ނޮވެމްބަރު ތިނެއްގެ ރަޙީނެއްގެ ދުލުން


ލިޔުނީ؛ އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

މާލޭގެ އުތުރު ފަރާތު ބަނދަރުގައި އޮތް އޮޑިދޯނިފަހަރުތަކުން މީހުން ބާލައި، އެމީހުން ޖުމްހޫރީ މައިދާނުގައި ރަހީނުކުރި ހާދިސާއަކީ “ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ” ދިން ދުވަހު ހިނގައިދިޔަ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެދުވަހު ރަހީނުކޮށްގެން ގެންގުޅުނު މީހުންގެ ތެރެއިން މީހަކާ ބައްދަލުކޮށްލައި، އެހާދިސާ ހިނގައިދިޔަގޮތާ ބެހޭގޮތުން ވާހަކަދައްކާލަން ލިބޭނެ ފުރުސަތަކަށް އަޅުގަނޑުވެސް ހުރީ ބަލަބަލައެވެ. މިއިންތިޒާރުގައި ހުއްޓައި، އެއްފަހަރަކު އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށް ކުރި ދަތުރެއްގައި އެދުވަހު ރަހީނުކުރި ބ.ދަރަވަންދޫ /ރަންހާރު، އަބްދުﷲ މުފީދުއާ ބައްދަލުވިއެވެ. މިފުރުޞަތުގައި، އެދުވަހު އޭނާއަށް ދިމާވި ކަންތައްތަކާ ބެހޭގޮތުން އޭނާއާ ސުވާލުކުރީމެވެ. ތިރީގައި އަޅުގަނޑު މިހިމަނާލަނީ، އަބްދުﷲ މުފީދު ރަހީނުކޮށްގެން ގެންގުޅުނު ގޮތާއި އޭނާއަށް އެދުވަހު ފެނުނު މަންޒަރުތަކުގެ ވާހަކައެވެ. މިވާހަކަ، އޭނާ ސިފަކުރިގޮތަށް އަޅުގަނޑު ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

ބ.ދަރަވަންދޫ، ރަންހާރު، އަބްދުﷲ މުފީދު

ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ވައިމަޑު އުޑުމަތި ސާފު، ހިތްގައިމު ދުވަހެކެވެ. އަޅުގަނޑުމެން ދިރިއުޅެމުންދިޔައީ ދަރަވަންދޫގެ ހިތްގައިމު މާހައުލުގައެވެ. އާއިލާއާއެކު އުފަލުގައެވެ. އެއްވެސް ބިރުވެރިކަމެއް ނެތެވެ. ކަންދިމާކުރިގޮތުން، އެދުވަހަކީ އަޅުގަނޑުގެ އަންހެނުންގެ ބައްޕަ (ސައްތާރުބެ) ގެ ދޯނީގެ އިންޖީނުގެ ސްޕެއަރ ޕާރޓްސް ގަންނަން މާލެދިއުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެހެންކަމުން އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންގެ ބައްޕަ (ސައްތާރުބެ) އާއި އަންހެނުންގެ ބޭބެ (އަލީ ވަހީދު) އާ ތިންމީހުން ގޭ ދޯނީގައި އެދުވަހުގެ މެންދުރުފަހު ތިނެއް ޖަހާކަންހާއިރު މާލެދިއުމަށް ދަތުރު ފެށީމެވެ. ނިޔާމަ ދަތުރަކާއެކު، މާލޭގެ އުތުރު ބަނދަރު މާރުކޭޓާ ދިމާގައި ދޯނިއެޅުމަށްފަހު އަޅުގަނޑުމެން އަވަސްވެގަތީ، ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތުގައެވެ. އެތަކެތި ގަންނަން ދިޔައީ ފަތަހަ ފިހާރައަށެވެ. އެތަނަށްގޮސް ބޭނުންވާ ތަކެތި ގަތުމަށްފަހު ޖެހިގެން އަންނަ ދުވަހުގެ ފަތިހު ދޯންޏަށް ގެންދިއުމަށްޓަކައި ފިހާރަ ތެރޭގައި އެތަކެތި އެރޭ ބެހެއްޓީއެވެ. އެއަށްފަހު އަޅުގަނޑުމެން ދިޔައީ ދޯންޏަށެވެ.

