20 ރަށުގެ ތެރެއިން ހަތް ރަށެއް ވަރުވާއަށް ދޫނުކުރަން ނިންމައިފި

002950-24-island-aerial-kunfunadhoo

ބ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަކާއެކު މި އަތޮޅުން ވަރުވާއަށް ދޫކުރަން ނިންމި 20 ރަށުގެ ތެރެއިން ހަތް ރަށެއް ބީލަން އުސޫލުން ވަރުވާ އަށް ދޫނުކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ، މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނު ބާތިލްކުރުމުން އެ 20 ރަށުގެ ތެރެއިން ހަތް ރަށެއް ބީލަން އުސޫލުން ވަރުވާ އަށް ދޫނުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ބީލަން އުސޫލުން ދޫނުކުރާ ހަތް ރަށަކީ ބ. ބަތަލާ ހުރާ، ވިނަނެތް ފަރު ހުރާ، ދޮރުކަނޑު އުތުރު ހުރާ، ދޮރުކަނޑު ދެކުނު ހުރާ، ގާގަފަރުހުރާ، ދަންދޫ އަދި ވިޔޮފުއްޓެވެ.

މި ރަށްތަކުގެ ތެރެއިން ބަތަލާހުރާ އާއި ވިނަނެތްފަރުހުރާ އަދި ދޮރުކަނޑު އުތުރު ހުރާއާ ދޮރުކަނޑު ދެކުނު ހުރާ އަކީ ބަޔޮސްފިއާ ރިޒާވްގެ ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. އެ ރަށްތަކަކީ ތިމާވެށީގެ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަށްތަކެކެވެ.

މި ހަތް ރަށުގެ ތެރެއިން ފަސް ރަށް ދޫނުކުރަނީ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ނުވަ ސަރަހައްދުގެ ތެރޭގައި ހިމެނޭ ފަސް ރަށަކަށް ވާތީ ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެއެވެ. އަދި ބާކީ އޮތް ދެ ރަށަކީ އެކި ސަބަބުތަކާ ހެދި ވަގުތީ ގޮތުން ދޫނުކުރަން ނިންމާފައި ދެ ރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ރަށްތައް ވަރުވާ އަށް ދޫކުރަނީ ބޮޑެތި މަސައްކަތްތައް ކުރަން ނޫން ކަމަށާއި ވަގުތީ ގޮތުން ކުޑަ މަސައްކަތެއް ކުރި ކަމުގައި ވިއަސް އެކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށެވެ.

ވަރުވާ އަށް ދޫކުރަން ކުރިން ނިންމި 20 ރަށުގެ ތެރެއިން ބާކީ 13 ރަށް މިހާރު ވެސް ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވަރުވާއަށް ދޫކުރާ ރަށްތައް؛

ނެލިވަރުފިނޮޅު، ބޯދާފުށީފިނޮޅު، ކަށިދުއްފަރުފިނޮޅު، އަހިވައްފުށި، އައިދޫ، ވަންދުއްމާފަރުފިނޮޅު، މާފުށީފިނޮޅު، މެދުފިނޮޅުގާތުފިނޮޅު، ފިނޮޅުފަރު، ގާވިލިގިލި، ބޮއިފުށި، މާއްޑޫހުޅުދޫ، އުނޑޫދޫ

އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވިދާޅުވީ ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް އޮންނާނީ ރައްކާތެރިކަން ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަމަށެވެ.

ވަރުވާ އަށް ރަށްތަކެއް ދޫކުރަން ކުރި އިއުލާނާ ގުޅިގެން ބ. އަތޮޅު ކައުންސިލުން ބުނީ އޭގެ ތެރޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެތައް ރަށެއް ހިމެނޭ ކަމަށެވެ. އަދި އެ މީހުންނަށް ވެސް އެއްވެސް އެންގުމަކާ ނުލައި އެ ރަށްތައް ވަކިކޮށް ބިޑަށްލުމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.