ކުނި މެނޭޖް ކުރުމުގައި އޭދަފުށީ ކައުންސިލް ފެއިލްވެފައި!

DSC_0119

އޭދަފުށްޓަކީ އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުންތަކެއް ހޯދާއިވާ ރަށެކެވެ. ނަމަވެސް ރަށުގެ އިޖްތިމާއީ ސަރަހައްދު ތަކުގަޔާއި މީހުން ދިރިއުޅޭ ގެތަކުގައި އުފެދޭ ކުނި މެނޭޖް ކުރުމުގައި އޭދަފުށީ ކައުންސިލް ވަނީ ވަރަށްބޮޑަށް ފެއިލްވެފަ އެވެ.

ދުޅަހެޔޮވެއްޓެއް ގާއިމްކުރުމަށް ކުނި މެނޭޖްކުރުމަކީ އެންމެ މުހިންމު ކަމަކަށް ވީހިނދު މިކަން އެންމެ އެދެވޭ ގޮތުގައި ނުކުރެވުމަކީ ކައުންސިލްގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެކަމެކެވެ. ނަމަވެސް ކައުންސިލުން މިމަސައްކަތުގައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ދާތަނެއް ނުފެނެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން ރަށު ފެންވަރުގައި އުފައްދާފައިވާ ކުނިމެނޭޖް ކުރާ ކޮމެޓީ ކައުންސިލަށް ހާޒިރުކޮށް، ކުނި މެނޭޖް ކުރުމާ ބެހޭގޮތުން މައުލޫމާތު ބަދަލުކޮށް ހަދައެވެ. ނަމަވެސް ގަރަހިތައެކޭ އެއްގޮތަށް ބައްދަލުވުންނިމި، ހައެއްކަ ފަސްވަރަކަށް މިނެޓް އެކަމުގެ މަތިން މުލިންހެން ހަނދާންނެތޭ ކަހަލައެވެ.

ކުނިމެނޭޖު ކުރާކޮމެޓީގެ ޕްލޭނާ އެއްގޮތަށް ދާނަމަ މިހިނގާ މެއިމަސް ފެށުނުއިރު ކައުންސިލްގެ ކުނިއުކާ ޕިކަޕު ކޮންމެ ދުވަހެއްގެ މެންދުރު ބާރަޖެހުމުގެ ކުރިން ކޮންމެ ގެއެއްގެ ދޮރުގައި ޓަކިޖަހާނެއެވެ. ނަމަވެސް މިކަހަލަ އެއްވެސް އިޝާރާތެއް އަދި ފެންނާކަށް ނެތެވެ. ބައެއްފަހަރު ކައުންސިލްގެ އަހަރީ ކަލަންޑަރުން މަހެއް ނިމޭލެއް މާލަހީހެންވެސް ހީވެއެވެ. އެގޮތަށް ކަންހިނގާނަމަ އޭދަފުށީ ކައުންސިލް އެ އުޅެނީ އަދި މާރޗް 2016 ގައެވެ.

އުތުރު ސަރަހައްދުގެ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑުއެއް އެހީތެރިކަމެއް ލިބެމުންދަނީ އޭދަފުއްޓަށްކަން ހުދު ކައުންސިލުންވެސް ގަބޫލުކުރެއެވެ. ކުނިމެނޭޖް ކުރުމަށް ބެނުންވާ މެޝިނަރީޒުއާއި އިކްވިޕްމަންޓް އޭދަފުއްޓަށް ގެނައިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ބޭނުންކުރަންފެށޭނެ ދުވަހެއް އަދިނޭންގެއެވެ. ސަބަބަކީ ކުނިކޮށްޓަށް ކަރަންޓް ލެވޭނެ ވަކި މުއްދަތެއްވެސް އަދިއެނގެން ނެތުމެވެ. މައުލޫމާތު ލިބޭގޮތުގައި އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކަރަންޓް ކޭބަލް މިހާރު ވަނީ ވަޅުލެވިފައެވެ. ނަމަވެސް ކަރަންޓް ބޯޑު ހަރުކޮށް މެޝިންތަކާ ގުޅާލަން އަދި ލައްކަދުވަސް ނަގާނެ ކަމަށް ލަފާކުރެވެ އެވެ.