އެރޭ ދޯނީގައި ނިދާފައި ތިއްބާ ވަލު ދޫންޏެއް ގޮވާއަޑަށް އަޅުގަނޑަށް ހޭލެވުނެވެ. އަޅުގަނޑު ހީކުރީ ފަތިސް ވީކަމަށެވެ. ނަމަވެސް ގަނޑި ބަލާލިއިރު އޭރު މެންދަމުން އަލިވެ 3 ޖެހީއެވެ. އެހެންކަމުން އަނެއްކާވެސް އޮށޯވެ ދެލޯމަރާލީމެވެ. ދެވަނަ ފަހަރަށް އެރޭ ފުންމައިގެން ހޭލެވުނީ ރަށުތެރެއިން އިވުނު ބާރުގަދަ ގޮވުމަކާއެކުއެވެ. އޭރު އެއީ ގާތްގަނޑަކަށް ފަތިސް ނަމާދު ވަގުތެވެ. އަޅުގަނޑާއެކު މިއަޑަށް ބައްޕައަށާއި އަލީ ވަޙީދުއަށްވެސް ހޭލެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި އެއަޑުފަށްގަނޑެއް އިވެމުންދެއެވެ. އެއަޑަކީ ބަޑިޖަހާ އަޑުކަން އެނގުނެވެ. ފުރަތަމަ އަޅުގަނޑުމެން ހީކުރީ އެއީ ނޮވެމްބަރ 11 އަށް ސިފައިން، “ބަޑި ޕްރެކްޓިސް” ކުރަނީ ކަމަށެވެ.

މިގޮތުގައިތިއްބައި ފަތިސްވެ އަލިވިލުނުފަހުން އާދަޔާޚިލާފަށް ބަނދަރުމަތީގައި މީހުން ގިނަހެން ހީވެގެން އެދިމާލަށް ބަލަހައްޓައިގެން ތިއްބައި، ކުއްލިއަކަށް ފެނުނީ ބަޑިހިފައިގެން ތިބިބަޔަކު އޮޑިދޯނި ފަހަރުތަކުން މީހުން ބާލަމުންދިޔަ މަންޒަރެވެ. ބަޑި ހިފައިގެން އުޅޭ މީހުން ތިބި ވައްތަރުން އެއީ ދިވެހި ސިފައިން ނޫންކަން ޔަޤީންވިއެވެ. އެހެނަސް، އޭގެ ތެރެއިން މީހަކު ދިވެހި ބަހުން މުޢާމަލާތު ކުރަން ފެށުމުން ދިވެހިންގެ ބަޔަކުވެސް އެމީހުންނާއެކު އުޅޭކަން އެނގުނެވެ. އަދި ބަޑިހިފައިގެން ތިބި މީހުންގެ ތެރެއިން އިސްކޮށްހުރީ ލުތުފީއެވެ. ލުތުފީ އަކީ ދަރަވަންދޫއަށް އަރުވާލި މީހެއްކަމުން އޭނާ ފެންނައިރަށް އަޅުގަނޑުމެންނަށް އެއީ ކާކުކަން އެނގުނެވެ. ދަރަވަންދޫގައި ލުތުފީ ހުރިއިރު އޭނާއަކީ އަޅުގަނޑުމެންގެވެސް ގާތް ރަޙުމަތްތެރިއެކެވެ. ކޮންމެއަކަސް، އެމީހުން ކަންތައް ކުރަމުންދިޔަގޮތުން ކޮންމެވެސް ނުބައެއް އުޅޭކަން އަޅުގަނޑުމެންނަށް އެނގުނެވެ. އަދި މިއީ ދިވެހިންގެ ބަޔަކާއި ގުޅިގެން ބޭރުން އަރައިގެން އުޅޭ “ބައިގަނޑެއް” ކަން ޔަޤީންވިއެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ގޯދާވަރީ.

