ދަރަވަންދޫ އެއާޕޯޓް: ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ

ބ. ދަރަވަންދު އަކީ މީގެ އަހަރުތަކެއް ކުރިން މި އަތޮޅުގެ ވެރިކަންކުރި ރަށެވެ. އިލްމީ މީހުން އުފެދުނެވެ. އޭދަފުއްޓަށް ވެރިކަން ބަދަލުވި ނަމަވެސް ތަރައްގީގެ ކުލަވަރު އަދިވެސް ދަރަވަންދޫން ފެންނަން އެބަ ހުއްޓެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި އެ ރަށަށް ލިބުނު އެންމެ ބޮޑު ތަރައްގީ އަކީ މިހާރު އެ ރަށުގައި ހުޅުވަން ތައްޔާރުކޮށްފައި އޮތް ޑޮމެސްޓިކް އެއާޕޯޓެވެ. އެ ރަށު ރައްޔިތުން ސިފަކުރާ ގޮތުގައި މިއީ މިހާތަނަށް ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު “ހަދިޔާ” އެވެ.

ދަރަވަންދޫގައި އެއާޕޯޓެއް ގާއިމްކުރީ ކޯސްޓްލައިން ހޮޓެލް އެންޑް ރިސޯޓްސް އިންނެވެ. މި މަހު 15 ގައި އެއާޕޯޓް ހުޅުވަން މަސައްކަތްކުރަމުން އަންނަ އިރު އެއާޕޯޓް ހިންގުމާ ހަވާލުވެފައިވަނީ އައިލެންޑް އޭވިއޭޝަނެވެ. މިކަމަށްޓަކައި ރަށުގެ ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

“މިއީ މުޅި އަތޮޅަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް. އެއާޕޯޓް ހުޅުވުމަށް ހުރިހާ ރައްޔިތުން ވެސް ގުޅިގެން އަންނަނީ މަސައްކަތްކުރަމުން. އަތޮޅުގެ ރަށްރަށުން ވެސް މި ކަމުގައި އެއްބާރުލުން ލިބޭ،” ދަރަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އެ ރަށުގެ ދުވަސްވީ މީހެއް ކަމަށްވާ އުމުރުން 71 އަހަރުގެ ޖައުފަރު އަހުމަދު ބުނީ މިއީ ދުވަހަކު ހުވަފެނުން ވެސް ނުފެންނަ ތަރައްގީއެއް ކަމަށާއި އެއާޕޯޓުގެ ސަބަބުން ރަށާއި އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ. ނަމަވެސް ތަރައްގީ އަކީ ގުރުބާނީއަކާ އެކު ލިބޭ އެއްޗަކަށް ވުމުން ގެއްލުންތަކެއް ވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

“އެކަމުގެ ސަބަބުން ހިޔަންޏެއް ވެސް އެޅިގެން ހިނގައްޖެ. ނަމަވެސް ތަރައްގީ ލިބޭނީ ގެއްލުންތަކަކާ ވެސް އެކީގައި. މި ”އެއާޕޯޓް އެޅި” ސަރަހައްދަކީ ވަރަށް ގިނަ ރުއް ހުރި ހިސާބެއް. ރުއްތައް އެ ދިޔައީ. ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭނެ. ބިމުން ވެސް ބޮޑު ބައެއް ގެއްލުނީ. ނަމަވެސް އެއާޕޯޓުގެ ސަބަބުން ލިބޭނެ ފައިދާއާ އަޅާބަލާއިރު އެއީ މާ ބޮޑު ގެއްލުމެއް ނޫން. މިއީ ލިބުނު ވަރަށް ބޮޑު ތަރައްގީއެއް،” ޖައުފަރު ބުންޏެވެ.

އެއާޕޯޓް ހުޅުވުމުގެ ކުރިން ވެސް ގިނަ ބަޔަކަށް މިހާރު ވެސް ވަރަށް ބޮޑު ފައިދާތަކެއް އެއާޕޯޓުގެ ސަބަބުން ވަނީ ލިބިފަ އެވެ. މި ގޮތުން އެއާޕޯޓުގެ މަސައްކަތްކުރަމުން ދިޔަ ސްރީ ލަންކާގެ އަކްޑާ ގްރޫޕްގެ ވަޒީފާތަކުގައި އެ ރަށުގެ ބައެއް މީހުން މިހާރު ވެސް އުޅެ އެވެ.

“ރަނގަޅު އާމްދަނީއެއް ލިބޭ. މި މަސައްކަތް ނިމުމުން ދެން ވާނެ ގޮތެއް ނޭނގޭ. އެ ގްރޫޕްގެ ވަޒީފާގައި ހުރީމާ ފަހަރުގައި އެހެން ތަނަކަށް ވެސް ދާން ޖެހިދާނެ. އަދި ވާނެ ގޮތެއް ނޭނގޭ،” އަކްޑާ ގްރޫޕްގައި މަސައްކަތްކުރަމުން އަންނަ، ދަރަވަންދޫ މީހެއް ކަމަށްވާ މޫސާ ހަސަން ބުންޏެވެ.

