޒައިނަރުންނާ ވެސް އެކު އެވެ.

"ހާޕާސް ބާޒާރު" މަޖައްލާގެ އެޑިޓަރު ޖަސްޓީން ޕިކާޑް ބ. އަތޮޅު ކުޑަކުދިންނާއެކު ބުދަ ދުވަހު ސޮނެވާފުށީގެ ބީޗްގައި.
“ހާޕާސް ބާޒާރު” މަޖައްލާގެ އެޑިޓަރު ޖަސްޓީން ޕިކާޑް ބ. އަތޮޅު ކުޑަކުދިންނާއެކު ބުދަ ދުވަހު ސޮނެވާފުށީގެ ބީޗްގައި.

އެ ގޮތުން ބުދަ ދުވަހު ހަވީރު އެ ރިސޯޓްގެ ބީޗްގައި އޮތް އިވެންޓެއްގައި ބ. އަތޮޅުގެ ކިޔަވާކުދިން ދިވެހި ސަގާފީ ހެދުމުގައި އައިޓަމެއް ހުށަހަޅައިދީފައިވެ އެވެ.

 

ބ. އަތޮޅުގައި ތިބި ދިވެހި ކިޔަވާކުދިން ސޮނެވާފުށީގެ 20 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ބުދަ ދުވަހު ސަގާފީ އައިޓަމެއް ހުށަހަޅައިދެނީ.
ބ. އަތޮޅުގައި ތިބި ދިވެހި ކިޔަވާކުދިން ސޮނެވާފުށީގެ 20 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ބުދަ ދުވަހު ސަގާފީ އައިޓަމެއް ހުށަހަޅައިދެނީ.

މި މުނާސަބަތަށް 19 ވަނަ ގަރުނުއްސުރެ އެމެރިކާގައި ޝާއިއު ކުރަމުން އަންނަ މަޝްހޫރު އަންހެނުންގެ ފެޝަން އާބެހޭ މަޖައްލާ “ހާޕާސް ބާޒާރު” މަޖައްލާގެ އެޑިޓަރު ޖަސްޓީން ޕިކާޑީ ވެސް ވަނީ ވަޑައިގެންފަ އެވެ. އަދި ދިވެހި ކުދިންނާއެކު އޭނާ ނެންގެވި ފޮޓޯގެ އިތުރުން ސޮނެވާފުށިން ދިން މި ހަފުލާގެ 23 ފޮޓޯއެއް ވަނީ އެ މަޖައްލާގައި “ފޮޓޯ ފީޗާ”އެއް ގޮތަށް ބުދަ ދުވަހު ޝާއިއު ކޮށްފައެވެ.

އިނގިރޭސި ވިލާތުގެ މޮޑެލް ޖޯޑީ ކިޑް ބުދަ ދުވަހު ސޮނެވާފުށީގައި.
އިނގިރޭސި ވިލާތުގެ މޮޑެލް ޖޯޑީ ކިޑް ބުދަ ދުވަހު ސޮނެވާފުށީގައި.

މި މުނާސަބަތަށް ވަނީ އިނގިރޭސި ވިލާތުގެ މޮޑެލް ޖޯޑީ ކިޑް ވެސް އައިސްފަ އެވެ. މިހާރު އުމުރުން 37 އަހަރު ވެފައިވާ ޖޯޑީ ވަނީ އުމުރުން 15 އަހަރުގައި ކެރިއަރު ފަށައިފަ އެވެ. އަދި މިހާރު އޭނާއަކީ ރޭސް ކާރު ދުއްވުމުގައި މަޝްހޫރު ޑްރައިވަރެކެވެ. މީގެ އިތުރުން ޓީވީގެ ވެސް މަގުބޫލު ތަރިއެކެވެ. އެ ގޮތުން މި އަހަރު ޗެނަލް 5 ގެ ކްލެސިކް ކާރުތަކާ ބެހޭ ޝޯ ވެސް ހުށަހަޅައިދިނީ އޭނާ އެވެ. އަދި މިދިޔަ އަހަރު “މާސްޓަ ޝެފް” ކައްކާ ޕްރޮގްރާމްގައި ވެސް ބައިވެރިވި އެވެ.