މިމީހުން، އެއްކޮޅުން ފެށިގެން އަނެއްކޮޅަށް އޮޑިދޯނިފަހަރުތަކުން މީހުން ބާލަމުންއައިސް އަޅުގަނޑުމެންނަށްވެސް ދޯނިން ފައިބަން ސަޤަރު ނާސިރު އަމުރުކޮށްފިއެވެ. ސަޤަރު ނާސިރުގެ މިއަމުރަށް އަޅުގަނޑުމެން ތިން މީހުން ދޯނިން ފޭބުމަށްފަހު، ދޯނީގައި މުދާ ހުންނާނެކަމަށްބުނެ އެކަކު ދޯނީގައި މަޑުކުރުމަށް ލުތުފީގެ ކައިރީ އެދުނީމެވެ. އެވަގުތު “ކީއްކުރަންހޭ އެންމެން އެއްކޮށްފޭބީ، ދެނެއް އަހަރެންނަކަށް ހުއްދައެއް ނުދެވޭނެޔޭ، ކަލޭމެންވެސް އަހަރެމެންނާއެކު ހިނގާށޭ” ކިޔައި ދެއަތްމައްޗަށް ނަގުވައި އެހެން ދޯނިތަކުންވެސް މީހުން ބާލަމުންގޮސް ހުރިހާ އެންމެން ޖުމްހޫރީ މައިދާނުގެ ތެރެއަށް ވަނުމަށް އެންގިއެވެ.

އެއީ ނޮވެމްބަރ ތިންވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޖުމްހޫރީ މައިދާނަށް ގެންދިއުމަށްފަހު ދެއަތް ތިރިކުރުވައި، އެތަނުގައި އިށީނުމަށް އަންގައިފިއެވެ. އަޅުގަނޑުމެން ތިބީ ބިރުންނެވެ. އެމީހުން ބުނާ ކޮންމެ ގޮތަކަށް އަޅުގަނޑުމެން ދިޔައީ ޢަމަލު ކުރަމުންނެވެ. އޭރު އެތަނުގައި އަޅުގަނޑުމެންނާއެކު ރަހީނުންގެ ގޮތުގައި ގާތްގަނޑަކަށް 300 ނުވަތަ 400 އެއްހާ މީހުން ތިބޭނެކަމަށް ލަފާކުރެވެއެވެ. އޭގެތެރޭގައި އެކިފުރާ ވަރުގެ މީހުން ހިމެނެއެވެ. 18 އަހަރު ނުފުރޭ ކުޑަކުދިންނާއި ޒުވާނުން އަދި މުސްކުޅިންނެވެ. އަޅުގަނޑަކީވެސް އެދުވަސްވަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ.

އަޅުގަނޑުމެން އެދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ތިބިއިރު، އެކަކަށްވެސް ކާއެއްޗެއް އަދި ބޯފެނެއްވެސް ނުދެއެވެ. ނަމަވެސް އެ ބޭރު “ބައިގަނޑު” ތަންތަން ލޫޓުވައިގެން ފެނާއި ކާއެއްޗެހި ގެނައި މަންޒަރު އަޅުގަނޑުމެންނަށް ފެނުނެވެ. އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށް އެތަކެތިން ކުޑަމިންވަރެއް ދީހެދިއެވެ. އެމީހުން ގެނައި ތަކެތީގެ ތެރޭގައި ކޯކު ދަޅާއި ބިސްކޯދުފަދަ ތަކެތި ހިމެނެއެވެ. އެމީހުން މިތަކެތި ގެނެސް އަޅުގަނޑުމެންގެ ކުރިމަތީގައި ބޮއެ ހަދަމުންދިޔައިރު، އެމީހުންގެ ނިވާ ފަތްގަނޑަކަށް ބޭނުން ކުރަމުން ގެންދިޔައީ އަޅުގަނޑުމެންގެ ހަށިތަކެވެ. އެމީހުން ތިބެނީ އަޅުގަނޑުމެންގެ ފަހަތުގައެވެ. ޖުމްހޫރީ މައިދާނަށް ގެނައިއިރުވެސް މާލެތެރެއިން ބަޑީގެ އަޑުފައްގަނޑު ކޮންމެވެސް ވަރަކަށް އިވިއިވި ހުއްޓެވެ. ޖުމްހޫރީ މައިދާނަށް ގެންގޮސް ބޭތިއްބިއިރު އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަންތައްތަކެއް އެމީހުން ކިޔައިދިނެވެ. އެގޮތުން އެމީހުން ބަޑިޖަހައިފިނަމަ އަޅުގަނޑުމެން އެންމެން އޮށޯންނަން ބުންޏެވެ. އޭރު އެމީހުންގެ ތެރެއިން އެއްބަޔަކު އިސްލާމީ މަރުކަޒާ ދިމާލުން ބަޑިހިފައިގެން ތިއްބެވެ. މާގިނަ އިރުތަކެއް ނުވެ އެމީހުންގެ އޯޑަރު އަތުވެއްޖެއެވެ. އެމީހުންގެ ތެރެއިން މީހަކު، އިސްލާމީ މަރުކަޒާ ދިމާލަށް ބަޑި ދިއްކޮށްގެން ހުރެ، ބަޑިޖަހަން ފެށުމުން ބިރުން އެންމެން އޮށޯތެވެ. އަޅުގަނޑުވެސް އޮށޯތީމެވެ. މިގޮތުގައި ގާތްގަނޑަކަށް މެންދުރު ވަންދެން މިތަނުގައި ތިބެން ޖެހުނެވެ. އޭރު ޖުމްހޫރީ މައިދާނުގައި ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ބިރުން ވަޅުކޮޅެއް ކޮނެ ބޯ ކޮށްޕައިގެން ތިބި މަންޒަރުވެސް އަޅުގަނޑަށް ފެނުނެވެ. މެންދުރު އަތަށް އެޅުމުން ބަޑި ހިފައިގެން ތިބި ބޭރު މީހުންތައްވެސް ކާއެއްޗެއްސަށާއި ބޯފެނަށް ބަލިވެފައިވާކަން އެމީހުންނަށް ބަލައިލުމުން އެނގުނެވެ. އެދުވަހަކީ އިންތިހާއަށް ހޫނު ދުވަހެއްކަމުން އަޅުގަނޑުމެންވެސް ތިބީ އެމީހުންނެކޭ އެއްފަދައިން ފެނަށް ބަލިވެފައެވެ. އެހެންކަމުން އަޅުގަނޑުވެސް ފެނަށް ބަލިވުމުން މީހުން ގަނޑުތެރެއިން މަޑުމަޑުން ފިރުކެމުންގޮސް ހުސްކޮށްފަ ހުރި ކޯކުދަޅެއް ބަނޑުދޮށަށް ލައިގެން އެތާނގަ ހުރި ތާނގީއަކަށް ބާނައިގެން ވަރަށް މަސައްކަތުން ފެންފޮދެއް ލިބުނެވެ. މިލިބުނު ފެންފޮދު އެތާތިބި ބައެއް މީހުންނަށް ދީގެން ބޮމުން ދިޔައީމެވެ. އޭރު އެންމެންވެސް ތިބީ ފެނަށް ބަލިވެފައިކަން އެނގެއެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ނާކާމިޔާބުވެ، ތަމަޅަ ހަނގުރާމަވެރިން މާލޭން ފައިބައިގެން ދިއުމަށް ފަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ.

އެދުވަހުގެ މެންދުރުފަހަށް އެޅިއިރު، އަޅުގަނޑުމެން ރަހީނުކޮށްގެން ތިބި ތަމަޅަ ބާޣީންގެ ތެރެއިން ބަޔަކު، މަދުވާހެން ހީވާން ފަށައިފިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ތަމަޅަ ބަސް ދަންނަ މީހަކު އަޅުގަނޑުމެންނަށް އިޝާރާތްކޮށް ދޮށިމޭނާ ބިލްޑިންގ (އޭރު ސަގަރޭ ޕާކްގައި ހުންނަ ޢިމާރާތެއް) ކައިރިއަށް ހިޔަލަށް އައުމަށް އެދުނެވެ. އެވަގުތު ޖުމްހޫރީ މައިދާނުގައި ތިބި މީހުން މަޑުމަޑުން ހިޔަލަށް ޖެހެން ފެށިއެވެ. މިގޮތުގައި އެތާނގައި ތިއްބައި، ބައެއް ޒުވާނުން ފިލަންވެގެން މަޑުމަޑުން ބޮނދައިގެންގޮސް ޖެޓީއާ ދިމާލަށް މޫދަށް ފުންމާލި މަންޒަރުވެސް ފެނުނެވެ. މިގޮތަށް މީހަކު ފިލައިގެންގޮސް ޖެޓީން މޫދަށް ފުންމާލަނިކޮށް އެމީހާގެ ގަޔަށް އަމާޒުކޮށް ބާޣީން ބަޑިޖެހިއެވެ. ނަމަވެސް ﷲގެ އިރާދަފުޅުން ބާޣީންގެ ކިބައިގެން އޭނާ ސަލާމަތުން ފިލައިގެންދިޔައެވެ. އޭރުވެސް މާލެތެރެއިން ބަޑީގެ އަޑުފަށްގަނޑު ނުހުއްޓެއެވެ. މިވަނީ ކީއްކަމެއް އޭރުވެސް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. މިގޮތުގައި އެތައް އިރަކު އަޅުގަނޑުމެން ތިބީމެވެ.

އެދުވަހުގެ އިރުއޮއްސުނުއިރު، ބާޣީންގެ ތެރެއިން މީހުންތައް މަދުވަމުންގޮސް، އެއްވެސް މީހަކު ޖުމްހޫރީ މައިދާނަކުން ފެންނާކަށެއް ނެތެވެ. ބަޑީގެ އަޑުފަށްގަނޑު އޭރު އޮތީ މަޑުވެފައެވެ. އިރުއޮއްސުމުން އަޅުގަނޑުވެސް މަޑުމަޑުން ފިރުކެމުންކަހަލަ ގޮތަކަށް ޖުމްހޫރީ މައިދާނުން އަތިރިމައްޗާއި ދިމާލަށް ނިކުމެ ބަލައިލީމެވެ. އެއްވެސް ތާނކުން އަލިކަމެއް ފެންނާކަށެއް ނެތެވެ. މާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ރާއްޖެއަށް އެހީވާން އައި އިންޑިއާ ސިފައިންގެ ބަޔަކު މާލޭގައި.

މިގޮތުގައި ވަގުތުތައް ގުނަމުން ދަނިކޮށް އެރޭގެ ދަންވަރުގެ ވަގުތެއްގައި، ހުޅުލެއާ ދިމާލުން ސިއްރިޔާތުގައި ބޯޓެއް ޖެއްސި މަންޒަރު ފެނުނެވެ. އޭރު ހުޅުލެއިންވެސް އެއްވެސް އަލިކަމެއް ނުފެނެއެވެ. އެދިމާލަށް ނަޒަރު ހުއްޓިފައި ހުއްޓާ އޭގެ އިރުކޮޅެއް ފަހުން އިތުރު ބޯޓެއްވެސް ޖެއްސިތަން ފެނުނެވެ. ދުރުދުރުން ބަލާ މީހަކަށް ފަހަރުގައި މިކަން ސިފަ ނުކުރެވިދާނެއެވެ. އެހެންކަމުން އަޅުގަނޑު ހީކުރީ އަނެއްކާވެސް ތަމަޅައިންގެ އިތުރު ބަޔަކު ރާއްޖެ ހިފަން އައީކަމަށެވެ. މިކަމާ ވަރަށް ބިރުންހުރެ ޖުމްހޫރީ މައިދާނަށް ވަނީމެވެ. އަދި އެތަނުން ތަމަޅައިންގެ މީހެއްގެ ހިލަމެއް ނުވުމުން އަޅުގަނޑުވެސް ގަސްތުކުރީ ފިލައިގެން އަވަހަށް ދޯންޏަށް އަރައިގެން މާލެއިން ފުރާށެވެ. އެހެންކަމުން އަޅުގަނޑުގެ އަންހެނުންގެ ބައްޕަ އާއި އަންހެނުންގެ ބޭބެ އަލީ ވަހީދު ކައިރީ އަޅުގަނޑާއެކު ފުރަން ހިނގާށޭބުނެ އެމީހުން ގޮވައިގެން ދޯންޏާ ދިމާލަށް ދުއްވައިގަތީމެވެ. އެވަގުތު ޖުމްހޫރީ މައިދާނުގައި ތިބި މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ދޯނިތަކަށް އަރައި ވާކަނޑާލައިގެން ފުރަމުންދާ މަންޒަރު ފެނުނެވެ. އެހެންވެ އަޅުގަނޑުމެން ދޯންޏަށް އެރުމާއެކު ދޯނީގެ ވާކަނޑާލުމަށްފަހު ދޯނި ސްޓާޓްކޮށްލިތަނާ މޫދަށް އެރިގެން ދޯނީގައި އެލިގަނެގެން “މަ ގެންދާށޭ” މީހަކު ގޮވާލިއެވެ. އެވަގުތު “ދާންހުރި މީހަކުވިއްޔާ އަރާށޭ” ބުނުމުން އެހެން ރަށެއްގެ ދެތިން މީހަކުވެސް ދޯންޏަށް އަރައިފިއެވެ. ދޯނި ނެރުން ނިކުންނަން ދިމާކުރިއިރު ގިނަ ޢަދަދެއްގެ ދޯނިތައް ވަނީ ނެރާ ދިމާގައި ތޮށްޖެހިފައެވެ. އެހެންކަމުން ދަތި އުދަގޫގޮތަކަކާއެކު ދޯނި ނެރުމަށްފަހު އަޅުގަނޑުމެން ފުރަތަމަ މިސްރާބްޖެހީ ދެބަޑޮސް ދޭތެރެއިން ތުޅާގިރިއާ ދިމާލަށެވެ. އެއީ ކަޅު އަނދިރި ރެއެކެވެ. ނަމަވެސް އެރަށާ ކައިރިވުމުން އެރަށުން ކޮންމެވެސް ވަރަކަށް އަލި ފެންނަން ހުރުމުން މިއީ ނުބައެކޭ ހިތަށް އަރައި އެރަށަށް ނާރަންވެގެން އެރަށާއި ދުރުނޫން ހިސާބެއްގައި އޮންނަ ހަލެއްގައި މަޑުކޮށްގެން އެރޭ ތިބީއެވެ. ދެން އެރޭގެ ފަތިހު އަލިވިލެން ކައިރިވުމުން ކ.ހެބަނދުއަށް ދިއުމަށް މިޝްރާބް ޖެހީއެވެ. އެއީ އެރަށުގައި ރައްޓެހިން ތިބުމާއެކު، ކަމުގެ ހަޤީޤަތްވެސް އޭރު ނޭނގޭތީއެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ސަރަގު އަހުމަދު ނާސިރު ހައްޔަރުކޮށްގެން މާލެ ގެނެސް ސިފައިންގެ ގެއަށް ގެންދަނީ: މިހާރު ވަނީ މިނިވަންވެފައި

