ބ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންގެ މަސައްކަތަށް ތައުރީފު ހައްގު

ބ އަތޮޅު ހޮސްޕިޓަލަކީ ނިސްބަތުން ދިވެހި ނަރުހުން އެންމެ ގިނަ ހޮސްޕިޓަލޭވެސް ދެންނެވިދާނެ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ނަރުހުންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ އަވައްޓެރި އިންޑިއާ މީހުންނެވެ. ނަމަވެސް ބ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަނީ ހަމައެކަނި ބިދޭސީ ހަ ނަރުހުންނެވެ.

އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި އެންމެ ގާތުން މަސައްކަތް ކުރާބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނޭ ބުނުމުން އެއްވެސް މީހަކު އެކަމާ ދެބަސް ވާނެހެނެއް ހިއެއްނުވެ އެވެ. އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއްނެތި، ރެއާއި ދުވާލު ނަރުހުން އެކުރާ މަސައްކަތަށް ތައުރީފު ކުރާމީހުންވެސް މަދެއް ނުވާނެ އެވެ. އަދި އެއީ ތައުރީފުކުރުން ވެސް ހައްގު ކަމެކެވެ. އެހެނީ އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް ބުނާ ބަދުބަހެއް ކަމަކަށްވެސް ނުދެކެމެވެ.

މިގޮތުން ބ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންނަކީ އޭދަފުށީގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުންގެ ތެރެއިން އެންމެބުރަކޮށް މަސައްކަތްކުރާ އެއްބަޔަކަށް ވާނެކަން ޔަގީނެވެ. ޑިއުޓީ އުސޫލުން ހެނދުނާއި ރޭގަނޑު އަދި ދަންވަރުވެސް ނަރުހުންދަނީ އެއްވެސް ފޫހިކަމެއްނެތި މަސައްކަތް ކުރަމުންނެވެ.

ފާއިތުވެގެންމިދާ ތިންމަސް ދުވަހަކީ އެ ހޮސްޕިޓަލްގެ ނަރުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދިން ތިންމަސްދުވަސްކަން އުފަލާއެކު ފާހަގަކުރަމެވެ. ފާއިތުވެގެންމިދާ ދުވަސްކޮޅަކީ މި ސަރަހައްދުގައި ޑޮކްޓަރުންގެ ދަތިކަން ވަރަށް ބޮޑަށް ތަހަންމަލު ކުރަންޖެހުނު ދުވަސް ކޮޅަކަށް ވާތީވެ އެ ދުވަސްތަކުރައި ގިނައަދަދެއްގެ މާބަނޑުމީހުން ވިހެއުމަށްޓަކައި އޭދަފުއްޓަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި ހުރިހާ އެންމެންވެސް ވިހައިގެން އެމީހުންގެ ލޯބިލޯބި ތުއްތު ދަރިފުޅާއި އެކު ރަށަށް ދިޔައީ އިތުރު އުފަލަކާއިވެސް އެކުގަ އެވެ. އެ އުފަލަކީ ހޮސްޕިޓަލުން އެމީހުންނާ ދޭތެރޭ ބެހެއްޓި އޯގާތެރިކަމެވެ.

ހާއްސަގޮތެއްގައި އޭގެ ތެރެއިން ބައެއް މީހުން ފާހަގަކުރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހުންގެ ފަރާތުން ލިބުނު އޯގާތެރި ކަމާއި އަޅާލުމެވެ. ހިތްހެޔޮ ކަމާއި ކަމަށް ކަމޭހިތުމެވެ. ހަމަގައިމުވެސް މިއީ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަޅުގަޑުމެން ދެކެމެވެ. އަދީ މިއީ އޭދަފުއްޓާއި ބ އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބުނު އުފަލެކެވެ.

ހޮސްޕިޓަލުން ހިދުމަތް ހޯދި ރ އަތޮޅުގެ މީހަކު ބުނީ “ހިދުމަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހުންނަކީ އެކަމަށް ވަރަށް ގާބިލް ބައެއް” ކަމަށެވެ. އޭނާ ބުނީ ހޮސްޕިޓަލުން ދަތިވިކަމަކަށް ދިމާވީ ހަމައެކަނި ބޭސްލިބުން އެކަނި ކަމަށެވެ.

“މި ހޮސްޕިޓަލް (ބ. އަތޮޅުހޮސްޕިޓަލް) ހަމަބެސްޓް، އަހަރެމެން ރަށުހޮސްޕިޓަލަށްވުރެ މިތަނުގެ ހިދުމަތްތަށް މާބޮޑަށްވެސް ރަނގަޅު، ހާއްސަ ގޮތެއްގައި މިތަނުގެ ނަރުހުންގެ މަސައްކަތް ވަރަށްބޮޑަށް ފާހަގަ ކޮށްލެވޭ. އެމީހުން ވަރަށް އޯގާތެރިކަމާއި އެކު އަޅާލާ، ވެދާނެ މިތަނުގައި ހުސްދިވެހިން އުޅޭތީ ކަމަށްވެސް. މިތަނުން ހަމައެކަނި އަހަރުމެންނަށް ދަތިވީ އާސަންދައިގެ ހިދުމަތުން ބޭސްނުލިބުމުގެ މައްސަލަ އެކަނި،” ބ. އަތޮޅު ހޮސްޕިޓަލަށް ހިދުމަތް ހޯދަން އައި ރ އަތޮޅުމީހަކު އީޓީ އަށް ކިޔައިދިނެވެ.

ބ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ގިނަދިވެހި ނަރުހުންނަކީ ވަރަށް ރަނގަޅަށް ތަމްރީނުވެފައިތިބި ސީދާ އޭދަފުށީގެ ނަރުހުންކަންވެސް ފާހަގަކޮށްލެވެއެވެ.

ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ އިސްއޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަނީ ވަރަށް ރަނގަޅު އެކަމަށް ވަރަށް އެކަށީގެންވާ މީހުންކަމަށެވެ.

“މި ހޮސްޕިޓަލްގެ ނަރުހުންނަކީ ވަރަށް ކޮލިޓީ ބައެއް، ވަރަށް ކްރިޓިކަލް ސިޓްއޭޝަން ތަކުގައިވެސް މިތަނުގަ ނަރުހުން ވާނެ ވަރަށް ފުރިހަމައަށް އެ ކޭސް ތަކަށް އެޓެންޑް ކޮށްފައި،: މިވަގުތު ބ. އަތޮޅު ހޮސްޕިޓަލު ހިންގުމާއި ހަވާލުވެހުންނެވި ސިދުޤީ އަބްދުﷲ ވިދާޅުވިއެވެ.

ބ އަތޮޅު ހޮސްޕިޓަލުގައި މިހާރުވެސް ބާރަ ރެޖިސްޓާޑް ނަރުހުންނާއި ބާރަ އެންރޯލްޑް ނަރުހުން މަސައްކަތް ކުރައްވަ އެވެ. މީގެތެރެއިން ހަ ނަރުހުން ފިޔަވައި ދެންތިބި ހުރިހާ ނަރުހުންނަކީވެސް އޭދަފުއްޓަށް ނިސްބަތްވާ ނަރުހުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.