ނާޒް: ތާރީޚީ އަންހެން ކައުންސެލަރު

ނާޒްނީނާ ޔޫސުފް
ނާޒްނީނާ ޔޫސުފް

 

ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އެއް ކަމެއް ވަރަށް ހާއްސަވެފައި ތާރީހީ އެވެ؛ މި ރަށުން ކައުންސިލަރުގެ މަގާމް ފުރަތަމަ ފަހަރަށް ވަނީ އަންހެނަކަށް ވަނީ ދީފަ އެވެ. އެތަކެއް ކެންޑިޑޭޓުންގެ ތެރެއިން ނާޒްނީން ޔޫސުފު (ނާޒް) ވަނީ އެންމެ މަތިން ވޯޓު ހޯއްދަވައިގެން ކައުންސިލްގެ ގޮނޑި ކަށަވަރުކުރައްވައިފަ އެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފަހު، އަދި އޭގެ ފަހުން ރަށު އިންތިހާބުން އޭނާ އަށް ރައްޔިތުން ދިން ހަދިޔާއާ އެކު އޭނާ ރައްޔިތުންނަށް ވެސް ދެއްވަން ބޭނުންވާ ހަދިޔާތަކެއް އެބަހުއްޓެވެ.

މިއީ، އޭދަފުށީ ޓައިމްސް އަށް އޭނާ ދެއްވި ހާއްސަ އިންޓަވިއުއެއްގެ ހުލާސާ އެކެވެ.

މާލޭގައި ދިރިއުޅުއްވުމަށް ފަހު ރަށަށް ބަދަލުވެ ވަޑައިގަތީ ކީއްވެތޯ؟ މާލޭގައި އަދާކުރެއްވީ ކޮން ވަޒީފާއެއްތޯ؟

ކުރިން މާލޭގައި އުޅުނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި. ރަށަށް ބަދަލުވީ ދެން ހަމަ ފިރިމީހާއާ އެކު ދިރިއުޅުމުގެ ބޭނުމުގައި. ހަގީގަތުގައި ރަށް މާ އަރާމު ދިރިއުޅެން. ރަށަށް ބަދަލުވިތާ މިހާރު ފަސް ވަރަކަށް އަހަރުވެއްޖެ.

ތި މަގާމަށް ކުރިމަތިލެއްވުމަށާއި ތި މަގާމުގައި ކުރިއަށް ވަޑައިގަތުމަށް ޓަކައި ފިރިކަލުންގެ ހިޔާލު އޮތީ ކިހިނެއްތޯ؟ އޭނާގެ އެހީތެރިކަން އޮތީ ކިހިނެއްތޯ؟

ދިރިއުޅުމުގެ ހުރިހާ ސްޓޭޖެއްގައި ވެސް ފިރިމީހާގެ ސަޕޯޓް ލިބޭ. މި މަގާމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރިން ވިސްނައިގެން ހުރި ކަމެއް ނޫން. އެއް ދުވަހަކު އަޅުގަނޑާ ދިމާވި ރައްޓެއްސަކު ބުނީ ކައުންސިލަރު ކަމަށް ކުރިިމަތިލާންވީ ނޫންހޭ. ދެން އަޅުގަނޑު ފިރިމީހާ އާ ވާހަކަ ދެއްކީ. ފިރިމީހާ ވެސް އެކަމަށް އެއްބަސްވީ. މި މަގާމަށް އަޅުގަނޑު ކުރިމަތިލުމުގެ ހުރިހާ ކަމެއްގައިހެން އުޅުނީ ފިރިމީހާ. ފޯމްތައް ފުރިއިރު ވެސް އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި. މި މަގާމަށް އާދެވުމުގައި ފިރިމީހާގެ ހަމަ ފުލް ވަރަށް ބޮޑު ސަޕޯޓެއް އޮތް. ދެ ފަރާތުގެ އާއިލާގެ ވެސް.

ކީއްވެގެންތޯ އަސްލު ކައުންސިލަރު ކަމަށް ކުރިމަތިލެއްވީ؟

ހިތަށް އެރީ ދެން ރަށަށް ހިދުމަތް ކޮށްދޭން. އަޅުގަނޑަށް ވެސް ވީ ވަރަކުން ރަށު ކަންތައްތަކުގައި ބައިވެރިވާން.

އަންހެނަކު ތިކަހަލަ މަގާމަކަށް ކުރިމަތިލެއްވުމަކީ ކިހާ ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށްތޯ ގަބޫލުކުރައްވަނީ؟

އަންހެނަކަށް ވީމަ ބޮޑެތި ގޮންޖެހުންތަކެއް ހުރެދާނެ. އެކަމަކު ވަރަށް ކެރިގެން މިކަން ކުރެވޭނެ ކަމުގެ އުންމީދުގައި ކުރިމަތިލީ.

އޭދަފުށީގައި ހައްލުކުރަން ޖެހިފައި ހުރި މައްސަލަތަކަކީ ކޮބައި ކަމަށްތޯ ގަބޫލުކުރައްވަނީ؟

ކެމްޕޭން ތެރޭގައި ވެސް އަޅުގަނޑާ ދިމާވި މީހުންގެ އެންމެ ބޮޑު އިޝޫއަކަށް ވެފައި އޮތީ ކުނިގޮނޑިގެ މައްސަލަ. ހަގީގަތުގައި ވެސް އެއީ ހައްލު ކުރެވެން ޖެހިފައި އޮތް މައްސަލައެއް. އެ ކަންތައްތައް ހައްލުކުރަން އަޅުގަނޑު އިސްކަން ދޭނަން. ރަށް ސާފުކޮށް ބޭއްވުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނަން.

އަންހެނަކަށް ވީތީ، ރަށުގެ އަންހެނުންގެ ތަރައްގީ އަށް ވަކިން ހާއްސަ އިސްކަމެއް ދެއްވާނަންތޯ؟ އެހެންވިއްޔާ ކުރައްވަން ރާއްވަވާފައި ހުރީ ކޮންކަހަލަ ކަންތައްތަކެއްތޯ؟

ކައުންސިލްގައި މުޅިން ފިރިހެނުން ތިބީމަ ބައެއް އަންހެނުންނަށް ޖެހިލުންވޭ ވާހަކަ ދައްކާ، އެ މީހުންގެ ބޭނުންތައް ކިޔައިދޭން. އެހެންވެ، އަޅުގަނޑު ހުރީމަ އެކަން ހަމަޖެހިގެން ދާނެ. ފިރިހެނުން ތިބީމަ ވާހަކަ ދައްކަން ނުކެރިފައި ހުއްޓަސް މިހާރު އަންހެނުންނަށް ކެރޭނެ. އެ މީހުންގެ ބޭނުންތަކަކީ ކޮބައިތޯ ބަލައި އެ މީހުން ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

ތި ލިބިވަޑައިގަތް މަގާމަކީ ކިހާ ބޮޑު ޒިންމާއެއް ކަމަށް ގަބޫލުކުރައްވަންތޯ؟

މިއީ ހަމަ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑުމެންނަށް ގޮނޖެހުންތަކާ ވެސް ކުރިމަތިވާނެކަން އެނގޭ. އެކަމަކު ރަށުގެ ރައްޔތުންނާ އެކު އެ ކަންކަން ހައްލުކޮށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރާނަން. ދެންް ތިއްބެވި ހަ މެމްބަރުންނާ ވާހަކަ ދައްކައިގެން ސަރުކާރަށް އެދިގެން ކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.