ދޮންބައްޕަ އަކަށްވުން – މުހިންމު ޒިންމާއެއް

ކުދިންތަކެއްގެއްގެ މަންމައަކާއި ކައިވެނިކުރުމަކީ ވަރަށް ބޮޑުކަމެކެވެ. އެއީ ކައިވެނިކުރާ ދުވަހުން ފެށިގެން އާއިލާއެއްގެ މަސްއޫލިއްޔަތު އުފުލުމަށް ތައްޔާރުވުންފަދަ ކަމެކެވެ. ކައިވެނިކުރަން އުޅޭ އަންހެން މީހާގެ ކުދިން އެކުދިންގެ ބައްޕަގެ ގޮތުގައި އަލަށް ފެންނަ މީހަކު ޤަބޫލުނުކުރުން ވަރަށް އެކަށީގެންވެއެވެ. ވާނީ ވެސް އެހެންނެވެ. ދޮންބައްޕައެއްގެ ހައިސިއްޔަތުން އެކުދިންގެ އިހްސާސްތައް ބައެއް ފަހަރު އެންމެ ފުރިހަމަގޮތުގައި ނޭނގޭނެއެވެ. ކުދިންނާ ދޮންބައްޕައާދެމެދު މައްސަލަޖެހުމަކީ ވަރަށް ގިނަ އާއިލާތައް ހިތާމައިގެ އަނދަވަޅަށް ވެއްޓެން މެދުވެރިވާ އެއްސަބަބެވެ. އެހެންކަމުން މިފަދަ ފިރިހެނުން ޤަބޫލުކުރަންޖެހޭ ވަރަށް ގިނަ ހަޤީގަތްތަކެއްވެއެވެ. ދޮންބައްޕައެއް ކުދިންނަށް ރަގަޅުނުވެދާނެ އެވެ. ނޫންނަމަ ބައްޕައަކަށް ނުވާމީހަކަށް ކުދިން ހިތްހަމަޖެހޭ ގޮތަކަށް ކަންތައްކުރަން ނޭނގިވެސް ދާނެއެވެ. އެހެންކަމުން މިފަދަ ދިރިއުޅުމަކާ ކުރިމަތިލާއިރު ފިރިހެނުން ހަނދާނުގައި ބަހައްޓަންޖެހޭ އެތައްކަމެއް ވެއެވެ.

އަނބިމީހާއާއި ކުރީގެ ފިރިމީހާއާ ދެމެދުގައިވާ ގުޅުމަކީ ވެސް މުހިއްމު ގުޅުމެކެވެ. އެއީ އޭނާގެ ދަރިންގެ ބައްޕައަށްވާތީ އޭނާޔާ ވާހަކަ ނުދައްކާ ވެސް ހުރެވޭނެ ޖާގައެއް ނޯންނާނެއެވެ. ދަރިންގެ ކަންތައްތަކުގައި ކުރީގެ ފިރިމީހާއާއި މަސްވަރާކުރަންވެސް ޖެހޭނެއެވެ. އެހެންކަމުން ކުދިންގެ ބައްޕައާ ވާހަކަދައްކާ ކޮންމެ ފަހަރަކު ރުޅި އައިސް އެއްޗެހި ކިޔާ ހަދަން ފަށައިފިނަމަ އިސާހިތަކު އާއިލާގެ ތެރޭގައި މައްސަލަ ޖެހެން ފަށާފާނެއެވެ. އަނބިމީހާގެ ކުދިންގެ ބައްޕައަށް އިޙްތިރާމްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަނބިމީހާ އޭނަގެ ކުރީގެ ފިރިމީހާއާ ދެމެދު އޮންނަ ގުޅުމާމެދު ޝައްކު ކުރެވޭނަމަ ރުޅިއައުމުގެ ބަދަލުގައި ރަގަޅަށް އޮޅުންފިލުވަން އާދަކުރާށެވެ. އަދި އަނބިމީހާގެގެ ދަރިންނަކީ ތިމާގެވެސް ދަރިންކަމުގައި ހެޔޮ ހިތުން ޤަބޫލުކުރާނަމަ އެކުދިންނަށްޓަކައި ވެސް ކުދިންގެ ބައްޕަޔާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އަނގައިން ބުނެލަން ފަސޭހަ ކަމަކު މިއީ ކުރަން އުދަނގޫކަމެކެވެ. އެހެން ނަމަވެސް މިކަމަށްމަސައްކަތްކުރަން ޖެހޭނެއެވެ.
ތިމާގެ އަސްލުދަރިންނަށް ނުވީތީވެ ދޮންދަރިން ތިމާއާމެދު ދެކޭގޮތް ދެނެގަންނަން ދުވަސްކޮޅެއް ނަގާނެއެވެ. ކިތަންމެ އެކުވެރިކޮށް އުޅުނުކަމުގައި ވިއަސް އެކުދިންގެ ބައްޕަގެ މަޤާމު ދޮންބައްޕައަށް ލިބޭނެކަމުގައި އުއްމީދުނުކުރާށެވެ. އެހެނީ ބައްޕައާ މަންމަ ވަކިވުމުން އެކުދިންނަށް އެކަމުގެ ހިތި އަސަރުތައް ވެސް އިހްސާސްކުރެވޭނެއެވެ. އެހެންކަމުން އެފަދަ ކަންތައްތަކުގައި އެކުދިން އަބަދު ކުށްވެރިކުރުން ރަނގަޅެއްނޫނެވެ. އަދި އެކުދިންގެ ބައްޕަ އެކުދިން ގެންގުޅުނު ގޮތާއި ތިމާ ގެންގުޅޭ ގޮތާ ތަފާތުވުމުން ޝަކުވާކުރުން ފަދަ ކަންތައް ހުންނާނެއެވެ.