މިފަދަބޮޑު މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ތައްޔާރު ވަމުންދާއިރު ރައްޔިތުން އަދި ތިބީ ވާނުވާ ނޭނގިފަ އެވެ. ނަގަނީ ކިހާވަރެއްގެ ފީއެއްކަމެއް ސާފެއް ނުވެއެވެ. ކުނިމެނޭޖް ކުރުމުގައި ރައްޔިތުން އަމަލު ކުރަންޖެހެނީ ކިހިނެއްކަމެއްވެސް އަދި މާރަނގަޅަކަށް ސާފެއްނުވެއެވެ. މިކަހަލަ ބޮޑުކަމެއް ކުރާނަމަ ގޭބިސީތަކާއި ކައުންސިލާ ދެމެދު އެއްބަސްވެވޭ އެގްރިމެންޓެއް އޮންނަން ޖެހޭނެއެވެ. އަދި މިކަމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާމިންވަރަކަށްތޯވެސް ކައުންސިލުން ބަލަންޖެހޭނެއެވެ. ކަމާގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ލީފް ލެޓްފަދަ ތަކެތި މެދުވެރިކޮށް ކަމުގެ މުހިންމު ކަމާއި މަގްސަދު އަންގައިދޭން ޖެހޭނެ އެވެ.

މިދެންނެވި ކަންކަމުގައި ކައުންސިލްގެ މަސައްކަތްތައް ހުރީ ފިނިހަކަ ދުވެލީގައެވެ. ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާ ކުނިތައް ކުނިކޮށްޓާ ހަމައަށް ގެންގޮސްދިނުމަށް އެއްބަސްވުމަކާ ހިސާބަށް އާދެވިފައި ވީނަމަވެސް އެމަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ގޮތެއް އަދި ފައިނަލެއް ނުކުރެވެއެވެ. އެ މަސައްކަތައް ނަގާނެ ފީ އަދިވެސް ރަސްމީކޮށް ކަނޑައެއް ނޭޅެއެވެ. ކުނިކޮށްޓަށް ބޭނުންވާ މުވައްޒަފުންގެ ކަންތައްވެސް އަދި އޮތީ ވާނުވާ ނޭނގޭ ހާލަތެއްގަ އެވެ.

މިކަންކަން މިގޮތަށް ހުރުމުގެ ސަބަބުން ރަށްޔިތުންގެ އުދާސްތައް މިހާރު ހުރީ ބަންޑުންވާ ހިސާބުގަ އެވެ. ރައްޔިތުންގެ އަބަދުގެ ޝަކުވާއަކީ އެހެން ރަށްރަށުގައި އެ ޕްރޮޖެކްޓްފެށި ރަނގަޅަށް ހިނގަމުންދާއިރު އޭދަފުށީގައި އެކަންނުވާންވީ ސަބަބެއްނެތް ވާހަކަ އެވެ.

ރާއްޖޭގެ ނިސްބަތުން އޭދަފުއްޓަކީ ވަސީލަތްތައް ގިނަ ފުރުސަތުތައް ބޮޑުރަށެކެވެ. ކުނި މެނޭޖްކުރުމަކީ ވިޔަފާރިއުސޫލުން ކުރިނަމަވެސް ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބިދާނެ ކަމެކެވެ. ނަމަވެސް އެކަމުގައި ބޭނުންވަނީ ހިކްމަތު އަމަލީއެވެ. ކެރުމެވެ. މިކަމަށް މިހާރު ބޭނުންވަނީ ޒިންމާދާރު ކައުންސިލެކެވެ. ހަމަހަމަކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި މަސައްކަތް ކޮށްދޭނެ ހާދިމުންތަކެކެވެ.

[އެޑިޓަރުގެ ނޯޓް: މިއީ ކިޔުންތެރިއަކު އީޓީ އަށް ފޮނުވާފައިވާ ލިޔުމެކެވެ]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މުޙައްމަދު ރިޒާ

    ބ.އޭދަފުށީ ކައުންސިލްއެއް ނޫން ފެއިލްވީއަކީ، މިޕްރޮޖެކްޓް ފެއިލްވީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.