އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕި ކޮލިފައިންގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮއްފި އެވެ.
އުރުދުންގެ އައް ޒަރްގާ ޕްރިންސް މުހައްމަދު ސްޓޭޑިއަމްގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކުރީ 0-1 ލަނޑުން ނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދިނީ ފުރަތަމަ ހާފުގައި އަހުމަދު ރިޒްވާން އެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ވާދަ ކުރާނީ އުރުދުން އާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި ޔޫއޭއީ އާ ދެކޮޅަށް އަންގާރަ ދުވަހު ނުކުންނަ އިރު، މި މަހުގެ ބާރަވަނަ ދުވަހު ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން ކޯޗު އަހުމަދު އާތިފު (އާތީ) ބުނެފައިވަނީ އިދިކޮޅު ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް ނަމަވެސް ރާއްޖެ ޓީމުން މަސައްކަތް ކުރާނީ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ކަމަށެވެ.
” މެދުއިރުމަތީގެ ގައުމުތަކަކީ ރާއްޖެއާ އަޅާބަލާ އިރު ވަރުގަދަ ޓީމު ތަކެއް. އެހެން ނަމަވެސް ރާއްޖެ ޓީމުން ބަލާނީ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ‘ އާތި ބުންޏެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި ހުރިހާ ގްރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަ ގައުމު މުބާރާތް ބާއްވާ މިޔަންމާ އާ އެކު ދެހާސް ސާދަވަނަ އަހަރުގެ އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ.
އަދި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމެއް ދެހާސް ފަނަރަ ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ ވިހި އަހަރުން ދަށުގެ ފިފާ ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ.