މަރްހޫމް ދަރަވަންދޫ ޔޫސުފް އަލިފުޅުގެ ހަނދާނުގައި…

ބ. ދަރަވަންދޫ، ދޭލިޔާގޭ އަލްމަރްހޫމް ޔޫސުފް އަލިފުޅަކީ ބ. އަތޮޅުގައި އުފެދުނު އެންމެމޮޅު، އެންމެ މަޝްހޫރު ޅެންވެރިޔާކަމުގައި ބުނުމަކީ ބ. އަތޮޅުގެ އެހެން ބޭފުޅުންނަށްވެވޭ ބޭއިންސާފަކަށް ނުވާނެކަން ޔަގީނެވެ. އަދި މަރްހޫމް ޔޫސުފް އަލިފުޅަކީ ރަށާއި އަތޮޅަށް އަދި ގައުމަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ގިނަދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެ މަރްހޫމް މި ދުނިޔެއާއި އަލްވަދާއުކީ ޑިސެމްބަރު 14، 2012 ދުވަހުގެރޭ މެންދަމު 3.30 އެހާކަންހާއިރު ސްރީލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

އަލްމަރްހޫމް ޔޫސުފް އަލިފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖެނުއަރީ 1932 ގައި ދަރަވަންދޫ ދޭލިޔާގޭގަ އެވެ. ބައްޕައަކީ ދޭލިޔާގޭ އަލީ މުހައްމަދު (އަލިފުޅު) އެވެ. މަންމައަކީ ހަމައެގޭ އާމިނަތު ޙަސަން އެވެ. މަރްހޫމް ޔޫސުފް އަލިފުޅު ފަދައިން އޭނާގެ ބައްޕައަކީވެސް އެ ޒަމާނުގައި ނަން މަޝްހޫރު ޅެންވެރިއެކެވެ.

ޔޫސުފް އަލިފުޅުގެ ތައުލީމީ ހަޔާތް ފެއްޓެވީ އުފަންރަށް ކަމުގައިވާ ދަރަވަންދޫ މަކްތަބުންނެވެ. އެއަށްފަހު ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ދުވަސްވަރު މާލޭގައި ބިނާކުރި ބޯޑިންގ އަށް އަތޮޅުތެރެއިން ގެނައި ކުދިންގެ ތެރޭގައި ޔޫސުފް އަލިފުޅު ހިމެނި، އެ ފުރުސަތު ލިބުމާއިގުޅިގެން އޭރުގެ މަދްރަސަތުލް ސަނިއްޔާއިން (މިހާރު މަޖީދިއްޔާ ސްކޫލް) ތައުލީމު ހާސިލުކުރެއްވުމުގެ ފުރުސަތު ޔޫސުފް އަލިފުޅަށް ލިބިލެއްވިއެވެ. އެގޮތުން އެ ސްކޫލުން ސާނަވީ ތައުލީމު ހާސިލުކުރެއްވި އެވެ. ސްކޫލުގައި އުޅުއްވިއިރު ދެވަނަ ބަހެއްގެގޮތުގައި އަރަބިބަސް ޚިޔާރުކުރައްވާ އެބަސް ކިޔަވައިވިދާޅުވި އެވެ. ސާނަވީ ތައުލީމު ހާސިލުކުރެއްވުމަށްފަހު ގާޒީކަމުގެ ސަނަދާއި، އެޓާނީ ޖެނެރަލުގެ އެހީތެރިޔާކަމުގެ ސަނަދު ހާސިލުކުރެއްވިއެވެ.

މަރްހޫމް ޔޫސުފް އަލިފުޅު މަޝްހޫރުވެފައިވަނީ ޅެންވެރިކަމުގެ ރޮނގުންނެވެ. ޔޫސުފް އަލިފުޅު މި ފަންނަށް އެންމެ ފުރަތަމަ ވެދެވަޑައިގެންނެވީ ރަށުގައި (ދަރަވަންދޫ) އުޅުއްވި ދުވަސްވަރުއެވެ. އޭރުވެސް އޭނާ ޅެން ހައްދަވައެވެ. ނަމަވެސް ޅެންވެރިކަމުގެ ފަންނު ތަރައްޤީކުރައްވައި ރާއްޖޭގެ މަޝްހޫރު އިހުގެ ޅެންވެރިން (އަލްމަރުހޫމް މުހައްމަދު ޖަމީލްދީދީ، އަލްމަރްހޫމް އިބްރާހިމް ޝިހާބުފަދަ ބޭފުޅުންގެ) އަރިހުން ޅެން ހެއްދެވުމުގެ ހުނަރު ދަސްކުރެއްވި އެވެ.

