ސަޕޯޓަރުން މަޑުން ތިބެގެން ތަށި ހޯދަން ފަސޭހައެއް ނުވާނެ: މަޖީދު

މިދިޔަ އަހަރުއޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށީ ޓީމަށް މަޖީދް އިރުޝާދު ދެނީ | އީޓީ ފިޓޯ:ރާއިފް ޔޫސުފް
މިދިޔަ އަހަރުއޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށީ ޓީމަށް މަޖީދް އިރުޝާދު ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެއީ 1992 ވަނަ އަހަރެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ އެންމެ ފުލަށް ދިޔުމުން އޭދަފުށްޓަށް ޖެހުނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކ. ހުރާ އާއެކު ޕްލޭ އޯފް އެއް ކުޅޭށެވެ. އެ މެޗް ހުރާ ކާމިޔާބުކުރުމުން މެދުނުކެނޑި ހައަހަރުވަންދެން އެއްވަނަ ޑިވިޝަންގައި ކުޅެމުންއައި އޭދަފުށި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. އެއާއެކު ދަނޑަށް ވަދެ ތިބި އޭދަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ރޭޑިޔޯއިން މެޗް އަޑުއަހަމުންދިޔަ ރަށުގެ އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ ފުޓްބޯޅައިގައި އޭދަފުށްޓަށް ކަޅު ދުވަހެކެވެ. އެ ހިތްދަތި ތަޖްރިބާ ކުރި އެކަކީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިި މިއަހަރު ވާދަކުރަމުން އަންނަ އޭދަފުށި ޓީމުގެ މެނޭޖަރު ޢަބްދުލް މަޖީދު ޙަސަން އެވެ. އެއީ އޭރު އޭދަފުށީ ޓީމުގެ ކެޕްޓަނެވެ.

ސައުވީސް އަހަރު ފަހުން ރަށު ޓީމު ގޮވައިގެން ގަލޮޅު ދަނޑަށް ނިކުންނައިރު މަޖީދަކީ ޓީމުގެ އެންމެ މުހިއްމު އެކަކެވެ. މުބާރާތް ފެށިއިރު ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވި މުހައްމަދު ޒާހިދު (ބައްޓޭ)އަށް އަމިއްލަ ސަބަބުތަކާހުރެ ޓީމާއެކު ތިމަރަފުއްޓަށް ދެވޭގޮތް ނުވުމުން ޓީމަށް އިރުޝާދު ދިނުމުގައި ލީޑްކުރަމުން އަންނަނީވެސް މަޖީދެވެ. އެއްވަނަ ޑިވިޝަންގައި އޭދަފުށި ވާދަކުރަމުންދިޔައިރު މަޖީދުގެ ފަރާތުން ފެނުނު ލީޑަޝިޕް މިއަދުވެސް އޭނާ އަންނަނީ ދައްކަމުންނެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންގެ ލޯތްބާއި އިހްތިރާމް މަޖީދު ހޯދައިފިއެވެ. ޓީމުގެ ތެރޭގައި ވަރުގަދަ ރޫހެއް އުފައްދައި އެކަތިގަނޑަކަށް ހަދައިފިއެވެ. ބައެއް ކުޅުންތެރިން ސިފަކުރާގޮތުގައި އެއީ ބައްޕައެއް ފަދަ މީހެކެވެ.

އަންނަ ހޮނޮހިރު ދުވަހުގެ ރޭ އޮންނަ ފައިނަލް މެޗަށް ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަން ތައްޔާރުވާއިރު މަޖީދުއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ވަރުގަދަ ރޫހެއް އުފެދިފައި އޮތުމެވެ. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާމެދު އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތެވެ.

 

“ޓީމުގެ ހުރިހާ ކުޅުންތެރިންގެސް ވަރަށް ބަސް އަހާ، ވަރަށް އާދަޔާ ޚިލާފް ޖޯޝެއްގަ ހުރިހާ ކުޅުންތެރިންވެސް މިހާރު ތިބީ. ތަށި ހޯދޭނެ ކަމާދޭތެރޭ ވަރަށް އުއްމީދު އެބައޮތް” މަޖީދު ބުންޏެވެ. އެއީ ސަޕޯޓަރުންނަށް ގައިމުވެސް އުފާވެރި ހަބަރަކަށް ވާނެއެވެ.

 

އުމުރުން ވިހި އަހަރުގައި އޭދަފުށި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެންފެށިއިރު ޓީމު އޮތީ ދެވަނަ ޑިވިޝަންގައެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި އޭދަފުށިން އުފުލާލިއެވެ. އެއީ އުފާވެރި ހަނދާނެކެވެ. އެކަމަކު އެއަށްވުރެ މިއަދު މަޖީދު އިހުސާސްކުރަމުންއަންނަ އުފާވެރިކަން މާބޮޑެވެ.

“އަސްލު ދެވަނަ ޑިވިޝަންގެ ތަށި ލިބުނު ދުވަހަށްވުރެ ފޭދޫ ބަލިކޮށްފަ މިމުބާރާތުގެ ފައިނަލަށް ދެވުމުން މާ އުފާވޭ. ވަރަށް ހާލުގައި ޓީމު އޮއްވަ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްގެން މިހޯދި ކާމިޔާބަކީ ވަރަށް ބޮޑު ކާމިޔާބެއް” މަޖީދުގެ އިހްސާސްތައް އީޓީ އާ ހިއްސާކުރަމުން ބުންޏެވެ.