ކުދިން ކުރާ ކަންތައް ހިތުގައި އަބަދު ބާއްވައިގެން ހުރުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. ތިމާ ހިތްހަމަނުޖެހޭ ކަމެއް އެކުދިންގެ ފަރާތުން ފެނުމުން އެކުދިންނާ ދޭތެރޭ ހިތްނުބައިކޮށް ހަސަދަވެރިކަން ބޭއްވުމަކީ ގޯސްކަމެކެވެ ހަމަޔަޤީނުން ވެސް އަމިއްލަ ދަރިއަކު އެފަދަ ކަމެއްކުރި ނަމަ އެއްވެސް ބައްޕައަކު ހިތްނުބައި ނުކުރާނެއެވެ. ވީއިރު ދޮންދަރިންނަށް ވަކި ގޮތެއް ހެދުމުގެ ބޭނުމެއްނެތެވެ. އެހެންކަމުން ކިރިޔާކަމެއް ވާއިރަށް އަނބިމީހާގެ ކަންފަތަށް އެއަޑު އިއްވާ ކުދިން ގޯސްކުރުމަކީ ހައްލެއްނޫނެވެ. އެފަދަ އަޑުތައް އިވި އަނބިމީހާ ކުދިންނާ ދިމާލަށް އެއްޗިހި ކިޔަންފަށައިފިނަމަ އާއިލާގެ ތެރޭގައި ވަރަށްބޮޑެތި މައްސަލަ ތަކެއް އުފެދިގެން ދާނެއެވެ.

ދޮންބައްފައަށް އިހްތިރާމްނުކުރުމަކީ ވެސް ބައެއް ފަހަރު ދޮން ދަރިންގެ ކިބައިން ފެންނަ ސިފައެކެވެ. ނަމަވެސް ދޮންބައްޕަ އެ ކުދިންނާމެދު ގޯސްކޮށް ކަންތައް ކުރުން ލާޒިމެއްނޫނެވެ. އެކުދިންނަށް އިހްތިރާމްކުރުމުން އެކުދިން ވެސް މަޑުމަޑުން ތިމާއަށް ޤަދަރުކުރަން ފަށާނެއެވެ. ހުރިހާ ކަމަކަށް އަމުރުކުރުމުގެ ބަދަލުގައި އެ ކުދިންގެ އިހުސާސްތައްވެސް ދަނެގަނެގެން ދިރިއުޅުން ބައްޓަން ކުރާނަމަ ދުވަހެއް ދުވަހަކަށް ދެފަރާތުގައި އޮންނަ އޯގާތެރިކަންވެސް ދާނީ ބޮޑުވަމުންނެވެ.

އަމިއްލަ ދަރިއަކަށް ނުވާތީވެ މަދުން ނަމަވެސް މުޖްތަމައުން ފެންނަން ބޭނުންނުވާ އެތަށް މަންޒަރެއް މިފަހަކަށްއައިސް ދަނީ ފެންނަމުންނެވެ. ދޮންދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ހުތުރު އަމަލުތައް ބައެއް ދޮންބައްޕައިންގެ ފަރާތުން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން މުޅިއާއިލާގެ ކަރާމާތްތެރިކަން ގެއްލި އިންސާނީ ހައްގުން މުޖުތަމައު މަހްރޫމް ވުމަކީ ދުރުކަމެއްނޫނެވެ. ވީމާ އާއިލާގެ ތެރޭގައި އަމާން ވެއްޓެއް ގާއިމްކުރުމަށްޓަކާ ދޮންބައްޕައެއްގެ ޒިންމާއަކީ އަސްލު ދަރިފުޅުގެ ބައްޕައަށްވުރެ ޒިންމާދާރު މަސައްކަތެއް ކަމުގައި ދެކެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.