ޔޫސުފް އަލިފުޅު އަވަހާރަވުމާ ހަމައަށް ޅެމުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި “ހިތުގެ ތަސްވީރު” ކިޔާ ޅެންފޮތަކާއި، ރައިވަރާބެހޭ ފިލާވަޅުތަކެއް ހިމެނޭގޮތަށް ލިޔުއްވި ރައިވަރުގެ ވަނަވަރު” ފޮތާއި، ޅެން ހަދަން ދަސްކޮށްދިނުމުގެ ގޮތުން ލިޔުއްވި “ޅެމުގެ ވަނަވަރު” ފޮތާއި “އަރުމާދު ރައިވަރުގެ ޝަރަހަ” ފާހަގަ ކޮށްލެވެ އެވެ. އަދި ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ސިލްސިލާކޮށް ނެރުއްވި “ސަތޭކަ ރައިވަރު” ފޮތަކީ ޔޫސުފް އަލިފުޅުގެވަރަށްބޮޑު ހިއްސާ އޮވެގެން ވުޖޫދަށްނެރެފައިވާ ފޮތްތަކެކެވެ. މީގެ އިތުރުން އަބޮއްފުޅާއި ދަބޮއްފުޅު ވާހަކަ ރައިވަރެއްގެ ސިފައިގައި ލިޔުއްވާފައިވެ އެވެ. ދިވެހި ޅެންވެރިކަމުގައި ޔޫސުފް އަލިފުޅު ރަމްޒީ ނަމެއްގެގޮތުގައި ބޭނުން ކުރައްވާފައިވަނީ “މައިނާ” އެވެ.

މީގެ އިތުރުން ޔޫސުފް އަލިފުޅަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ އުސްތާޒުކަމުގެ އެހީގައި ވަރަށްގިނަ ކަންތައްތަކެއް ޔޫސުފް އަލިފުޅު ދަސްކުރައްވާފައިވެ އެވެ. މީގެ އިތުރުން ޔޫސުފް އަލިފުޅަކީ ވަރަށްގިނަ ދަރިވަރުންތަކަކަށް ޅެންވެރިކަން ދަސްކޮށްދޭ ކުލާސްތަކުގައި ކިޔަވައިދެއްވާފައެވެ. އޭނާ އަކީ މިޒަމާނުގެ މަޝްހޫރު އެތައް ޅެންވެރިންނެއްގެ އުސްތާޒެކެވެ. އެގޮތުން ޒުވާން ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރަކީ ވެސް ޔޫސުފް އަލިފުޅުގެ ދަރިވަރެކެވެ

ދިވެހި ޅެންވެރިކަމަށް ހިދުމަތްކުރެއްވުމުގެ ރޮނގުން އާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 1985 ވަނަ އަހަރު މަރުހޫމް ޔޫސުފް އަލިފުޅަށްވަނީ ލިބިވަޑައިގެންފައެވެ.

އަލްމަރުހޫމް ޔޫސުފް އަލިފުޅަކީ ސާޅީސް އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން އޭނާގެ ގައުމީ ހިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ މި އަތޮޅަށް ހިދުމަތް ކުރެއްވުމުގައެވެ.

