“ތަރައްގީގެ ވިސްނުން އެންމެ ރަނގަޅަށް ލިބިގެންތިބީ އޭދަފުށީ ރައްޔިތުން”

ނަޝީދު "އީޓީ" އަށް އިންޓަވިއުދެއްވަނީ
ނަޝީދު “އީޓީ” އަށް އިންޓަވިއުދެއްވަނީ

 

އެމްޑީޕީ އިން ނުކުމު މި އުޅެނީ ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތުގައި ކަމަށާއި، ތަރައްގީގެ ވިސްނުން އެންމެ ރަނގަޅަށް ލިބިގެންތިބީ އޭދަފުށީ ރައްޔިތުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އީޓީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތައް ރަނގަޅަށް އަޑުއަހާފަ އެކަމާގުޅޭގޮތުން ވިސްނާތަން ދެކެން ބޭނުންވާ ކަމަށެވެ.

“އޭދަފުށީ ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ އަޅުގަޑުމެން މި ނުކުމެއުޅެނީ ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތުގައޭ. ތަރައްގީގެ ވިސްނުން އެންމެ ރަނަގަޅަށް ލިބިގެންތިބީ އޭދަފުށީ ރައްޔިތުން މި މަސައްކަތުގައި ބައިވެރިވުމަށް އެދެން. ކޮންމެހެން ޕާޓީގެ ކުލައަކަށް ވިސްނުމުކަށް ބައްލަވާނެ ކަމެއްނެތް. ހަމަ ބާރަށް ނުކުންނަވާ އަޅުގަޑުމެނާއެކު ހިންގަވާ. އިރާދު ކުރެއްވިއްޔާ ރާއްޖެ ތަރައްޤީ ކުރެވޭނެ. އޭދަފުށިން ފެނިގެން މިދަނީވެސް އެކަން.” އެމްޑީޕީ ސިޔާސަތުގެ ދަށުން ބުދަ ދުވަހު އޭދަފުށީގައި ހުޅުވި ގެސްޓްހައުސްގައި އިންނަވައި އީޓީއަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ.

ބ. އަތޮޅު ޚާއްސަކޮށް އޭދަފުއްޓަކީ ކުރީގަ ވަރަށްބޮޑަށް އިދިކޮޅަށް އޮތް ރަށެއްކަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މިފަހަރު މުޅި ބ އަތޮޅުވެސް އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބެމުންދާ ކަމަށެވެ. އަދި އޭދަފުށީގެ އަޤުލަބިއްޔަތުވެސް އެ ޕާޓީއަށް ވަރަށް ސާފުކޮށް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“ބޮޑު ބަދަލެއް ބަދަލަކީ، 2008 ވަނަ އަހަރު އޭދަފުށީ ގިނަ ރައްޔިތުން އެ ބަދަލު ގެންނަން ބޭނުން ނުވި ނަމަވެސް އޭގެ ފަސް އަހަރުފަހުން މިއަދު އޭދަފުށީގެ އަގުލަބިއްޔަތު މިއަދު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ސާފުކޮށް ލިބިފައި. މިއީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކަށްވުރެ ބޮޑަށް އޭދަފުށީ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީ އެއްކަމަށް އަޅުގަނޑު ދެކެނީ،” ނަޝީދު ވިދާޅިވި އެވެ.

ނަޝީދު ވިދާޅުވީ މި ހަފްތާގައި އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެމްޑީޕީގެ ސިޔާސަތުތައް އޭދަފުށި ރައްޔިތުންނަށް އޮޅުންފިލުވައިދީ އަދި ޕާޓީއަކީ ކޮބައިކަން ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައި ދިނުންކަމަށެވެ. އަދި ޑީއާރުޕީގެ އެންމެ ބާރުވެރި މަގުބޫލުކަން އޭރުގައި އެ އޮތް ދެ ބޭފުޅުންކަމަށްވާ އަލީ ވަހީދު އާއި އަބްދުﷲ ޝާހިދުގެ މިސާލު ނެންގެވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

“ވަކީން ޚާއްސަކޮށް އެނގިވަޑައިގަންނަވާނެ ޑީއާރުޕީގެ އެންމެ ބާރުވެރި މަގުބޫލުކަން އޭރުގައި އެ އޮތްގޮތަށް އޮތީ ދެ ބޭފުޅެއްގެ މައްޗަށް ވަރަށްބޮޑަށް ބިނާވެފައި. އެއްބޭފުޅަކީ އަލީ ވަހީދު. އަނެއްބޭފުޅަކީ އަބްދުﷲ ޝާހިދު . މިކަން އޭދަފުށީ ރައްޔިތުންނަށް އެބަ ސާފުކޮށްދޭންޖެހޭ. އޭދަފުށީ ރައްޔިތުންގެ ކިބައިން އެދެނި ކިހިނެއްތޯ ކަންތައްތައް ވެގެންމިދަނީ އެބޭފުޅުންގެ ސިޔާސީ ހަޔާތުގައި ދެން ނިންމަވަންހުރި ކަންތައްތައް ނިންމަވާނީ ކޮންގޮތަކަށްތޯ. އަޅުގަނޑުމެން އެދެނީ އެ ދެބޭފުޅުންގެ މިސާލު ނެންގެވުމަށް”

ބ. އަތޮޅަކީ ބަޔޮސްފިއާ ރިޒާވު އަތޮޅެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްއގައި ދެކެން ބޭނުންވަނީ “ހުރިހާ ރައްޔިތުނަން ވަޒީފާ އޮންނަ އަދި އިޖްތިމާއީ ރައްކާތެރިކަން ލިބިފައިތިބި  ރައްޔިތަކު އުޅޭ އަދި އެއްވަނަ ޑިވިސަންގައި ފުޓްބޯޅަ ކުޅޭ އޭދަފުއްޓެއް” ކަމަށެވެ. އަދި އަންހެން ބޭފުޅުން ވަރަށް ބޮޑަށް ހަރަކާތްތެރިވާ ރަށެއްގެ ގޮތުގައި އޭދަފުށި ފެންނަން ބޭނުންވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.