ފަރަންސޭސި ގަހަނާ ޑިޒައިނަރު ޕަލޯމާ ޕިކާސޯ (ވ) އާއި ފިރިމީހާ އެރިކް ތެވެނޭ (މ)، އެމެރިކާގެ "ހާޕާސް ބާޒާރު" މަޖައްލާގެ އެޑިޓަރު ޖަސްޓީން ޕިކާޑް އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.
ފަރަންސޭސި ގަހަނާ ޑިޒައިނަރު ޕަލޯމާ ޕިކާސޯ (ވ) އާއި ފިރިމީހާ އެރިކް ތެވެނޭ (މ)، އެމެރިކާގެ “ހާޕާސް ބާޒާރު” މަޖައްލާގެ އެޑިޓަރު ޖަސްޓީން ޕިކާޑް އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.

މި ޝައުގުން ފުރިފައިވާ ހަފުލާއަށް ފަރަންސޭސި ގަހަނާ ޑިޒައިނަރު ޕަލޯމާ ޕިކާސޯ އާއި އޭނާގެ ފިރިމީހާ އެރިކް ތެނެވޭ ވެސް ވަނީ އައިސްފަ އެވެ.

މީގެ އިތުރުން މި ހަފުލާގައި ބައިވެރިވި ސެލެބްރިޓީން ތެރޭގައި އެމެރިކާގެ މަޝްހޫރު އަންހެން މިއުޒިކް ބޭންޑް ޕުސީކެޓް ޑޯލްސްގެ ކުރީގެ ލަވަކިޔުންތެރިޔާ ނިކޯލް ޝާޒިންގާ އާއި ހަނދުގައި ދެވަނަ އަށް ފައި ޖެއްސި ކަމަށް ރިޕޯޓް ކުރެވިފައިވާ އެމެރިކާގެ އިންޖިނޭރު އަދި އެސްޓްރޮނޯޓް ބަޒް އޯލްޑްރިން އާއި އިނގިރޭސި ވިލާތުގެ ބީބީސީ، އައިޓީވީ އަދި ޗެނަލް 5 ގެ ޕްރެޒެންޓަރު އަދި ލިޔުންތެރިޔާ ބެން ފޮގްލް ހިމެނެ އެވެ. ފޮގްލް އައިސްފައި ވަނީ އޭނާގެ އަންހެނުން މަރީނާއާއެކުގަ އެވެ.

ބީބީސީގެ ޕްރެޒެންޓަރު ބެން ފޮގްލް އޭނާގެ އަންހެނުން މަރީނާ އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.
ބީބީސީގެ ޕްރެޒެންޓަރު ބެން ފޮގްލް އޭނާގެ އަންހެނުން މަރީނާ އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ މަޝްހޫރު ބަތަލާ ނައޯމީ ހެރިސް ވެސް ހަފުލާގައި ބައިވެރިވި އެވެ.

“ޕައިރެޓްސް އޮފް ދަ ކެރީބިއަން”ގެ ދެ ފިލްމަކާއި، ޖޭމްސް ބޮންޑްގެ ދެ ފިލްމް ކަމަށްވާ މިހާރު މާލޭގެ ޝްވެކް ސިނަމާގައި ދައްކަމުން އަންނަ “ސްޕެކްޓާ” އާއި 2012 ގެ “ސްކައިފޯލް” އާއި ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާގެ ހަޔާތާ ބެހޭ ގޮތުން “އެވެންޖާސް”ގެ އިދްރީސް އަލްބާ 2013 ގައި އެކްޓް ކޮށްފައިވާ “މަންޑޭލާ: ލޯންގް ވޯކް ޓު ފްރީޑަމް”ގައި ވެސް ނައޯމީ ހަރަކާތްތެރިވެފައިވެ އެވެ.