އެރަށަށް ދިއުމުން އިންޑިޔާ ސިފައިން މާލެ އައިސްފިކަމާއި ރޭގަ ހުޅުލެއަށް ޖެއްސީ އިންޑިޔާ ސިފައިންކަން ބޯޓެއްކަން އެނގުނެވެ. އަދި ތަމަޅަ ބާޣީން، ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ފިލަންހިގައްޖެ ކަމަށާއި، އޭގެ ތެރޭގައި އަޅުގަނޑުމެންނާއެކު ޖުމްހޫރީ މައިދާނުގައި ގެންގުޅުނު ބަޔަކުވެސް ހިމެނުނުކަމުގެ ޚަބަރުވެސް ލިބިއްޖެއެވެ. ރަހީނުކޮށްގެން ގެންދިޔައީ، ޖުމްހޫރީ މައިދާނުގައި އަޅުގަނޑުމެން ތިބިއިރު ވަކިކޮށްގެން ގެންގުޅުނު ބައެކެވެ. ތަމަޅަ ބާޣީން އަތުލުމަށް އިންޑިޔާ މަނަވަރެއް މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތުވެސް ލިބުނީ އެރަށުންނެވެ. އެހެންކަމުން، މިހާރު ބާޣީންގެ ނުރައްކަލެއް މާލެއަކު ނޯންނާނޭ ހިތައި، އަޅުގަނޑުމެން ގަސްތުކުރީ އެނބުރި މާލެގޮސް ދޯނީގެ ސްޕެއަރޕާރޓް ހިފައިގެން އެނބުރި ރަށަށް ދިއުމަށެވެ. އެގޮތުން އެނބުރި މާލެއައިސް ދޯނިން ފައިބައިގެން ރަށުތެރެއަށް ހިނގާގައިތަނާ، ބަޑިހިފައިގެން ތިބި އިންޑިޔާ ސިފައިންގެ ބަޔަކު އަޅުގަނޑުމެން މަޑުކުރުވިއެވެ. އެމީހުން އަޅުގަނޑުމެން ޗެކްވެސް ކުރިއެވެ. އެހެނަސް، އަޅުގަނޑުމެން ނުހިފަހައްޓައެވެ. އެހެންކަމުން ފަތަހަ ނައީމް ހޯދައިގެން ފިހާރައަށް ގޮސް އަޅުގަނޑުމެން ގަތް ތަކެތި ފިހާރައިން ނަގައިގެން ދޯނީގައި ރަށަށް ދިއުމަށް ފުރީއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.