ވަޒީފާތަކުގެ އިތުރުން އެއާޕޯޓާ އެކު އެ ރަށަށް އިތުރު ފައިދާތަކެއް ވެސް އެބަ އޮތެވެ. އެއާޕޯޓަށް އަންނަ މީހުންނަށް އަމާޒުކޮށްގެން ގެސްޓް ހައުސްތައް ހެދުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. މިއީ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ހަރަކާތްތައް ހިންގަމުން އަންނަ ރަށަކަށް ވުމުން ގެސްޓް ހައުސް އަށް އޮތް މާކެޓް ވެސް ވަރަށް ތަނަވަހެވެ. ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ކައުންސިލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ސިޓީ ހޮޓާ އެޅުމަށް ޝައުގުވެރިވި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރި ފަރާތާ އެކު މިހާރު އޮތީ ސޮއިކުރުމުގެ މަގުމަތީގައި ކަމަށެވެ. އެކަން މަޑުޖެހިފައި ވަނީ ވާދަކުރި ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ގެސްޓް ހައުސް ފަދަ ތަންތަން ތަރައްގީކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ވެސް އެބަ އޮތް ކަމަށެވެ. އެއާޕޯޓު ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ މީހަކު ބުނީ އެ ސަރަހައްދުގައި ގެސްޓް ހައުސް އެޅުމަށް ބިން ބޭނުން ވެގެން ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން އެ ސަރަހައްދުގެ ގެތަކުގެ މީހުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މި ގޮތުން ބައެއް ގޯތި ގަތުމަށް ހުށަހަޅާފައިވާ ކަމަށް ވާހަކަ ދެކެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަރަވަންދޫ އެއާޕޯޓް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު އެކަމަށް ބަލަބަލާ ތިބި އަނެއް ބަޔަކީ ލޯންޗްފަހަރު ގެންގުޅޭ މީހުންނެވެ. އެ ރަށުގައި ދަތުރުކުރާ ތިން ލޯންޗް އޮތް އިރު، އެ ލޯންޗްތަކުގެ ވެރިން އުންމީދުކުރާ ގޮތުގައި އެއާޕޯޓާ އެކު ލޯންޗް ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

“ބަލާބެލުމަށް، އަތޮޅު ތެރޭގައި ކުރަން ޖެހޭ ދަތުރުތައް މިހާރަށް ވުރެ ގިނައިން ލިބޭނެ ކަމަށް ބެލެވެނީ. އަތޮޅުގެ ރަށްރަށާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް އިތުރުވާނެ ކަމަށް ބެލެވެނީ،” ދަރަވަންދޫގައި މިހާރު ވެސް ލޯންޗެއް ދުއްވާ އެ ރަށު ވާރޭވިލާ، މުހައްމަދު މުބީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއާޕޯޓް ހިނގައިގަތުމުން ދަތުރުތަކަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު، އިތުރު ލޯންޗެއް ގަންނަން ވެސް ވިސްނާނެ އެވެ. އަދި އޭނާ ނޫނަސް މިހާރު ލޯންޗް ނުގެންގުޅޭ ބައެއް މީހުން ވެސް، އެއާޕޯޓް ހުޅުވުމުން ލޯންޗް ގެނެސް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މުބީން ބުންޏެވެ.

މި ރަށުގައި ލޯންޗް ދުއްވާ އަބްދުލްޣަނީ ދާވޫދު ބުނި ގޮތުގައި އެއާޕޯޓު ހުޅުވޭ އިރު އެކަމަށް އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އަދި އޭނާ ވެސް މިހާރު އުންމީދުކޮށްގެން ހުރީ، އެއާޕޯޓްގައި ބޯޓު ޖައްސަން ފެށުމާ އެކު ލޯންޗް ދަތުރުތައް އިތުރުވާނެ ކަމަށެވެ.

“އަޅުގަނޑު މިހާރު މި ދުއްވަނީ 10 މީހުންގެ ޖާގައިގެ ލޯންޗެއް. އަތޮޅު ތެރޭގައި އެކަނި މި ދަތުރުކުރަނީ މިހާރު. އަޅުގަނޑުމެން ލަފާކުރަނީ އެއާޕޯޓާ ގުޅިގެން ލޯންޗް ދަތުރުތައް އިތުރުވާނެ ކަމަށް. އެހެން ވެއްޖެއްޔާ ބޮޑު ލޯންޗެއް ހޯދަން އެބަ ވިސްނަން. ދެން ފެށިގެން ހިނގައިގަތީމާ މުޅިން އެނގޭނީ،” ޣަނީ ބުންޏެވެ.

މި ރަށުގެ އިތުރުން މި އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގައި ލޯންޗު ގެންގުޅޭ މީހުން ވެސް ތިބީ އެއާޕޯޓު ހުޅުވުމުގެ އުންމީދުގަ އެވެ.

މާލެ އަތޮޅާއި އއ. އަދި އދ. ނަގާފައި ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ އެއް އަތޮޅަކީ ބ. އެވެ. މި އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މައިގަނޑު ބޭނުމަކީ ވެސް އަތޮޅުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ލޯންޗެއްގައި މާލެ އިން ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރުން ދެވޭ ދުރުމިނުގައި އޮތް އަތޮޅަށް މިހާރު ގެސްޓުން އުފުލަނީ ސީޕްލޭނާއި ލޯންޗް ފަހަރުގަ އެވެ. އެއާޕޯޓާ އެކު މި އުޅަނދުފަހަރުގެ ބަދަލުގައި މަތިންދާބޯޓުގައި ދަތުރުކުރުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބޭނެ އެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރަނީ ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށް ވިޔަސް އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފަސާހަތަކެއް ލިބޭނެ އެވެ. އަދި އާމްދަނީ ހޯދާނެ އިތުރު މަގެއް ވެސް ތަނަވަސްވީ އެވެ. (މިއީ ހަވީރު އޮންލައިނުން ނަގާފައިވާ ލިޔުމެއް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.