ނައޯމީ ހެރިސް (މ) އޭދަފުށީ ޝެފް ސޮބާ (ކ)ގެ ގާތުން ދިވެހި ކެއުމެއް ތައްޔާރު ކުރަން ބުދަ ދުވަހު ސޮނެވާފުށީގައި ދަސްކުރަނީ.
ނައޯމީ ހެރިސް (މ) އޭދަފުށީ ޝެފް ސޮބާ (ކ)ގެ ގާތުން ދިވެހި ކެއުމެއް ތައްޔާރު ކުރަން ބުދަ ދުވަހު ސޮނެވާފުށީގައި ދަސްކުރަނީ.

ހާޕާސް ބާޒާރުގެ ފީޗާގައިވާ އެއް ފޮޓޯއަކުން ފެންނަނީ ބ. އޭދަފުއްޓަށް އުފަން އަދި މިހާރު ސޮނެވާފުށީގެ ސޫ ޝެފްގެ މަގާމުގައި ހުރި، ރައީސް ޔާމީން މި އަހަރު ގައުމީ އިނާމު ދެއްވި، ދުނިޔޭގެ އެތައް އެވޯޑެއް ލިބިފައިވާ ދިވެހި ޝެފް އަބްދުﷲ ސޮބާހުގެ ގާތުން ދިވެހި ކެއުމެއް ތައްޔާރު ކުރަން ނައޯމީ ދަސްކުރާ މަންޒަރެވެ.

ސޮބާއަކީ މި އަހަރު މާލޭގައި ބޭއްވި ހޮޓެލް އޭޝިއާ ފެއާގެ ކަލިނަރީ ޗެލެންޖުންއެތައް އެވޯޑުތަކެއް ހާސިލު ކުރި ޝެފެކެވެ. އެ ގޮތުން އޭނާއަށް ވަނީ އެ ފެއާގެ އެންމެ މޮޅު ޝެފާއި އެންމެ މޮޅު ދިވެހި ޝެފްގެ މަގާމުގެ އިތުރުން “ވާލްޑް ޝެފް އެސޯސިއޭސަން އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރު މެޑަލް” (ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ އޭޝިއާ ބައްރުގެ ޑައިރެކްޓަރުގެ މެޑެލް) ވެސް ލިބިފަ އެވެ.

ނައޯމީ ހެރިސް (ކ) މަންމަ ކާމިން (މ) އަދި ދެބެއިން މެކްސް އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.
ނައޯމީ ހެރިސް (ކ) މަންމަ ކާމިން (މ) އަދި ދެބެއިން މެކްސް އާއެކު ބުދަ ދުވަހު ސޮނެވާފުށީގައި.

ނައޯމީ ސޮނެވާފުއްޓަށް އައީ އޭނާގެ ދެބެއިން ކަމަށްވާ މެކްސް އާއި މަންމަ ކާމިން ވެސް ގޮވައިގެންނެވެ.

އޮސްކާ ހަތް އެވޯޑު ލިބުނު ހޮލީވުޑް ފިލްމް “ސްލަމްޑޯގް މިލިއަނަޔަ”އިން އޮސްކާ އެވޯޑު ގެންދިޔަ އިންޑިއާގެ މިއުޒިކް ކޮމްޕޯސަރު އޭ. އާރް. ރަހްމާން އެ ފިލްމަށް ތައްޔާރު ކުރި “ޖައެ ހޯ” ލަވައިގެ އިނގިރޭސި ވާޝަން ކިޔާފައިވާ ޝާޒިންގާ ވެސް ސޮނެވާފުއްޓަށް އައީ އޭނާގެ ދެބެއިން ކަމަށްވާ ކޭ އާއި ރަހްމަތްތެރިޔާ ކެޓީ ގޮވައިގެންނެވެ.

މީގެ އިތުރުން ބެން އާއި ޖޯޑީމެން ވޮލީ އާއި އެހެނިހެން ކުޅިވަރުތައް ކުޅޭ މަންޒަރާއި ސޮނެވާފުށި ރިސޯޓްގެ ފައުންޑަރުން ކަމަށްވާ އިނގިރޭސި ވިލާތުގެ ދެމަފިރިން ސޯނޫ އާއި އީވާ ޝިވްދަސާނީއާއެކު ނަގާފައިވާ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.

