ވިލާ ކޮލެޖަކީ ބިނާކުރަނިވި ޢިލްމީ ދިރާސާއާއި އެކު ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކޮލެޖެއް ކަމުގައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ އަހްމަދު އަންވަރު ވިދާޅުވެއްޖެ އެވެ.
އަންވަރު މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ ކެމްޕަހެއް އދ. މަހިބަދޫގައި ހުޅުވުމަށް އެ އަތޮޅުގެ ކައުންސިލާއި އެކު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ވިލާ ކޮލެޖްގެ ކިޔު އައި ކެމްޕަހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ދަރިވަރުން ދަސްވެނިވަމުން ދަނީ ޔުނިވަސިޓީތަކާއި އެއް ފެންވަރެއްގައި ކަމަށެވެ. އަންވަރު އިތުރަށް ވިދާޅުވީ މިއަހަރަކީ ވިލާ ކޮލެޖަށް ވަރަށް ހާއްސަ އަހަރެއް ކަމަށާއި އެއީ ފުރަތަމަ ފަހަރަށް މާލެ ފިޔަވައި އަތޮޅު ތެރޭގެ ރަށެއްގައި ޑިގްރީ ފުރިހަމަކޮށް ދަސްވެނިވާ ދަރިވަރުންތަކެއް ނިކުންނާނެ އަހަރު ކަމުގައިވާތީ ކަމަށެވެ.
ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ކިޔަވައިދެވެމުންދަނީ އެ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް ދެއްވާ ހާއްސަ އިނާޔަތްތަކެއްގެ ދަށުން ކިޔަވާ ކުދިންނަށް ލުއި ފަސޭހަ އެހެން ނަމަވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ކަމަށެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ އދ. އަތޮޅު ކައުންސިލުން ބީލަމުގެ އުސޫލުން އެރަށުގައި އިލްމީ މަރުކަޒެއް ބިނާކުރުމަށް ހުޅުވައިލި ފުރުސަތުގައި އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހެޅާފައިވަނީ ވިލާ ކޮލެޖުން ކަމަށްވާތީ އެކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށް އ.ދ އަތޮޅު ކައުންސިލާއި ވިލާ ކޮލެޖުން ބުނެ އެވެ. މިއެއްބަސްވުމުގައި އދ. އަތޮޅޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް އާދަމް އެވެ.
އޭނާ ވިދާޅުވީ އަރި އަތޮޅަކީ މިފަދަ ތައުލީމީ މުއައްސަސާއެއްގެ ގޮތްޕެއް ހުޅުވުމަށް އެންމެ އެކަށޭނަ އަތޮޅަށްވީ ނަމަވެސް އެކަން ކުރުންވެސް ލަސްވެއްޖެ ކަމުގަ އެވެ. އެހެންނަމަވެސް މަހިބަދޫ ގައި މިހުޅުވޭ ކެމްޕަސްއިން އަރިއަތޮޅުގެ އަވަށްޓެރި އެހެނިހެން އަތޮޅުތަކަށްވެސް އެކަމުގެ މަންފާ ކުރާނެ ކަމަށާއި މަހިބަދޫ އަކީ އެކި ރަށްރަށުން ކުދީން ގެނެސް އެރަށުގައި މެހްމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަރި އަތޮޅަކީ މާލެއާއި އެންމެ ކައިރި އަތޮޅަށްވެފައި ދަތުރު ފަތުރުގެ ފަސޭހަ ވެސް އޮތުމާއި އެކު މަހިބަދޫގައި ވިލާ ކޮލެޖްގެ ގޮތްޕެއް ހުޅުވި އެކި ރަށްރަށުން އެރަށަށް މަތީ ތައުލީމު ހާސިލްކުރަން ދަރިވަރުން އައުމަކީ އަތޮޅަށް ލިބިގެންދާނެ ކުރިއެރުމެއް ކަމުގައި އިބްރާހީމް އާދަމް ވިދާޅުވި އެވެ.
ހަބަރު – ވީ ނިއުސްއިން