“ފަސޭހަ” ނެތުމުންވާ އުނދަގޫ

އިންސާނާއަށް ފަސޭހަކޮށްދޭ ކޮންމެ އެއްޗެއް އެ އިންސާނާއަށް ގެއްލުމުން ނުވަތަ އެ ފަސޭހައިން މަހުރޫމުވުމުން އޭގެ އުނދަގޫ ނުވަތަ ހިތްދަތިކަން މެދުވެރި ކުރުވަ އެވެ. މިގޮތުން އޭދަފުށީގައި ދުއްވި މާލެ ދަތުރުކުރާ ބޯޓް “ފަސޭހަ” ނެތުމުން އެކަމުގެ އުނދަގޫ އޭދަފުށީގެ ގިނަ ބަޔަކަށް މިއަދު މިވަނީ އިހުސާސް ކުރަން ޖެހިފައެވެ. މިދެންނެވި ބޯޓް މިދިޔަ ރޯދަމަހުގެ ފަހުކޮޅު އެހެން ބައެއްގެ އަތްމައްޗަށް ދިއުމުން މީގެ ހަތަރު އަހަރުކުރިން މާލެ ދަތުރު ކުރަމުންއައި ބޯޓް މިހާރު ދުއްވަނީ ރ. އަތޮޅު އަލިފުށީގަ އެވެ.

ފަސޭހަ ކަމާއެކު މީހުން ތިބޭގޮތަށް ދެ ބުރިއަށް ހަދާފައިވާ މި ބޯޓަކީ ހަފްތާއަކު އެއްފަހަރު މާލެއަށް އަދި މާލެއިން އޭދަފުއްޓަށް ގަވައިދުން ދަތުރުކުރަމުންއައި ބޯޓެކެވެ. ގާތްގަނޑަކަށް 200 ވަރަކަށް މީހުން އުފުލޭ 80 ފޫޓްގެ ހުދުކުލައިގެ މި ބޯޓަކީ ގަޑިއަކު 12 މޭލު ބާރުމިނުގައި ދުވާ ބޯޓެކެވެ.

1980 ގެ ތެރޭގައި “ކަނޑުރޯދި” ނަމުގައި ބ. އޭދަފުށީ ހިކިފިނިފެންމާގޭ އަބްދުލްޣަފޫރު މުހައްމަދު، މާލެ ދަތުރުކުރަންފެށި ދޯނި ގިނަ އަހަރު ދުއްވުމަށްފަހު އެ ދޯނީގެ ބަދަލުގައި އާ ބޯޓެއް ބަނދެ “ފަސޭހަ ބޯޓު” ގެ ނަމުގައި މި ދެންނެވި ބޯޓު ދުއްވަން ފެށީ 2007 ވަނަ އަހަރުގަ އެވެ. ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ފަރުމާކޮށް ބަނދެ، ދަތުރުފެށި ފަސޭހަ ބޯޓުން އޭދަފުށީގެ ކޮންމެ ގެއަކަށްވާނީ އެ ބޯޓުގެ ޚިދުމަތް ލިބިގެންފަ އެވެ. ތަނަވަސް ހިޔާ ގަޑުގައި ގޮނދަޑި ނުވަތަ ބެޑްޝީޓް އަޅާލައިގެން ނިދާލެވުމާއި، ބޭނުންނަމަ ސަރަންފީ ގޮނޑީގައި ވެޑުވިގެން އިނުންފަދަ ފަސޭހަ ބޯޓެއް އޮތުމުން އެ ބޯޓުގެ ހިދުމަތް ރައްޔިތުން ހޯދީ ހަމައެކަނި މުދާ އުފަލުމާ މާލެ ދަތުރުކުރުމަށް އެކަންޏެއް ނޫނެވެ. މި ބޯޓު މާލޭ ފަޅުގައި އޮންނަ ވަގުތު އޭދަފުށީގެ ގިނަ ބަޔަކު އެ ބޯޓަށް ޖަމާވެ، އެއްތަންވެލުމަކީ މިރަށު ރައްޔިތުންނަށް އެ ބޯޓުގެ ސަބަބުންވި ވަރަށްބޮޑު ފަސޭހައެކެވެ. ދަތުރުވަރުގައި މާލެދާ ގިނަބަޔަކު ހެނދުނާ ހަވީރު އަދި ރޭގަނޑު ވަގުތުތަކުގައި ވައި ޖައްސާލަން ނުވަތަ ނިދިގަނޑެއް ޖަހާލަން ނުވަތަ ވާރެ އާ ހިޔާވެލަން ދާ އެއް ހިޔާ ވެއްސަކީވެސް ފަސޭހަ ބޯޓެވެ.

