ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން މިއަހަރުވެސް ބޮޑު އާމުދަނީއެއް

ކިހާދޫ ސްކޫލުގައި ރޭ ބޭއްވި ޑިނާ ނައިޓްގެ ތެރެއިން / ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭގެ ފަންޑް ރައިސް ކުރުމުގެ ގޮތުން ޕީޓީއޭ އާއި ސްކޫލު ގުޅިގެން ބޭއްވި ޑިނާ ނައިޓުން މިއަހަރުވެސް ލައްކައެއްހާ ރުފިޔާ ހޯދައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ހާރުން ޔޫސުފް ވިދާޅުވީ ރޭ “ދިވެހި ސުފުރާ” ގެ ނަމުގައި ބޭއްވި ޑިނާ ނައިޓަށް 400 އެއްހާ މީހުން ޒިޔާރަތްކުރި ކަމަށާއިި، ހިސާބުތައް މުޅިން އަދި ނުނިމޭތީ ހަރަދުތައް ކެނޑުމަށް ފަހު ޑިނާ ނައިޓުން ސާފު ފައިދާވި ވަރެއް އަދި ވިދާޅުވާން ދަތި ކަމަށެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް ތައްޔާރުވުމުގެ ތެރެއިން

“މިއަހަރު ލިބުނު ފައިސާވެސް 90 ހާހަށް ވުރެ ދަށް ނުވާނެ ކަމަށް ލަފާކުރެވޭ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހެއްގެ ތެރޭގައި ސީދާ ހިސާބުތައް ހާމަކުރެވޭވަރުވާނެ،” ހާރުން ވިދާޅުވި އެވެ.

ކިހާދޫ ސްކޫލް ޑިނާ ނައިޓަށް ތައްޔާރުވުމުގެ ގޮތުން އެރަށު ރައްޔިތުން ހަރަކާތްތެރިވަނީ / ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

ހާރޫން ވިދަޅުވީ ޑިނާ ނައިޓަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރުވެސް ހިލޭ ސާބަހަށް އެރަށު ފިރިހެން ވެރިން އަމިއްލަ އޮޑިފަހަރުގައި ސާބަހަަށް މަސްބާނައި، މަސްކަނޑާ، މަސްފިހެ ހަދައިދެ އެވެ. އަދި ހުރިހާ ތަކެތި ތައްޔާރުކޮށްދެނީ ވެސް ރައްޔިތުން ހިލޭ ސާބަހަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“މި ހަރަކާތް މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވެނީ މިކަމަށް ކިހާދޫ ރައްޔިތުން ބަހައްޓަވާ ހާއްސަ ސަމާލުކަމެއްގެ ސަބަބުން، ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،”

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެ ސްކޫލުގެ ޕީޓީއޭ އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

ކިހާދޫ ސްކޫލުން ބުނި ގޮތުގައި ޑިނާ ނައިޓުން ލިބޭ ފައިސާ ހަރަދު ކުރަީ ދަރިވަރުންގެ ކުރިއެރުވުމަށް ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.