ބ. ސޮނެވާފުށި ރިސޯޓްގެ ފައުންޑަރުން ކަމަށްވާ އިނގިރޭސި ވިލާތުގެ ދެމަފިރިން ސޯނޫ (ވ) އާއި އީވާ ޝިވްދަސާނީ ބުދަ ދުވަހު ސޮނެވާފުށީގައި.
ބ. ސޮނެވާފުށި ރިސޯޓްގެ ފައުންޑަރުން ކަމަށްވާ އިނގިރޭސި ވިލާތުގެ ދެމަފިރިން ސޯނޫ (ވ) އާއި އީވާ ޝިވްދަސާނީ ބުދަ ދުވަހު ސޮނެވާފުށީގައި.

މީގެ އިތުރުން ސޮނެވާފުށީގައި ތިބި ފަތުރުވެރި ކުޑަކުދިންނާއި ބ. އަތޮޅުގައި ތިބި ދިވެހި ކިޔަވާކުދިންނަށް އޯލްޑްރިންގެ އާ ފޮތުން އޭނާ ކިޔައިދޭ މަންޒަރު ވެސް ހުއްޓެވެ.

 

ބ. ސޮނެވާފުށީގައި ފަތުރުވެރި އަދި ދިވެހި ކިޔަވާކުދިންނަށް އޯލްޑްރިން އޭނާގެ އާ ފޮތުން ބައެއް ބައިބައި ބުދަ ދުވަހު ކިޔައިދެނީ.
ބ. ސޮނެވާފުށީގައި ފަތުރުވެރި އަދި ދިވެހި ކިޔަވާކުދިންނަށް އޯލްޑްރިން އޭނާގެ އާ ފޮތުން ބައެއް ބައިބައި ބުދަ ދުވަހު ކިޔައިދެނީ.

އަދި ބ. އަތޮޅުގެ ކުޑަކުދިން ގެނބުމުން ސަލާމަތްކޮށް ދިނުމުގެ ނިޔަތުގައިސޮނެވާފުށިން ފަށާފައިވާ “ލާން ޓު ސްވިމް” ޕްރޮގްރާމްގައި މި އަހަރު ބައިވެރިވާ ބ. އަތޮޅުގެ ކިޔަވާކުދިންނާއެކު ނައޯމީ ނަގާފައިވާ ފޮޓޯއެއް ވެސް ވެ އެވެ.

ބ. އަތޮޅު ކުޑަކުދިންނަށް ސޮނެވާފުށިން ހިންގާ "ފަތަން ދަސްކުރަމާ" ޕްރޮގްރާމްގެ ބައިވެރިންނާއެކު ނައޯމީ ހެރިސް ބުދަ ދުވަހު ސޮނެވާފުށީގެ ބީޗްގައި.
ބ. އަތޮޅު ކުޑަކުދިންނަށް ސޮނެވާފުށިން ހިންގާ “ފަތަން ދަސްކުރަމާ” ޕްރޮގްރާމްގެ ބައިވެރިންނާއެކު ނައޯމީ ހެރިސް ބުދަ ދުވަހު ސޮނެވާފުށީގެ ބީޗްގައި.

މި ޕްރޮގްރާމާ ގުޅޭ ގޮތުން “ނެޝަނަލް ޖޯގްރަފިކް” ޗެނަލްގެ އެޑްވެންޗަރާ ނުވަތަ ސައްޔާހު ޖޯން ބަވަމަސްޓާ މި އަހަރު ތައްޔާރު ކުރި ޑޮކިއުމެންޓްރީ ވެސް މިހާރު އަންނަނީ އެވޯޑުތަކަށް ހުށަހެޅެމުންނެވެ. މާލެ އާއި ބ. އޭދަފުއްޓާއި ސޮނެވާފުށި ފަދަ ރަށްރަށުގެ ޑްރޯނުން ނަގާފައިވާ އޭރިއަލް މަންޒަރުތަކާއި ކަނޑުއަޑީގެ އަންޑަވޯޓާ މަންޒަރުތަކުގެ ސަބަބުން ސޮނެވާފުށީގެ މި އިސްނެގުމަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

“ސޮނެވާފުށީ”ގެ “ފަތަން ދަސްކުރަމާ” ޕްރޮގްރާމާ ގުޅޭ ގޮތުން “ނެޝަނަލް ޖޯގްރަފިކް”ގެ ސައްޔާހު ޖޯން ބަވަމާސްޓާ ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީގެ ޓްރެއިލާ.

