އުރީދޫ “ކަލާ ރަން” އަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފި

އުރީދޫގެ “ކަލާ ރަން” ގެ މި އަހަރުގެ ހަރަކާތަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މި މަހު 15 ގެ ކުރިން ރަޖިސްޓަރީ ވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

“އުރީދޫ ކަލާ ރަން ފެށިގެން ދިޔައީ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގައި ދުވުމުގެ ފައިދާ އަންގައި ދިނުމުގެ އަމާޒާ އެކު. މި އަހަރު ކަލާ ރަން ވެގެން ދާނީ މުޅި ދުވަހު ކުރިއަށް ދާ، އުފާވެރި ފެސްޓިވަލަކަށް،” އުރީދޫން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކުންފުނީގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވި އެވެ.

“އުރީދޫ ކަލާ ރަން” މި އަހަރު ކުރިއަށް ގެންދާނީ މިދިޔަ އަހަރަށް ވުރެ ފޯރިގަދަކޮށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން، މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ ދުވުން ފެށުމުގެ ކުރިން، މަޑި އެރުވުމުގެ ފެސްޓިވަލެއް ހެނދުނު އޮންނާނެ އެވެ. އަދި، ފޯރިގަދަ މިއުޒިކް ޝޯ އެއް އެ ދުވަހުގެ ރޭ ބާއްވާނެ ކަމަށް އުރީދޫން ބުންޏެވެ.

“އަޅުގަނޑުމެން ބޭނުން ވަނީ ވަރަށް މަޖާ އިވެންޓަކަށް މި ކަން ވާން. މި ދުވުމުގައި ‘ބެސްޓް ޑްރެސްޑް ރަަނާ’ އަދި އެންމެ ‘އެންޓަޓެއިނިން ރަނާ’ އަށް އިނާމެއް ދޭނެ،” ހުޅުމާލޭގައި ބާއްވާ ދުވުމާ ގުޅޭ ގޮތުން، އުރީދޫގެ އެސިސްޓެންޓް މެނޭޖަ އޮފް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.
ފަސް ކިލޯމީޓަރަށް ދުވަން ހަމަޖައްސާފައިވާ މި “ކަލާ ރަން” ގައި އުމުރުން ހަތް އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް، އުމުރުން 12 އަހަރުން ދަށުގެ ކުދިންނާ އެކު ބެލެނިވެރިއަކު ބައިވެރިވާން ޖެހެ އެވެ.

މި ދުވުމުގެ ބައިވެރިންނަށް “ސްޓޭންޑާޑް” ކިޓެއް ނުވަތަ “ފަން” ކިޓެއް ނެގުމުގެ ފުރުސަތު ލިބެ އެވެ. ފަންސާސް ރުފިޔާ އަށް ލިބޭ ސްޓޭންޑާޑް ކިޓުގައި ހިމެނޭނީ ޓީޝާޓެއް އެކަންޏެވެ. އެކަމަކު، 200 ރުފިޔާ އަށް ދޭ ފަން ކިޓުގައި ޓީޝާޓެއްގެ އިތުރުން އަތުގައި އަޅާ އެތިކޮޅަކާއި ދަބަހަކާއި ކަރުދާސް ތޮތްޕެއް ވެސް ހިމެނެ އެވެ.

އުރީދޫން ބުނިގޮތުގައި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް “ކަލާ ރަން” ގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަކަށް ހަދިޔާ ކުރާނެ އެވެ.

މިދިޔަ އަހަރުގެ “ކަލާ ރަން” ގެ ކިޓުތައް ވިއްކައިގެން ލިބުނު ފައިސާގެ ވަކި ޕަސެންޓެއް ހަދިޔާކުރީ، ހިތުގެ ބަލި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ “ޓައިނީ ހާޓްސް” އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.