ސްޕީޑެއްނެތް ސްޕީޑް

އިންޓަރނެޓަކީ މިއަދުގެ ދުނިޔޭގައި ދިރިއުޅުމުގެ އަސާސީ ޚިދުމަތަކަށް ވެފައިވާ، އެއާ ނުލާ ދިރިއުޅުން އުދަގޫވާނެ ޚިދުމަތެކެވެ. 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިންޓަރނެޓް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނުން އިތުރުވެ، މިހާރު 2 ބިލިއަނެއްހާ މީހުން އިންޓަރނެޓް ބޭނުންކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދިވެހިރާއްޖޭގައި ވެސް އިންޓަރނެޓް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އެއްލައްކައަށް ވުރެ އިތުރުވެފައެވެ. މިގޮތުން އާންމު ޚިދުމަތްތައް ލިބިގަތުމަށާއި، ތަޢުލީމު ހޯދުމަށާއި، މުނިފޫހިފިލުވުމުގެ އިތުރުންވެސް އެކިއެކި ބޭނުންތަކަށް އިންޓަރނެޓް ކޮންމެ ދުވަހަކުހެން ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

ދިވެހިރާއްޖޭގައި އިންޓަރނެޓް ޚިދުމަތުގެ އަގުވެސް ކުރިއާ އަޅާބަލާއިރު އަތްފޯރާފަށުގައި ހުރިކަން ފާހަގަކުރެވެއެވެ، އަދި ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކަށް މި ޚިދުމަތް ފޯރުކޮށްދެވޭކަމީ ޒަމާނީ ތަރައްޤީ ހޯދުމުގައި ދިވެހިރާއްޖެއިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ސަރަޙައްދުތަކާ އަޅާބަލާއިރު އިންޓަރނެޓް ޚިދުމަތުގެ އަގު ރާއްޖޭގައި ބޮޑުކަމަށް ފާހަގަކުރެވެއެވެ. މިގޮތުން ޖަޕާނުގައި އެވްރެޖްކޮށް 1 އެމް،ބީ.ޕީ.އެސް. ގެ މަހުފީއަށް 5 ރުފިޔާވަރު ޚަރަދުވާއިރު، ޔޫރަޕްގައި މި ޚިދުމަތުގެ އަގު އެންމެ ބޮޑު އެއް ޤައުމުކަމަށްވާ ޕޮލެންޑުގައި 200 ރުފިޔާ ޚަރަދުވެއެވެ.

އިންޓަރނެޓް ބޭނުންކުރާ އާބާދީގެ ނިސްބަތަށް ބަލާއިރު ދިވެހިރާއްޖޭގެ އާބާދީގެ ތިރީސް އިން ސައްތަ މީހުން އިންޓަރނެޓް ބޭނުންކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، ޔޫރަޕުގެ ހުރިހާ ޤައުމުތަކެއްގައިވެސް މިނިސްބަތް އުޅެނީ ފަންސާސް އިންސައްތައަށް ވުރެ މަތީގައެވެ. މިގޮތުން އިންޓަރނެޓް އެންމެ ގިނައިން ބޭނުންކުރާ އައިސްލެންޑް، ނޯރވޭ އަދި ނެދަލެންޑްސްގެ ނުވަދިހަ އިންސައްތަ މީހުން އިންޓަރނެޓް ބޭނުންކުރެއެވެ.

ދެންއޮތީ ސްޕީޑުގެ ވާހަކައެވެ. އިންޓަރނެޓް ސްޕީޑު އެންމެ ހަލުވި ޤައުމުކަމަށްވާ ޖަޕާނުގައި އެވްރެޖް ސްޕީޑަކީ 61 އެމް.ބީ.ޕީ.އެސް. ކަމަށްވާއިރު، ޔޫރަޕް ޤައުމުތަކުގެ އެވްރެޖް ސްޕީޑަކީ 5 އެމް.ބީ.ޕީ.އެސް. އެވެ. ދިވެހިރާއްޖޭގައި އިންޓަރނެޓް ސްޕީޑުގެ ހަލުވިމިން 1 އެމް.ބީ.ޕީ.އެސް. އަށް ވުރެ ދަށެވެ. ގިނަ އިންޓަރނެޓް ކަނެކްޝަންތަކުން، ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ކަނޑައަޅާފައިވާ ސްޕީޑުވެސް ނުލިބޭ މައްސަލައަކީ އިންޓަރނެޓް ބޭނުންކުރާ އެންމެންގެ ޝަކުވާއެކެވެ. ސްޕީޑްޓެސްޓް.ނެޓް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ އެވެރެޖް އިންޓަރނެޓް ސްޕީޑަކީ 571 ކޭބީޕީއެސް އެވެ. ނުވަތަ އެމްބީޕީއެސް އެއްގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. ދުނިޔޭގެ ނިސްބަތުން 130 ވަނައެވެ، މިއީ ބަނގްލަދޭސް ފަދަ ފަގީރު ޤައުމުތަކަށް ވުރެ ދަށް ވަނައެކެވެ. މިއީ ލަދުވެތިވާން ޖެހޭފަދަ ވަނައެކެވެ.

ދިވެހިންނަކީ ޒަމާނީ ޓެކްނޮލޯޖީއަށް ވަރަށް ދޯޅު ބަޔެކެވެ. އަދި ޒަމާނީ ކުރިއެރުންތައް ބަލައިގަންނަ، އެއަށް އަހުލުވެރި ބަޔެކެވެ. ވީމާ، މިފަދަ މުޖުތަމައުއަކަށް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެވޭ އިންޓަރނެޓުގެ ޚިދުމަތަކީ ވަރަށް މުހިންމު ވަސީލަތަކެވެ، ދިވެހިން އެދެނީ އިންޓަރނެޓުގެ ޚިދުމަތް އަތްފޯރާފަށެއްގައި ލިބުމުވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މިޚިދުމަތް ލިބި، ހުރިހާ ދިވެހިންނަށް ލިބުމެވެ، ދިވެހިން އެދެނީ މިއަށްވުރެ ރަނގަޅު ސްޕީޑެއްގައި މިޚިދުމަތް ލިބުމެވެ. އެންމެ ކުޑަމިނުން މިހާރު ލިބޭނެކަމަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން “ބުނާ” ސްޕީޑުގައި ލިބުމެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.