1950 ވަނަ އަހަރު މަންކަމަތުއްދާޚިލިއްޔާގެ ކާތިބުކަމުން ފެއްޓެވީ ވަޒީފާގެ އިތުރުން މަދްރަސަތުލް ސަނިއްޔާގެ މުދައްރިސްކަމާއި، ބަންޑާރަނައިބު އޮފީހުގެ ކާތިބުކަމާއި، އެޓަނީ ޖެނެރަލްގެ އެހީތެރިކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އިންވެސްޓިގޭޓަރކަމާއި، ސްޕެޝަލް ޑިއުޓީ އޮފިސަރ ކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން މިނިސްޓްރޯ އޮފް ޖަސްޓިސް ގެ ކޯޓްތަކުގެ ގާޒީކަމާއި މައުޛޫން ކަމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އިސްއެހީތެރިޔާކަމާއި ކޯޑިނޭޓަރުކަން ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އުފަންރަށް ބ. ދަރަވަންދޫ އާއި އަތޮޅަށް ޚިދުމަތް ކުރެއްވުމުގައި ގިނަ ދުވަސްތަކަކު މަރުހޫމް ޔޫސުފް އަލިފުޅު ޚިދުމްތަކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން އެންމެ ފުރަތަމަ ޔޫސުފް އަލިފުޅު ރަށުގެ ވަޒީފާއެއްގެ ގޮތުގައި އަދާކުރެއްވީ ދަރަވަންދޫ ކާޑުގެ އަދި ވިޔަފާރިގޭގެ ބަނޑޭރިކަމާއި، ދަރަވަންދޫ މަދްރަސާގެ މުދައްރިސްކަމާއި ނާޒިރުކަމާއި، ދަރަވަންދޫ ކާތިބުކަމާއި ގާޒީކަން ހިމެނެއެވެ.

ދަރަވަންދޫގެ ވަޒީފާތަކުގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުގެ ނައިބުކަމާއި ކަތީބުކަން އަދި ގޮއިދޫ ސްކޫލުގެ މުދައްރިސްކަން ކުރައްވާފައިވެ އެވެ. އަތޮޅުގެ މުހިއްމު ވަޒީފާތަކުގެ ތެރޭގައި ބ. އަތޮޅު ކޮމެޓީގެ މެންބަރުކަމާއި، ބ. އަތޮޅު ކޯޓުގެ ގާޒީކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ޔޫސުފް އަލިފުޅު ކުރައްވާފައިވެ އެވެ.

އަލްމަރުހޫމް ޔޫސުފް އަލިފުޅު ދެ ކައިވެންޏެއް ކުރެއްވި އެވެ. ހަމައެކަނި ދެވަނަ ކައިވެންޏަށް ލިބިވަޑައަިގެންނެވީ އަށް ފިރިހެން ބޭފުުންނެވެ. އަވަހާރަވިއިރު މި ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. މި އަށް ބޭފުޅުންގެ ތެރޭއިން އަބްދުﷲ މުއާޒަކީ ޅެން ހައްދަވާ އަދި އަލްބަމްތަކަށް ގިނަލަވަތަކެއް ހައްދަވާފައިވާ މޮޅު ޅެންވެރި އެކެވެ. އަދި އެއީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސްވެސް މެއެވެ. އޭގެ އިތުރުން މުއާޒަކީ ނޫސްތަކަށް ލިޔުއްވަމުންގެންދަވާ ބޭފުޅެއްވެސް މެއެވެ. ރުސްދުﷲ މުއާޒާއި، އުބައިދުﷲ މުއާޒުވެސް ކޮންމެވެސް ވަރަކަށް ޅެން ހައްދަވަ އެވެ.

އަލްމަރުހޫމް ޔޫސުފް އަލިފުޅު ޅެންވެރިކަމުގެ ރޮނގުން ދިވެހިގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކާއި އުފަންރަށާއި ބ. އަތޮޅަށް އަދި ޖުމްލަކޮށް މުޅި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް މި ނޫހުގެ ފަރާތުން އެކަމުގެ އަގުވަޒަން ކުރަމެވެ.

އަލްމަރުހޫމް ޔޫސުފް އަލިފުޅުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ތަނަވަސް ނިއުމަތް އެ މަރުހޫމަށް ދެއްވާންދޭވެ! އަދި ތެދުމަގުގައިވާ މީހުންގެ މަގުގައި އެ މަރުހޫމުގެ ދަރަޖަ އުފުލައްވާންދޭވެ! އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ. އާމީން!

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.