އީދަށް މާލެއިން އަންނަ ދޯނިފަހަރު ބަލަން އޮޑިހަރުގެ މައްޗަށް!

ނިއުމާ އަހްމަދު

އީދުގެ ހަނދާންތައް ބައެއް ބޭފުޅުންގެ ވަރަށް ތަފާތެވެ.

އެގޮތުން އޭދަފުށި ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނިއުމާ އަހުމަދުގެ އީދު ހަނދާނަކަށް އޭނާ ފުރަތަމަވެސް ވިދާޅުވީ “އީދަށް މާލެއިން އަންނަ ދޯނިފަހަރު ބަލަން” އޮޑިހަރުގެ މައްޗަށް އަރުއްވާ ވާހަކައެވެ.

އުމުރުން 42 އަހަރުގެ ނިއުމާ ކުޑައިރުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވީ “އީދަށް މާލެއިން ވަރަށް ގިނަ މީހުން އޭދަފުއްޓަށް ޒިޔާރަތްކުރާ ކަމަށާ” އެމީހުން އަންނަތަން ބެލުމަކީ އީދު ރަށަށް އަންނަކަމުގެ އުފާލިބޭ ކަމެއްކަމަށެވެ.

“އެއީ އާންމުކޮށް ވަރަށް ގިނައިން އޭރު ކުދިން ކުރާކަމެއް. އޮޑިހަރުގެ މައްޗަށް ދޯނިފަހަރު އަންނަތަން ފެންނާނެ ހަމަބިމުގައި ތިބޭ މީހުންނަށްވުރެ ކުރިން.”

އޭނާ ވިދާޅުވީ އީދުދުވަހުގެ ކުޅިވަރު ހަނދާންތަކުން އެންމެ ބޮޑަށް ހަނދާންވަނީ ރައްޓެހިކުދިންނާއެކު “ފިލާފޮތިބޯޅަ” ކުޅުއްވާ ހަނދާނެވެ. މިކުޅިވަރަށް ބޭނުންވާ ޓެނިސް ބޯޅަ ހޯދުމަކީ އޭރު ވަރަށް ދަތިކަމެއްކަމަށްވެސް އޭނާ ވިދާޅުވެއެވެ. ބޯޅަ ހޯދުމުގައި ދިމާވި ހަނދާން ނައްތާނުލެވޭ ހާދިސާއެއްވެސް އޭނާ ވިދާޅުވިއެވެ.

“ވީގޮތަކީ ބޯޅަ ގަންނާނެ ލާރި ނެތިގެން މަގުމަތީގައި އެވާހަކަ ދައްކަން ތިއްބާ އެހެން ދިޔަ މީހަކު 5 ރުފިޔާ ދިނީ. އެކަމުގެ އުފަލުގައި ގްރޫޕް އެންމެން މަގުމަތީގަ ވަރަށް ނެށިހަނދާންވޭ. ހަމަ ވަރަށްގަދައަށް ނެށުނު އުފާވީވަރުން. 5 ރުފިޔާއަކީ ވަރަށްބޮޑު އެއްޗެއް އޭރު” އުމުރުން 10 އަހަރުގެ ހަނދާން ނިއުމާ ވިދާޅުވިއެވެ.

އީދުދުވަހު މޫދަށް އެރުއްވި ހަނދާންތައް މިހާރުވެސް ވަރަށްބޮޑަށް އާވާާކަމަށް ނިއުމާ ވިދާޅުވެއެވެ. މަންމަމެންނަށް ސިއްރުން ކުރެއްވި މިފަދަ ކަންކަމުގެ ސަބަބުން އަދަބު ލިބުނު ހަނދާންވެސް އޭނާ އާކުރެއްވިއެވެ.

“މޫދަށް އެރޭކަށް ގިނަފަހަރު މަންމަ ހުއްދައެއް ނުދޭ. ދެން ހަދާގޮތަކީ ސިއްރުން މޫދަށް އެރެނީ ރައްޓެހި ކުދިންނާއެކު. ދެން އަވީގަ ތިބެގެން ހެދުން ހިއްކާލާފައި ގެއަށް އަންނަނީ. މިކަން ފަޅާ އަރާދުވަސްދުވަހު އަދަބުލިބޭ.”

–އަބްދުލްގައްޔޫމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.