މި ހުރިހާ ސެލެބްރިޓީން ވެސް ވަނީ ސޮނެވާފުށީގެ އެ މީހުންގެ މި ހަނދާންތަކުގެ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި މި ކަމުގެ ސަބަބުން އެ މީހުންގެ އެތައް މިލިއަން ފޭނުންގެ މެދުގައި ސޮނެވާފުއްޓާއި ރާއްޖޭގެ ޖަޒީރާތަކުގެ މަގުބޫލުކަން އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން، ފޭނުންގެ ކޮމެންޓްތަކުން އެނގެ އެވެ.

“ޝާޒިންގާ އައުމުން ރާއްޖޭގެ ހައިބަތު ބޮޑުވެއްޖެ” ކަމަށް، ނިއު ދިއްލީގައި ހުންނަ އިންޑިއާގެ އިންޖިނޭރެއް ކަމަށްވާ ރޮބިން ރާއޯ، ޝާޒިންގާ ސޮނެވާފުށީގެ ބީޗްގައި އިރުއޮއްސޭ މަންޒަރު ބަލާ ދެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓެއްގައިވެ އެވެ.

ބ. ސޮނެވާފުއްޓަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ރިސޯޓްގައި ބުދަ ދުވަހު ބޭއްވި ހަފުލާއަށް މުޅި ރަށް ޒީނަތްތެރިކޮށްފައި.
ބ. ސޮނެވާފުއްޓަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ރިސޯޓްގައި ބުދަ ދުވަހު ބޭއްވި ހަފުލާއަށް މުޅި ރަށް ޒީނަތްތެރިކޮށްފައި.

ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މަގުބޫލުކަން ބޮޑުވަމުން އަންނައިރު، ހޮލީވުޑްގެ ބޮޑު ބަޖެޓް ފިލްމެއް ވެސް މިހާރު ލ. އަތޮޅުގައި ދަނީ ޝޫޓު ކުރަމުންނެވެ.

އޯލްޑްރިން އާއި ޝާޒިންގާގެ ސޯޝަލް ވިއުގާގައި ކޮމެންޓް ކޮށްފައި ހުރި މީހުން ބުނެފައިވަނީ މި ތަރިންގެ ފޮޓޯތަކުން ވެސް “ދިވެހި ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެއެއްކަން މިހާރު ކަށަވަރުވެފައިވާ” ކަމަށާއި “މަރުުވުމުގެ ކުރިން އުމުރުގެ ކޮންމެވެސް ހިސާބެއްގައި ރާއްޖެއަށް ޒިޔާރަތް ކުރާނެކަން ކަށަވަރު” ކަމަށެވެ.

އިންޑިއާގެ ބޮމްބޭގައި އެތައް މިލިއަން ފޭނުން ތިބި ސަނަމް މިއުޒިކް ބޭންޑުން ދާދި ފަހުން ދިވެހި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއެކު އައްޑޫ ސިޓީގެ ހެރަތެރަ ރިސޯޓްގައި ނަގާފައިވާ “ޔެ ވާދާ ރަހާ”ގެ ކަވަރު ލަވަ ބެލި ގިނަ މީހުން ވެސް ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވަނީ “ދުރު ކުރިމަގަކަށް ވިސްނައިގެން ފައިސާ ފަހަށް ރައްކާ ކޮށްގެން ވެސް ރާއްޖެ ބަލައިލުމަށް އައުމަކީ މިހާރު އެ މީހުންގެ ދިރިއުޅުމުގެ އެންމެ ފޮނި މަގުސަދުތަކުގެ ތެރެއިން އެއްމެ މުހިންމު އެއް މަގުސަދު” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.