ހިތްހެޔޮ މަޑުމައިތިރި އަބަދު ހިނިތުންވެފައި ހުންނަ ބޯޓުގެ އޯނަރު އަބްދުލްޣަފޫރުގެ ހިތްހެޔޮކަމާއި ބަސްމަދު އަދި ހީވާގި، ފަޅުވެރިންގެ އެކުވެރިކަމާއި އޯގާތެރި އަޅާލުމުގެ ސަބަބުން ކޮންމެ ވަގުތަކު ދޯންޏަށް މުދާ އެރުވުމުގެ މިނިވަންކަން އޮންނައިރު އެ ފަސޭހަވެސް މިއަދު ބީ ވެގެން ދިޔައީ އެވެ.

ބަނދަރުމަތިން އެއްތަނަކުން ފެނުނު ގިނަ ބަޔަކު މިއަދު މާލޭ ބަނދަރުމަތިން ފެންނަނީ އޭދަފުށީގައި ދުއްވާ މިފަދަ އެހެން ދޯންޏަކަށް މިސްރާބު ބަދަލުކުރާ މަންޒަރެވެ. “ނިޔާމަ” ނަމުގައި ދުއްވާ “ފަސޭހަ” ބޯޓާ އެއްވަރުގެ މި ބޯޓަށް މިދެންނެވި ބަނދަރުމަތީ ރައްޓެހިން ޖަމާވުމުން “ފަސޭހަ” ބޯޓު ނެތުމުން ވާ އުނދަގުލަށް އަރާމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ޢަބްދުލްޣަފޫރުގެ ފަސޭހަ ބޯޓް ރ. އަތޮޅު އަލިފުއްޓަށް ގެންދިއުމަށްފަހު މިހާރު އެ ބޯޓަކީ އަލިފުށީގައި މާލެ ދަތުރުކުރާ ބޯޓެކެވެ. އަލިފުއްޓަށް މި ބޯޓު ގެންދިޔައީ ކިހާ މުއްދަތަކަށް ކަމެއް، ބޯޓް ވިއްކާލީ ކަމެއް، އަދި ކުއްޔަށް ދޫކޮށްގެންކަން އަދިއަދަށް ދާންދެންވެސް އެ މައުލޫމާތު އެނގޭ މީހަކު އޭދަފުށީގައި އަދި އަލިފުށީގައިވެސް ނެތެވެ. މި ބޯޓް ދުއްވަނީ ރ. އަލިފުށީ ރަތްވިލާގޭ އަބްދުއްރަހްމާން ކަމުގައިވިޔަސް އެ ބޯޓްގެ ފުލް ކޮންޓްރޯލް އޮތީ އަދި އެހެން ފަރާތެއްކަމުގައި ކަމަށް އަލިފުށީ މީހުން ބުނެއެވެ.

މި ބޯޓާބެހޭ މައުލޫމާތު ބޯޓުގެ ވެރިފަރާތް މެދުވެރިކޮށް ހޯދަން އުޅުމުން އެކަންވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. ބޯޓުގެ ހަގީގަތް އެނގެންއޮތީ އިންކުއަރީ ކޮމިޝަނެއްފަދަ ގުރޫޕެއް ނުވަތަ ޓީމެއް އެކުލަވާލެވިގެންކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

ރަށުގެ ހުރިހާ ރައްޔިތުންގެ އުއްމީދަކީ ފަސޭހަބޯޓުގެ ނެތުމުގެ އުނދަގޫ ވީހާވެސް އަވަހަށް ފިލައިގެންގޮސް ކުރިއެކޭ އެއްގޮތަށް މި ބޯޓް އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާނެ ދުވަހަކަށް ބެލުމެވެ. އެހެންވެއްޖެނަމަ، ފަސޭހަ ބޯޓުގެ ފަސޭހަކަން އަނެއްކާވެސް ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.