ކާބޯތަކެތީގެ އަގުތައް އަދިވެސް އަތްނުފޯރާ ފަށުގައި

ބާޒާރުމަތީ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި ތަކެތި ބަޔަކު ބަލަނީ. ފޮޓޯ: އަފްރާޙް
ބާޒާރުމަތީ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި ތަކެތި ބަޔަކު ބަލަނީ. ފޮޓޯ: އަފްރާޙް

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ކެއުން ބުއިމަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ގިނަ ޚަރަދުތަކެއް ކުރަން ޖެހޭ މަހެއްވެސް މެއެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކާބޯ ތަކެތީގެ އަގު ބޮޑުވުމެވެ. އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެތިވެސް އަތްނުފޯރާ ފަށަށް އަރައިގެން ދިއުމެވެ. މިކަން ވިސްނާ ފިކުރުކުރާ ބަޔަކަށް ވާނީ ބޮޑު އަރަތަކަށް ކަން ޔަގީނެވެ.

ސަބަބުތައް ބައިވަރެވެ. ރަމަޟާން މަސް ފެށެން ދެ ހަފުތާ ނުވަތަ އެއް ހަފުތާ ނުވަތަ އެއް ދުވަހަށްވެފައި ވަނިކޮށް ހުރިހާ ވިޔަފާރިވެރިންގެ ސްޓޮކް އެއްފަހަރާ ހުސްވުން، އެންމެ ފަހުން ގެންނަ ސްޓޮކްގެ އަގު ބޮޑުވުން މިހެންގޮސް އެތައްް ސަބަބުތަކެއް، އެތައް ބަހަނާތަކެއް ފެންމަތި ކުރުވާނެ އެވެ.

މިގޮތުން މި އަހަރުގެ ރަމަޟާން މަސްވެސް ފެށުމުގެ ކުރިން ބާޒާރުގައި ހުރި ތަކެތީގެ އަގު މިވަނީ އަށްޑިހަ ޕަސެންޓަށް ވުރެ މައްޗަށް އަރާ ޢާންމު ފަރުދުންނަށް ކެތްނުކުރެވޭ ވަރަށް ގޮސްފައެވެ. އަދި މީގެ އިތުރުން ގިނަ ތަކެތި ހުސްވެފައިވާ ކަމަށްވެސް ގިނަ ވިޔަފާރިވެރިން އަންނަނީ ބުނަމުން ނެވެ. އެންމެ ކުޑަމިނުން ބޯން ބޭނުންކުރާ ފެނުގެ އަގުވެސް މިވަނީ ރޯދަމަސް ފެށުމުގެ ކުރިން ބޮޑުވެފަ އެވެ. އަދި ޢާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި، ކުކުޅުބިހުގެ އަގުތައް ވަނީ އެތައް ގުނައަކަށް އަރައިގެން ގޮސްފަ އެވެ. މީގެ އިތުރުން ތަރުކާރީ އާއި މޭވާ އަދި ކަނޑުމަހުގެ އަގު މިވަނީ އިންތިހާޔަށް ބޮޑުވެފަ އެވެ.

ރޯދަމަހު ޢާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯ އާއި ރާއްޖޭގެ އަމިއްލަ ބައެއް ވިޔަފާރިވެރިން ރަމަޟާން މަހަށް ބޭނުންވާ ބައެއް ތަކެތި އެތެރެ ކޮއްފައިވާ އިރު، އެފަދަ ތަކެތީގެ އަގުވެސް މިވަނީ އެހެނިހެން ރަމަޟާން މަހެކޭ އެއްފަދައިން ޢާންމު ޖީބުތަކަށް ނުކަތާ ވަރުވެފަ އެވެ. ޚާއްސަކޮށް އަގުގެ ތަފާތު ބޮޑުކަން ފާހަގަ ކުރެވެނީ ބާޒާރުމަތީގެ ފިހާރަތަކަށް ވުރެ ރަށުތެރޭގައި ހުންނަ ފިހާރަތަކުން ނެވެ. ބާޒާރު މަތީގެ ފިހާރަތަކުންނާއި އެސްޓީއޯ ފަދަ ތަންތަނުން ހޯލްސޭލްކޮށް މުދާ ގަނެގެން ބޮޑު އެތަކެތި ބޮޑު އަގުގައި ވިއްކަމުން ދާ ކަމީ އެއްވެސް މީހަކު ދެބަސް ނުވާނެ ޙަގީގަތެކެވެ.

އެހެން ނަމަވެސް ސުވާލަކީ މިފަދަ ކަންކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން ކުރަނީ ކޮން ކަމެއްބާއޭ؟ ކޮންމެ ވިޔަފާރިވެރިޔަކުވެސް އަނެއް ވިޔަފާރިވެރިޔަކު ދުރާލާ ވިސްނާ މުދާ ގެނެސްފައި ހުރިނަމަ މިގޮތަށް ތަކެތީގެ އަގު ބޮޑުނުވީސްކަމަށް ބުނުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ މީހާ އެކަމަށް ތައްޔާރުވުން ބުއްދިވެރިވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެހެން ނޫނީ ބޯޅަ އޮންނާނީ އަބަދުވެސް ބައިކޮޅުގަ އެވެ.

ސިޔާސީ އިސް ފަރާތްތަކުންވެސް ނުފުއްދޭވަރުގެ ވަޢުދުތައް ވަމުންދާ އިރު، ރައްޔިތުންގެ ޙާލާ މެދު ވިސްނަނީ ކިތައް ބޭފުޅުންބާ؟ ވިޔަފާރިވެރިންގެ ސްޓޮކްތައް އެއްފަހަރާ ހުސްވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށްބާ؟ ނޫނީ މިއީ ނިކަމެތި ރައްޔިތުންނަށް އަބަދަށްވެސް ހުރި ގޮތްބާ؟

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. sana

    ނޫނޭ މިހާރު ވަރައް ހެޔޮ ކުރިޔައްވުރެ މާބޮޑަށް ،މިރޯދަމަހާ ކުރީ ރޯދަމަހާ އެއްވަރައް ތަކެތީގެ އަގު އަދި ދުވަހަކުވެސް ހެޔޮނުވޭ އެމް ޑީ ޕީ ވެރިކަމުގައި އަހަރެމެންތިބީ ނުކައި ނުބޮއި ތަކެތި އަގުބޮޑުކަމުން އުމަރު ނަސީރުމެން މާސް ސަލީމްމެން އިއްތިހާދު އިމްރާންމެންފަދަ ބޭބޭފުޅުންގެ ހެޔޮފުޅުކަމުން މިރޯދަމަހާ ކުރީފަހަރުގެ ރޯދަމަހު އެއްޗިހީގެ އަގައައް އައި ހެޔޮބަދަލައް މިބޭބޭފުޅުންނައް ޝުކުރުވރިވަން އެބޭފުޅުން އަތްފޯރާފަށައް އަގުތައް މިއޮތީ ތިރިކޮށްދެއްވާފައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.