ބ. އަތޮޅު ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ޑީއެސްއާރުސީ) ގެ 17 ވަނަ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
“17 ވަނަ ޑައިމަންޑް ކަޕް 2015” ގެ ނަމުގައި މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރެ އެވެ. އެއީ ޓީމު ވާނުވާ އާއި ވިނާސް ބޯއީ އާއި އެފްސީ ވެންގާޑް އަދި ގްލޯރިއަސް ވިކްޓަރީ އެވެ.
ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ވިނާސް ބޯއީ އާއި ޓީމު ވާނުވާ އެވެ. މި މެޗު ނިމުނީ 4-0 އިން ވިނާސް ބޯއީ މޮޅުވެގެންނެވެ.
މިއަދު ކުޅުނު މެޗުގައި ގްލޯރިއަސް ވިކްޓްރީއާ ބައްދަލުކޮށް އެފްސީ ވެންގާޑް މޮޅުވީ 2-1 އިންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.