1984 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމް- ފޮޓޯ / އަހްމަދު ނާސިރު
1984 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމް- ފޮޓޯ / އަހްމަދު ނާސިރު

އެއީ ރަގަޅު ވާހަކައެކެވެ. ސެމީ ފައިނަލްގައި ގަދަފަދަ ފޭދޫ ބަލިކޮށް ފައިނަލުން ޖާގަ ހޯދީ މުހިއްމު ކުޅުންތެރިންތަކެއް ނެތިއެވެ. މުބާރާތުގައި ބައިވެރިވި އެހެންޓީމުތަކަށްވުރެ މަޖީދު ބުނިގޮތުގައި އޭދަފުށި ޓީމު މާލީގޮތުންވެސް ނިކަމެއްޗެވެ.

 

“އެހެން ޓީމްތަކުން މެޗް ބަލަން ދާއިރުވެސް ތިބެނީ ވަކި ހާއްސަ ޖާޒީއެއް ލައިގެން. އެކަމަކު އަހަރުމެން އަތަކު ނެތް. ދެރަވެސް ވޭ އެތަން ފެނުނީމަ” މަޖީދު ބުންޏެވެ.

 

އެކަމަކު މަޖީދު ބުނިގޮތުގައި މިއީ އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. މިއީ އޭދަފުށީގެ ފުޓްބޯޅައިގެ ރަން ތާރީޚް އަނބުރާ އިޔާދަކުރަންވީ ވަގުތެވެ. ޓީމެއްގެ ގޮތުގައި އޭދަފުއްޓަކީ އަދިވެސް ވަރުގަދަ ބާރެއްކަން ދައްކުވައިދޭންވީ ވަގުތެވެ.

މިކަމަށް ބޭނުންވަނީ ސަޕޯޓަރުންގެ ހެޔޮއެދުމާއި ހިތްވަރެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށްވެސް އެންމެ ބޮޑު ހިތްވަރެއް ލިބުނީ މަޖީދު ބުނިގޮތުގައި ދަނޑު ބޭރުންނެވެ.

“ފޭދޫއާ ކުޅުނު މެޗްގައި ކުޑަހުވަދޫގެ ރައްޔިތުން އަހަރެމެން ޓީމަށް ވަރަށް ސަޕޯޓްކުރި. މަށަށް ބުނެވޭނީ ކުޅުންތެރިންނަށް އެހާވަރަށް އެހިތްވަރު ކުރެވުނީ އެމީހުން އެހާވަރަށް ސަޕޯޓްކުރީމަ، ފުރަތަމަ އެގާރަ މެޗް ނިމުނުއިރުވެސް ތިބ،” މަޖީދު ކިޔައިދިނެވެ.

ހޮނިހިރުދުވަހުގެ ރޭ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗަށް އޭދަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެކަމަށް މަޖީދު ޔަގީންކުރެއެވެ.

2007 ވަނަ އަހަރު މާލޭގައި އޮތް ޒޯން ޗެމްޕިއަން ލީގުގައި ބައިވެރިވި އޭދަފުށީ ފުޓްބޯޅަ ޓީމު– ހަވީރު ފައިލް ފޮޓޯ
2007 ވަނަ އަހަރު މާލޭގައި އޮތް ޒޯން ޗެމްޕިއަން ލީގުގައި ބައިވެރިވި އޭދަފުށީ ފުޓްބޯޅަ ޓީމު– ހަވީރު ފައިލް ފޮޓޯ

އެހުރިހާ ސަޕޯޓަރުންގެ ކިބައިން އޭނާ އެދެނީ ހަމަ އެންމެ ކަމަކަށެވެ.

“ވީހާވެސް ބާރަށް ސަޕޯޓްކުރާށޭ ބުނެލަން ބޭނުންވަނީ މެޗް ފެށުނީއްސުރެ ނިމެންދެން. އޭރުން ކުޅުންތެރިންނަށް ކަށިން ހިތްވަރު ނެރެގެން ކުޅެވޭނީ”

އެއީ ވަރަށް ބޮޑު ތެދެކެވެ. ސަޕޯޓަރުންނަކީ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާއޭ ބުނަނީ އެހެންވެއެވެ. ސެމީ ފައިނަލް މެޗްގައި އެމަގާމް އަދާކޮށްދިނީ ކުޑަހުވަދޫ ރައްޔިތުންނެވެ. މިއަދު މިއޮތީ އަހަރެމެންނާ ގާތަށް ޓީމު އައިސްފައެވެ. ކުޑަހުވަދޫ ރައްޔިތުން ސަޕޯޓްކުރިވަރަށްވުރެ ފުރިހަމައަށް އަހަރެމެންނަށް ސަޕޯޓްކުރުމުގެ ފުރުސަތުު ލިބިފައެވެ. ހަމޔަގީނުންވެސް ކުޑަހުވަދޫގެ ސަޕޯޓަރުންގެ އަޑަށްވުރެ އަހަރެމެންގެ ސަޕޯޓަރުންގެ އަޑު މާގަދަވާންޖެހޭނެއެވެ. ފައިނަލްގައި އެއްކޮޅުން ކުޅެނީ އަމިއްލަ ރަށެވެ. ތަށި ލިބިއްޖެނަމަ ހުރިހާ ރީއްޗެއް ހަމަ ރަށު މީހުންނަށެވެ. އޭރުން އޭދަފުށީގެ ރައްޔިތަކަށްވީތީ އަނެއްކާވެސް ފަހުރުވެރިވެވޭނެއެވެ. ތިޔަ ބޭފުޅުން ތައްޔާރު ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އޭދަފުށީ ޓީމަށް ކާމިޔާބަށް އެދެން. މަޖީދު އަކީ އަބަދުވެސް ޑިސިޕްލިންގ ރަނގަޅު ބޭފުޅެއް ކަން ވެސް ފާހަގަކޮށްލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.